ނަމާދުގައި އަންހެނާ ޢަޥްރަ ނިވާކުރަންޖެހޭނެ މިންވަރަކީކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ނަމާދުގައި އަންހެނާގެ ލިބާސްއަކީ ކޮބައިކަމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.

ފުރަތަމައީ : އަންހެނާ ނަމާދުގައި ހަށިގަނޑު ނިވާ ކުރުމަށް ބޭނުން ކުރާ ފޭރާމުގެ ސިފައާއި މެދުގަ އެވެ.

ރިވާޔަތްތަކުގައި އަންހެނާގެ ނަމާދުގައި 3 ފޭރާމެއް (3 އެއްޗެއް) ބޭނުން ކުރުމަށް ބަސްފުޅުތައް ވާރިދުވެގެންވެ އެވެ. އެއީ ތިރިން އަންނަ (ހަރުވާޅުފަދަ) ފޮތިގަނޑެއް އަދި ހަށިގަނޑު ނިވާކުރުމުގައިވާ ހެދުން ފަދަ ފޭރާމެއް އަދި ބޯ މަތިން ވައްޓާލެވޭ ބުރުގާފަދަ ފޮތިގަނޑެވެ.

މިފަދައިން ޞަޙާބީ عمر بن الخطاب އަދި ޞަޙާބީގެ ދަރިކަލުން عبد الله بن عمر -رضي الله عنهما- ގެ އަރިހުން ވާރިދުވެގެންވެ އެވެ. ފަހެ، މިއީ ނިވާ ކުރުމުގައި އެންމެ އަޥްލާ އަދި އެންމެ ފުރިހަމަ ގޮތެވެ.

އަދި އަންހެނާގެ ނަމާދުގައި ފޭރާމުން ބޭނުން ކުރެވޭނެ އެންމެ ކުޑަ މިންވަރަކީ، ހަށިގަނޑު ނިވާ ކުރާ ހެދުމަކާއި އަދި ބޮލުން ވައްޓާލެވޭ ބުރުގާ ފަދަ ފޮތިގަނޑެއް ކަމުގައި ބަޔާންކޮށްފައިވެ އެވެ. މިފަދައިން މާތް ނަބިއްޔާ صلى الله عليه وسلم ގެ ބައެއް އަނބިކަނބަލުންގެ އަރިހުން ބަޔާންވެ އެވެ. އޭގެ ތެރޭގައި أُمُّ سَلَمَة ، ميمونةُ -رضي الله عنهما- ހިމެނިވަޑައިގަންނަވަ އެވެ. ވުމުން، މި ބަސްފުޅުގައި ބަޔާންވެގެންވަނީ، ތިރިން ފެރާމެއް ނުލައި، މަތިން ލެވޭ ހެދުމުން ދިގުވެ ފައިތިލައާ އެކުގައި ނިވާކުރެވޭ ކަމުގައިވާނަމަ އެމިންވަރުން ފުދޭނެ ކަމެވެ.

ނަމާދުގައި ހަށިގަނޑު ނިވާކުރުމަށް ބޭނުން ކުރުމަށް އޮތް ފޭރާމާއި މެދުގައި أم المومنين أم سلمة -رضي الله عنها- އަރިހުގައި ސުވާލު ދެންނެވުނު ހިނދު އެ ކަމަނާ ވިދާޅުވި އެވެ. ( تُصَلِّي فِي الْخِمَارِ وَالدِّرْعِ السَّابِغِ الَّذِي يُغَيِّبُ ظُهُورَ قَدَمَيْهَا ) ”އަންހެނާ ނަމާދުގައި ބޯމަތިން އަޅާ ޚިމާރެއް -ބުރުގާއެއް ފަދަ އެއްޗެއް- އަދި މަތިން ލާ (ހެދުންފަދަ) ފޭރާމެއް އެއިން ދެފައިތިލަ ނިކުރާނެފަދަ އެއްޗެއްގައި ނަމާދު ކުރާށެވެ.“ މި ރިވާޔަތް އިމާމް أبو داود ރިވާކުރެއްވި އެވެ.

ވުމުން، މިފަދައިން ފޭރާން ބޭނުންކޮށްފި ކަމުގައިވާނަމަ ނަމާދުގައި އަންހެނާ އެވަނީ ޝަރުޢީ މިންގަނޑުން ނިވާވެފަ އެވެ.

ދެވަނައީ : ނިވާކުރަންޖެހޭ މިންވަރެވެ.

ޚިމާރެއް ބޭނުން ކުރުމެވެ. ޙަދީޘްގައިވެ އެވެ. ( لا يَقْبَلُ اللَّهُ صَلاةَ حَائِضٍ إِلا بِخِمَارٍ ) ”ބާލިޣްވެފައިވާ އަންހެނާގެ ނަމާދު ޚިމާރެއް (ބޯމަތިން ވައްޓާލެވޭ ފޮތިގަނޑެއް) ނެތި ﷲ ޤަބޫލުވޮޑިއެއް ނުގަންނަވާނެ އެވެ.“ صحيح الجامع (7747)

ޙަދީޘްގައި ބަޔާންވަނީ އަންހެން މީހާ އޭނާގެ ބޮލުގެ އިސްތަށިގަނޑު ނިވާކުރަން ޖެހޭނެ ކަމެވެ.

ދިރްޢު : އެއީ ހަށިގަނޑު ނިވާކުރުމަށް ބޭނުން ކުރާ ހެދުންފަދަ އެއްޗެވެ. ފަހެ، ހެދުމުގެ ތަނަވަސް ކަމާއި ދިގު ކަމާއެކު ފައިތިލަ ނިވާވާނެ ކަމުގައިވާނަ، އެއީ އަންހެން މީހާއަށް ފުދޭނެ މިންވަރެކެވެ.

ނަމާދުގައި އަންހެނާ އޭނާގެ މޫނާއި ދެ އަތްތިލަ ފިޔަވައި ހަށިގަނޑުގެ އެހެން ހުރިހައި ގުނަވަންތަކެއް ނިވާކުރުން ވާޖިބުވެގެންވެ އެވެ. ޔަޢުނީ : ހަށިގަނޑުގެ އެހެން އެއްވެސް ބައެއް ފާޅުވެ ހާމަކޮށްގެން ނުވާނެ އެވެ.

ހަށިގަނޑު ނިވާކުރުމުގެ މާނައަކީ، އަންހެނާގެ ހަށިގަނޑުގެ ވަނާ ތަކާއި، ބައްޓަން ނޭނގޭނެ ފަދަ ހަށިގަނޑަށް ދޫވެގެންވާ ފޭރާމެއް ބޭނުން ކުރުމެވެ. ފަހެ، ގަޔަށް ބާރު ޖީންސްފަދަ ތަކެއްޗަކީ ހަށިގަނޑުގައި ފޭރާން ހުރިކަމުގައިވީނަމަވެސް އޮރިޔާން ނިޔާކުރާނެ އެއްޗެއް ނޫނެވެ. މި ޒަމާނުގައެ ފާޅުވި އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الإمام مُحمَّد بن صَالح العُثَيمين – رحمه الله ވިދާޅުވެފައިވެ އެވެ. ”ގަޔަށް ބާރު ހެދުންތަކަކީ ބޭރުފުށުން ފޭރާމެއް ކަމުގައި ވީނަމަވެސް ޙަޤީޤަތުގައި އޮރިޔާން ޙާލުގައި ވުމެވެ. ފަހެ، ހަމަކަށަވަރުން ހަށިގަނޑަށް ބާރު ހެދުންތަކުގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތަކުގެ ބައްޓަން ފާޅުވުމަކީ އޮރިޔާން ޙާލުގައި ވުމެވެ.“ مجموع فتاوى ورسائل ٢٧٨/١٢

ނަމާދުގައި ފައިތިލަ ނިވާކުރުމުގެ މައްޗަށް ވަރަށްގިނަ ބަޔަކު ފަރުވާކުޑަކޮށްފައިވެ އެވެ. އެހެނަސް ޞައްޙަ ބަސްފުޅަކީ ދެ ފައިތިލަ ނަމާދުގައި ފޮރުވުން ވާޖިބުވެގެން ވުމެވެ.

ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإمام ابن بَاز -رحمه الله- ވިދާޅުވެފައިވެ އެވެ. ”ދެންފަހެ، ދެފައިތިލަގެ މައްޗަށް ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅަކީ ނިވާ ކުރުމެވެ. އެއީ އިސްޓާކީނުން ނުވަތަ ފައިތިލަ ފޮރުވޭނެ ފަދަ ފޭރާމެއް ބޭނުން ކޮށްގެންނެވެ. ހަމަކަށަވަރުން އިމާމް أبو داود- رحمه الله- عن أم سلمة – رضي الله عنها – ގެ އަރިހުން (ރިވާކޮށްފައިވެ އެވެ.) އެ ކަމަނާ ނަބިއްޔާ صلى الله عليه وسلم އަރިހުގައި ސުވާލު ދެންނެވި އެވެ. ހެދުން ތިރިން އިޒާރެއް (ހަރުވާޅެއްފަދަ) އެއްޗެއް ނެތަސް، ހަށިގަނޑު ހަށިގަނޑު ނިވާވާނެ ހެދުމެއް ލައިގެން ޚިމާރަކުން ބޯ ނިވާކޮށްގެންހުރެ ނަމާދު ކުރުން ހުއްދަވާނެ ހެއްޔެވެ؟ އެހިނދު صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. ހެދުން (ދެފައިތިލަ ނިވާވެގެންދާނަމަ) އޭގައި ނަމާދު ކުރެވޭނެ އެވެ.“

ވުމުން، މިކަމަށް ސަމާލުކަން ދޭންޖެހޭނެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts