ނިދުމުގެ ކުރިން ޝަހާދަތް ކިޔުމަކީ ބިދުޢައެއްތޯއެވެ؟ އަދި ސުންނަތުގައި ވާރިދުވެގެންވާ ޛިކުރުތަކަކީކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله – صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ނިދުމުގެ ކުރިން ޝަހާދަތް ކިޔުމާއި މެދުގައި ކޮށްފައިވާ ސުވާލުގެ މައްޗަށް ބުނަމެވެ.
ފުރަތަމައީ: އަޚާއެވެ! ﷲގެ ޙަޟުރަތުން މީސްތަކުންނަށް އެންމެހައި ހެޔޮކަމަކާއި، ލާބައަކާއި އަދި ދެ ދުނިޔޭގެ އެންމެހައި މަންފާތަކެއް އުނގަންނައިދީ ބަޔާންކޮށް ދެއްވުމަށް އަހަރެމެންގެ ގާތަށް އެ އިލާހު ރަސޫލެއް ފޮނުއްވިއެވެ. ފަހެ، އެ ރަސޫލާ ﷺ މިސްތަކުންނަށް ޝަރީޢަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި އުނގަންނަވައި ދެއްވިކަމުގެ މައްޗަށް އަހަރެމެން ހިތުގެ އެންމެ ފުންމިނުން ޤަބޫލުކުރަން ޖެހެއެވެ.
ރަސޫލާ ﷺ ހަދީޘް ކުރެއްވިއެވެ. إنَّه لَمْ يَكُنْ نَبِيٌّ قَبْلِي إلَّا كانَ حَقًّا عليه أَنْ يَدُلَّ أُمَّتَهُ علَى خَيْرِ ما يَعْلَمُهُ لهمْ، وَيُنْذِرَهُمْ شَرَّ ما يَعْلَمُهُ لهمْ…….) مسلم 1844 “ތިމަން ނަބިއްޔާއަށްވުރެ ކުރިން ވެސް ފޮނުއްވުނު އެއްވެސް ނަބިއްޔެއް، ޙައްޤު ގޮތުގައި މެނުވީ ނުވާނެއެވެ. (އެއީ) އެ ނަބިއްޔަކަށް އެނގިވަޑައިގެންނެވި އެންމެހައި ހެޔޮކަންތައްތަކެއް އެ އުއްމަތަކަށް އުނގަންނަވައިދެއްވިއެވެ. އަދި ދެނެވަޑައިގަންނަވާ އެންމެހައި ނުބައިކަންތައްތަކުން އިންޒާރު ދެއްވެވިއެވެ”.
މިއީ އެންމެހައި ރަސޫލުބޭކަލުންގެ ދަޢުވަތުގެ ސިފަކަމުގައިވެއެވެ. އެންމެހައި ހެޔޮކަންތައްތަކެއް އުއްމަތްތަކަށް އުނގަންނަވައި ދެއްވާ އަދި އެ އުއްމަތްތަކަށް އެންމެހައި ނުބައި ކަންތައްތަކުން އިންޒާރު ދެއްވެވިއެވެ.
ދެވަނައީ: މިއީ ރަސޫލުބޭކަލުންގެ ދަޢުވަތުގެ ސިފަ ކަމުގައިވުމުން، އެ ރަސޫލުބޭކަލުންނަށްފަހު ހެޔޮ ޢަމަލެއް ނުވަތަ ﷲ ލޯބިވޮޑިގަންނަވާ ޢަމަލެއް ކުރުމުގެ އިޚްތިޔާރެއް އެކަކަށް ވެސް ނޯންނާނެއެވެ. އަދި ކިޔެއްތަ، އެކަމެއް ޘާބިތުވެފައިވަނިކޮށް އޭގެ ތެރެއަށް އިތުރު އެއްޗެއް ގެނެސްގަތުމަކީ އެންމެ ނުރައްކާބޮޑުވެގެންވާ ނުބައިވެގެންވާ ޢަމަލެވެ. އެއީ ބިދުޢައެވެ. އިސްލާމްދީނުގެ ތެރެއަށް އަލަށް ގެނެވޭ ކަންކަމެވެ. މިފަދަ އެންމެހައި ކަންކަމުގެ މައްޗަށް ރަސޫލާ ﷺ ވަނީ އިންޒާރު ދެއްވާފައެވެ.
ތިންވަނައީ: އިސްލާމްދީނުގައި އެއްވެސް މީހެއްގެ ރަޢުޔު އަދި ވިސްނުން އެއީ ހެޔޮކަންކަމުގައި ކަނޑައެޅިފައިވާ ތިލަފަތެއް ނޫނެވެ. މިކަމުގެ ވަރަށް ފުރިހަމަ މިޘާލެއް ބަޔާން ކުރަމެވެ. ޚުލަފާއުއް ރާޝިދޫންގެ ހަތަރުވަނަ ޚަލީފާ علي بن أبي طَالب – رضي الله عنه – ވިދާޅުވެފައިވެއެވެ. “އިސްލާމް ދީނަކީ މީސްތަކުންގެ ވިސްނުމާއި ބުއްދިއަށް ފެންނަ ގޮތަށް ކަނޑައެޅިފައިވާ ދީނެއް ކަމުގައިވާނަމަ، ޚުއްފަށް (އިސްޓާކީނަށް) އަރައިގެން ހުންނަ މީހާ އޭގެ ތިރީގައި ފެން ފޮހުން އަޥްލާ ވެގެންވެއެވެ. އެހެނަސް ރަސޫލާ ﷺ ފެން ފުއްސެވީ އޭގެ މަތީގައެވެ” (سنن أبي داود 162).
ތެދެކެވެ. ކިލާވާނީ ބިމުގައި ނުވަތަ ފައިވާނުގައި ޖެހި ހޭކިފައިހުންނަ ފަރާތެވެ. ފަހެ، އެތަނުގައި ފެން ފޮހުން އަޥްލާއެއް ނޫން ހެއްޔެވެ؟ އެހެނަސް އަޥްލާތޯ ނުވަތަ ނޫންތޯ އެއީ މީސްތަކުންގެ ބުއްދިއަށް ނުވަތަ ޚިޔާލަށް ދީނުގައި ދޫކޮށްފައިވާ ކަމެއްނޫނެވެ. އެހެނަސް އެކަންވަނީ ޝަރީޢަތުގައި ކަނޑައަޅުއްވާފައެވެ.
ހަތަރުވަނައީ: ހެޔޮގޮތަށް ވިސްނުނު ކަމުގައިވީ ނަމަވެސް ޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވެއްޖެހިނދު، އެއަށް އިތުރުކުރާ އެއްޗަކީ އެއީ ބިދުޢަވެރި ޢަމަލުތަކެވެ. ޞަޙާބީ ابن عُمَر – رضي الله عنه – ވިދާޅުވެފައިވެއެވެ. “އިސްލާމް ދީނަށް އަލަށް ގެނެވޭ ކޮންމެ ކަމަކީ ބިދުޢައެކެވެ. މީސްތަކުންނަށް އެއީ ހެޔޮކަންތައްތަކެއް ގޮތުގައި ފެނުނު ކަމުގައިވީ ނަމަވެސް މެއެވެ” (اللالكائي 50-11).
ފަސްވަނައީ: އަހަރެމެންގެ ރަސޫލާ ﷺ އަކީ އަވަހާރަފުޅު ލެއްޕެވި ރަސޫލެކެވެ. އެހެންވުމުން އެ ޢަމަލުގެ އެންމެ ރިވެތި ނަމޫނާ އުއްމަތަށް ދެއްކެވިއެވެ. ފަހެ، މި ރިވެތި ނަމޫނާ އުއްމަތަށް އުނގަންވައި ދެއްވައި ބަޔާންކުރައްވާފައިވާ ބައެއް ރިވާޔަތްތަކަށް ބަލާލުން ހުއްޓެވެ.
1. عَائِشَة – رضي الله عنها – ވިދާޅުވެފައިވެއެވެ. ” ކޮންމެ ރެއެއްގައި ވެސް ރަސޫލާ ﷺ އަވަހާރަފުޅު ލެއްޕެވުމަށް އެނދު ދާންކޮޅަށް އަރާވަޑައިގަތުމަށްފަހުގައި، ދެއަތްޕުޅު ޖައްސަވައި ދެއަތްޕުޅަށް ފުމެލައްވައެވެ. އެއަށްފަހު ( قُلْ هُوَ اللَّهُ أَحَدٌ )، ( قُلْ أَعُوذُ بِرَبِّ الْفَلَقِ) އަދި ( قُلْ أَعُوذُ بِرَبِّ النَّاسِ) ވިދާޅުވުމަށްފަހުގައި އަތްޕުޅަށް ފުމެލައްވައެވެ. އަދި ހަށިގަނޑުގައި އަތް ބީއްސާލުމަށް ކުޅަދާނަ ވެގެންވާ ހުރިހާ ހިސާބެއްގައި އަތް އުނގުޅާ ލައްވައެވެ. އެންމެ ފުރަތަމަ ބޮލުގައި އުނގުޅެއްވުމަށްފަހު މޫނުގައި އުނގުޅައްވައެވެ. އަދި ހަށިގަނޑުގެ ކުރިމަށްޗަށްވާ ގޮތަށް ވާހައި ބައިގައި އުނގުޅައްވައެވެ. އަދި މިފަދައިން ތިން ފަހަރު ތަކުރާރު ކުރައްވައެވެ”. البخاري و مسلم.
2. فَاطِمَة – رضي الله عنها – ގެ ޙަދީޘެއްގައިވެއެވެ. “ތިޔަބައިމީހުން ނިދަން ފިރާޝަށް އެރުމަށްފަހު ފަހެ، سُبحَانَ الله 33 ފަހަރު، الحَمْدُ لله 33 ފަހަރު އަދި اللهُ أَكبَرُ 34 ކިޔާށެވެ.” البخاري و مسلم.
3. حُذَيْفَة – رضي الله عنه – ވިދާޅުވެފައިވެއެވެ. “ރަސޫލާ ﷺ އަވަހާރަފުޅު ލެއްޕެވުމަށް ބޭނުންފުޅުވާ ހިނދުގައި މިފަދައިން ވިދާޅުވެއެވެ. (بِسْمِكَ اللهُمَّ أَمُوتُ وَ أَحْيَا) އަދި އަވަހާރަފުޅުން ހޭފުޅު ލައްވާ ހިނދުގައި މިފަދައިން ވިދާޅުވެއެވެ. (الحَمْدُ للهِ الذِّيْ أَحْيَانَا بَعْدَمَا أَمَاتَنَا وَإِلَيْهِ النُّشُورُ)” البخاري و مسلم.
4. أَبْو هُرَيْرَة – رضي الله عنه – ގެ ޙަދީޘެއްގައިވެއެވެ. “ތިޔަބައިމީހުން ނިދަން ދާންކޮޅަށް އެރުމަށްފަހު ފަހެ، އާޔަތުލް ކުރުސީ (اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ) ނިމެންދެން ކިޔަވާށެވެ. ފަހެ، ހަމަކަށަވަރުން ﷲ ތިބާ ރައްކާތެރިކުރެއްވުމުގައި ދެމިވޮޑިގެންވާނެއެވެ. އަދި ހެނދުނު ވުމަށްދާންދެން ޝައިޠާނާ ތިބާއާ ކައިރި ނުވާނެ އެވެ”. البخاري
އަޚާއެވެ! މިފަދަ ޛިކުރުތަކެވެ. މިއީ އަވަހާރަފުޅު ލެއްޕެވުމުގެ ކުރިން ވިދާޅުވި ބައެއް ޛިކުރުތަކެވެ. މިނޫން އިތުރު ޛިކުރުތައް ވެސް ވެއެވެ.
ހަވަނައީ : އަހަރެމެންގެ ނަބިއްޔާﷺ މި ހުރިހައި ޛިކުރުތައް ކުރެއްވިއިރު އެއްވެސް ރިވާޔަތެއްގައި ނިދުމުގެ ކުރިން ޝަޙާދަތް ވިދާޅުވިކަމަށް ވާރިދުވެގެންނުވެއެވެ. ފަހެ، ހެޔޮގޮތުގައި، ފުރިހަމަ ގޮތުގައި ޝަރީޢަތް އުނގަންނަވައި ދެއްވި ނަބިއްޔާ ﷺ ވިދާޅުނުވާ ބަސްފުޅެއް، އެއީ ސުންނަތެއް ކަމުގައި އަހަރެމެންނަށް ބުނެވޭނެ
ގޮތަކީ ކޮބައި ހެއްޔެވެ؟ އެންމެ މާތްވެގެންވާ ގޮތުގައި އަވަހާރަފުޅުލައްޕަވައި އަދި ހޭފުޅުލެއްވެވި ގޮތަށްވުރެ ހެޔޮ ގޮތެއް އޮންނާނެ ކަމުގައި އަހަރެމެން ދެކެނީ ހެއްޔެވެ؟
އަޚުންނޭވެ! ޝަރީޢަތުން ފުދޭ ބައެއްގެ ގޮތުގައި ވަމާތޯއެވެ؟ އެއިން ފުދިގެންވާ ހިތްހަމަ ޖެހިފައިވާ ބައެއްގެ ގޮތުގައި ވަމާތޯއެވެ؟ އޭގައި އަހަރެމެންނަށް އެނގުނަސް އަދި ނޭނގުނަސް އެންމެހައި ހެވެއްވަނީ ﷲ ބާވައިލެއްވި ޝަރީޢަތުގައި އަދި ނަބިއްޔާ ﷺ ގެ ހިދާޔަތުގައެވެ.
މި މައުޟޫގައި ސަޢުދީ ޢަރަބިއްޔާގެ މިހާރު ތިއްބެވި އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި ފަތުވާ ކޮމެޓީގެ މެންބަރ العلامة صَالح الفوزان – حفظه الله – ވިދާޅުވެފައިވެއެވެ. “ނިދުމުގެ ކުރިން ޝަހާދަތް ދުލުން ކިޔުމަކީ އެއްވެސް ދަލީލެއް އޮތްކަމެއް ނޫނެވެ”. إغاثة اللهفان 25-06-1437هـ
ނިންމާލުމުގެ ކުރިން ބުނަމެވެ. ރަސޫލާ ﷺ ހަދީޘް ކުރައްވާފައިވެއެވެ. ثَلاثٌ منْ كُنَّ فيهِ ؛ وجدَ بِهنَّ حَلاوَةَ الإيمانِ وطَعْمَهُ : أنْ يَكُونَ اللهُ عزَّ وجلَّ ورسولُهُ أحبَّ إليهِ مِمَّا سِوَاهُما…….) صحيح النسائي 5002 “އިމާން ކަމުގެ ފޮނި ރަހަ ޙާސިލްވާނެ 3 ބާވަތެއްގެ މީހުންވެއެވެ. ﷲ އާއި އެ އިލާހުގެ ރަސޫލާ ﷺ ދެކެ އެހެން އެއްވެސް ފަރާތެއްދެކެ ލޯބިނުވާ މިންވަރަށް އޭނާ ލޯބި އިސްކޮށްފައިވުމެވެ (ލޯބި ވުމެވެ.)…..” އާއެކެވެ! އަޚާއެވެ! މި ލޯތްބަކީ އަދި އެ ލޯބީގެ ސިފައަކީ އެއްވެސް އެހެން މީހެއްގެ ބަސްތައް ﷲ އާއި ރަސޫލާ ﷺ ގެ މައްޗަށް ނުގެނައުމެވެ. އަދި ނުއުފުލުމެވެ. އަދި އެހެން ފަރާތެއްގެ ބަސް އެފަދައިން އޮންނާނެކަމުގައިވެސް ނުދެކުމެވެ. މިފަދަ ފަރާތްތަކެއްގެ ގޮތުގައި ވުމަށް ނަޞޭހަތްތެރިވަމެވެ. ދަލީލު އޮއްވައި އެ ދޫކޮށް ދަލީލެއް ޙުއްޖަތެއްނެތް ކަމެއްކުރަން ބުނުމުގައި އެއްވެސް ހެޔޮކަމެއްނެތެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.