އަމިއްލައަށް މަރުވާ މީހާގެ ޙުކުމާއި އަދި އެމީހުންނަން ހެޔޮ ދުޢާކުރުން ހުއްދަތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

އަމިއްލައަށް ދަންޖެހިގެން މަރުވާ މީހުންނަށް ހެޔޮ ދުޢާކުރުން ހުއްދަތޯ ނުވަތަ ނުންތޯ ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.

ފުރަތަމަ ނުކުތާގައި ބުނަމެވެ.

އަހުލުއް-ސުންނަތުގެ ޢަޤީދާއަކީ، އެމީހެއްގެ ނަފްސު އަމިއްލައަށް ޤަތުލުކޮށްފި މީހާ އަކީ މުސްލިމެއްގެ ގޮތުގައި މަރުވާ މިހެއްކަމެވެ. ބައެއް މިސްތަކުން ދެކޭ ގޮތުގައި، އަމިއްލައަށް މަރުވާ މީހާއަކީ ކާފަރެއް ކަމަށް ބުނުމަކީ ޞައްޙަ ބުނުމެއް ނޫނެވެ.
އެހެނަސް އަމިއްލަ ނަފްސު ޤަތުލުކޮށްލުމަކީ އެންމެ ބޮޑުވެގެންވާ ފާފަތަކުގެ ތެރެއިންވާ އެއް ފާފަ އެވެ. ފަހެ، އެ ގޮތުން އެފަދައިން އަމިއްލަ ނަފްސު މަރައިލާ މީހާގެ މައްޗަށް ގަދަފަދަ ވަޢީދުގެ ޙަދީޘްތައް ވާރިދުވެގެންވެ އެވެ.
އޭގެ ތެރޭގައި :
أَبُو هُرَيْرَة رضي الله عنه رَسُوْلُ الله ﷺ އަރިއަހުން ރިވާކުރައްވާފައިވެ އެވެ.

رَسُوْلُ الله ﷺ ޙަދީޘް ކުރެއްވި އެވެ. (مَنْ قَتَلَ نَفْسَهُ بِحَدِيدَةٍ فَحَدِيدَتُهُ فِي يَدِهِ يَتَوَجَّأُ بِهَا فِي بَطْنِهِ فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا وَمَنْ شَرِبَ سَمًّا فَقَتَلَ نَفْسَهُ فَهُوَ يَتَحَسَّاهُ فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا وَمَنْ تَرَدَّى مِنْ جَبَلٍ فَقَتَلَ نَفْسَهُ فَهُوَ يَتَرَدَّى فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا) ”ދަގަނޑު އެއްޗަކުން އެމީހެއްގެ ނަފްސު ޤަތުލުކުރި މީހާ، އެ ދަގަނޑު އެތި އޭނާގެ އަތުގައިވެ، ނަރަކައިގެ އަލިފާނުގައިވެ އޭނާގެ ނަފްސު ޒަހަމްކުރުމުގައި ތާއަބަދަށް ދެމިހުންނާނެ އެވެ. ވިހައެއް ބޮއެގެން އޭނާގެ ނަފްސު ޤަތުލުކޮށްފި މީހާ އަށް އެ ވިހަ ލިބި ތާއަބަދަށް ނަރަކައިގެ އަލިފާނުގައި ދެމިހުންނާނެ އެވެ. ފަރުބަދައަކުން ވެއްޓިގަނެ އަމިއްލަ ނަފްސު ޤަތުލުކޮށްފި މީހާ، ނަރަކައިގެ އަލިފާނުގައި އުސްތަނަކުން ވެއްޓި ތާއަބަދަށް އެގޮތުގައި ދެމިހުންނާނެ އެވެ.“ أخرجه البخاري (5778)، އަދި مسلم (3/ 178)

ثَابِتُ بن الضحَّاك رضي الله عنه ރިވާކުރައްވާފައިވެ އެވެ. رَسُوْلُ الله ﷺ ޙަދީޘް ކުރެއްވި އެވެ. (مَنْ قَتَلَ نَفْسَهُ بِشَيْءٍ عُذِّبَ بِهِ يَوْمَ القِيَامَةِ) ”އެއްޗަކުން އެމީހެއްގެ ނަފްސު ޤަތުލުކޮށްފި މީހާއަށް، އެ އެއްޗަކުން އޭނާއަށް ޤިޔާމަތް ދުވަހުގައި ޢަޛާބުދެވޭނެ އެވެ.“ أخرجه البخاري (1363)، އަދި مسلم (3/ 178)،

މި އެންމެހައި ޙަދީޘްތަކާއި އަދި މި މާނައިގައިވާ އެންމެހައި ޙަދީޘްތަކުން ބަޔާންވެގެންވާ ދަލީލަކީ، އިންސާނާ އޭނާގެ ކޮންމެ ފަދަ ސަބަބަކާ އެކުގައިވީ ނަމަވެސް ނަފްސު ޤަތުލުކުރުން ޙަރާމްވެގެންވާ ކަމެވެ. މީގެ ތެރެއަށް އެމީހެއްގެ ނަފްސު ކޮންމެ ޤަޞްދަކާ އެކުގައި ޤަތުލުކުރި ކަމުގައިިވީ ނަމަވެސް ޝާމިލްވާނެ އެވެ.
ސުންނަތުގެ އަހުލުވެރިން މި ޙަދީޘްތައް ކަނޑައަޅާފައިވަނީ ވަޢީދުގެ ޙަދީޘްތަކުގެ ތެރޭގަ އެވެ. އެހެނަސް އެއީ ކާފަރެއްގެ ޙާލުގައި މަރުވެ ކާފަރެއްގެ ޙުކުމުގެ ތެރެއަށް ދިއުމެއް ނޫނެވެ.

ދެވަނަ ނުކުތާގައި ބުނަމެވެ. :
ޤިޔާމަތް ދުވަހުގައި ނަރަކައިގައި ތާއަބަދަށް ތިބޭނެ ބަޔަކީ ކާފަރުންނެވެ. އަދި ތަޥްޙީދުގެ އަހުލުވެރިންގެ ތެރެއިންވާ އެބަޔަކު ކޮށްފައިވާ ފާފައިގެ ސަބަބުން ނަރަކަވަންނަން ޖެހުނުކަމުގައިވީނަމަވެސް އެބައިމީހުން ކޮންމެވެސް ދުވަހަކުން ނަރަކައިން ސަލާމަތްވެ ސުވަރުގެއަށް ވަދެވޭނެ ކަމީ ޤުރުއާނާއި ސުންނަތުގެ ޢަޤީދާ އެވެ. އަދި މިއީ އަހުލުއްސުންނަތް ވަލް-ޖަމާޢަތް ސަލަފީންގެ ޢަޤީދާ އެވެ.
މި ޢަޤީދާ ބަޔާންކޮށް މިއަދު ދުނިޔެމަތީގައި ސުންނަތުގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العلاَّمَة الشَّيخ عُبَيد بن عبد الله الجَابِرِي -حفظه الله- ވިދާޅުވެފައިވެ އެވެ.

”މި ބާބުގައި އިސްލާމްދީންނަށް ނިސްބަތްވެފައިވާ ދެ ބައިގަނޑެއް ހައްޤުމަގުން އެއްކިބާވެފައިވެއެވެ. އެއް ބައިގަނޑަކީ الخوارج (ޚަވާރިޖުން) އަނެއް ބައިގަނޑަކީ المعتزلة (މުޢުތަޒިލާއިން) ނެވެ. ފަހެ، ޒިނޭކުރާ ނުވަތަ ބަނގުރާބޯ ނުވަތަ ފާޞިޤުގެ މައްޗަށް ޚަވާރިޖުންގެ ޢަޤީދާއަކީ، ދުނިޔޭގައި އޭނާގެ ޙުކުމަކީ ކާފަރެއް ކަމުގައިވުމެވެ. އޭނާގެ ލެއާއި މުދާ ޙަލާލުވެގެންވެއެވެ. އެގޮތުގައި މަރުވެއްޖެކަމުގައިވާ ނަމަ ޢާޚިރަތުގައި އޭނާގެ ޙުކުމަކީ ނަރަކައިގައި އަބަދުގެ އަބަދަށް، ތާއަބަދަށް ދެމިހުންނާނެ މީހެއް ކަމުގައިވުމެވެ. މުޢުތަޒިލާއިން އިސްލާމީ މިއްލަތުގައިވާ ފާސިޤުއާ މެދުގައި ބުނެފައިވެއެވެ.

އޭނައަކީ މުސްލިމެއް އަދި ކާފަރެއްވެސް ނޫނެވެ. ތިޔަ ބައިގަނޑުގެ މީހުން އޭނާ ގެންދަނީ ކޮންތަނަކަށް ހެއްޔެވެ؟ ބުނެއެވެ. ދެ މަންޒިލައިގެ ދެމެދުގައިވާ މަންޒިލަކަށެވެ. ޔަޢުނީ: އޭނާ އިސްލާމް ދީނުން ބޭރުކުރިއެވެ. އަދި ކާފަރެއް ނުކުރެއެވެ. މިފަދައިން ބުނެއެވެ. މުސްލިމެއްނޫނެވެ. އަދި ކާފަރެއްވެސް ނޫނެވެ. ދެ މަންޒިލުގެ ދެމެދުގައިވާ މަންޒިލެއްގައެވެ.
އަދި އޭނާގެ މައްޗަށް އުޚުރަވީ ޙުކުމުގައި ޚަވާރިޖުންނާ އެއްގޮތްވިއެވެ. މިދެ ބައިގަނޑަކީ މަގުފުރެދިފައިވާ، ބިދުޢަތަކުގެ މައްޗަށް އަރައިގަނެފައިވާ މުއުމިނުންގެ މަގާ ޚިލާފްވެގެންވި އަދި ޝައިޠާނާގެ މަގަށް ތަބަޢަވެގެންވާ 2 ބައިގަނޑެވެ.
އެންމެހައި މުސްލިމް ފިރިހެނުންނާއި އަންހެނުންނޭވެ! ހަމަކަށަވަރުން أهل السنة އަކީ ޚަލްޤުތަކުންނަށް އެންމެ ރަޙްމަތް ކުރާ މީސްތަކުން ފަދައިން އެބައިމީހުންނަކީ حق އެންމެ ބޮޑަށް މަޢުރިފާވެގެންވާ މީސްތަކުންެނެވެެ.“ (ޝެއިޚްގެ ބަސްފުޅު ނިމުނީ)

ފަހެ، ދެން އޮތީ މިފަދަ ބޮޑެތި ފާފަތަކުގެ މައްޗަށް، އެބައިމީހުން ނަރަކަ ވަންނާނެ އެވެ. ވޭން ދެނިވި ޢަޛާބު ހުއްޓެވެ. މިފަދައިން ވާރިދުވުމާއި މެދުގަ އެވެ.

އިސްވެ ބަޔާން ކުރެވުނު ފަދައިން، މި ޙަދީޘްތައް ކަނޑައެޅިފައިވަނީ ވަޢީދުގެ ޙަދީޘްތަކުގެ ގޮތުގަ އެވެ.
އެފަދަ ޙަދީޘްތައް މާނާކުރާ ގޮތަކީ : އެއީ ގަދަފަދަ އިންޒާރު އެބައިމީހުންނަށް ވާރިދުވެގެންވުމެވެ. އަދި އެމީހަކީ މުސްލިމެއް ކަމުގައި ވުމުން ﷲ އެމީސްތަކުންނަށް ޢަފޫކުރެއްވުން ލިބިގެން ދިއުން މަނައެއް ނުކުރެ އެވެ.

އަދިވެސް ބުނެވެ އެވެ. އެ ކޮށްފައިވާ ފާފައިގެ ބޮޑުކަމުން، ﷲ ގެ ޢަފޫ އެމީހަކަށް ލިބިގެން ނުދިޔަހިނދު، އެ ފާފައިގެ ޢުޤޫބާތެއްގެ ގޮތުން އެ ޢަޛާބު އެމީހަކަށް ލިބުން އެކަށީގެންވެ އެވެ. އެފަދަ ޢުޤޫބާތް ލިބުން އެކަށީގެން ވުމެވެ. އެއީ އެ ޢުޤޫބާތް ލިބުން ލާޒިމް ވުމެއް ނޫނެވެ.

ފަހެ، ދުވަހަކުވެސް އެބަޔަކު ނަރަކައިން ސަލާމަތް ނުވާނީ ކާފަރުންނެވެ. ވަޙީ ކުރައްވައިފައިވެއެވެ. ( إِنَّ اللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ) [النساء: 48] ”ހަމަކަށަވަރުން الله، އެ އިލާހުއަށް ޝަރީކު ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ.“

އާޔަތުގައި ބަޔާންވަނީ، އެބައެއްގެ މައްޗަށް ﷲ ދުވަހަކުވެސް ފާފަ ނުފުއްސަވާނެ ބަޔަކީ ﷲއަށް ޝަރީކު ކުރުމުގައިވާ ކާފަރުންނެވެ. އެ ނޫން ފާފަތައް ކުރާ މީސްތަކުންގެ ތެރެއިން ﷲ އިރާދަފުޅު ކުރެއްވި ފަރާތަކަށް ﷲ ފާފަ ފުއްސަވަ އެވެ. ފަހެ، އެއިލާހުގެ ފާފަފުއްސެވުން ލިބިގެން ނުދިޔަ މީހާއަށް، އޭނާގެ ފާފަތަކުގެ މިންގަނޑުން ނަރަކައިން ޢުޤޫބާތް ލިބި އަދި ނަރަކައިން ނެރެވެ އެވެ.

މި ޢަޤީދާ ބަޔާން ކުރައްވާ އަހުލުއްސުންނަތް ވަލް-ޖަމާޢަތުގެ އިމާމް أحمد بن حنبل -رحمه الله- ވިދާޅުވެފައިވެ އެވެ. “ وَمَنْ لَقِيَهُ مُصِـرًّا غَيْرَ تَائِبٍ مِنْ اَلذُّنُوبِ اَلَّتِي قَدْ اِسْتَوْجَبَ بِهَا اَلْعُقُوبَةَ فَأَمْرُهُ إِلَى اَللَّهِ، إِنْ شَاءَ عَذَّبَهُ، وَإِنْ شَاءَ غَفَرَ لَهُ، وَمِنْ لَقِيَهُ وَهُوَ كَافِرٌ عَذَّبَهُ وَلَمْ يَغْفِرْ لَهُ
(އަހަރެމެން ދެކޭ ގޮތުގައި ސުންނަތުގެ އުޞޫލު -އެންމެހައި ސުންނަތުގެ އަހުލުވެރިން އިޤްރާރުވަޑައިގެންފައިވާ އުޞޫލު- ތަކުގެ ތެރޭގައި) : ފާފަކޮށް އޭގެ މަތީގައި ދެމިހުންނަ ގޮތުގައި ހުރެ، އެ ފާފަތަކުން ތަޥްބާނުވެ އޭނާގެ މައްޗަށް ޢުޤޫބާތް ވާޖިބުވެގެންވާ ގޮތުގައި ދުނިޔެދޫކުރާ މީހާގެ އަމުރު (ޙުކުމް ކުރައްވައި ނިޔާކުރެއްވުން) އޮތީ ﷲ އަށެވެ. އެކަލާނގެ އިރާދަފުޅު ކުރައްވަނީ އޭނާއަށް ޢަޛާބު ދެއްވުމަށް ކަމުގައިވާ ނަމަ އޭނާއަށް އަޛާބު ލިބޭނެތެވެ. އެކާލާނގެ އިރާދަފުޅު ކުރައްވަނީ އޭނާއަށް ފާފަ ފުއްސެވުމަށް ކަމުގައިވާ ނަމަ އޭނާގެ ފާފަ ފޮހެވިގެން ދާނެތެވެ. ކާފަރެއްގެ ގޮތުގައި ހުރެ ﷲ އާ ބައްދަލުވެއްޖެ މީހާއަށް އެކަލާނގެ ޢަޛާބު ދެއްވާ އޭނާއަކީ ފާފަފުހެވިގެން ނުދާނެ މީހެއްގެ ގޮތުގައި ވާނެތެވެ.“ أصول السنة للإمام أحمد

ވުމާއެކު، އަބަދުގެ އަބަދަށް ނަރަކައިގައި އޮންނާނީ ޝަރީކު ކުރުމުގައި ދުނިޔެ ދޫކުރި، ﷲ އަށް ކުފުރު ވެގެންވީ މީހާ އެވެ.

ތިންވަނައީ :
ބައެއް ޙަދީޘްތަކުގައި އަމިއްލައަށް ނަފްސު މަރާލި މީހާ އަށް ނަބިއްޔާ ކަށުނަމާދު ނުކުރައްވައި ދޫކޮށްލެއްވިކަން ޘާބިތުވެގެންވެ އެވެ. އޭގެ މުރާދަކީ ކޮބައިތޯ އެވެ؟
ސަބަބަކީ ޢިލްމުގައި ފުރިހަމައަށް ޘާބިތުކަމެއް ނެތް ފަރާތްތަކާއި އަދި ޚަވާރިޖުންގެ ޢަޤީދާ އާއި މުޢުތަޒިލީންގެ ޢަޤީދާގެ އަވައިގައި، ޝުބުހާތްތަކުގައި ޖެހިފައިވާ ފަރާތްތައް މި ހަދީޘްތައް އެމީހުން އެދޭ ގޮތްތަކަށް މާނަ ކުރެ އެވެ.
އެ ގޮތުން އެމީހުން ބުނެ އެވެ. އަމިއްލައަށް ނަފްސު މަރާލި މީހާ އަކީ ކާފަރެއް ކަމުގައި ވުމެވެ. މިއީ އެންމެހައި ހަދީޘްތަކެއް ޖަމަޢަކޮށް ހުރިހައި ޙަދީޘްތަކެއްގެ މައްޗަށް ޖާމިނުވާ ގޮތުގައި މާނަ ނުކުރުމުގެ ނަތީއްޖާ އެވެ.
އެ ގޮތުން އިމާމް مسلم ޞަޙީޙުގައި ޞަޙާބީ جابر بن سمرة ގެ އަރިހުން ރިވާކޮށްފައިވެ އެވެ. أُتيَ النَّبيُّ صلَّى اللهُ عليه وسلَّم برَجُلٍ قَتَلَ نَفسَه بمَشاقِصَ، فلم يُصَلِّ عليه ”ހަށިގަނޑަށް ތީރެއް ހަރައި އަމިއްލަ ނަފްސު މަރާލި މީހަކު ނަބިއްޔާ صلَّى اللهُ عليه وسلَّم އަރިހަށް ގެނެވުނެވެ. ފަހެ، ނަބިއްޔާ އޭނާއަށް ކަށުނަމާދު ނުކުރެއްވި އެވެ.“ صحيح مسلم 978
ދަންނަ އެވެ! މިތަނުގައި ނަބިއްޔާ އެ ބޭކަލެއްގެ މައްޗަށް ކަށު ނަމާދު ނުކުރައްވައި ދޫކޮށްލެއްވީ އެބޭކަލަކު ކާފަރުވެގެން ނޫނެވެ. އެހެނަސް އެހެން ބޭނުންފުޅެއްގަ އެވެ.
ނަބިއްޔާ صلَّى اللهُ عليه وسلَّم ޙަޔާތްޕުޅުގައި ބޭކަލަކު އަވަހާރަވެ ކަށުނަމާދު ކުރަން ގެނެވޭހިނދު، އެ ބޭކަލެއް އަދާކޮށްފައި ނުވާ ދަރަންޏެއް އޮތްހިނދު ނަބިއްޔާ އެބޭކަލަކަށް ކަށު ނަމާދު ނުކުރައްވާ ވަޑައިގަންނަވަ އެވެ. އެއީ ކާފަރުވެގެން ތޯ އެވެ؟ ނޫނެކެވެ! އެއި އެފަދަ ޢަމަލުތަކުގެ މައްޗަށް މީސްތަކުން ސަމާލުކަން ގެނުވައި އެފަދައިން ޢަމަލުތައް ނުކުރުމަށް މީސްތަކުންނަށް އިންކާރުކޮށް އެ ނުރައްކަލުގެ މައްޗަށް ސަމާލުކަން ގެނެވުމަށްޓަކަ އެވެ.

އެ ކޮށްފައިވާ ޢަމަލުގެ ނުބައިކަމުން، މީސްތަކުންނަށް އެކަމަށް ހޭލުންތެރިކަމާއި އެ ޢަމަލުތަކުގެ މައްޗަށް އިންކާރުކުރެއްވުން ބަޔާން ކުރެއްވުމަށް މެނުވީ ނަބިއްޔާ އެފަދައިން ޢަމަލުފުޅު ނުކުރައްވަ އެވެ.
މި މައުޟޫގައި ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإمام عَبد العزِيز بن باز -رحمه الله- ވިދާޅުވެފައިވެ އެވެ. ”(އަމިއްލައަށް މަރުވާ މީހުން) ހިނަވައި ކަފުންކޮށް ކަށުނަމާދު ކުރަން ވާނެ އެވެ. ނަމަވެސް މުޖުތަމަޢުގައިވާ ހެޔޮ ޞާލިޙް މީހުން އެކަމާ ނުރުހޭކަމާއި (އޭގެ ނުރައްކަލާއި ނުބައިކަމާއި ސުންޕާކަން) ހާމަކުރުމުގެ ގޮތުން އަދި މީސްތަކުންނަށް އެކަންތަކާއި މެދު ބިރުވެރިކަން ދެއްކުމުގެ ގޮތުން އޭނާގެ މައްޗަށް ކަށުނަމާދު ކުރުން ދޫކޮށްލުމަކީ އެދެވިގެންވާ ކަމެކެވެ.“ مجموع الفتاوى 13- 123

ވުމުން، ނަބިއްޔާ އެފަދައިން ޢަމަލުފުޅު ކުރެއްވި ސަބަބަކީ ކޮބައިކަން ބަޔާންވެއްޖެ އެވެ.
އެއީ ކާފަރެއްކަން، ކާފަރެއްގެ ގޮތުގައި މަރުވި ފަރާތެއްކަމުގައިވާނަމަ، ނަބިއްޔާއަށްވެސް އަދި އެހެން އެއްވެސް ޞަޙާބީބޭކަލެއް އެމީހެއްގެ މައްޗަށް ކަށުނަމާދެއް ނުކުރައްވާނެ އެވެ.
އަދި ނަބިއްޔާ صلَّى اللهُ عليه وسلَّم އެފަދައިން ޚަބަރު ނުދެއްވާ ހަނު ނުހުންނަވާނެ އެވެ. ސަބަބަކީ، ކާފަރެއް ހިނަވައި ކަފުންކޮށް ކަށުނަމާދުކޮށް މުސްލިމުންގެ ޤަބުރުސްތާނެއްގައި ވަޅުލުން ހުއްދައެއް ނުވާނެ އެވެ.
ވުމުން، އެއީ ދީނުން ބޭރުވެފައިވާ ކާފަރެއް ކަމުގައި ކަނޑައެޅިގެންދާނަމަ، ނަބިއްޔާ އެންމެހައި އަޞްޙާބު ބޭކަލުންނަށް ދީނީ ޝަރުޢީ ޙުކުމް އެފަދައިން ބަޔާން ކުރައްވާނެ އެވެ.

ހަތަރުވަނައީ :

އަމިއްލައަށް ނަފްސު ކޮންމެ ފަދަ ގޮތަކަށް މަރާލި މީހެއް ކަމުގައިވީނަމަވެސް، އެމީހަކަށް މުސްލިމަކަށް އަދާކުރަންޖެހޭ ކަންތައްތައް ކަމުގައިވާ، ހިނެވުމާއި، ކަފުން ކުރުމާއި، ކަށުނަމާދު ކުރުމާއި އަދި މުސްލިމުންގެ ޤަބުރުސްތާނުގައި ވަޅުލުންވެ އެވެ.

ފަހެ، މުސްލިމުން ކަށުނަމާދު ކުރުމަކީ އެމީހަކަށް ފާފަފުއްސެވުމަށް އެދި ދުޢާކޮށް ދެންނެވުމެވެ.
ވުމުން، މުސްލިމެއްގެ ގޮތުގައި މަރުވާ ކޮންމެ މީހެއްގެ މައްޗަށް، އެމީހެއްގެ ފާފަފުއްސެވުންއެދި ދިރިތިބީން ދުޢާކޮށްދިނުން އޮތް ފަދައިން އަމިއްލަ ނަފްސު ޤަތުލުކޮށް މަރުވާ މީހާއަވެސް އެފަދައިންވެ އެވެ.
މި ޢަމަލުތައް ކުރުން އޮތީ އެހެން މުސްލިމުންވެސް މަރުވުމުން ޢަމަލު ކުރާ ފަދައިންނެވެ. ވަކި ޚާއްޞަ ތަފާތު ގޮތެއް ނުވެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply