ބުޅާ ނުވިހާ ގޮތް ހެދުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟

سم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ގޭގައި ގެންގުޅޭ ބުޅާ (ޖަނަވާރު) ނުވިހާ ގޮތް ހެދުމާއި ބެހޭ ގޮތުން ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.

ސުވާލަށް ޖަވާބު ދިނުމުގެ ކުރީގައި ނަޞޭހަތެއްގެ ގޮތުގައި ބުނަމެވެ.

ފުރަތަމައީ :

ކުރީ ޒަމާނުގައި ގެތަކުގައި ގެންގުޅޭ ބުޅަލަކީ، އެއަށް ބޮޑެތި ޚަރަދު ކުރުމާއި، އެއަށް ބެލެހެއްޓުންތެރިކަމާއި އެކިއެކި ބާވަތް ބާވަތްތަކުގެ ތަކެތި ހޯދައި ދިނުމަށް ޖެހިފައިވާ ކަމެއް ނޫނެވެ.

މި ޒަމާނުގައި މީސްތަކުން ގޭގައި ގެންގުޅޭ ބުޅަލަކީ އެއަށް، ޚާއްޞަ ކާނާތައް ދޭން ޖެހޭ އެއްޗެކެވެ. އެ ކުޑަކަމު އަދި ބޮޑުކަމު ދިއުމަށް ޚާއްޞަ ބޭސްތަކެއް ހޯދައި އެއަށް ޚާއްޞަ ޚަރަދު ކުރަން ޖެހެ އެވެ.

އެ ބުޅާ ފެންވަރުވައި، ޚާއްޞަ ފުށާއި ޙާއްޞަ ތަކެތި އޭގެ ހަށިގަނޑުގައި އުނގުޅަން ޖެހެ އެވެ.

ޚަރަދު ކުރަމުންގޮސް އޭގެ ގަމީހާއި ސޯޓު ފަހައި ނުވަތަ ޚަރަދުކޮށް ޤައުމުން ބޭރުން އެތަކެތި ގެނެސް ބޭނުން ކުރަން ޖެހެ އެވެ.

އޭގެ ކެހެރި ވެރުން ހުއްޓުވުމަށް ބޭސް ދޭން ޖެހެ އެވެ.

އެ އެކިއެކި ބަލިބަލިން ސަލާމަތް ކުރުމަށްޓަކައި ބޭސް ކުރަން ޖެހެ އެވެ.

މިފަދަ އެތައް ޚަރަދު ތަކެވެ.

މިފަދައިން ބްރީޑް ކޮށްފައިވާ ބުޅަލެއް ބެލުމަށްޓަކައި މަހެއްގެ މައްޗަށް ޚަރަދުގެ ގޮތުގައި ދާނީ 2000 ރުފިޔާއެއް ނޫނެވެ. އެތައް ޚަރަދެކެވެ. މިއީ ތިމާ މުނިފޫހި ފިލުވުމަށްޓަކައި ކޮށްލާ ކަމަކަށް މި އޮންނަނީ ވެފަ އެވެ.

މުސްލިމް އަޚުންނާއި އުޚްތުންނޭވެ!

އުއްމަތުގެ ތުއްތު އެތައް ދަރިންނެއް، ބަލާނެ، ހިޔާވައްސެއް ދޭނެ މީހަކު ނުވެ ފަ އެވެ. ޔަތީމު ކުދިންނެވެ. ދަޥްލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ތުއްތު ޅަ ދަރިންނެވެ.

މައިން ބަފައިން އެކިއެކި ކުށުގެ ވެށީގެ އަހުލުވެރިންނަށްވެ، މައުސޫމް ތުއްތު ކުއްޖާ ބަލާނެ ފަރާތެއް ނެތިވެ ދަޥްލަތުގެ ބެލުމުގެ ދަށުގަ އެވެ.

މިފަދަ ދަރިއަކު ތިމާ ގޭގައި ބަލައި ބޮޑުކޮށްލުން، އެ ކުއްޖާއަށް އިޙްސާންތެރިވުން މިއީ ކޮންފަދަ އަޖުރެއް ހެއްޔެވެ؟

ބުޅަލެއް ގެނެސް އެއިން އެއްވެސް ނަފާއެއް، ހެޔޮކަމެއް ޙާޞިލް ނުވެ، އަމިއްލައަށް ހޯދާ ފައިސާ އާއި އެތައް ކަދަރެއް މި ކޮށްލަނީ ތިމާގެ ދުނިޔެވީ އުފަލަކަށްޓަކަ އެވެ.

ކުޑަ ކުއްޖާ، ތުއްތު ޔަތީމް ކުއްޖަކު ގޭގައި މި ޚަރަދުކޮށް ބެލެހެއްޓުން މިއީ މިފަދައިން ޖަނަވާރެއް ގެނެސް އުޅުމާއި އުޑާއި ބިމާ ދެމެދުހާ ތަފާތު ހެޔޮކަމާއި އަޖުރާއި ޘަވާބުން ފުރިފައިވާ ޢަމަލެއްކަމުގައިވީހިނދު މީސްތަކުން މި ޖަނަވާރުތަކަށް މިފަދައިން ބެލެހެއްޓުމަށް ހިތް ޖެހިފައި، އާދަމު ދަރިންނާއި، މަޢުޞޫމް ޔަތީމް ކުޑަކުދިން، ބަލާނެ ފަރާތެއް ނެތް ދަޥްލަތުގެ ބެލެނެވެރިކަމުގައިވާ ދަރިން ބަލާނެ އިޙްސާންތެރިވާނެ ފަރާތެއް ނެތިފައި، މިވަނީ ކިހިނަކުން ހެއްޔެވެ؟

އެއްގޮތަކީ ކާފަރުން ”ޕެޓް“ ގެންގުޅުން ފެނިފެނި އޭގެ އަވައިގައި ޖެހުމެވެ. والله المستعان!

އިމާމް البخاري 6005 ޞަޙީޙުގައި، ޞަޙާބީ سهل بن سعد الساعدي ގެ ފަރާތުން ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ. ނަބިއްޔާ ﷺ  ޙަދީޘް ކުރެއްވި އެވެ. (أنا وكافِلُ اليَتِيمِ في الجَنَّةِ هَكَذا وقالَ بإصْبَعَيْهِ السَّبَّابَةِ والوُسْطَى) ”ތިމަން ނަބިއްޔާ އާއި ޔަތީމް ކުއްޖާ ބެލެހެއްޓުމުގައިވާ ފަރާތް ސުވަރުގޭގައި ވާނީ މިފަދައިންނެވެ. އަދި އަތްޕުޅުގެ ޝަހާދަތް އިނގިލި ފުޅާއި މެދު އިނގިލިފުޅު އިޝާރަތް ކުރެއްވި އެވެ.“ (އެބަހީ : ޔަތީމް ކުއްޖާ ބަލަހައްޓައި އެގޮތުގައި ދެމިހުންނަ މީހާ ޤިޔާމަތް ދުވަހުގައި އެ ދެއިނގި ކައިރި ގާތްކަމުގައިވާ ފަދައިން ސުވަރު ގޭގައި ނަބިއްޔާ އާ އެހާމެ ގާތް ކައިރީގައިވާނެ ކަމެވެ.)

البخاري އަދި مسلم ގައި ޞަޙާބީ أبو هريرة رضي الله عنه ގެ އަރިހުން ރިވާވެގެންވާ ރިވާޔަތުގައިވެ އެވެ. النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވި އެވެ. (السَّاعِي عَلَى الأَرْمَلَةِ وَالمِسْكِينِ، كَالْمُجَاهِدِ فِي سَبِيلِ اللَّهِ، و أحسبه القَائِمِ اللَّيْلَ الصَّائِمِ النَّهَارَ) ”ހުވަފަތް ވެފައިވާ އަންހެނުނާއި އަދި މިސްކީނުންގެ -ކަންތައްތައް ބަލަހައްޓައި، ޙާޖަތްތައް ފުއްދައި ދިނުމުގައިވާ މީހާއަކީ- ﷲގެ މަގުގައި ޖިހާދު ކުރާ މީހާއާ އެއްފަދަ މީހަކެވެ. އަދި ތިމަން ނަބިއްޔާއަށް ހީފުޅުވަޑައިގަންނަވާ ގޮތުގައި، (އެފަދަ މީހަކީ) މެދުކެނޑުމެއްނެތި ރޭއަޅުކަމުގައި އަދި މެދުކެނޑުމެއްނެތި ދުވާލުގައި ރޯދައަށް ހުންނަ މީހެކެވެ.“

ފަހެ، މި ދަރުމައާއި މި ޘަވާބު މިފަދައިން ބަޔާންވެގެންވާހިނދު، އާދަމު ދަރިން އެހީތެރިކަމަށާއި، އަޅާލުންތެރިކަމަށް ބޭނުންވާހިނދު، އެފަރާތްތައް މަޙްރޫމްކޮށް ޖަނަވާރުންތަކަށް ހޭދަކުރުން ވާނީ ކޮންފަދަ ޢަމަލެއް ކަމުގައި ވިސްނާލުން ހުއްޓެވެ.

ތިމާގެ އަމިއްލައަށް ނުބެލެހެއްޓޭ ކަމުގައިވާނަމަ، ބަލަހައްޓާ ފަރާތަކަށް ފައިސާ ހޭދަކޮށް، އެފަރާތަށް އެހީތެރިކަން ފޯރު ކޮށްދިނުމަކީ، ޖަނަވާރުތަކަށް ހޭދަކުރުމަށްވުރެ، ދުނިޔެއާއި އާޚިރަތުގެ ހެޔޮ ކަމާއި ޘަވާބާއި ދަރުމަށް އޮތް ކޮންފަދަ ބޮޑު ފުރުސަތެއް ހެއްޔެވެ؟

ދެވަނައީ :

ބުޅާ ގެންގުޅުމާއި އަދި ގޭގައި ބުޅާ ބެލެއްޓުން ދީނުގައި މަނާކަމެއް ނެތެވެ. އެއީ ހުއްދަވެގެންވާ ކަމަކެވެ.

ގެންގުޅޭ ބުޅާތައް، ނުވިހާގޮތް ހެދުން އެއީ ގިނަ ފަހަރު އެއަށް އޮތް މަޞްލަޙަތެއް ކަމުގައިވެ އެވެ. ގިނަ ދަރިންތައް ވިހައި އެ ބެލެހެއްޓުން އަދި ކުދި ޅަ ޖަނަވާރުތައް ގެންގުޅުން އެއީ ދަތި އުނދަގޫ ކަމަކަށް އެއަށްވެ އެވެ.

ވުމުން، އެ ބުޅަލަށްވެސް އޭގައި މަޞްލަޙަތުވެ އެވެ. މި މައްސަލައިގައި ޢިލްމުވެރިންގެ ބަސްފުޅަކީ އެކަމުގައި މަޞްލަޙަތުވާނަމަ، އެއީ ހުއްދަވެގެންވާ ޢަމަލެއް ކަމުގަ އެވެ.

އަދި ގޭގެ އަހުލުވެރިންނަށްވެސް އޭގައި މަސްލަޙަތުވެ އެވެ. ޚާއްޞަކޮށް ގޭގައި ގެންގުޅޭ ބުޅާ ކަމުގައިވާނަމަ މި ޢަމަލުގައި މައްސަލައެއް ނެތެވެ.

ޖަނަވާރުތައް ނުވިހާގޮތް ހެދުމަކީ، މާތް ނަބިއްޔާ ﷺ ، ގެ ޒަމާނުއްސުރެ ފަށައިގެން އެބޭކަލުންގެ ތެރޭގައިވެސް އޮތް ޢަމަލެކެވެ.

ޞަޙާބީ  أَبِي رَافِعٍ  ގެ އަރިހުން އިމާމް أحمد (23348) ރިވާކޮށްފައިވާ ރިވާޔަތުގައިވެ އެވެ. ضَحَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِكَبْشَيْنِ أَمْلَحَيْنِ مَوْجِيَّيْنِ خَصِيَّيْنِ ”ރަސޫލާﷺ އުޟްޙިއްޔާގެ ގޮތުގައި އޭގައި ކަޅުކުލަ ހުރި ހުދުކުލައިގެ ނުވިހާ ގޮތް ހަދައިފައިވާ (އެބަހީ އޭގެ ފިރިހެން ފަނި އުފައްދާ އޮށް ނަގާފައިވާ) ދެ ކަންބަޅި ޤުރުބާން ކުރެއްވި އެވެ.“

މިފަދައިން ކަންބަޅިއަށް ޢަމަލު ކުރާ ސަބަބަކީ، އެފަދައިން ޢަމަލުކޮށްފައިވާ އެތީގެ މަސް މީރުވުމާއި އަދި އޭގެ މަސް އެހެން ތަކެތީގެ މަހާ އަޅާ ބަލާއިރު ފުރިހަމަކަން ލިބުމެވެ.

ވުމުން މި މަޞްލަޙަތަށް ޓަކައި، އެސަބަބާއި ގުޅިގެން ނަޢަމް ސޫފިތައް ގެންގުޅޭ މީހުން އެ ފަދައިން ޢަމަލު ކުރެ އެވެ.

މިފަދައިން ބުޅާ ގޭގައި ގެންގުޅޭ ފަރާތަކުން ކޮށްފައިވާ ސުވާލެއްގައި ބުނެފައިވި އެވެ. ފިރިހެން ބުޅާ ގެންގުޅޭހިނދު، އޭގެ މަނި ގޭގެ ސޯފާ އަށާއި އަދި އެހެނިހެން ތަންތަނަށް ފައިބައިގެން ދެ އެވެ.

ވުމުން، އެއިން ކުރިމަތިވާ މި ދަތި އުނދަގުޅުން ސަލާމަތް ވުމަށްޓަކައި އޭގެ އެ ގުވަނަން، އެ މަނި ނާންނަގޮތް ހެދުން ހުއްދަތޯ ސުވާލު އަހަރެމެންގެ މަޝާއިޚުންގެ ތެރޭގައިވާ ޑރ. الشيخ عرفات بن حسن المحمدي -حفظه الله- އަރިހުގައި ސުވާލު ކުރީމެވެ.

ޝެއިޚް ޖަވާބުގައި ވިދާޅުވި އެވެ. ”އެ ސަބަބަށްޓަކައި އެކަން ކުރާނަމަ އެއީ ހުއްދަވެގެންވާ ކަމެކެވެ.“

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts