ފިރިމީހާ އަބަދު މާޒީގެ ވާހަކަ ދެއްކުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ފިރިމީހާ އަބަދު މާޒީގެ ވާހަކަ ދެއްކުމާއި މެދުގައި ކޮށްފައިވާ ސުވާލުގައި ބުނަމެވެ.
މިތަނުގައި ބުނެފައިވާ މާޒީގެ ވާހަކަތަކަކީ އެއީ މާޒީގައި ހިނގައިފައިވާ، ހިތް ނޭނދޭ ނުވަތަ ދެމަފިރިންގެ ދެމެދުގައި މައްސަލަތަކަށް ދޮރުހުޅުވިގެންދާނެ ކަންތައްތައް ކަމުގައި ދެކި އެއަށް ޖަވާބު ދެމެވެ.
ފުރަތަމައީ: މާޒީގައި ކޮށްފައިވާ ކުށް ފާފަތަކުގެ ވާހަކަ ދެއްކުމެވެ. މިއީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ސަބަބަކީ ފާފައަކަށް ނުވަތަ އުރެދުމަކަށް އަރައިގަނެ، އެކަމުން ތަޥްބާވެ ހެޔޮ ޙާލަތަށް ބަދަލުވެދިއުމަށް ފަހު، އެމީހަކަށް ކުރެވުނު އެ ފާފައިގެ ވާހަކަ އަނެއްކާ ވެސް އެމީހާ ދެރަ ނިކަމެތި ކުރުމަށްޓަކައި ދެއްކުން އިސްލާމް ދީނުގައި ހުއްދައެއް ނުވާނެއެވެ. އެ ފާފަ ކުރެވުނީ ސިއްރިޔާތުގައި އަމިއްލަ ނަފްސަށް ކަމުގައިވާނަމަ ނުވަތަ ދެމަފިރިން ނޫން އެއްވެސް ފަރާތަކަށް ނޭނގޭނަމަ އެއީ ސިއްރުވެ ވަންހަނާ ވެގެންވާ ކަމެއްގެ ގޮތުގައި ސިއްރު ކުރަން ޖެހޭނެއެވެ. ފާޅުކޮށް އެކަކު އަނެކަކުގެ މައްޗަށް ހިތްދަތިކަމާއި މާޔޫސް ކުރުވުމަށް އެ ޢަމަލު ޛިކުރުކޮށް ކިޔައިގެން ނުވާނެއެވެ. الإمام ابن رجب الحنبلي رحمه الله ވިދާޅުވެފައިވެއެވެ. ”ފާފައަކަށް އަރައިގަތުމަށްފަހު އެ ފާފައިން ތަޥްބާވެއްޖެ މީހާގެ މައްޗަށް ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެފައިވަނީ އެކަމުގެ އަޞްލަކީ އަޅާ އޭނާގެ އަމިއްލަ ނަފްސަށް އެކަން ވަންހަނާކޮށް އެއްވެސް މީހަކަށް އެކަން ބަޔާންނުކުރުމެވެ. އަދިކިޔެއްތޯ! އެ ފާފައިން ތަޥްބާވެ، އެއީ ﷲއާއި އޭނާއާއި ދެމެދުގައި އޮތް ކަމެއްގެ ގޮތުގައި ހެދުމެވެ“ (فتح الباري لابن رجب [٧٦/١]).
އޭގެ ބަދަލުގައި އަނބިމީހާ ވެސް އަދި ފިރިމީހާއަށް ވެސް އޮތީ އެ ވާހަކަ ތަކުރާރުކުރުން ހުއްޓާލައި (ތަޥްބާވެ ފާފަ ދޫކޮށްލައިފައިވުމުން) އެކަމަށް ﷲ އަށް ޝުކުރުވެރިވާ ޙާލުގައި އުފާކުރުމެވެ. الإمام ابن القيم رحمه الله ވިދާޅުވެފައިވެއެވެ. ”ޢަޅާ ދުނިޔެމަތީގައި ހޭދަކުރި ދުވަސްތަކުގެ ތެރެއިން މުޠްލަޤުކޮށް އެންމެ ހެޔޮވެގެންވާ އަދި މަތިވެރި ދުވަހަކީ، އަޅާ ﷲ އަށް ތަޥްބާވި ދުވަހެވެ“ (زاد المعاد (٥٨٥/٣)).
އިސްވެ ބަޔާންވި ޖުމްލަތަކުން، އެނގިގެންދަނީ އެފަދައިން ފާފަތަކުން ތަޥްބާވެފައިވާ އަންހެން މީހާއަށް، މާޒީވެ ގޮސްފައިވާ އެފަދަ ކަންތައްތަކުގެ ވާހަކަ ދެއްކުމާއި އެކަންތައް ކިޔުމަކީ، ރިވެތި ގޮތުގައި ދެމަފިރިން އުޅުމުގެ ދިރިއުޅުމާއި ފުށޫއަރާ ކަމެކެވެ. އެފަދަ ވާހަކަތައް ދެއްކުމަކީ އަންހެން މީހާގެ މައްޗަށް ޝައިތާނާއަށް އެހީތެރިވުން ކަން ފިރިމީހާ ދަންނަން ޖެހެއެވެ. ހިތްދަތިކަން ވެއްދުމުގައި ޝައިތާނާއާއި ފިރިމީހާ ބައިވެރިވަނީއެވެ. ޝައިޠާނާގެ މަސައްކަތުގެ ތެރޭގައި ކުރެވިފައިވާ ކުށްތަކަށް އޭގެ ފަހުގައި މާޔޫސްކަމާއި، ހިތްދަތިކަމާއި، ހިތާމަ އާއި މޮޅިވެރިކަން ގެނެސް މުއުމިނުއަޅާ ބަލިކަށި ކުރުންވެއެވެ. ވީމާ ފިރިމީހާ އެހިނދު ޝައިޠާނާއަށް ވާގިވެރިވުން ނޫނީ ނުވެއެވެ. މުއުމިނު އަޅުތަކުންގެ ސިފަ ކަމުގައިވާހުށީ އަނެކާއަށް އުފާވެރިކަން އަދި ހިތްހަމަޖެހުން ވައްދައިދިނުމެވެ.
ދެވަނައީ: މާޒީވެ ގޮސްފައިވާ ވާހަކަތައް ދެއްކުމުގެ ސަބަބުން ދެމަފިރިންގެ ދެމެދުގައި މައްސަލަޖެހި ދެމަފިރިން ދެމެދުގައި ނުރުހުމާއި ކައިވެންޏަށް އެކިއެކި ގޮތް ގޮތުން އަޘަރު ކުރުވުމެވެ. އެހިނދު އެއީ ނުހަނު ބޮޑަށް މަނާކުރެވިގެންވާ ހުއްދަވެގެން ނުވާ ޢަމަލެކެވެ. ސަބަބަކީ، ކައިވެނީގެ އަޞްލަކީ ދެމަފިރިން އެކަކު އަނެކަކު ކައިވެނީގެ ޢަޤުދަށް ނުހަނު ފަރުވާތެރިވުމާއި ކައިވެނީގެ ޢަޤުދުގެ މައްޗަށް ރައްކާތެރިވުމެވެ. ފަހެ، އެ ޢަޤުދު ރޫޅިދާނެ ނުވަތަ ޢަޤުދަށް އަޘަރުކޮށްފާނެ އެންމެހައި ބާވަތްތަކުގެ ބަސްތަކާއި ޢަމަލުތަކުން ދުރުހެލިވުމަކީ ދެމަފިރިންގެ މައްޗަށް ނުހަނު ބާރު އެޅިފައިވާ ކަމެކެވެ. ޙަޤީޤަތުގައި ހެޔޮވެގެންވާ ދިރިއުޅުމުގައި އުޅުމަކީ އެ އަޤުދަށް ރައްކާތެރިވުމުގައި ދެމަފިރިން ދެމިތިބުމެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. “وَعَاشِرُوهُنَّ بِالْمَعْرُوفِ” “އަދި، ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ!”
ވީމާ، އަނބިންނާ އެކުގައި ހެޔޮ ގޮތުގައި އުޅުމަކީ މަޒީގެ ވާހަކަ ދައްކައި، ހިތްދަތިކުރުމާއި، އެ މާޒީގެ ވާހަކަތައް ނުދެއްކުމަށް ބުނެފައި އޮއްވާ ދެއްކުން، މާޒީގެ ވެފައިވާ ކަންތައްތައް ދޫކޮށް އިޞްލާޙުގެ މަގު ހޯދައިފައިވާހިނދު، ފިރިމީހާ ހިތްހަމަ ނުޖެހޭ ކަމެއް ދިމާވުމުން އެވާހަކަތައް ދެއްކުން އެއީ “ހެޔޮ ގޮތުގައި ދިރިއުޅުން ކަމުގައި ނުވާނެއެވެ” .
العلامة ابن العربي المالكي رحمه الله ވިދާޅުވެފައިވެއެވެ. “އަންހެނުންނާ ކައިވެނި ޢަޤުދު ކުރުމާއެކު، ފިރިންނަށް ﷲ އަމުފުރުފުޅު ކުރައްވާފައިވަނީ، އެންމެ ފުރިހަމަ ގޮތުގައި އެކަނބަލުންނާއެކުގައި ދިރިއުޅުމަށާއި، ނަފްސަށާއި ލޮލަށް ފިނިކަން ގެނެސްދޭ ގޮތުގައި އުޅުމަށް އަމުރުފުޅު ކުރައްވާފައިވެއެވެ” (أحكام القرآن 2/363).
العلامة الجصاص الحنفي رحمه الله ވިދާޅުވެފައިވެއެވެ. “އެކަނބަލުންނާ އެކުގައި ހެޔޮގޮތުގައި އުޅުމުގެ ތެރެއަށް، އަންހެން މީހާގެ ރަން، ޚަރަދު އަދި ރޭކުރުމުގައި ލިބެންޖެހޭ ޙައްޤު ދިނުން ހިމެނެއެވެ. އަދި ހަރުކަށި، ގަދަފަދަ ބަސްބުނުން ދޫކޮށްލުން ވެސް، ހެޔޮ ގޮތުގައި ދިރިއުޅުމުގެ ތެރޭގައި ހިމެނިގެންވެއެވެ” (أحكام القرآن للجصاص 3/47).
ދެމަފިރިންގެ ދެމެދުގައި ބޭއްވުމަށް ﷲ އަންގަވާފައިވަނީ ޢަފޫ ކުރުމާއި ކެތްތެރިވުމެވެ. އިސްވެ ބަޔާންކުރެވުނު ފަދައިން ފިރިމީހާގެ ޢަމަލަކީ މާޒީވެގޮސްފައިވާ ވާހަކަތައް ދެއްކުން ކަމުގައިވާނަމަ އެއީ މި ހެޔޮގޮތާއި ﷲ ގެ އަމުރުފުޅާއި ފުށޫ އަރާ ކަމެކެވެ. ޙަޤީޤީ މަޢާފު ކުރުމަކީ އެއްގޮތަކަށް ވެސް އެ ވާހަކަތައް ނުދެއްކުމާއި އެ ބަސްތައް ތަކުރާރު ނުކުރުމެވެ.
އަދި އޭގެ އިތުރަށް އެފަދަ ވާހަކަތައް ނުދެއްކުމަށް، ދެއްކުމުން މައްސަލަތައް ކުރިމަތިވާނެކަން ދެނެހުރެ، އެފަދަ ވާހަކަތައް ދެއްކުން ކޮންފަދައަކުން މަނާވެގެންވާނެ ހެއްޔެވެ؟
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.