ލޯނުގެ ނަން ބަދަލުކުރުމުން އެލޯނެއް ނެގުން ހުއްދަވާނެތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ލޯނާއި މެދުގައި ކޮށްފައިވާ ސުވާލުގައި ބުނަމެވެ.

އަޚާ އެވެ! އަހަރުމެން ބަލަންވީ އެބަޔަކު ކިޔާ ނަމެއް ނޫނެވެ. ”ގެދޮރުވެރިޔާ ލޯނު“ ”ރިކޮވެރީ ލޯން“ ”ލުއި ލޯން“ ”ފްލެޓް ލޯން“ ”އެއްޕަސެންޓް އިންޓެރެސްޓް ލޯން“ ”ގެދޮރޮވެރި ކަމުގެ ލޯނު“ މިއީ ޝަރީޢަތުގައި ޙުކުމް ކަނޑައެޅޭ ނަންތަކެއް ނޫނެވެ.

މިއީ، މަކަރާއި، ޙީލަތާއި، ނޭނގުމާއި އޮޅުވާލުމުގެ ތެރެއިން މީސްތަކުންނަށް ޙަރާމް މަގުތަކަށް އަރުވައި އެ މަގުތަކުގައި ޣަރަޤުކޮށްލުން ކަމުގައި ވެދާނެ އެވެ.

އަޚާ އެވެ! ލޯނާއި މެދުގައި ބަލަންޖެހޭނީ، އެމީހަކު ސަރުކާރުން ނުވަތަ އެހެން މީހެއްގެ ފަރާތުން ކަމުގައިވީނަވެސް، އެ ދަރަނި އަނބުރާ ދައްކާއިރު އެންމެ ލާރިއެއް (މާގިނައިން ނޫނެވެ. އެންމެ ލާރިއެކެވެ.) އެންމެ ފައިސާ ފޮއްޗެއްވެސް އެމީހަކު ދަރަންޏަށް، ލޯނަށް ނެގި ޢަދަދަށް އިތުރުކޮށްފައި ދޭން ޖެހޭނަމަ އެއީ ކަނޑައެޅިގެންވާ ރިބާ އެވެ.

އިސްލާމް ދީނުގައި ބަޔާންވެގެންވާ އެންމެ ބޮޑެތި ފާފަތަކުގެ ތޭރަގައިވާ ފާފަ އެކެވެ. އަދި ކިޔެއްތަ! އެތައް ސަތޭކަ ބޮޑެތި ފާފަތައް ވާހިނދު އެންމެ ބޮޑު 7 ފާފައިގެ ތެރޭގައި ހިމެނޭ އެއް ފާފަ އެވެ.

އެންމެ ލާރިއެއް އަދާކުރަންޖެހޭ ދަރަންޏެއްވެސް އިތުރަށް ދައްކަން ޖެހޭ ނަމަ އެއީ ރިބާކަމުގައިވާއިރު، މި ރިބާގެ ނުބައިކަމާއި، މުޑުދާރުކަމާއި، ފާފައިގެ މިންގަނޑު ކިޔާލުން ހުއްޓެވެ.

1. (وَأَحَلَّ اللَّهُ الْبَيْعَ وَحَرَّمَ الرِّبَا) سورة البقرة 275

”ވިޔަފާރި ކުރުން ﷲ ވަނީ ޙަލާލު ކުރައްވާފައިއެވެ. އަދި ރިބާ ވަނީ ޙަރާމް ކުރައްވާފައިއެވެ“.

الربيع بن أنس رحمه الله ވިދާޅުވެފައިވެއެވެ. ”ﷲ عزوجل ވަނީ އެންމެ ބޮޑުވެގެންވާ ނަޙީ ކުރެއްވުމަކުން ރިބާ ޙަރާމް ކުރައްވާފައިއެވެ. ފަހެ، ތިޔަބައިމީހުން ރިބާގެ މައްޗަށް ބިރުވެތިވާށެވެ. އަދިވެސް ވިދާޅުވިއެވެ. ރިބާއަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނިގެންވާ އެއްޗެކެވެ“(تفسير ابن أبي حاتم 2893).

2. (يَاأَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَذَرُوا مَا بَقِيَ مِنَ الرِّبَا إِنْ كُنْتُمْ مُؤْمِنِينَ) ” އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲ އަށް ތިޔަބައިމީހުން ތަޤްވާވެރިވާށެވެ. އަދި ތިޔަބައިމީހުން މުއުމިނުން ކަމުގައިވާނަމަ، ރިބާގެ ތެރެއިން ބާކީ (ލިބޭން) ހުރި އެއްޗެއް ތިޔަބައިމީހުން ދޫކޮށްލާށެވެ].

عَبد الله بن مَسعُود رضي الله عنه ވިދާޅުވެފައިވެއެވެ. ”އެންމެ ނުބައި ވެގެންވާ އާމްދަނީ އަކީ ރިބާގެ އާމްދަނީއެވެ“(صحيح/ابن أبي شيبة ٣٥٦٩٤).

3. جَابِر -رضي الله عنه ވިދާޅުވެފައިވެއެވެ. (لعن رسول الله ﷺ آكل الربا، وموكله وكاتبه، وشاهديه، وقال هم سواء) “ރިބާ ކާ މީހާއަށާއި، ރިބާ ހޯދައިދޭ މީހާއަށާއި، ރިބާ ލިޔެދޭ މީހާއަށާއި، ރިބާއަށް ހެކިވާ ދެ ހެކިވެރިންނަށް رسول الله صلى الله عليه وسلم ލަޢުލަން ލައްވާފައިވެއެވެ. އަދި ޙަދީޘްފުޅު ކުރެއްވިއެވެ. އެ އެންމެހައި ފަރާތްތައް ފާފައިގައި ހަމަހަމަވެގެންވެއެވެ”. މި ޙަދީޘް مسلم ޞަޙީޙުގައި ރިވާކޮށްފައިވެއެވެ.

އަދި މި އެންމެނަށް އިޝާރަތް ކުރެވި ބައެއް ރިވާޔަތްތަކުގައި ވެ އެވެ . ”وقال هم سواء“ ޔަޢުނީ : ލަޢުނަތުގައި ހަމަހަމަވެގެންވެ އެވެ.

އަޚުންނޭވެ! ﷲގެ ޙަޟުރަތުން އަހުރެން ރައްކާތެރިކަމަށް އެދެމެވެ. ރިބާގެ ނުރައްކާ ނުހަނު ބޮޑުވެގެންވެ އެވެ.

ރިބާ ކާ މީހާއަށް ލަޢުނަތުގެ ވަޢީދުގެ އިންޒާރުވަނީ އައިސްފަ އެވެ.

އަދި ރިބާގެ މުޢާމަލާތަށް ހެކިވާ ފަރާތްތަކަށް ލަޢުނަތުގެ ވަޢީދުގެ އިންޒާރުވަނީ އައިސްފަ އެވެ.

ރިބާ ލިޔެދޭ މީހާ، އެއީ ކޮންޕިއުޓަރުން ލިޔުނު ކަމުގައިވީނަމަވެސް، އެމީހާއަށް ލަޢުނަތުގެ ވަޢީދުގެ އިންޒާރުވަނީ އައިސްފަ އެވެ.

މި ޙަރާމް ވެގެންވާ، ނުބައިކަން ބޮޑުވެގެންވާ، އެންމެ ބޮޑުވެގެންވާ ފާފަތަކުގެ ތެރޭގައި ކަނޑައެޅިފައިވާ ފާފަގެ ނުރައްކާ ކިހާ ބޮޑުވެގެންވޭ ހެއްޔެވެ؟

މިއަދު ގެދޮރު ހެދުމަށް ލޯނުނަގައި، އެ ލޯނަށް ފައިސާ އަނބުރައި ދައްކާހިނދު ނެގި ޢަދަދަށްވުރެ އިތުރުކޮށްފައި ދެވޭ މުޢާމަލާތަކީ، ފާޅުވެ ބަޔާންވެގެންވާ ގޮތުގައި ރިބާ ކެއުމާއި ރިބާގެ މުޢާމަލާތް ކުރުމެވެ.

މިކަންތައްތައް މިއަދު އެތަކެއް ސިފައިގައި އެތަކެއް ޞޫރަތަކެއްގައި، މަކަރާއި އޮޅުވާލުމުގެ ތެރެއިން ހިންގަމުންދެ އެވެ.

ރިބާގެ ގޮތުގައި ފައިސާ ފޮއްޗެއްގެ މިންވަރަކީ އޭގެ ނުރައްކާ ނުހަނު ބޮޑުވެގެންވާ ފާފައެއް ކަމުގައިވާހިނދު، ހާހުން، ލައްކައިން، މިލިޔަނުން ރިބާ ހޯދުން ކޮންފަދަ ބޮޑުވެގެންވާ ޖަރީމާއެއް ހެއްޔެވެ؟

މުސްލިމް އަޚުންނޭވެ! ރިބާގެ ފާފައިގެ ޖަރީމާ، ރިބާގެ ފާފައިގެ ނުރައްކާ ދެނެގަތުން ހުއްޓެވެ.

މިއީ މި ފާފައިގެ މުޑުދާރު ކަމާއި، އޭގައިވާ ޢުޤޫބާތާއި އޭގެ ވަޢީދުގެ ބޮޑުކަން ކަމުގައި އެނގިއްޖެ އެކަކުވެސް މިފަދަ އެއްވެސް މުޢާމަލާތަކާއި ކައިރި އަދި ގާތްވެސް ނުވާނެކަން ޔަޤީނެވެ.

4. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. (دِرهمُ رِبًا يأكلُه الرجلُ، و هو يعلمُ، أشدُّ عندَ اللهِ من سِتَّةٍ و ثلاثِينَ زَنْيةً) “އެ މީހަކަށް އެނގިހުރެ، ރިބާގެ ގޮތުގައިވާ ފައިސާފޮއްޗެއްގެ މިންވަރު ކެއުން ﷲ ހަޟުރަތުގައި ތިރީސް ހަ ފަހަރު ޒިނޭ ކުރުމަށްވުރެ ނުބައިކަން ބޮޑުވެގެންވެއެވެ” (صحيح الجامع ، 3375 ).

ޒިނޭއަކީ ކޮންފަދަ ފާފައެއް ހެއްޔެވެ؟ ކޮންފަދަ މުޑުދާރު ޢަމަލެއް ހެއްޔެވެ؟ އެއީ ކޮންފަދަ ބޮޑުވެގެންވާ ޙުކުމެއް ކަނޑައެޅިފައިވާ ޢަމަލެއް ހެއްޔެވެ؟ ރިބާގެ އެންމެ ފައިސާ ފޮއްޗެއް ވަރުގެ މިވަރުގެ ވާހަކަ އެވެ. އެންމެ ދިރުހަމެއްގެ ވާހަކަ އެވެ. އެ ޢަދަދު 36 ފަހަރު ޒިނޭ ކުރުމަށްވުރެ ނުބައިވެގެންވާ ޢަމަލު ކަމުގައި އޮތުމުން މިކަން ޚިޔާލަށް ގެނެވޭހެވެ. ވިސްނުމަށް އާދޭ ހެއްޔެވެ؟ 

މިފަދަ އިންސާނާގެ ހަޔާތް، ދިރިއުޅުން އޮންނާނީ ކޮންފަދައަކުން ހެއްޔެވެ؟

5. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. (الرِّبا اثَنانِ و سبعونَ بابًا، أَدْناها مثلُ إِتْيانِ الرجلِ أُمَّهُ) “ހަތްދިހަ ދެ ބާވަތުގެ ރިބާ ވެއެވެ. އެ ބާވަތްތަކުގެ ތެރެއިން އެންމެ ދަށް ބާވަތުގެ މިޘާލަކީ ފިރިހެނަކު އޭނާގެ މަންމައާ އެއްދާން ކުރުމެވެ” (السلسلة الصحيحة، 1871).

މުޑުދާރުކަމުގައި އިންތިހާ ދަރަޖަ ނޫން ހެއްޔެވެ؟ ތިމާގެ މަންމައާ އެކީގައި އެއްދާންކޮށް، ޝަހުވަތް ފުއްދަން އިންސާނަކަށް އާދަމު ދަރިއަކަށް ކެރޭނެ ހެއްޔެވެ؟ މިޢަމަލު މަންމައާ އެކު ކުރާނެ ހެއްޔެވެ؟  

ފަހެ، ރިބާގެ އެކިއެކި މިންވަރުގެ އެކިއެކި ގިންތިވެ އެވެ. އެ ގިންތި ތަކުގެ ތެރެއިން އެންމެ ދަށް ރިބާގެ މުޢާމަލާތުގެ ޢަޒާބަކީ މިއެވެ.  

ފަހެ، އެތައް ހާހުން އަދި ލައްކައިން ލޯނު ނަގައި އަނބުރައި ދައްކާއިރު އިތުރުކޮށްފައި ދިނުމަކީ، ރިބާގެ ކުޑަ ގިންތިއެއް ނޫނެވެ. ފަހެ، މިއީ އެތައް އަހަރު ދުވަސްތަކެއްވަންދެން ތިމާ ހުއްޓާލުމެއް ނެތި ކުރާނެ، އެ ފާފައެއްގެ މަތީގައި ދެމިހުންނަ ފާފައަކަށްވެ އެވެ.  

އެއީ މިފަދަ ރިބާ ލޯނުތައް އެތައް އަހަރެއްވަންދެން ދައްކައި ދައްކައި ހުންނަން ޖެހެ އެވެ. މާނައަކީ، މި ފާޙިޝް ޢަމަލުގެ މަތީގައި ތިމާ ހުރުމެވެ.  

ﷲ މިފަދައިން ކޯފާވެވޮޑިގަންނަވާ އަދި ޙަރާމް ކޮށްފައިވާ ޢަމަލުގެ މަތީގައި ތިމާ ހުރެ ﷲއާ ބައްދަލު ކުރަންޖެހޭ ދުވަހުގައި ވާނީ ކިހިނަކުން ހެއްޔެވެ؟ 

ﷲ ޙަރާމް ކުރެއްވި މި މަގަށް އެރުން ހެޔޮ ނުވާނެ އެވެ.  

ތިމާ ތަނެއްގައި، ޖިފުޓިއެއްގައި، ޓެންޓެއްގައި އުޅެން ޖެހުނު ކަމުގައިވީނަމަވެސް، މި ފާފައަށް އަރައިގަތުން ހެޔޮ ނުވާނެ އެވެ.

އަޚާއެވެ! މި ފާފައިގެ ނުރައްކަލާމެދު ނަފްސަށް ބިރުވެރިކަން ނުވަދޭ ހެއްޔެވެ؟ ހިތާއި ހަށިގަނޑަށް މި ނުބައިކަން ބޮޑުވެގެންވާ ޢަމަލަށް ސަމާލުވާން ނުޖެހޭ ހެއްޔެވެ؟ މިއަދު އެތައް ތަނަކުން، އެތައް ބަޔަކު “އިސްލާމީ” އަޅުވައިގެން މި ނުބައިވެގެންވާ ޙަރާމް ވެގެންވާ ޢަމަލު ކުރަމުން ގެންދާކަމަކީ އެއްވެސް ޝައްކެތް ނެތް ކަމެކެވެ. ޢިލްމުވެރިންގެ ބަސްފުޅުތަކުން މިކަމުގެ ޖަރީމާ އާއި ނުރައްކާލާމެދު ވިސްނާލުން ހުއްޓެވެ.

6. الإِمَام مَالك -رحمه الله- ވިދާޅުވެފައިވެއެވެ. ”ހަމަކަށަވަރުން އަހަރެން ﷲގެ ފޮތަށް ނަޟަރު ހިންގައި ބެލީމެވެ. އަދި އެ އިލާހުގެ ރަސޫލާ ﷺގެ ސުންނަތް ބެލީމެވެ. ރިބާ އަށްވުރެ (ޢަޛާބާއި ޢުޤޫބާތުގައި) ގަދަފަދަ އެއްޗެއް ނުދެކެމެވެ. ސަބަބަކީ ﷲވަނީ އެއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އިޛުނަ ދެއްވާފައިއެވެ“(تفسير القرطبي ٤٠٥/٤ ).

އަޚުންނޭޥެ! އެތައް އާޔަތްތަކެކެވެ. އެތައް ޙަދީޘްތަކެކެވެ. އެތައް އެތައް ޢިލްމުވެރިންގެ ބަސްފުޅުތަކެވެ. ނަޖިސްކަމަށް ނުފުދޭ ހެއްޔެވެ؟ މުޑުދާރުކަމަށް ނުފުދޭ ހެއްޔެވެ؟

ރިބާގެ ފައިސާ ފޮއްޗެއް ޢުޤޫބާތަކީ 36 ފަހަރު ޒިނޭ ގެ ޖަރީމާއެވެ. سبحان الله! އެންމެ ޒިނޭގެ ފާފައަށް ވިސްނާލުން ހުއްޓެވެ. ތިމާ ތިމާގެ މަންމައާއި އެއްދާން ކުރުން މިއީ ބުއްދި ހުރި އިންސާނަކަށް ކުރެވޭނެ ކަމެއް ހެއްޔެވެ؟

ތިމާގެ މަންމައެވެ! ހުތުރުކަމާއި، އޭގެ ނުބައި މުޑުދާރުކަމެވެ. އެހެނަސް މިއީ މިއަދު ފެން ފޮދެއްފަދަ ޢަމަލެކެވެ. ޚިޔާލެއް ވިސްނުމެއް ނެތި ކޮށްލާ ޢަމަލެކެވެ. އަނބުރާ ދައްކާއިރު، އެންމެ ލާރިއެއް ދޭން ޖެހުނަސް އެއީ ޙަރާމްވެގެންވާ ރިބާގެ މުޢާމަލާތެކެވެ. މިއަދު ދައްކަނީ ލައްކައިން ނުވަތަ މިލިޔަނުންނެވެ. މި ފާފަ ތިމާ ކޮނޑުގައި އަޅައި އުފުލުމަށް ބިރު ނުގަންނަނީ ބާއެވެ.

މިއަދު މި ރިބާ ކެއުމަށް ކިތައް ނަމެއް އެބައިމީހުން ދީފި ހެއްޔެވެ؟ “ލުއި ލޯނެވެ.” ތިމާގެ މަންމައާ އެއްދާން ކުރާ ފާފަ ލުއިވާނެ ހެއްޔެވެ؟

ޙަދީޘްގައިވަނީ ބަނގުރަލަށް ވެސް އެހެނިހެން “ރީތި ނަން ކިޔައި” އެ ބޯނެ މީހުން އުއްމަތުގައި ނުކުންނާނެ ކަމެވެ. رَسُول الله ﷺ ޙަދީޘް ކުރެއްވިއެވެ. (ليشربَنَّ ناسٌ من أُمَّتِي الخمرَ يُسمُّونها بغيرِ اسمِها) ”ތިމަން ނަބިއްޔާގެ އުއްމަތުގެ ތެރެއިން ބަޔަކު، ބަގުރަލަށް އޭގެ ނަން ނޫން އެހެން ނަންތައް ކިޔައިގެން ބަގުރާ ބޯނެއެވެ“ (صحيح أبي داود 3688).

އަޚާއެވެ! ﷲ އަށް ބިރުވެރި ވާށެވެ! މުދަލަކުން، އަތްބެއްގެ ކިބައިން، ދަރިއެއްގެ ކިބައިން މަންފާއެއް ނުކުރާނެ ދުވަހަކަށް ބިރުވެތި ވާށެވެ. ރިބާ ކެއުމުގެ ޖަރީމާއާ ދުރުވާށެވެ. އަޚާއެވެ! ސަލާމް ޖަހައި، ޖިފުޓިއެއްގައި، ނުވަތަ މަގުމަތިވެފައި ހުރެ ޣުލާން ކޮށްގެން ދިރިއުޅުން ވެސް މި ފާފައަށް އަރައިގަތުމަށްވުރެ ޠާހިރުވެފައި ހެޔޮކަން ބޮޑެވެ. ފަހެ، ތިމާ ކާނެ، ބޯނެ ތަކެތި ހުރެ، އަރާމާއި ނިޢުމަތުގައި އުޅެ، މި ޙަރާމް، ބޮޑުވެގެންވާ ޙަރާމްއަށް ދިއުން ހެޔޮ ވާނެ ހެއްޔެވެ؟

އިންސާނުންގެ ވިސްނުމާއި ބުއްދި ހުރި ޙާލަތު މިއަދު ފެނިފައި ލޮލުން ކަރުނަ އޮހެރެއެވެ. ތިޔަ އަޚާ އަކީ ވިޔަފާރީގައި އުޅޭ އަޚެއް ކަމުގައި ވާނަމަ، މި ރިބާ ކެއުމުގައި، މުޢާމަލާތް ކުރުމުގައި މީސްތަކުން ތިބި ގޮތް ފެންނާނެއެވެ.

އެއަށްފަހު ﷲ ބަލި މަޑިމަޑުކަމާއި ތަދުމަޑުކަން ލެއްވީއެވެ. ކީއްވެ ހެއްޔެވެ؟ އެ ފާފައިން އެބައިމީހުން އެއްކިބާވެ، ﷲ އަށް ރުޖޫއަވެ އެ އިލާހުގެ ބޮޑުވެގެންވާ ކޯފާއެއް އައިސްދާނެ ކަމަށް ބިރުވެތިވެ އެ ފާފަތައް ހުއްޓާ ލުމަށެވެ. (ظَهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِي النَّاسِ لِيُذِيقَهُمْ بَعْضَ الَّذِي عَمِلُوا لَعَلَّهُمْ يَرْجِعُونَ) “މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތައްތަކުގެ ސަބަބުން އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެއްޖެއެވެ. އެބައިމީހުން ކުރި ބައެއް ޢަމަލުގެ ރަހަ އެބައިމީހުންނަށް ދެއްކެވުމަށެވެ. އެއީ އެބައިމީހުން (ތަޥްބާވެ) ރުޖޫޢަ ވުމަށްޓަކައިއެވެ”.

މި އާޔަތުގައި، ވަބާތަކާއި، މުޞީބާތްތަކާއި، ބަލިމަޑުކަމާއި، އަދި ދަތި ޙާލަތް މެދުވެރިވާ ސަބަބު ވަރަށް ސާފު ބަޔާނުން ބަޔާން ވެގެންވެއެވެ. ޔަޢުނީ؛ ބަލި އަދި ބަލިން ސަލާމަތް ވެވޭނެ ގޮތެވެ.

“އެބައި މީހުން ކުރަމުންދާ ނޭދެވޭ، އުރެދިފައިވާ ޢަމަލުތަކުން ތަޥްބާވެ އެބައިމީހުން ޙައްޤަށް ރުޖޫޢަ ކުރުމަށްޓަކައިއެވެ”.

އެހެނަސް ރުޖޫޢައެއް ނުވެއެވެ!

ހުއްޓައެއް ނުލައެވެ!

އާ ނަމެއްގައި، އާ ޞުރުޚީއެއް ދަށުން އަނެއްކާ ވެސް ރިބާއެވެ!

حسبنا الله ونعم الوكيل. ولا حول ولا قوة إلا بالله

Similar Posts

Leave a Reply