ތާރަޖެހުމުގެ ޙުކުމަކީ ކޮބާތޯއެވެ؟
الحمد لله رب العالمين. والصلاة والسلام على رسول الله، و على آله و أصحابه ومن تبعهم إلى يوم الدين.
މިއުޒިކީ އާލަތްތަކުގެ ތެރޭގައި ހިމެނޭ ތާރަ ޖެހުމުގެ މައްޗަށް ޛިކުރު ކުރުމެވެ.
މިއީ މިއަދު ބަޔަކު މީހުން އެ އެއްޗެއް ހެޔޮ އެއްޗެއް ކަމަށް ދެއްކުމަށް އަތުކުރި އޮޅައި، އެބައިމީހުންގެ އެ ޢަމަލު ޒީނަތްތެރި ކުރުމަށް މަގުކޮށަމުން އަދި އެމަގެއް ކޮށަމުން ފައި އަޅަމުންދާ އެއް މައްސަލަ އެވެ. މީސްތަކުން އެކަންކަމަށް ބޭނުންވެފައިވާ ކަންތައްތައް ކުރުމަށް، ދީނުގައި ވަކި ޙުދޫދްތަކުން ހުއްދަވެފައިވާ އެއްޗެއް އެބައެއްގެ ނަފްސުގެ އެދުންތަކާއި އަދި ދުނިޔޭގެ އެކިއެކި އެދުންތައް ހޯދުމަށްޓަކައި ހުއްދަ ނޫން ޢަމަލު ހުއްދަކޮށްފައިވުމެވެ.
ابن عباس رضي الله عنه ވިދާޅުވެފައިވެ އެވެ. ”ތާރަ ޖެހުން ޙަރާމް އެވެ. މިއުޒިކް ކުޅުން ޙަރާމް އެވެ. ބެރުޖެހުން ޙަރާމް އެވެ. ދުންމާރި (ފުމޭ އޮނު) އަކީ ޙަރާމް އެއްޗެކެވެ.“ صحيح/تفسير سعيد بن منصور١٧٢٣
މާތް މަތިވެރި ޞަޙާބީގެ ބަސްފުޅުގައި ބަޔާންވެގެންވަނީ، ތާރަ ޖެހުމާއި، ބެރުޖެހުން ޙަރާމްވެގެންވާކަމެވެ.
الإمام شيخ الإسلام ابن تيمية (728 ގައި ދުނިޔެ ދޫކުރެއްވި އިމާމެއް) رحمه الله ވިދާޅުވެފައިވެ އެވެ. ”ފަހެ، ނަބިއްޔާ ﷺ ގެ ޒަމާނުގައި އެބޭކަލުންގެ ތެރެއިން އެއްވެސް ބޭކަލެއް ތާރަ ޖައްސަވާފަ އެއް ނުވެ އެވެ. އަދި އެބޭކަލުންގެ ތެރެއިން އެއްވެސް ބޭކަލެއް އަތްތިލަ ނުޖައްސަވަ އެވެ.“ مجموع الفتاوى 11-565
އަޚުންނޭވެ! ޙުއްޖަތްތަކާއި ދަލީލުތަކާއި، ޞަޙާބީންނާއި ތާބިޢީންނާއި އުއްމަތުގެ އެކިއެކި ޤަރުނުތަކުގައި ފާޅުވި އިމާމުންގެ ބަސްފުޅުން މިއުޒިކީ އެންމެހައި އާލާތްތަކެއް ޙަރާމްވެގެންވާކަން މިވަނީ ބަޔާންވެގެންނެވެ.
އިސްވެ ބަޔާންވެ ޛިކުރު ކުރެވިފައިވާ ބަސްފުޅުތަކުން ޙަރާމްވެގެންވާ ޝައްކެތްވެސް ނުވާގޮތުގައި ބަޔާންވުމުން، ދީނުގެ ޤަވާޢިދުތައް ދަންނަ ކޮންމެ މީހަކަށް އެނގިގެންދާނީ، މިފަދަ އެއްޗެއް ބޭނުން ކުރުން ހުއްދަވެއްޖެ ހިނދު އެ ހުއްދަ ލިބިގެންދާނީވެސް ދީނުގައި ބަޔާންވެގެންވާ ދަލީލެއްގެ މައްޗަށެވެ. ޙަރާމް ވެގެންވަނީ ދަލީލުތަކުގެ މަތިންނެވެ. ވުމުން ހުއްދަވާނީވެސް ދަލީލުތަކުން ހުއްދަކޮށްފައިވާ މިންވަރުންނެވެ. އަދި އެ ދާއިރާގެ ތެރޭގައި އެވެ. އެއަށްވުރެ ފުޅާ ކުރުމަކީ ޝައްކެތްވެސް ނެތް ގޮތުގައި ދީނުގައިވާ ޙުކުމްތަކުގެ މައްޗަށް ޙައްދުފަހަނައަޅައި ދިއުމެވެ.
ފަހެ، މިކަމުގެ މައްޗަށް ސަމާލުވުން ހުއްޓެވެ. ރައްކާތެރިވުން ހުއްޓެވެ. އެކަމަށް ނަފްސަށް އިންޒާރު ލިބިގަތުން ހުއްޓެވެ. މި ޒަމާނަކީ އެތައް ފާފަތަކާއި މުންކަރާތެއް އަދި ދީނުގައި ނުވާކަންތައްތައް އޮޅުވާލުމާއި، ހަވާނަފްސާއި އަދި ތިމާމެންގެ މަޝްހޫރުކަމާއި، ލަނޑުދަނޑިއަށް ވާޞިލްވުމަށް ކުރަމުންދާ ޒަމާނެކެވެ. އެފަދަ މީސްތަކުންގެ ބަސްތައް ބަޔާންކޮށް ޙުއްޖަތްތަކާއި ހަޤީޤަތް ހާމަކުރުމުން އެއީ ”ޙައްދުފަހަނައެޅުން“ ކަމުގެ ބަސް އެބައެއްގެ ބޮލުގައި އަޅުވާ ޒަމާނެވެ.
الإِمَام العَلاَّمَة الأَلْبَانِي رحمه الله ވިދާޅުވެފައިވެ އެވެ. ”(މިއުޒިކްގެ) ވާހަކަ މިއަށްވުރެ ބޮޑު ޙާލަތަކަށް ގޮސްދާނެ ކަމަށް އަހަރެން ބިރުވެތިވަމެވެ. ފަހެ، މީސްތަކުން މިއުޒިކްގެ ޙުކުމް ހަނދާންނެތި، އެބައިމީހުންނަށް މިއުޒިކްގެ ޙުކުމް ބަޔާންކުރުމުން އެ ބަޔާންކުރި މީހާގެ މައްޗަށް އިންކާރުކޮށް އޭނާއަކީ ޙައްދުފަހަނައަޅައިފައިވާ މީހެއްގެ ގޮތުގައި ނިސްބަތް ކުރާނެ އެވެ.“ تحريم آلات الطرب
މިއަދު އެއްއަޑަކުން އަޑުއިވެނީ ”ކައިވެނީ ޙަފްލާއަށް ތާރަޖަހާ ކެސެޓްރޯލު ހަދައި ތައްޔާރު ކުރާ“ ވާހަކަ އެވެ. ފަހެ، މިފަދައިން ތާރަ ޖެހުމާއި، ތާރަ ޖަހައި ރެކޯޑްކޮށް، އަދި އޭގެ އިތުރަށް ފިރިހެނުން ތާރަޖަހައި، ކައިވެނީގެ ޙަފްލާތަށް ފިރިހެނުން ތާރަޖެހުމާއި ފިރިހެނުން ލަވަކިވައި، ނަޝީދު ކިޔުން މިއީ ދީނުގައި އޮތް ކަމެއް ހެއްޔެވެ؟
ނުވަތަ ހުއްދަ ޙާލަތެއް އޮވެފައި، އޭގެއިން ބޭރުން އަރައިގެންފައި އެތަކެއް ބަޔަކަށް އޮޅުވައިލުން ހެއްްޔެވެ؟
މި ބަސްތައް މިއަދު އެކިއެކި ދިމާލުން ސުވާލުތަކުގެ ގޮތުގައި ހުށެހެޅުމުން ޖަވާބުގައި ބުނަމެވެ.
ފުރަތަމައީ : މި މައްސަލައިގެ ވަރަށްވެސް މުހިންމު އަޞްލެއްގެ މައްޗަށް އަހަރެމެން ފިޤުހުވެރިވާން ޖެހެ އެވެ. އެއީ ”މިއުޒިކްގެ އެންމެހައި ވަތްތަރުތަކާއި އަދި މިއުޒިކްގެ އެންމެހައ އާލާތްތަކުގެ އަޞްލަކީ ޙަރާމް ކަމުގައިވުމެވެ.“ އިސްވެ ބަޔާންކޮށް ޛިކުރު ކޮށްފައިވަނި، އޭގެ ދަލިލުތަކާއި ޙުއްޖަތްތަކާއި އުއްމަތުގެ ސުންނަތާއި ދީނުގެ އަހުލުވެރިންގެ ބަސްފުޅުތަކެވެ.
މި ނުކުތާ ފަހުމްވެއްޖެހިނދު، ބަޔާންކުރެވޭ އެހެނިހެން ބައިތައް ފަސޭހައިން ފަހުމްވެގެންދެ އެވެ.
ދެވަނައީ : ތާރަ (ދައްފު) އޭގެ އަޞްލުގައި ޙަރާމްްވެގެންވާ މިއުޒިކީ އާލަތެއް ކަމުގެ މައްޗަށް ޢިލްމުވެރިން ނައްޞުކޮށްފައިވެ އެވެ. ޞަޙާބީންގެ ފަރާތުން އެފަދަ ބަސްފުޅުތައް ބަޔާންވެގެން ވުމުން ސުންނަތުގެ އަހުލުވެރިޔާއަށް އެކަން ސާފުވެ، ދެބަސްވުމެއްނެތި ޙައްޤު ފާޅުވީ އެވެ. އޭގެ އިތުރަށް އުއްމަތުގެ އެހެނިހެން ޖީލުތަކުގެ އިމާމުން ސުންނަތުގެ ފަރުދަތައްފަދަ، މުޖައްދިދުން މިކަމުގައި ވިދާޅުވެފައިވާ ބަސްފުޅުތަކެވެ. އެފަދައިން الإِمَام ابن الأثِير رحمه الله ލިޔުއްވިފޮތް النهَاَية ގައި، الإِمَام ابن القيم رحمه الله ލިޔުއްވިފޮތް مدارج السالكين 484-1 އަދި الإِمَام ابن حجر رحمه الله ލިޔުއްވިފޮތް فتح الباري 46-10 ގައި، މިގޮތަށް ގޮސް އެތަކެއް ޢިލްމުވެރިންނެވެ.
ތިންވަނައީ : ވަރަށް މުހިންމު ދެ ސަބަބަށްޓަކައި، އިސްވެދިޔަ ދެ ނުކުތާގެ މައްޗަށް އަހަރެމެން ސަމާލުވާންޖެހެ އެވެ. އެއީ، އޭގެ ސަބަބުން ވެއްޓިދާނެ މަގުފުރެދުމަކުން ސަލާމަތް ވުމަށްޓަކަ އެވެ. އެގޮތުން ފުރަތަމަ ކަމަކީ :
1. އަޞްލުގައި އެކަމަކީ ޙަރާމް ކަމެއް ކަމުގައި ބަޔާންވެއްޖެހިނދު، ދަލީލެއްގެ މަތިން މެނުވީ އެއްވެސް ކަމެއް އޭގެއިން އިސްތިސްނާވެގެން ނުވާނެ އެވެ. އަދި އެކަން އިސްތިސްނާ ވެގެން ވާންޖެހޭނީވެސް ޝަރުޢީ މިންގަނޑުތަކުން ބޭރުނުވާގޮތަށް އިޛުނަ ދެވިގެންވާ ޙުދޫދުގެ ތެރޭގަ އެވެ. އެއްވެސް މީހަކަށް އެމީހަކު ހިތުހުރި ގޮތަކަށް ތަނަވަސް ކުރުމުގެ އިޚްތިޔާރު ލިބިގެންނުވެ އެވެ.
2. ހިތުހުރި ގޮތަކަށް މި އަޞްލާ ޚިލާފްވުމަކީ، އެ ޙަރާމް ކަމުގެ ފާފައިގެ ތެރެއަށް ވެއްޓުމުގެ އިތުރުން، އުއްމަތުގެ ބަޔަކު މީހުން މިއުޒިކް ޙަލާލު ކުރާނެކަމަށް އައިސްފައިވާ ޙަދީޘްގެ ތެރެއަށް ތިމާގެ ނަފްސު ހުށަހަޅާ އެކަމުގެ ނުރައްކަލުގެ ތެރެއަށް ވެއްޓިގަތުމުގެ ބިރުވެރިކަން އޮތުމެވެ.
ހަތަރުވަނައީ : ފަހެ، ދަންނާށެވެ! ޢިލްމުވެރިންގެ ބަސްފުޅުތަކުން އެންމެ ބޮޑަށް ބުރަވެވޭ ގޮތުގައި، އެއްފަރާތް ހާމަވާ ގޮތަށް ހުންނަ ބެރުގެ އާލަތެއްގެ ގޮތުގައިވާ ދައްފު (ތާރަ) ޖެހުން ހުއްދަވެގެންވަނީ ވަކި ޙާލަތްތަކުގައި، ވަކި ޚާއްޞަ ބަޔަކަށް އަދި ވަކި ޝަރުޠުތަކަކާއި އެކުގަ އެވެ. އެއީ، އަންހެނުންނާއި ކުޑަ ކުދިންނަށެވެ. ހަމައެކަނި ކައިވެނީގެ މުނާސަބާތް ތަކުގައި އާއި ޢީދު ގަ އެވެ.
މި ދެޙާލަތުގެ މައްޗަށް ޞަޙާބިއްޔާ عَائِشة (މި ޙަދީޘް الطبراني، الأوسط ގައި ރިވާކޮށްފައިވެ އެވެ.) އަދި رُبيع بنت معوذ (މި ޙަދީޘް البخاري 5147 ގައި ރިވާކޮށްފައިވެ އެވެ.) ގެ ފަރާތްޕުޅުން ޘާބިތުވެގެންވެ އެވެ.
އަދި ބައެއް ޢިލްމުވެރިން ޛިކުރު ކުރައްވާ 3 ވަނަ ޙާލަތެއްވެ އެވެ. އެއީ، ދުވަސްތަކަކަށް ފަހު މީހަކު އެނބުރި އައުމުން، އެމީހަކަށް މަރުހަބާ ކިޔުމުގެ ގޮތުންނެވެ.
ޞަޙާބީ أَنَس އަދި بُريدة ގެ ކިބައިން މިކަމުގެ މައްޗަށް 2 ދަލީލު ވާރިދުވެގެންވީ ކަމުގައިވިނަމަވެސް އެއީ ހުރިހައި ޙާލަތްތަކުން ޢާންމުވެގެންނުވާ އަދި އެހެނިހެން ނުޞޫޞް ތަކަށް ފުށުއެރުމެއް ނުވާ ޚާއްޞަ 2 ޙާދިޘާ ކަމުގައި ބެލެވެން ގާތްކަން ބޮޑެވެ. އޭގެ ސަބަބުކަމުގައިވަނީ، ނަބިއްޔާ ﷺ ގެ ޙަޔާތްޕުޅުގައި އަދި ޙަޔާތްޕުޅަށް ފަހުގައި އެފަދައިން ދަތުރުކޮށްފައި އެކިފަރާތްތައް ވަޑައިގަންނަވާހިނދު، މިފަދައިން ތަކުރާރުވީހިނދުގައިވެސް އެއްވެސް އަޘަރެއްގައި މި ނޫންގޮތަކަށް ތާރަ ޖެއްސެވިކަމަށް ވާރިދުވެގެންއައިސްފައި ނުވުމެވެ.
ފަހެ، އެ ޙާލަތްތަކުގައި ހުއްދަވެގެންވަނީވެސް ދެ ޖިންސު މައްސުނިވުމަކާ ނުލައި، ފިތުނައަށް މަގުފަހިވާފަދަ ނޭއްގާނީ ބަސްތަކުން ދުރުވުމާ އެކުގަ އެވެ.
ފަސްވަނައީ : ވުމުން، ފިރިހެނުންގެ ޙައްޤުގައި އެ ޙުކުމްވަނީ އޭގެ އަޞްލުގައިވާ ގޮތަށް ޙަރާމް ކަމެއްގެ ގޮތުގައި އެވެ. ޔަޢުނީ : މުނާސަބަތު ތަކަށް ފިރިހެނުން ތާރަ ޖެހުމާއި، ފިރިހެނުން ތާރައަށް އަޑުއަޅައި ކިޔައި ހެދުން ވެގެންވަނީ އޭގެ އަޞްލު ޙުކުމުގައި ޙަރާމްވެގެންވާ އަމަލެއްގެ ގޮތުގަ އެވެ. ބައެއް ލަފްޟުތަކުގައި ފިރިހެނުން ޝާމިލްވާނެހެން ޖަމްޢުކޮށް އައިސްފައިވާ ރިވާޔަތްތަކުންނާއި އަދި ތާރަ އިސްތިސްނާވެގެންވާ ޢާންމު ދަލީލުތަކުންނާއި ފިތުނައިގެދޮރު އަމާންވެއްޖެހިނދު، ތާރަޖެހޭ އަޑު އެހުން ހުއްދަވެގެންވާކަމަށް އައިސްފައިވާ ރިވާޔަތްތަކުން އެކަން ފިރިހެނުންނަށް ހުއްދަވެގެންވާނެކަމަށް ބުނެވޭ ބުނެވުން ވަނީ ޙައްޤުގޮތާއި ވަރަށްވެސް ދުރުވެގެންނެވެ. ސާފުކަން މަތީގައި ފާޅުވެގެންވާ މި ޙުއްޖަތްތަކާއި ދަލީލު ދޫކޮށް، ދީނުގައި ވަކި ޙާލަތެއްގައި ވަކި ބަޔަކަށް ޙުއްދަވެގެންވާ ޢަމަލު އެމީހެއްގެ ނަފްސުގެ އެދުންތައް ފުރިހަމަ ކުރުމަށް ގެނައުމުގެ ހުރި ފިތުނަވެރިކަމުގެ ބޮޑުކަމާ އެވެ.
ފަހެ، ރަސޫލާ ﷺ ގެ އެންމެ ޙަދީޘަކުންވެސް ފިރިހެނަކު ތާރަޖެހިކަން ޘާބިތު ނުވެ އެވެ. ހަމައެފަދައިން، ޞަޙާބީއެއް ނުވަތަ ތާބީޢެއް ފަރާތުންވެސް ޞައްޙަ އެންމެ އަޘަރެއްވެސް ފިރިހެނަކު ތާރަޖެހިކަމަށް ނިކަން ގެނެސްބަލާށެވެ. ހަމަ ހިލާ ނުފެންނާނެ އެވެ. އެއީ މިކަމަކީ އޭގެ އަޞްލުގައިވެސް ފިރިހެނުން ކޮށްއުޅޭ ކަމަކަށް ނުވާތީ އެވެ. الإمام شيخ الإسلام ابن تيمية رحمه الله ވިދާޅުވެފައިވެ އެވެ. ”ފަހެ، ނަބިއްޔާ ﷺ ގެ ޒަމާނުގައި އެބޭކަލުންގެ ތެރެއިން އެއްވެސް ބޭކަލެއް ތާރަ ޖައްސަވާފަ އެއް ނުވެ އެވެ. އަދި އެބޭކަލުންގެ ތެރެއިން އެއްވެސް ބޭކަލެއް އަތްތިލަ ނުޖައްސަވަ އެވެ.“ مجموع الفتاوى 11-565
ކައިވެނީގެ ޙަފްލާތަކާއި، އުފާތަކުގައި ތާރަޖެހުމަށް އަންހެނުންނަށްވަނީ ލުއިކަން ދެވިގެންނެވެ. އެހެނަސް ފިރިހެނުންގެ ޙައްޤުގައި އެޙުކުމްވަނީ އޭގެ އަޞްލުގައިވާ ގޮތަށެވެ. (އެބަހީ :ޙަރާމްވެގެންނެވެ.) ފަހެ، އެހިނދު ފިރިހެނަކު ތާރަޖަހާނީ ކިހިނަކުން ހެއްޔެވެ؟ ނުވަތަ ތާރަޖަހައި އެއަށް ލަވަކިޔާނީ ކިހިނަކުން ހެއްޔެވެ؟ ޝަރީޢަތުގެ ހަމަތަކުން، ޤަވާޢިދުތަކުން އެއްފަރާތްވުމަކީ ނުހަނު ނުރައްކާތެރި ކަމެކެވެ.
العلامة زيد بن هادي المدخلي (1435 ގައި ދުނިޔެ ދޫކުރެއްވި އިމާމެއް) رحمه الله ވިދާޅުވެފައިވެ އެވެ. ”އެނގިގަންނަންޖެހޭ ޙަޤީޤަތަކީ އިންސާނާގެ ބުއްދިއަށް ކާނާއެއްގެ ގޮތުގައި ޝަރީޢަތުގެ ދަލީލުތައް މެނުވީ ނުވެ އެވެ. ފަހެ، ދަލީލުތަކުގެ މައްޗަށް އެބައިމީހުންގެ ވިސްނުމާއި ބުއްދި އިސްކުރާ އަހުލުވެރިން ހަމަކަށަވަރުން ހިދާޔަތުގެ މަގު ގެއްލި، މަގުފުރެދިގެންދާނެ އެވެ. އަދި އެބައިމީހުންގެ ފައިތިލަ އާއި ޤަލަން ޙައްޤުމަގުން ކައްސާލައިގެންދާނެ އެވެ. އަދި ޙައްޤާއި އެއްވެސް ގުޅުމެއްނުވާ މަގުފުރެދުމުގެ ތެރެއަށް ވަންނާނެ ކަމެވެ.“ أوضح المعاني ص 29
الإمام شيخ الإسلام ابن تيمية رحمه الله ވިދާޅުވެފައިވެ އެވެ. ”ކައިވެނީގެ ޙަފްލާތަކާއި، އުފާތަކުގައި ތާރަޖެހުމަށް އަންހެނުންނަށްވަނީ ލުއިކަން ދެވިގެންނެވެ. ދެންފަހެ، ނަބިއްޔާގެ ޒަމާނުގައި ފިރިހެނުންގެ ތެރެއިން އެއްވެސް ބޭކަލެއް ތާރަ ނުޖައްސަވަ އެވެ. އަދި އަތްތިލަބަޑިވެސް ނުޖައްސަވަ އެވެ.“ مجموع الفتاوى 11-565
ބައެއް ލަފްޟުތަކުގައި ފިރިހެނުންވެސް ޝާމިލްވާހެން ހީވެދާނެ ބީދައަކުން ޖަމްޢުކޮށް އައިސްފައިވާ ހުރިހައި ރިވާޔަތްތަކަކީ ބަލިކަށި ރިވާޔަތްތަކެކެވެ. މިކަމުގެ މައްޗަށް ޢިލްމުވެރިންގެ ބަސްފުޅުތައް ވަރަށް ފާޅުކަންބޮޑުގޮތުގައިވެ އެވެ. އޭގެ ތެރޭގައި الحافظ ابن حجر ލިޔުއްވި فتح الباري 185-9 ގައި އިޝާރާތްކޮށްފައިވެ އެވެ.
ފިރިހެނުން އެކަން ކުރުމަށް ހުއްދަވާނެ އެއްވެސް ދަލީލެއް ނުފެންނާނެ އެވެ. ފަހެ، މިއީ شيخ الإسلام ابن تيمية ވިދާޅުވެފައިވާ ފަދައިން ފިރިހެނުން ކޮށްއުޅޭ ކަމެއް ނޫނެވެ. ވިދާޅުވެފައިވެ އެވެ. ”މިއުޒިކާއި އަދި ތާރަ ޖެހުމާއި، އަތް އަތްޖެހުމަކީ އަންހެނުންގެ ޢަމަލެއް ކަމުގައިވުމުން، އުއްމަތުގެ ސަލަފުއް އެފަދަ ކަންތައް ކުރާ ފިރިހެނުންނަށް ”މުޚައްނިޘް“ ގެ ނަމުން ނަންދެ އެވެ. އަދި މިއުޒިކް ކުޅޭ ފިރިހެނުންނަކީވެސް ”މުޚައްނިޘުންގެ“ ނަމުން ނަންދީފައިވެ އެވެ. މިއީ އެބޭކަލުންގެ ބަސްފުޅުތަކުގައި މަޝްހޫރުވެގެންވާ ގޮތެވެ.“ مجموع الفتاوى(٥٦٥/١١)
ވުމުން، ކައިވެނި ޙަފްލާގައި ތާރަޖަހާ ”ފިރިހެނުން“ ތިބޭނެ ހެއްޔެވެ؟ ”ތާރަޖަހައި، އެއަށް އަޑުއަޅައިދޭ“ ފިރިހެނުން ތިބޭނެ ހެއްޔެވެ؟ ޝައްކެތްވެސް ނެތެވެ. މިއީ ދީނުގައި އިސްތިސްނާ ވެފައިވާ ޙާލަތުގެ މައްޗަށް ޙައްދުން އަރައިގަނެ، ފިތުނައަށް ދޮރު ހުޅުވިގެން ދިއުމެވެ. ފަހެ، މި ޢަމަލުގެ މައްޗަށް އިންޒާރު ލިބިގަތުން ހުއްޓެވެ.
ފަހެ، ފިތުނައިގެ ދޮރު އަމާންވެއްޖެ ޙާލެއްގައި އެޖަހާ އަޑުއެހުން ހުއްދަވުމަކުން ފިރިހެނުން އެކަން އެމީހުން އަމިއްލައަށް ކުރާކަށް ހުއްދަ ނުކުރެ އެވެ.
ހަވަނައީ : ފަހެ، ފިރިހެނުން މިފަދަ ކަންތައްކޮށް ކެސެޓް ހެދުމަކީ، ވަރަށްވެސް ބޮޑު ނުރައްކާ ކަމެއްގެ ތެރެއަށް އެމީހުން ވެއްޓިގެންދާ ކަމެކެވެ. އެއީ އަންހެނުންނާއި ވަތްތަރު ވުމެކެވެ.
الحافظ ابن رَجب رحمه الله (فتح الباري 185-9) ގައި ވިދާޅުވެފައިވެ އެވެ. ”ލަވަ ކިޔައި ތާރަ ޖެހުމަކީ ފިރިހެނުންނަށް ހުއްދަވެގެން ނުވާނެ ކަމެއް ކަމުގައި ޖުމްހޫރު ޢިލްމުވެރިން ދެކިލައްވަ އެވެ. އެކަން ވަނީ އަންހެނުންނާ އެއްވަތްތަރު ވުމުގެ ތެރެއިންނެވެ.“
الحافظ ابن حجر الهَيثَمِي رحمه الله (كف الرعاع 292-2) ގައި ވިދާޅުވެފައިވެ އެވެ. ”ތާރަ ޖެހުން އަންހެނުންނަށް ނޫނީ ހުއްދަ ނުވާނެ ކަމެކެވެ. އެހެނީ ހަމަކަށަވަރުން އެކަމަކީ އޭގެ އަޞްލުގައި އެމީހުންނަށް ޚާއްޞަވެގެންވާ ކަމެކެވެ. ފިރިހެނުންގެ ތެރެއިން އަންހެނުންނާ ވަތްތަރުވާ މީސްތަކުންނަށް ﷲ ގެ ރަސޫލާ ﷺ ލަޢުނަތް ލައްވާފައިވާކަން ކަށަވަރެވެ.“
ނިންމާލުމުގެ ކުރީގައި މިކަން ހުއްދަވެގެންވާކަން ޛިކުރުކުރާ ފަރާތްތަކުން ގެނެސްފައިވާ ބައެއް ޙުއްޖަތްތަކަށް ބަލާލުން ހުއްޓެވެ.
ދަންނަ އެވެ! މި ލިޔުމުގައި، މިއުޒިކް، މިއުޒިކީ އެންމެހައި އާލާތްތަކެއް އެއްވެސް އިސްތިސްނާއެއް ނެތް ގޮތުގައި ފިރިހެނުންނަށް ޙަރާމްވެގެންވާކަން ސާފު ޞަރީޙަ ޙުއްޖަތްތަކުން، ޢިލްމުވެރިންގެ އިއްތިފާޤުން ބަޔާންވެއްޖެ އެވެ. އަދި ޚާއްޞަކޮށް ތާރަޖެހުން އެއީ ވަކި ޚާއްޞަވެގެންވާ ބަޔަކަށް ވަކި ޚާއްޞަ ދަނޑިވަޅެއްގައި ޝަރުޠުތަކާއި އެކުގައި ކުރެވޭ ކަމެއްކަންވެސް ބަޔާންވެއްޖެ އެވެ. ފަހެ، އެހިނދު ދަންނަ އެވެ! ބަލިކަށި، ބާރުދެނެވި ޙުއްޖަތްތައްނެތިވެފައިވާ ބަލިކަށި ޚިލާފަކީ، ސާފު ޞަރީޙަވެގެންވާ ޙުއްޖަތްތަކާއި، ޞައްޙަ ޢިލްމީ މަގުތައް އެއްލާލައި، އެމީހެއްގެ ނަފްސާއި ހިތްއެދުމަށް، ދުނިޔޭގެ ހެއްލުމާއި ގެއްލުމަށް ދިއުމަށް ”ޚިލާފް“ އޭ ބުނެ ދިއުމަށް އޮތް މަގެއް ނޫނެވެ.
الإمَام ابن القيم رحمه الله ވިދާޅުވެފައިވެ އެވެ. ”ޙައްޤު (އޭގެ އަލިކަމާ، ފާޅު ވުމުގައި) އިރު ފަދައިންވެ އެވެ. އަދި އެ ހައްޤާއި ދިމާލަށް ލޯތައް ބަލަބަލާ ތިބެ އެވެ. އެހެނަސް އެ ލޯތަކާއި ޙައްޤާއި މެދު ފަރުދާއެއް ލެވި، އޭގެ ސަބަބުން ކަނުވެފައިވާ ލޯތަކުގެ މަތިން އެޙައްޤު ވަނީ ވަންހަނާ ވެގެންނެވެ.“ الكافية الشافية في الانتصار للفرقة الناجية އަޚުންނޭވެ! ދަންނަ އެވެ! ޙައްޤު އަދި ޙައްޤު ގޮތުގައިވާ ދަލީލާއި ޙުއްޖަތް ދޫކޮށް އެމީހެއްގެ ރައުޔާއި، ހަވާނަފްސު އެއްގޮތްވެ އެ ދިފާޢުކުރުމަށްޓަކައި ކޮންމެ އެއްޗެއް ހޯދުމުގެ ފިތުނައިން ރައްކާތެރިވުން ވާޖިބުވެގެންވެ އެވެ. ބާޠިލްގެ އަހުލުވެރިންގެ ތެރެއިން ހިމެނިދާނެ ކަމުގެ ބިރުވެރިކަން އޮންނަންޖެހެ އެވެ. الإمام شيخ الإسلام ابن تيمية رحمه الله ވިދާޅުވެފައިވެ އެވެ. ”ބިދުޢައިގެ އަހުލުވެރިން (ޢާންމުގޮތެއްގައި) ޞައްޙަ ޙަދީޘް އާއި ޞައްޙަ ނޫން ޙަދީޘްތައް ވަކިކޮށް ފަރަޤެއް ނުކުރެ އެވެ. އެހެނަސް އެބައިމީހުންގެ ރައުޔާއި، ހަވާނަފްސާއި އެއްގޮތްވެއްޖެ އެއްޗަކީ އެމީހުންގާތުގައި ޙައްޤުކަމުގައިވެ އެވެ.“ الفرق بين عبادات (١٥٠)
އެބައިމީހުން ގެނެސްފައި ދަލީލުތަކުގެ ތެރޭގައިވެ އެވެ. (أعْلِنوا النِّكاحَ واضْرِبوا عليه بالدُّفِّ) ”ކައިވެނި އިޢުލާންކޮށް އަދި އެ (މުނާސަބާގައި) ތާރަ ޖެހުން ހުއްޓެވެ.“ އެބައިމީހުން ބުނެ އެވެ. ”މިތަނުގައި ތަރާ ޖެހުމަށް އައިސްފައި ލަފްޒުގައިވަނީ، ޖަމްޢުކޮށެވެ. ވަކި ޖިންސަކަށް ޚާއްޞަ ވެފައެއް ނޫނެވެ.“ ދަންނަ އެވެ. އިސްވެ ބަޔާންކޮށްފައިވާ ފަދައިން މުޙައްދިޘުންނާއި ޙުއްފާޟުން މި ރިވާޔަތަކީ ޘާބިތު ރިވާޔަތެއް ނޫން ކަމުގައި ވިދާޅުވެފައިވެ އެވެ. އޭގެ ތެރޭގައި الحافظ ابن حجر ލިޔުއްވި فتح الباري 185-9 ގައި އިޝާރާތްކޮށްފައިވެ އެވެ. ވިދާޅުވި އެވެ. ”ބަލިކަށި ސަނަދެކެވެ.“
އެމީހުންބުނެ އެވެ. ”ފިރިހެނުންނަށް އަޑު އިވުން ހުއްދަ އެވެ. ވުމުން ފިރިހެނުންނަށް ތާރަ ޖެހުން ހުއްދަވާނެ އެވެ.“ ލިޔުމުގައި އިސްވެ ބަޔާންކޮށްފައިވާ ފަދައިން، ފިތުނައިގެ ދޮރު އަމާންވެއްޖެ ޙާލެއްގައި އެޖަހާ އަޑުއެހުން ހުއްދަވުމަކުން ފިރިހެނުން އެކަން އެމީހުން އަމިއްލައަށް ކުރާކަށް ހުއްދަ ނުކުރެ އެވެ. އަދި ކިޔެއްތަ! މިއީ އެފަދައިން ކުރެވޭ ޤިޔާސެއް ކަމުގައިވާނަމަ، މިއީ އެފަދައިން ކުރެވިގެންވާނެ ޤިޔާސެއްވެސް ނޫނެވެ. ފަހެ، އޭގެ އަޞްލުގައި އެކަން ހުއްދަވެގެން ނުވާ ބަޔަކަށް އެފަދަ ސާފު ޞަރީޙަ ދަލީލާއި ޙުއްޖަތުން މެނުވީ އެކަމެއް ހުއްދަނުވާނެ އެވެ. والله تعالى أعلم.
وصلى الله على نبينا محمد وعلى آله و صحبه وسلم.