މުސްކުޅި ބަލީގައިވާ މީހާ ނުވަތަ ރޯދަ ހިފުމުގެ އުއްމީދެއް ނެތް މީހާ ރޯދަމަހުގެ ރޯދަތަކާއި މެދު ޢަމަލު ކުރާނީ ކިހިނެތް؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ތިޔަ އަޚާއަށް އަދި އެ ބަލި ތަހައްމުލު ކުރަމުންދާ ފަރާތައް އަވަސް ޝިފާއެއް ދެއްވުން އެދި ﷲ އަށް ދުޢާ ކުރަމެވެ.
ތި ތަޙައްމުލުކުރާ ދަތި ޙާލަތުގެ މައްޗަށް ﷲ ގެ ޙަޟުރަތުން ޘަވާބާއި ދަރުމައަށް އުއްމީދު ކުރާށެވެ.
ހެޔޮ ގޮތުގައި ޚާލިޤުވަންތަ ﷲ އާ މެދު ދެކޭށެވެ.
ވޭނާއި ދަތި ޙާލަތަކީ ގެއްލިގެންދާ އެއްޗެއް ގޮތުގައި ނުވާނެއެވެ. ކޮށްފައިވާ ސުވާލުގެ މައްޗަށް ބުނަމެވެ.
(މި ޖަވާބު ބިނާކޮށްފައި މިވަނީ، ޝިފާއެއް ނެތް ދާއިމީ ބައްޔެއްގެ ޝިކާރައަށްވެ، ތާއަބަދަށް އެ ބައްޔަކަށް ބޭސްކައި ފަރުވާކުރަންޖެހި، އެ ބަލި ތަޙައްމަލު ކުރަމުންދާ މީހުންގެ މައްޗަށެވެ.)
މިފަދަ އަހުލުވެރިންގެ މައްޗަށް އޮތް ޙުކުމް ބަޔާންކުރައްވާ މި ޒަމާނުގައި ފާޅުވި އެންމެބޮޑު އެއް ފިޤުހު ޢިލްމުވެރިޔާ العَلاَّمَة مُحمد بن صَالح العُثَيمِين -رحمه الله- ދެއްވާފައިވާ ޖަވާބު މިތަނުގައި ބަޔާންކުރަމެވެ.
ސުވާލު: އަހަރެންނަށް ދިމާވެފައިވާ ބަލީގެ ސަބަބުން ޢުމުރުން ބާކީ އޮތް ބައިގައި އަބަދުގެ އަބަދަށް ބޭސް ކާން މަޖްބޫރުވެފައިވެއެވެ. އަދި ޑޮކްޓަރުން ބުނެފައިވާ ފަދައިން މެދުކެނޑުމެއްނެތި ފެން ބުއިމަކީ ވެސް ބަލީގެ ބޭސްފަރުވާގެ ތެރެއިން ހިމެނިފައިވާ ކަމެކެވެ. ރަމަޟާންމަހުގެ ރޯދަހިފުމަށް އަހަރެން މިވަނީ ވަރަށްބޮޑަށް ބޭނުންވެ ޝައުޤުވެރިވެފައެވެ. އަހަރެން މަތިވެރިވެގެންވާ ރަމަޟާންމަހުގެ ޘަވާބައި ދަރުމަ، އަޖުރު ހޯދުމަށް ނުހަނު ބޭނުންވެއެވެ. އަހަރެން ޢަމަލުކުރަންވީ ކޮންފަދައަކުންތޯއެވެ؟ މިކަމަށް ޝެއިޚް އަހަރެންނަށް ނަޞޭޙަތެއް ދިނުމަށް އެދެމެވެ. بارك الله فيكم.
ޖަވާބު : ދާއިމީގޮތަށް ތިބާއަށް ބޭސްފަރުވާކުރަންޖެހި، އެ ބޭސްފަރުވާކުރުން ހުއްޓާލެވޭކަށް ތިބާއަށް ކުޅަދާނަނުވާ ހިނދުގައި، ފަހެ، އެ ޙާލަތުގައި ތިބާ ރަމަޟާންމަހު ރޯދަ ދޫކުރުން ހުއްދަވާނެއެވެ. ތިބާއަށް ދިމާވެފައިވާ ޙާލަތުގެ އަހުލުވެރިންނަށް އޮތީ ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދިނުމެވެ. މިއީ ބަލިން ޝިފާލިބުމުގެ އުއްމީދު ކެނޑިފައިވާ މީހާއަށް، އޭނާ ޢަމަލުކުރަންޖެހޭގޮތް ކަމުގައި ޢިލްމުވެ އަހުލުވެރިން ވިދާޅުވެފައިވާ ގޮތެވެ. އެގޮތުން، އެފަދަ ޙާލުގައިވާ މީހާ އަކީ އުމުރުން ދޮށިވެ ރޯދަ ހިފުމަށް ކުޅަދާނަކަން ލިބިގެން ނުވާ މީހާގެ ޙާލަތަށް އައިސްފައިވާ މީހެއް ކަމުގައި ވިދާޅުވެފައިވެއެވެ.
ފަހެ، އޭނާއަށް ވާޖިބުވެގެންވަނީ ފިދުޔަ ދިނުމެވެ. އެއީ ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދިނުމެވެ. ފަހެ، މިޙާލުގައި އެމީހާ އަކީ ރަމަޟާންމަހުގެ ރޯދަ ހިފި މީހެއް ފަދައިން ވާނެއެވެ. އަދި ތިބާއަށް ރަމަޟާންމަހުގެ މަތިވެރިކަމާއި މާތްކަން ހާސިލްކުރުމަށްޓަކައި، ޞާލިޙް އެހެނިހެން ޢަމަލުތަކުގައި ޤާއިމްވެ ދެމިހުރުން ހުއްޓެވެ. އެއީ މިޘާލަކަށް ޞަދަގާތް ކުރުމާއި، ޤުރުއާން ކިޔެވުމާއި، ޛިކުރު ކުރުމާއި އަދި ނަމާދުކުރުން ފަދަ ޢަމަލުތަކާއި އެނޫންވެސް އެފަދަ ޢަމަލުތަކުގައި ޤާއިމްވެ ހުރުމެވެ.
މިއީ ޢަމަލު ކުރުމަށް އޮތް ގޮތެވެ. ރޯދަ ހިފުމެއް ނުވެއެވެ. އޭގެ ބަދަލުގައި ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާން ދިނުމެވެ.
އަޚާއެވެ! މަތީގައި ބަޔާންކުރި ބަސްތައް ބަޔާންވެ ފަހުމްވެއްޖެ ކަމަށް އުއްމީދު ކުރަމެވެ. އެއަށްފަހު ދެވަނަ ބައިގައި ބަޔާން ކުރަމެވެ.
(ދެވަނައީ) : އެފަދަ މީހާއަށް ކޮންމެ ރޯދައަކަށް ފިދުޔަ ދިނުން އޮތުމުން، ފިދުޔަ ދިނުމުގައި ޖުމްހޫރު ފިޤުހު ޢިލްމުވެރިން المَالكية، الشافعية، އަދި الحنَابِلة ދެކެވަޑައިގަންނަވަނީ ރޯދައަށް ފިދުޔަ ދޭ މީހާ ފައިސާއިން ފިދުޔަ ދިނުން ހުއްދައެއް ނުވާނެކަމެވެ.
އޭނާގެ މައްޗަށް ފިދުޔަ ދިނުން ވާޖިބުވެގެންވަނީ ކާބޯތަކެތީންނެވެ. އެއީ ﷲގެ ވަޙީބަސްފުޅުގެ މައްޗަށެވެ. (وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ) މާނައަކީ “އަދި އުދަގޫކަމާއެކު އެކަމަށް ކުޅަދާނަވެގެންވާ މީހުންގެ މައްޗަށް އޮތީ (ރޯދަ ދޫކޮށްލުމާއެކު) ފިދުޔަ ދިނުމެވެ. އެއީ މިސްކީނަކަށް ކާންދިނުމެވެ.”
މި އާޔަތުގެ މައްޗަށް ތަފްސީރުގައި البخاري 4505 ގައި ޞަޙާބީ ابن عبَّاس ގެ ތަފްސީރު ގެންނަވާފައިވެއެވެ. ޞަހާބީ ވިދާޅުވިއެވެ. “އެއީ ދުވަސްވެ މުސްކުޅި ބަލީގައިވާ މީހާ (އަންހެނުންނާއި ފިރިހެނުން) ފަހެ، ރޯދަ ހިފުމަށް ކުޅަދާނަވެގެންނުވާހިނދު ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދިނުމެވެ.
ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ފަތުވާގެ (-10-198) ގައި ބަޔާންކުރައްވާފައިވެއެވެ.
“ޑޮކްޓަރުން އެބައްޔަކާއި ގުޅިގެން އެބަލި ތަޙައްމަލުކުރަމުންދާ މީހާއަށް ރޯދަ ނުހިފޭނެ ކަމަށާއި، އަދި ބައްޔަކީ އެއިން ޝިފާލިބުގެ އުއްމީދެއް ނެތް ބައްޔެއްކަން އިޤްރާރުވެ ބަޔާންކޮށްފިހިނދު، އޭނާއަށް ވާޖިބުވެގެންވަނީ ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާން ދިނުމެވެ. އެއީ އޭނާގެ ރަށު (ދިރިއުޅޭތަނެއްގައިވާ) އަހުލުވެރިން ކާބޯތަކެތީގެ ގޮތުން ބޭނުންކުރާ ތަކެތީގެ ޞާޢުގެ ދެބައިކުޅަ އެއްބައި މިންވަރެވެ. ….ފަހެ، (ކާބޯތަކެތީގެ ބަދަލުގައި) ފައިސާ ނުދެވޭނެއެވެ.)”.
އަޚާއެވެ! ޞާޢުގެ ދެބައިކުޅަ އެއްބަޔަކީ އެއީ ގާތްގަނޑަކަށް 1.5 ކިލޯ ޤުރާމް ހަނޑުލެވެ. (ހަނޑުލުން ބަލައިފިނަމައެވެ.)
ތިންވަނައީ: ކާންދިނުން އޮތީ 2 ގޮތަކަށެވެ.
1. ކޮންމެ ރޯދައަކަށް 1.5 ކިލޯގެ ހަނޑުލުގެ މަގުން ހަނޑު ނެރެ މިސްކީނުންނަށް ބަހާލުމެވެ. މިޘާލަކަށް ރަމަޟާން މަސް ނިމުނީއެވެ. 30 ރޯދައިގެ ރަމަޟާން މަހެކެވެ. އެހެންވުމުން އެއީ ޖުމްލަ 45 ކިލޯ ހަނޑުލެވެ. އެމިންވަރަށް ހަނޑު އެންމެ ފައިދާވާ ގޮތަކަށް އެއަށް ޙާޖަތްޖެހިފައިވާ މީހަކަށް ދޭނީއެވެ. އެއީ އެކަކު ނުވަތަ އެއަށްވުރެ ގިނަ ޢަދަދެއް ކަމުގައިވީ ނަމަވެސްއެވެ.
2. ކައްކާފައި ކާން ދިނުމެވެ. އެތަނެއްގެ އަހުލުވެރިން ޢާންމުކޮށް ކެއުމުގެ މިންގަނޑުން ކާން ދިނުމެވެ. (ރާއްޖޭގައިނަމަ، ބަތް، ރިހަ، ތަރުކާރީ، ޖޫސް ފެން) މި މިންގަޑު މެންދުރު ކެއުމަކަށް 10 މިސްކީނުންނަށް ތައްޔާރުކޮށް ގެނައީއެވެ. 10 މިސްކީނުން ކައިގެން ދިއުމުން އެއީ 10 ރޯދަ އަދާކުރެވުނީއެވެ. އަނެއް ދުވަހު 10 މިސްކީނުންނަށް ކާން ދިނީއެވެ. ނުވަތަ ހޮޓަލަކަށް އަރުވާ ކާންދިނަސް މައްސަލައެއްނެތެވެ.
ސުވާލު ޖަވާބު ތަފްޞީލުކޮށް ފަހުމް ވެއްޖެކަމަށް އުއްމީދު ކުރަމެވެ. ﷲ އެ ބަލިމީހާއަށް ކެތްތެރިކަން ދެއްވައި އަޖުރާއި ޘަވާބު ދެއްވާށިއެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.