|

ޢާޝޫރާ ދުވަހަކީ އެއްވެސް ނަބިއްޔެއްގެ އުފަންދުވަސްތޯ އަދި ވަކި ޚާއްޞަ ކަމެއްވޭތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ޢާޟޫރާ ދުވަސް (މުޙައްރަމް މަހުގެ 10 ވަނަ ދުވަސް) އާ ބެހޭގޮތުން ބަޔާންވެގެންވަނީ އެ ދުވަހަކީ، ﷲ ތަޢާލާ އެ އިލާހުގެ ނަބިއްޔާ މޫސާ عليه السلام ފިރުޢައުނުގެ ކިބައިން ސަލާމަތް ކުރައްވައި ބަނީއީސްރާއީލްގެ އަހުލުވެރިން ރައްކާތެރި ކުރެއްވި ދުވަސް ކަމުގަ އެވެ.

ފަހެ، ސުވާލުގައި ބުނެފައިވާ ކަންތައްތައް ކަމުގައިވާ، އެ ދުވަހަކީ އެންމެ ފުރަތަމަ ރަސޫލާ ނޫޙް عليه السلام އެ ނަބިއްޔާގެ ޤައުމުގެ އަހުލުވެރިންނާ އެކުގައި އަރާވަޑައިގެންނެވި ނައުކޮޅު އެއްގަމަށް ފޯރައި އެ މީސްތަކުން ސަލާމަތްކުރެއްވި ދުވަސް ކަމުގައި ބުނެފައިވުމާއި، އެ ދުވަހަކީ ﷲ ގެ ނަބިއްޔާ އަދި ޚަލީލް عليه السلام ގެ ޤައުމުގެ މީހުން އެ ނަބިއްޔާ އަލިފާނަށް އެއްލާލުމުން ސަލާމަތްވި ދުވަސްކަމުގައި ބުނުމާއި، ﷲ ތަޢާލާގެ ރަސޫލާ ޢީސާ عليه السلام އުޑަށް އުފުއްލެވުނު ދުވަސްކަމުގައި ބުނެފައިވުމެވެ.

ދަންނަ އެވެ. މި އެންމެހައި ބަސްތަކަކީ މާތް ނަބިއްޔާ عليه السلام އެފަދައިން ޙަދީޘް ކުރައްވާފައިވާ ކަމުގައި ބުނެފައިވެއްޖެހިނދު، ނަބިއްޔާ . ގެ މައްޗަށް ބަޔަކު މީހުން ހަދާފައިވާ ބޮޑުވެގެންވާ ދޮގު ބަސްތަކެވެ. އެއްވެސް ޞައްޙަކަމެއް ނުވެ އެވެ.

ޢާޝޫރާ ދުވަހާއި ގުޅުވައި އަދި އެދުވަހަށް ނިޞްބަތްކޮށް ވަރަށްގިނަ ބާޠިލް ޢަމަލުތަކާއި ބާޠިލް ބުނުންތަކާއި ބާޠިލް ވާހަކަ ދައްކާފައިވެ އެވެ. އެހެނަސް އެއްވެސް ވާހަކައަކީ ޝަރުޢީގޮތުން އޭގެ ޞައްޙަކަން ޘާބިތުވެގެންވާ ކަންތައްތަކެއް ނޫނެވެ.

ލޯބިވާ އަޚާ އެވެ! ޢިލްމުވެރިން ބަޔާންކޮށްފައިވާ ފައިދާއެއް ބަޔާންކުރަމެވެ. އެއީ އަހަރެމެންގެ ނަފުސަށް ސުވާލު ކުރުމެވެ. ﷲ އަހަރެމެންނަށް އަމުރު ކުރައްވާފައިވަނީ ކޮން ކަމެއް ތޯ އެވެ؟ ސަބަބަކީ ﷲ ގެ އަޅާއަށް ފައިދާ ކުރާނީ މި ސުވާލުން ކަމުގައިވާތީ އެވެ. ޞައްޙަ ރިވާޔަތްތަކުން އަޅުތަކުން އަދާކުރުމަށް އޮތް ޢަމަލަކީ ކޮބައި ހެއްޔެވެ؟ މަދީނާގައި މިއަދު ތިއްބެވި ޢިލްމުވެރި ބޭފުޅުންގެ ތެރެއިން الشَّيخ العَلامَة عُبيد الجابِري حفظه الله ވިދާޅުވެފައިވެ އެވެ.

”ޢާޝޫރާ ދުވަހުގައި ރޯދަހިފުން ނޫން އެހެން އެއްވެސް ކަމެއް ޞައްޙަވެގެންނުވެ އެވެ. އެ ދުވަހުގައި ކުޑަކުދިންނަށް ހަދިޔާ ދިނުމާއި، އެކިއެކި ތަކެތި ހޭދަކުރުމަށް ވާރިދުވެގެންވާ ކަންކަމަށް އެއްވެސް ދަލީލެއް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުން ވާރިދުވެގެންނުވެ އެވެ. ފަހެ، އެހެންވުމުން އެކަންކަމަކީ ބިދުޢަތަކެވެ. އަލަށް އިސްލާމްދީނަށް ވައްދާފައިވާ ކަންކަމެވެ.“ މި ދުވަހަކީ މީހުން އެކިއެކި ކެއްކުންތައް ކައްކައި ހޭދަކުރާ ދުވަހެެއް ކަމުގައި ހަދައިފައިވެ އެވެ. ފައިސާ ބެހުމަށްއޮތް ދުވަހެއް ކަމުގައި ހަދައިފައިވެ އެވެ. އުފާފާޅުކުރާ ދުވަހެއް ކަމުގައިވެ އެވެ. އެކުރެވުނު ޢަމަލުގެ ހުރި ހިތާމައިގެ ބޮޑުކަމާ އެވެ. މިއަށްވުރެ ނުބައިކަމަކީ މިއަދު ޝީޢީ، ރާފިޟީން މިދުވަސް އިސްތިޤްބާލު ކުރާ ގޮތެވެ.

އެމީހުން ނުހަނު ހިތާމަ ކުރާ ދުވަހެކެވެ. ހަށިގަނޑުގައި ތަޅައި، އަނިޔާކޮށް، ހަށިގަނޑުން ލޭ އޮހޮރާ ދުވަހެއް ކަމުގައިވަނީ ހަދައިފަ އެވެ. އެމީހުންގެ ޢަމަލު ބުނާ ކަހަލަ އެވެ. ”ފިރުޢައުނު މަރުވެދިއުމަކީ ހާދަ ހިތާމަވެރި ކަމެކެވެ. އަހަރެމެން އެކަމާ ނުހަނު ހިތާމަ ކުރަމެވެ….“ އެހެންވުމުން، ވާރިދުވެފައިވާ ޙުއްޖަތްތަކާއި ދަލީލުތަކުގައި ހުރުން އެއީ ދުނިޔެއާއި އާޚިރަތަށް އެންމެ ހެޔޮވެގެންވާ، ﷲ ރުއްސަވާވޮޑިގަންނަވާގޮތް ކަމުގައިވެ އެވެ. އެވަރުން ފުއްދާނީ އެވެ. ކުޑަވެސް ކުރިއަށް އަދި ފަހަތަށް ނުދިއުން ހުއްޓެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts