ރަމަޟާން މަހުގެ ކުރިއަށް އެއްދުވަސް ނުވަތަ ދެދުވަސް އޮއްވައި ރޯދައަށް ހުރުމުގެ ޙުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

އަޚާ އެވެ! ޝަޢުބާން މަހުގެ 29 ނުވަތަ 30 ވަނަ ދުވަހުގައި ރޯދަ ހިފުން ނަހީކުރެވިގެންވާކަން ޙަދީޘްގެ ނައްޞުގައި ބަޔާންވެގެންވެ އެވެ. މާތް ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި އެވެ. لا تَقَدَّمُوا رَمَضانَ بصَوْمِ يَومٍ ولا يَومَيْنِ إلَّا رَجُلٌ كانَ يَصُومُ صَوْمًا، فَلْيَصُمْهُ. މި ޙަދީޘް ޞަޙީޙުގައި ވާރިދުވެގެންވެ އެވެ. މާނައަކީ ”ތިޔަބައިމީހުން ރަމަޟާން މަހުގެ ކުރިއަށް އެއްދުވަސް އަދި ދެދުވަސް ރޯދަހިފައި (ރަމަޟާން މަހާއި ބައްދަލު ނުކުރާށެވެ.) ހަމައެކަނި ޢާދަވެ ރޯދަހިފާ މިހަކު ފިޔަވަ އެވެ. ފަހެ އޭނާ (ޢާދަވެ ރޯދަހިފާ ދުވަހާއި އެ ދުވަސް ދިމާވުމުން) އޭނާ ރޯދައަށް ހުންނަ ހުއްޓެވެ.“

ވުމުން، ޙަދީޘްގެ ދަލީލުން ރޯދަހިފުން ހުއްދަވެގެން ނުވާ މީހުންނާއި އަދި ހުއްދަލިބިގެންވާ މީހުން ވަރަށް ސާފު ޞަރީޙަކޮށް ބަޔާންވެގެންވެ އެވެ. ފަހެ، އަބަދުވެސް ޢާދަވެ ރޯދަ ހިފާމީހެއްގޮތުގައިވެއްޖެ މީހާ، އެގޮތުން ހޯމަ އަދި ބުރާސްފަތީގައި ރޯދަ ހިފާ މީހެކެވެ. ނުވަތަ ދެދުވަހުން އެއްދުވަހު ރޯދަ ހިފާ މީހެކެވެ. އޭނާގެ އެ ދުވަހާއި ޝަޢުބާން މަހުގެ 29 ނުވަތ 30 ވަނަ ދުވާއި ދިމާވެ އޭނާ އެދުވަހުގައި، ޢާދަވެ ރޯދަ ހިފާ ފަދައިން އެ ރޯދަ ހިފުމުގައި މައްސަލައެއް ނެތެވެ.

މިއަދު މަދީނާގައިވާ ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ އަހަރުމެންގެ ޝެއިޚް ޑރ. عَرَفات بن حَسن المحمدي -حفظه الله- ވިދާޅުވެފައިވެ އެވެ. ”ޝަޢުބާން މަހުގެ 29 ވަނަ ދުވަސް އަދި ޝަޢުބާންމަހުގެ 30 ވަނަ ދުވަހުގައި ރޯދަހިފުން ނަބިއްޔާ ﷺ  ވަނީ ނަހީ ކުރައްވާފަ އެވެ. މި ޙުކުމުން އިސްތިޘްނާވަނީ ޢާދަވެ ރޯދަ ހިފާ މީހަކު އޭނާ އެފަދައިން ރޯދަހިފާ ދުވަހާއި ދިމާވެއްޖެހިނދު އެވެ. މިޘާލަކަށް ހޯމަ އަދި ބުރާސްފަތި ދުވަހު ރޯދަހިފާ މީހަކު އެދުވަހާއި ޝަޢުބާންމަހުގެ 29 ނުވަތަ 30 ވަނަ ދުވަހާއި ބައްދަލުވުމެވެެ. ފަހެ، އެހިނދު އެމީހާއަށް އަހަރެމެން ބުނަމެވެ. ތިބާ އެދުވަހުގައި ރޯދަހިފުން މައްސަލައެއްނެތެވެ.

އަދިވެސް ޝެއިޚް ވިދާޅުވެފައިވެ އެވެ.

ޢިލްމުވެރިންގެ ބަސްފުޅުތަކުން ރަމަޟާން މަހުގެ ކުރިއަށް ރޯދަހިފާ މީހުން 3 ގިންތިއަކަށް ބެހިގެންދެ އެވެ.

ފުރަތަމައީ : އެ ދުވަހަކީ ފަހަރެއްގައި ރަމަޟާން މަހުގެ ދުވަހެއް ކަމުގައި ވެދާނެ ކަމަށްޓަކައި، (އެބަހީ : އެދުވަސް ވެގެންދިޔައީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްތޯ ނުވަތަ ޝަޢުބާން މަހުގެ 30 ވަނަ ދުވަސްކަމާއި މެދުގައި) ޝައްކު އުފެދިފައިވާ ދުވަހަށެވެ. ފަހެ، އެހިނދު ރައްކާތެރި ވުމަށްޓަކައި (އެބަހީ : ރަމަޟާން މަހުގެ ފުރަތަމަ ދުވަސް) ކަމުގައި ވެދާނެ ކަމަށްޓަކައި އެދުވަހުގައި އެމީހަކު ރޯދައަށް ހުރުމެވެ. ފަހެ، މިއީ ދީނުގައި ނަހީ ކުރެވިގެންވާ ކަމެކެވެ.

ދެވަނައީ : ޝަޢުބާން މަހުގެ ފަހު ދުވަސް އެމީހަކު ނަދުރު ރޯދަ ގޮތުގައިވާ ރޯދައެއް ނުވަތަ ފާއިތުވީ ރަމަޟާން މަހުން ޤަޟާކުރަން ޖެހިފައިވާ ރޯދައެއް ހިފުމެވެ. ނުވަތަ އޭނާގެ މައްޗަށް އޮތް ކައްފާރާ ރޯދައެއް ހިފުމެވެ. ފަހެ، މި ޙާލަތުގައި ހުއްދަވެގެންވެ އެވެ. ސަބަބަކީ މި ރޯދައިގެ ޤަޞްދު ކަމުގައިވަނީ ވާޖިބު ރޯދައެއް ހިފުމެވެ.

ތިންވަނައީ : ސުންނަތް ރޯދައެއް ހިފުމަށްޓަކައި އެމީހަކު ޝަޢުބާން މަހުގެ އެންމެ ފަހު ދުވަހުގައި ރޯދައަށް ހުރުމެވެ. މިތަނުގައި ސުންނަތް ރޯދައިގެ މުރާދަކީ، ޢާދަވެ ރޯދަހިފާ މީހަކު އޭނާގެ ޢާދައާ އެއްގޮތަށް ރޯދަ ހިފުމެއް ނޫނެވެ. އެހެނަސް ސުންނަތް ރޯދައެއް ހިފުމުގެ ޤަޞްތުގައި ރޯދައަށް ހުރުމެވެ. މިއީ ހުއްދަވެގެންވާ ޢަމަލެއް ނޫނެވެ.“

ފަހެ، ޢާދަވެ ސުންނަތް ރޯދަ ނުހިފާ މީހަކު އެ ދުވަހުގައި ރޯދައަށް ހުރުން ހުއްދައެއް ނުވާނެ އެވެ. އެފަދަ މީހަކީ ހުއްދަލިބިގެންވާ މީހުންގެ ތެރެއަށް ވަންނާނެ މީހެއް ނޫނެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply