ކައްފާރާއެއްގެ ގޮތުގައި މިސްކީނުންނަށް ކާން ދިނުމުގެ ބަދަލުގައި ފައިސާ ދެވިދާނެތޯ؟ އަދި މިސްކީނުންނަކީ ކޮބާތޯ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

އަޚާ އެވެ! މިސްކީނުންނަށް ކާން ދިނުމަށް ބުނުމުގައި ތަފްޞީލުތަކެއް ވުމުން ބުނަމެވެ.

ފުރަތަމައީ : ކައްފާރާއެއްގެ ގޮތުގައި މިސްކީނުންނަށް ކާން ދިނުމަށް ދީނުގައި ﷲ އަމުރުފުޅު ކުރައްވާފައިވާ ކަމެވެ. وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ ’“ދަތި އުނދަގޫ ކަމާއެކު އެކަމަށް ކުޅަދާނަވާ މީހުންގެ މައްޗަށް އޮތީ (ރޯދަ ދޫކުރުމާއެކު) މިސްކީނުންނަށް ކާން ދިނުމެވެ.“

އަޚާ އެވެ! މިއީ ﷲ ގެ ބަސްފުޅުގައިވާ ގޮތެވެ. އޭގެ ޙިކްމަތަކީ ކޮބައިކަން މޮޅަށް ދެނެވޮޑިގަންނަވަނީ ﷲ ތަޢާލާ އެވެ. އެ ޒަމާނުގައި ފައިސާއަށް ނުހަނު ޙާޖަތް ޖެހިވަޑައިގެންފައިވާ ނިކަމެތި ފަޤީރުންވާ ޙާލުގައިވެސް، ﷲ ގެ އަމުރުފުޅު ބަޔާންވެގެންވީ މިފަދައިންނެވެ. އެހެން ވުމުން ކާންބޯން ދިނުމުގައި ދެމިހުރުން އެއީ އެންމެ ފުރިހަމައަށް އެ އަމުރުފުޅަށް ބޯލެނބުމާއި ކިޔަމަންގަތުންކަން ބަޔާންވެ އެވެ. އިތުރަށް މި ބާބުގައި ޢިލްމުވެރިންގެ ތެރެއިން، ފަހުގެ ދުވަސްތަކުގައި ފާޅުވި މި ޒަމާނުގެ މުހައްދިޘް އަލް އިމާމް الألبَانِي -رحمه الله- ވިދާޅުވެފައިވާ ބަސްފުޅެއް ބަޔާން ކުރަމެވެ.

”އެހެން ނަމަވެސް ދެވަނައީ އިންތިހާއަށް ނުރައްކާތެރި ވެގެންވާ ކަމެކެވެ. ސަބަބަކީ، ޝަރުޢު ކުރައްވާ ޙިކުމަތްވަންތަ، ޢާލަމްތަކުގެ ވެރި އިލާހު، އެ އިލާހުގެ މާތް ނަބިއްޔާއަށް ވަޙީ ބާވައިލައްވައި އުއްމަތުގެ މައްޗަށް ފަރުޟު ކުރެއްވުމަށް އެންގެވީ (ފިޠުރު ޒަކާތުގެ ގޮތުގައި) ކާބޯތަކެތިން ޞާޢު އެއްގެ މިންވަރުން ނެރުމަށެވެ.

އެއަށްފަހު، މި މީސްތަކުން ފަޤީރުންނާއި މިސްކީނުންގެ މަޞްލަޙަތާއި އެބައިމީހުންނަށް ފައިދާބޮޑު ގޮތް ދަންނަ ކަމުގައި ދަޢުވާކޮށް ފައިސާއިން ޒަކާތް ނެރެން ގޮވާލުމުން، އެއިން ދޭހަކޮށްދެނީ ﷲ އަށް ފަޤީރުންނާއި މިސްކީނުންގެ މަޞްލަޙަތާއި ފައިދާބޮޑު ގޮތަކީ ފައިސާއިން އެ ޒަކާތް ނެރުންކަން އެނގިވޮޑިގެންފައި ނުވާއިރު، އެކަން މިބައިމީހުންނަށް އެނގިފައިވާކަމަށް އެބައިމީހުން ޤަބޫލުކުރުމެވެ.“

ޔަޢުނީ : ދީނުގައި ޤުރުއާނުގައި އެ ޒަމާނުގައި ފައިސާއަށް އިންތިހާއަށް ޙާޖަތްޖެހިވަޑައިގަންނަވާފައިވީހިނދުވެސް، ﷲ ގެ ޙިކްމަތްވަންތަ، މާތްވަންތަ، ޢަދުލުވެރިވަންތަ ޝަރީޢަތުގައި ޙުކުމް ބާވައިލެއްވުނު ގޮތުގައި ދެމިހުރުން ހެޔޮވެގެންވުމެވެ.

ދެވަނައީ : ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާން ދިނުމޭ ބުނުމުން، ނުވަތަ ޞާޢުއެއްގެ ދެބައިކުޅަ އެއްބައި ކާން ދިނުމޭ ބުނުމުން އޭގެ މާނަ އެވެ. އަޚާ އެވެ! މިތަނުގައި ބަޔާން މިކުރަނީ ޞާޢުއެއްގެ މިންވަރު ކާން ދިނުމާއި މެދު العَلامة ابن العُثَيمين -رحمه الله- ވިދާޅުވެފައިވާ ބަސްފުޅެކެވެ. ”ކައްފާރާ ދިނުން އޮތީ، އެއްގޮތަކީ މިސްކީނުންނަށް މެންދުރު ކެއުމެއް ދިނުމެވެ. ނުވަތަ މިސްކީނުންނަށް ރޭނގަޑު ކެއުމެއް ދިނުމެވެ. އެއީ أَنَس بِنْ مَالك رضي الله عنه އަމަލުފުޅު ބެހެއްޓެވިފަދައިންނެވެ.

މިފަދައިން ކާބޯތަކެތި ނެރޭ ހިނދުގައި އެތަކެއްޗާ އެކީގައި ކެއުމަށް ބޭނުންކުރާނެ (ރިހަ، މަސް) މިފަދަ އެއްޗެއް ނެރުން ހެޔޮކަންބޮޑުވެގެންވެ އެވެ. والله أعلم.“

މިސްކީނުންނަކީ ކޮބައިތޯ އެވެ؟ އެއީ އޭނާއަށް ޢާމްދަނީ، ނުވަތަ މުސާރަ ލިބޭ މީހެކެވެ. އެހެނަސް ބޭނުންވާ ކަންތައްތައް ފުއްދޭ މިންވަރަށް ނުލިބޭ މީހުންނެވެ. އެހެން ޖުމްލައަކުން ބުނާނަމަ، މިސްކީނަކީ އޭނާގެ ޖުމްލަ ޚަރަދުގެ ދެބައިކުޅަ އެއްބައި ނުވަތަ އެއަށްވުރެ ގިނައިން ލިބޭ މީހެކެވެ. އެހެނަސް އެންމެހައި ޙާޖަތްތަކެއް ފުއްދޭ ވަރަށް ނުލިބޭ މީހުންނެވެ.

އިތުރަށް ތަފްޞީލު ކޮށްލަމެވެ. ޞާޢު އަކީ ގާތްގަނޑަކަށް 3 ކިލޯ ހަނޑުލެވެ. ޞާޢުގެ ދެބައިކުޅަ އެއްބަޔަކީ 1.5 ކިލޯ ހަނޑުލެވެ. ފަހެ، އެހެންވުމުން ޞާޢު އަކީ މިނާ އެއްޗެއް ކަމުގައި ވުމުން، 1.5 ކިލޯ ހަނޑުލު އަޅާފައި ހުންނަ އެއްޗަކަށް އެ މިންގަނޑަށް ފުށް އެޅުމުން އެއީ ފުށުން ޞާޢުއެއްގެ ދެބައިކުޅަ އެއްބައި ދެވުނީ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم

Similar Posts