ރޯދައަށް ހުންނަ މީހާ ހަށިގަނޑަށް ފިނި ކުރުމަށްޓަކައި ފެންވެރުމުން ރޯދަ ގެއްލޭނެތޯ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:

ރޯދައަށް ހުންނަ މީހާ ހަށިގަނޑަށް ފިނި ކުރުމާއި ފެންވެރުމާއި މިފަދަ ޢަމަލު ތަކަކީ ރޯދައަށް އަޘަރު ކުރުވާ ކަންތައްތަކެއް ނޫނެވެ. 

ވުމުން މި ޒަމާނުގައި އޭސީ ބޭނުންކޮށް، ފިނި ތަނެއްގައި ދެމިހުރުމަކީ ރޯދަވެރިޔާގެ ރޯދައަށް އެއްވެސް އުނިކަމެއް އަންނާނެ ކަމެއް ނޫނެވެ. 

ގަދަ ހޫނުން ނުވަތަ ރޯދައަށް ހުރުމުގެ ސަބަބުން ކަރުހިއްކުން ބޮޑުވެ ހަށިގަނޑު ފިނި ކުރެއްވުމަށްޓަކައި ހަށިކޮޅަށް ފެން އެޅުއްވުމަކީ ބަޔާންވެގެންވާ ކަމެވެ.

ޞައްޙަ ޙަދީޘްގައިވެ އެވެ. أَبو بكر بن عبد الرحمن -رحمه الله-  ރަސޫލާ -صلى الله عليه وسلم  ގެ ބައެއް އަޞްޙާބު ބޭކަލުންގެ އަރިހުން ރިވާކޮށްފައިވެ އެވެ. ވިދާޅުވި އެވެ.  (لقد رأيتُ رسولَ اللهِ -صلى الله عليه وسلم-  بالعَرْجِ يَصُبُّ الماءَ على رأسِه  وَهوَ صائمٌ من العطشِ أو من الحرِّ) 

”رسولَ اللهِ صلى الله عليه وسلم   ޢަރްޖު –މަދީނާގެ ރަށްބޭރުގައިވާ އަވަށެއް- ރޯދައަށް ހުންނަވައި، ކަރުހިއްކުމުގެ ބޮޑުކަމުން ނުވަތަ ހޫނު ގަދަކަމުން އިސްތަށިފުޅަށް ފެން އެޅުއްވިތަން ދެކުނީމެވެ.“ صحيح أبي داود 2365

ވުމުން، މި ޢަމަލުތަކަކީ ހުއްދަވެގެންވާ ޢަމަލުތަކެވެ. 

މިފަދައިން އުއްމަތުގެ ޢިލްމުގެ އަހުލުވެރިން ފަތުވާ ދެއްވާފައިވެ އެވެ. العلامة د. محمد أمان الجامي  -رحمه الله-  ވިދާޅުވެފައިވެ އެވެ. 

”ރޯދަވެރިޔާ ފެންވެރުމާއި، ހޫނު ގަދަކަމުގެ ސަބަބުން އަދި ކަރުހިއްކާލެއް ބޮޑުކަމުން ބޮލަށް ފެންއެޅުމަކީ އޭގެ ސަބަބުން ރޯދައަށް އަޘަރު ކުރާނެ ކަންތައްތަކެއް ނޫނެވެ.“  التعليق على زاد المعاد 

 ޖަވާބު ބަޔާންވެއްޖެ ކަމުގައި ކަމުގައި އުއްމީދު ކުރަމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts