ރަމަޟާން މަހުގެ ފަހު ދިހައިގެ ލައިލަތުލް ޤަދްރި
އަޚުންނޭވެ! ރަމަޟާން މަހުގެ ފަހުދިހަ ބައްދަލު ކުރާއިރު ހެޔޮކަންކަމުގައި ކުރިއަރައިދާން އެދޭ ކޮންމެ ނަފްސެއް އެންމެ ބޮޑު ޢަމަލު ގޮތުގައިވާނީ ފަހު ދިހައިގެ ރޭތަކުގެ ތެރޭގައިވާ ﷲ ޝަރަފުވެރި ކުރައްވާފައިވާ ލައިލަތުލް-ޤަދްރި ވިލޭރޭ އެވެ.
މިއީ މި އުއްމަތަށް ﷲ ތަޢާލާ ދަރުމަވަންތަވެވޮޑިގެންނެވި ޚާއްޞަ ރެއެކެވެ. މި ރޭގެ ޝަރަފާއި، މާތް، މަތިވެރި، ހެޔޮކަމުގެ ބޮޑުކަން އެތައް ގޮތަކުން ބަޔާންވެގެންވެ އެވެ. ޤުރުއާނުގައި ލައިލަތުލް-ޤަދްރިއާ ގުޅޭ ވަކިވަކި ޚާއްޞަ އާޔަތްތަކެއްވެ އެވެ. އަދި ސޫރަތް ބާވައިލެއްވިފައިވުމަކީވެސް އެރޭގެ މާތްކަން ބަޔާންވެގެންވުމުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. މިއަދުގެ ނަޞޭޙަތުގައި ލައިލަތުލް-ޤަދްރިއާ މެދުގައި އެކިއެކި ނުކުތާތަކެއް ފާހަގަ ކޮށްލަމެވެ.
1. މި ރެއާއި ގުޅިގެން ބާވައިލެއްވިފައިވާ ޞޫރަތަށް ބަލާލުމެވެ.
إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ ﴿1﴾ ހަމަކަށަވަރުން ތިމަން އިލާހު، އެ ޤުރުއާން ބާވައިލެއްވީ لَيْلَةُ القَدر ވިލޭރޭގަ އެވެ.
މި ޞޫރަތުގައި ﷲ ޚަބަރު ދެއްވާފައިވަނީ، އެ އިލާހު ލައިލަތުއް ޤަދްރި ރޭގައި ޤުރުއާން ބާވައިލެއްވިކަމެވެ. އެ ރެއަކީ ﷲ ވަޙީކުރައްވާފައިވާ ފަދައިން ނުހަނު ބަރަކާތްތެރި ރެއެކެވެ. إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ ۚ إِنَّا كُنَّا مُنذِرِينَ “ހަމަކަށަވަރުން ތިމަން އިލާހު އެ ޤުރުއާން ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެއެއްގަ އެވެ. ހަމަކަށަވަރުން އިންޛާރު ކުރައްވާ ކަލަކު ކަމުގައި ތިމަން އިލާހު ވޮޑިގެންވަމެވެ.” އެ ރެއަކީ لَيْلَةُ القَدر ވިލޭރޭ އެވެ.
އަދި ޤުރުއާން ބާވައިލެއްވުނީ ރަމަޟާންމަސް ތެރޭގައި އެވެ.شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ”ރަމަޟާން މަހަކީ އެ މައްސަރެއްގައި ޤުރުއާން ބާވައިލެއްވުނު މައްސަރެވެ.”
ابن عبَّاس ވިދާޅުވެފައިވެ އެވެ. “ޤުރުއާން އެކުއެކީގައި اللوحُ المَحفُوظ ލަޥްޙުޟް މަޙްފޫޟު އިން بَيت العِزّة ބައިތުލް ޢިއްޒަ އަށް –ދުނިޔޭގެ އުޑަށް- އެއްފަހަރާ ބާވައިލެއްވުނެވެ. އެއަށްފަހު، ރަސޫލާ ﷺ އަށް 23 އަހަރުދުވަސް ތެރޭގައި އެކިއެކި ޙާދިޘާތަކާއި އެކިއެކި ދުވަސްތަކުގެ މަތިން ބާވައިލެއްވުނެވެ.” بَيت العِزّة ބައިތުލް ޢިއްޒަ އަށް –ދުނިޔޭގެ އުޑަށް- އެއްފަހަރާ ޤުރުއާން ބާވައިލެއްވުނީ لَيْلَةُ القَدر ގަ އެވެ.
وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ ﴿2﴾ އަދި لَيْلَةُ القَدر އަކީ ކޮންރެއެއްކަން އިބަނަބިއްޔާއަށް އަންގައިދިނީ ކޮންއެއްޗެއްތޯ އެވެ؟
لَيْلَةُ القَدر ހޯދުމަށް ބާރުއެޅުމަށާއި، އެ ރޭގެ ޘަވާބުން މަޙްރޫމް ނުވުމަށް، މާތް ނަބިއްޔާ ﷺ ޞަޙާބީންނަށް އެ ރޭ ހަނދުމަކޮށް ދެެއްވައި، މާތް މަތިވެރިކަމުގެ ޘަވާބާއި ދަރުމަ ހޯދުމަށް ބާރު އަޅުއްވަ އެވެ. ޙަދީޘްގައިވެ އެވެ. (قد جاءكم شهر رمضان، شهر مبارك، افترض الله عليكم صيامه، تفتح فيه أبواب الجنة، وتغلق فيه أبواب الجحيم، وتغل فيه الشياطين، فيه ليلة خير من ألف شهر، من حرم خيرها فقد حُرم) “ބަރަކާތްތެރި ރަމަޟާންމަސް ތިޔަބައިމީހުންނާ ބައްދަލުކޮށްފި އެވެ. އެ މައްސަރުގައި ތިޔަބައިމީހުންގެ މައްޗަށް ރޯދަހިފުން ފަރުޟު ކުރައްވާފައިވެ އެވެ. ސުވަރުގޭގެ ދޮރުކޮޅުތައް އެމައްސަރުގައި ހުޅުވެ އެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވެ އެވެ. އަދި ޝައިޠާނުން ކަސްތޮޅު އެޅުވެ އެވެ. އެ މައްސަރުގައި އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއް ވެ އެވެ. އެ ރޭގެ ހެޔޮކަމުން މަޙްރޫމްވެއްޖެ މީހާއަކީ ހެޔޮކަމުން މަޙްރޫމް ވެއްޖެ މީހެކެވެ.”
لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ ﴿3﴾ لَيْلَةُ القَدر ވިލޭރޭ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވެ އެވެ.
لَيْلَةُ القَدر ވިލޭރޭގެ އަޅުކަމަކީ އެއްހާސް މައްސަރަށްވުރެ ހެޔޮވެގެންވާ އަޅުކަންތަކެއް ގޮތުގައިވުމުން އޭގެ އަޖުރު ބަޔާންކުރައްވާ ޙަދީޘްކުރެއްވި އެވެ. (من قام ليلة القدر إيمانا واحتسابا غفر له ما تقدم من ذنبه) “لَيْلَةُ القَدر ވިލޭރޭގައި، ﷲއަށް އީމާންވެ، އެރޭގެ ޘަވާބާއި ދަރުމަ ﷲގެ ޙަޟުރަތުން ލިބުމަށްއެދި އަޅުކަމުގައި ޤާއިމްވެއްޖެ މީހާއަށް އޭނާގެ އިސްވެގޮސްފައިވާ ފާފަތައް ﷲ ފުއްސަވައިދެއްވާނެ އެވެ.”
تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ ﴿4﴾ مَلائِكَة ންނާއި ޖިބްރީލް އެބޭކަލުންގެ ވެރި އިލާހުގެ ޙަޟުރަތުގެ އިޛުނަފުޅާއެކު ހުރިހައި އަމުރުފުޅަކާއިގެން އެރޭ ފައިބައިވަޑައިގަންނަވާނެތެވެ.
މާނައަކީ، މިރޭގެ ބަރަކާތްތެރި ކަމުގެ ބޮޑުކަމުން، މިރޭގައި ބިމަށް ފައިބައިވޮޑިގަންނަވާ މަލާއިކަތުންގެ ޢަދަދު ނުހަނު ގިނަވާނެ އެވެ. އެ ރޭގައި مَلائِكَة ފައިބައިވަޑައިގަންނަވަނީ ރަޙްމަތާއި ބަރަކާތާއިގެންނެވެ.
މި އާޔަތުގައި ބަޔާންވެގެންވާ الرُّوح އަކީ جِبرِيل އެވެ.
لَيْلَةُ القَدر ވިލޭރޭ ބިންމައްޗަށް ފައިބައިވަޑައިގަންނަވާ މަލާއިކަތުންގެ ޢަދަދު ނުހަނު ގިނަކަން ބަޔާންކުރައްވާ ރަސޫލާ ﷺ ޙަދީޘް ކުރެއްވި އެވެ. (وإن الملائكة تلك الليلة في الأرض أكثر من عدد الحصى) “ހަމަކަށަވަރުން އެ ރޭގައި ބިންމަތީގައިވާ ގާކޮޅުތަކުގެ ޢަދަދަށް ބިންމައްޗަށް މަލާއިކަތުން ފައިބައިވަޑައިގަންނަވާނެ އެވެ.”
مِّن كُلِّ أَمْرٍހުރިހައި އަމުރުފުޅަކާއިގެން، މާނައަކީ : އެންމެހައި އަމުރުތަކެއް ނިޔާކުރެވެ އެވެ. އަދި އަޖަލާއި ރިޒުޤު ކަނޑައެޅެ އެވެ. ﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ.
فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ”އެ ރޭ ކަނޑައެޅިގެންވާ ކޮންމެ ކަމެއް ބަޔާންކުރައްވަތެވެ.”
ތަފްސީރުގައި ބުނެވެ އެވެ. ކޮންމެ އަހަރެއްގެ ليلةالقدر ރޭގައި ކުރިއަށް އޮތް އަހަރުގައި އެރޭ އަންނަންދެން، އެއަހަރަށް ޚާއްޞަ ވެގެންވީ ކަންތައްތައް ތަޤްދީރު ކުރެއްވުމެވެ. ﷲ ވަޙީ ކުރެއްވިއެވެ.” فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ” އެރޭ ކަނޑައެޅިގެންވީ ކޮންމެ ކަމެއް ބަޔާންކުރައްވަތެވެ.”
ޢިލްމުގެ އަހުލުވެރިން ވިދާޅުވެފައިވެއެވެ. އެއީ (އެ ރޭގައި) ތަފްޞީލް ކުރެއްވުމެވެ. ފަހެ މި 1441 ވަނަ އަހަރުގެ ليلةالقدر ވިލޭރެއާ ޖެހެންދެން ހިނގާނެ އެންމެހައި ކަންތައްތައް މާޒީވެދިޔަ ރަމަޟާން މަހުގެ ليلةالقدر ވިލޭރޭގައި ވަނީ ލިޔުއްވިފަ އެވެ. އަދި އެގޮތުގައި ލިޔުއްވުމުގައިވާ މަލާއިކަތުންނަށް ވަނީ އެކަން ޙަވާލުކުރެވިގެންނެވެ.
سَلَامٌ هِيَ حَتَّىٰ مَطْلَعِ الْفَجْرِ ﴿5﴾ لَيْلَةُ القَدر އެއީ ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށް ދާންދެން، އަމާންކަމާއި، ސަލާމަތްކަން ލިބިގެންވާ ރެއެކެވެ.
سَلَامٌ هِيَ އެ ރެއަކީ ސަލާމަތްކަން ލިބިގެންވާ ރެއެކެވެ. مُجَاهد ވިދާޅުވެފައިވެ އެވެ. “އެރޭގައި ޝައިޠާނާއަށް ނުބައިކަންތައް ކުރުމަށް ކުޅަދާނަވެގެންނުވެ އެވެ.”
قَتَادَة ވިދާޅުވެފައިވެ އެވެ. “މުޅި އެރެއަކީ ހެޔޮކަމުން ފުރިގެންވާ ރެއެކެވެ. އެރޭ ފަތިސްވުމަށް ދާންދެން އެއްވެސް ނުބައިކަމެއްނުވެ އެވެ.”
2. މިރެއަށް ލިބިގެންވާ ޚާއްޞަ ސިފަތަކެވެ.
ފުރަތަމައީ : ﷲ ބާވައިލެއްވި އެއިލާހުގެ ފޮތް ކަމުގައިވާ ޤުރުއާން، އެންމެ ބޮޑުވެގެންވާ މުޢުޖިޒާތް، އެ އިލާހުގެ ވަޙީ ބަސްފުޅު އަދި އެންމެހައި އިންސާނުންނާއި އެހެނިހެން ތަކެއްޗަށް އޮތް ހިދާޔަތުގެ ފޮތް ބާވައިލެއްވީ މިރޭގަ އެވެ. އަޚުންނޭވެ! ވުމުން ﷲޙަޟުރަތުގައި މިރެއަށް ދެވިގެންވާ ޤަދަރާއި ޝަރަފު އަހަރެމެންގެ ނަފްސުތަކަށް އެނގިގަނެ އެފަދަ ޤަދަރެއް ދިނުމަށް މަސައްކަތް ކުރުން ހުއްޓެވެ. ޤުރުއާން ބާވައިލެއްވުމަށް ޙައްޖުމަސް، ޢަރަފާތް ދުވަސް، ޢާޝޫރާ ދުވަސް، ޢީދު ދުވަހެއް އިޚްތިޔާރެއް ނުކުރައްވަ އެވެ. އެހެނަސް ލައިލަތުލް-ޤަރްދި އެވެ. ފަހެ، އެހެން ވުމުން އެ ރެއަކީ ވިސްނުމަށް ނުގެވޭނެވަރުގެ ޝަރަފާއި ކަރާމާތާއި ޤަދަރުވެރި ރެއެކެވެ.
ދެވަނައީ : މި ރޭގެ މާތްކަމާއި މަތިވެރިކަމުގެ ބޮޑުކަން ދުލަކުން އަދި ސިފަކޮށް ބަޔާންކޮށް ނުދެވޭނެ މިންވަރުގެ ރެއެއް ކަމެވެ. ސަބަބަކީ، مَا أَدْرَاكَ مَا لَيْلَةُ الْقَدْرِ ﴿2﴾ އަދި لَيْلَةُ القَدر އަކީ ކޮންރެއެއްކަން އިބަނަބިއްޔާއަށް އަންގައިދިނީ ކޮންއެއްޗެއްތޯ އެވެ؟ ސުވާލު ކުރެވިފައިވުމުން އަންގައިދެނީ، އޭގެ ބޮޑުކަމާއި ޤަދަރުވެރިކަމެވެ.
ތިންވަނައީ : އެއްހާސް މައްސަރަށްވުރެ ހެޔޮ ރެއެއް ކަމުގައި އެރޭ ވުމެވެ. އަޚުންނޭވެ! އެއްހާސް މައްސަރެވެ. ދުލުން އެއްހާސް މައްސަރު ބުނެލުމަކުން އޭގެ ބޮޑުކަން ނުގެނެވޭނެ އެވެ. އަހަރުގެ ގޮތުން ބަލާނަމަ އެއީ 83 އަހަރުގެ މުއްދަތެވެ. އިންސާނެއްގެ ޢުމުރެވެ. 83 އަހަރުވަންދެން ހުއްޓާލުމެއްނެތި، އަބަދާއި އަބަދު ނަމާދުގައި ޤާއިމްވެ ހުންނަ މީހެކެވެ. ހުއްޓާ ލުމެއްނެތި ރޯދައަށް ހުންނަ މީހެކެވެ. އަބަދާ އަބަދު ހުއްޓާލުމެއްނެތި ޤުރުއާން ކިޔެވުމުގައި….. މިފަދަ އެންމެހައި އަޅުކަންތަކެއްގަ އެވެ. ލޯބިވާ އަޚުންނެވެ! ފަހެ، ހިތްމަތާއި މިންނަތް އަހަރުމެންގެ ނަފްސުގައި ކޮބައިހެއްޔެވެ؟ މި އަޖުރު ހޯދައިގަތުމަށް ނުކުންނަންވީ އެވެ. 10 ރޭގައި ޤާއިމްވެ އިންނަ މިހަކަށް މިރޭގެ ޙާޞިލްވާނެ ކަމުގެ ޝައްކެތްވެސް ނެތެވެ. އެންމެ ދިހަ ރެ އެވެ. އަޚުންނޭވެ! ނަފްސުގައި ކޮންފަދަ ހިއްތަމެއްވޭ ހެއްޔެވެ؟
ހެޔޮ ނުވާނެ އެވެ! މިއީ ރޭތަކުގެ ތެރެއިން އާދައިގެ ޢަމަލެއްގެ ގޮތުގައި ނުހަދާށެވެ. الإِمَام ابن القيم (ވިދާޅުވެފައިވެ އެވެ. ”ލައިލަތުލް ޤަދްރި އަކީ މުޅި އަހަރުގެ ރޭ ތަކުގެ ތެރެއިން އެންމެ ރެއެއް ކަމުގައިވިޔަސް، އެ ރޭ ހޯދުމަށްޓަކައި މުޅިއަހަރުގެ ހުރިހާ ރެއެއްގައި ރޭ އަޅުކަމުގައި އެ ރޭ ހޯދުމަށްޓަކައި ޤާއިމްވާނަމެވެ. ފަހެ، އެއީ 10 ރޭގެ ތެރެއިން ރެއެއް ކަމުގައި ވުމުން ތިބާ ދެކެނީ ފަހެ ކިހިނަކުންތޯ އެވެ“ بدائع الفوائد 55/1
އެންމެ ދިހަ ރެ އެވެ! އެ ރޭތަކުގައި ލައިލަތުލް-ޤަދްރި ވާނެ ކަން ކަށަވަރެވެ.
ހަތަރުވަނައީ : އެރޭގެ ޤަދަރުވެރި، މަތިވެރިކަން އަންގައިދޭ އެއް ސިފައަކީ، މަލާއިކަތުން އަދި އެންމެ މަތިވެރިވެރި މަލާއިކަތާ މި ބިންމައްޗަށް ފައިބައިވޮޑި ގަތުމެވެ. ދަންނަންޖެހެނީ، މަލާއިކަތުން އެރޭގައި ފައިބައިވޮޑިގަންނަވަނީ ހެޔޮކަންތަކާއި، ބަރަކާތާއި ރަޙްމަތާއިގެންނެވެ.
ފަސްވަނައީ : އެރޭގެ ސަލާމަތްތެރިކަމުގެ ބޮޑުކަމުން، އެރޭ ސިފަވެފައިވަނީ ސަލާމަތްތެރިކަމުގެ ރެއެއްގެ ގޮތުގަ އެވެ. އޭގެ އެންމެ ބޮޑުވެގެންވާ ސަލާމަތަކީ، އެ ރޭގައި އަޅުކަމުގައި ޤާއިމްވެ ދެމިހުރުމުގެ ސަބަބުން ނަރަކައިގެ ޢަޛާބާއި ޢުޤޫބާތުން އެތަކެއް އަޅުތަކުންނެއް ސަލާމާތްވެގެންވާ ރެއެއް ކަމުގައި އެރޭވެގެންދިއުމެވެ.
ހަވަނައީ : ކީރިތި ޤުރުއާނުގައި ޚާއްޞަ ސޫރަތެއް ލައިލަތުލް-ޤަދްރީގެ މައްޗަށް ބާވައިލެއްވިގެންވުމެވެ.
3. މިރޭގެ އަޖުރާއި ޘަވާބުގެ ބޮޑުކަމެވެ. الصحيحين ގައިވެ އެވެ. (من قام ليلة القدر إيمانا واحتسابا غفر له ما تقدم من ذنبه) “لَيْلَةُ القَدر ވިލޭރޭގައި، ﷲއަށް އީމާންވެ، އެރޭގެ ޘަވާބާއި ދަރުމަ ﷲގެ ޙަޟުރަތުން ލިބުމަށްއެދި އަޅުކަމުގައި ޤާއިމްވެއްޖެ މީހާއަށް އޭނާގެ އިސްވެގޮސްފައިވާ ފާފަތައް ﷲ ފުއްސަވައިދެއްވާނެ އެވެ.”
العلامة ابن العثيمين -رحمه الله- ވިދާޅުވެފައިވެ އެވެ. ” إيمانا واحتسابا ޔަޢުނީ : ﷲއަށް އިމާންވުމާއެކު، އެރޭގެ އަޅުކަމުގައި ޤާއިމްވެ އިންނަ މީހާއަށް ލިބޭނެ ޘަވާބާއި އަޖުރަށް އީމާންވެ ޤަބޫލުކޮށް، އެ އަޖުރާއި ޘަވާބަށްއެދި ދެމިހުންނަ މީހާ އެވެ.”
އަޅުތަކުންނަށް އޮތީ މިރޭގެ ޤަދަރާއި ޝަރަފަށް އީމާންވުމެވެ. އެކަން ޤަބޫލުކުރުމާއި އެކު، އެރޭގެ ޘަވާބާއި ދަރުމައަށް އެދި އަޅުކަމުގައި ދެމިހުރުމެވެ. ފަހެ، ﷲ ގެ އަމުރުފުޅާއި އިރާދަފުޅުން މި ބޮޑުވެގެންވާ އަޖުރު ލިބޭނެ ފަރާތެއްގެ ގޮތުގައިވާނެ އެވެ.
4. އަޚުންނޭވެ! އެރޭ ވަންހަނާ ކުރެވިފައިވަނީ އެންމެ 10 ރޭގެ ތެރޭގައ އެވެ. އެއް އަހަރުގެ ރޭތަކުގެ ތެރޭގައިވެސް ނޫނެވެ. އެއް މައްސަރުގެ ރޭތަކުގައިވެސް ނޫނެވެ. އެންމެ ދިހަ ރޭގެ ތެރޭގަ އެވެ. ﷲ ގެ އޯގާވަންތަވެރިކަމާއި ރަޙްމަތެވެ. އެންމެ ދިހަ ރޭގަ އެވެ. ވަންހަނާކޮށްފައި ވުމުގެ ސަބަބަކީ، އިޚްލާޞްތެރިކަމާއި އެކު އެރޭ ހޯދާ މީހުންނާއި ކަންނެތް ކަމާއި ފަރުވާކުޑަވެފައިވާ މީހުން ވަކިވެ ތަފާތުވުމަށްޓަކަ އެވެ.
ފަހެ، އެރޭގެ ޤަދަރާއި މަތިވެރިކަން ދަނެ، ނަފްސު އެދޭ އެދުންތައް ޤުރުބާންކޮށް، އެރޭ ހޯދުމަށް ނަމާދުކޮށް، ޛިކުރުކޮށް، ޤުރުއާން ކިޔަވައި، ތަސްބީހަ ކިޔުމާއި، ދުޢާ ކުރުމާއި ޞަދަޤާތްފަދަ އަޅުކަމުގައި ގާއިމްވެ އިންނަ މީހާއާއި ކަންނެތް ކަމުގައިވާ ފަރާތްތައް ވަކިވެދިއުމަށްޓަކަ އެވެ.
5. މިރޭގެ ބައެއް ޢަލަމާތްތައް ޛިކުރުވެގެންވެ އެވެ. لَيْلَةُ القَدر އަށް އެހެނިހެން ރޭތަކާއި ޚިލާފަށް ޚާއްޞަ ސިފަތަކެއް ލިބިގެންވެ އެވެ. އޭގެ ތެރޭގައި، އެދުވަހުގެ ހެނދުނު އިރު އަރާހިނދު، އިރުގައި ގަދަ ދޯދި ނުހުންނާނެ އެވެ. އެ ރޭގައި ނޫރު ގަދަވެގެންވުމެވެ. މުއުމިނު އަޅާއަށް ހިތްހަމަޖެހުން ލިބިގެންދާ ރެއެއް ކަމުގައިވުމެވެ. އެ ރެއަކީ ފަސޭހަ ރެއެއް ކަމުގައިވުމާއި، އެ ރެއަކީ ހޫނު ގަދަ އަދި ފިނި ގަދަ ރެއެއް ކަމުގައި ނުވުމެވެ.
6. ލައިލަތުލް-ޤަދްރީގައި ކިޔުމަށް ޚާއްޞަ ދުޢާއެއް ވާރިދުވެގެންވެ އެވެ. ޙަދީޘްގައިވެ އެވެ.(قلتُ: يا رسولَ اللهِ أرأيتَ إن علمتُ أيَّ ليلةِ القدرِ ما أقولُ فيها ؟ قال: قولي: اللهمَّ إنك عفوٌّ تُحبُّ العفوَ فاعفُ عنِّي) عَائِشَة -رضي الله عنها- ވިދާޅުވެފައިވެ އެވެ. ތިމަންކަމަނާ ރަސޫލާ އަރިހުގައި ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާ އެވެ. ތިމަންކަމަނާއަށް ލައިލަތުލް ޤަދްރި ބައްދަލުވެއްޖެ ހިނދުގައި އެ ރޭގައި ތިމަން ކަމަނާ ކިޔާނީ ކޯންޗެއް ތޯ އެވެ؟ އެ ހިނދު ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި އެވެ. މިފަދައިން ދަންނަވާށެވެ. (اللهمَّ إِنَّكَ عَفُوٌّ تُحِبُّ العَفْوَ فَاعْفُ عَنِّيْ) صحيح الترمذي 3513
އަޚުންނޭވެ! މި ރޭގައި ކިޔުމަށް ވާރިދުވެގެންވާ މި ދުޢާއާއި މިރެއާއި ވަރށްބޮޑު ގުޅުމެއްވެ އެވެ.
މިރެއަކީ އިސްވެ ބަޔާންވެ ދިޔަ ފަދައިން، އެއް އަހަރުގެ އަމުރުތައް ލިޔެވިގެންދާ ރެ އެވެ.
އަޅާގެ އެންމެހައި ކަންތައްތަކެއް އަންނަ އަހަރުގެ ލައިލަތުލް-ޤަދްރިއާ ހަމައަށް ލިޔެވިގެންދެ އެވެ.
ވިސްނާލުން ހުއްޓެވެ! އިހްސާސުކޮށްލުން ހުއްޓެވެ. ތިޔަ އަޚާ އަހަރުގައި އޮފީސްގައި ނުވަތަ މަސައްކަތުގައި ކޮށްފައިވާ ކަންތައްތަކުގެ ސިޓީއެއް، ރިޕޯޓެއް ލިޔެފަ، ވެރިޔާގެ އަތަށް އެރުވެނީ އެވެ. ފަހެ، ރިޕޯޓް ލިޔާ މީހާގެ ގާތުގައި “ރަނގަޅަށް ލިޔެދީ” “އެވެނި، މިވެނި ދުވަހަކު ކޮށްފައިވާ ކަންތަކަށް މަޢާފް ކުރައްޗޭ” “މަޢާފްކޮށްދީ އެ އެއްޗެހި ނުލިޔަދީ…” މިފަދަ ކިތައް ބަސްތަކެއް ބުނާނެ ހެއްޔެވެ؟ އެހެނީ މުސްތަޤްބަލުގައި ވަޒީފާގެ ކުރިއެރުމާއި ކަންކަން މިންގަނޑު ކަނޑައެޅެނީ މި ރިޕޯޓްގެ މައްޗަށެވެ. މިއީ ދުނިޔެވީ އިޙްސާސެވެ.
އަޚާ އެވެ!
ކުރިއަށް އޮތް އެއް އަހަރުގެ ކަންތައްތައް ނިޔާކުރެވެނީ އެވެ.
އެހިނދު ތިބާގެ ދުލުން ބުނަނީ މިފަދަ އެވެ.
އެ އެންމެހައި ކަމެއް ތަޤްދީރު ކުރައްވައި، ނިޔާކުރައްވާ، އައްސަވައިވޮޑިގަންނަވާ ފަރާތަށް ތިބާގެ އަޑު އެއްވެސް ހުރަހެއްނެތި ދާނެ ގޮތުގައިވާ ފަރާތަށް ތިބާގެ ބަސްތަށް ކަމުގައިވަނީ މިފަދައިންނެވެ. اللهمَّ إِنَّكَ عَفُوٌّ تُحِبُّ العَفْوَ فَاعْفُ عَنِّيْ) ”އަޅުގެ ވެރި ﷲ! ހަމަކަށަވަރުން އިބަ ﷲ އީ ގިނަގިނައިން ފާފަ ފުއްސެވުމަށް ލޯބިވެވޮޑިގަންނަވާ އިލާހެވެ. މި އަޅާގެ ފާފަ ފުއްސަވާނދޭވެ.“
ޔަޢުނީ : އަޅުގެވެރި އިލާހެވެ! މިއަޅާއަށް ކުރެވިފައިވާ ކުށްތަކަށް މަޢާފް ދެއްވާށެވެ. މިއަޅާ ކުށްތައް ކޮށްފައިވެ އެކުއްތަކަށް މިއަޅާ އިޢުތިރާފްވަމެވެ. މިއަޅާއަށް ލިޔެވޭ ތަޤްދީރު ކުށްތަކަށް މަޢާފްލިބި އެއްވެސް ގެއްލުމެއް، ނުރައްކަލެއް، ދަތި އުނގަދުލެއް، ބިރުވެރި، މުޞީބާތްނުވާ ހެޔޮ ތަޤްދީރެއް ލިޔެ ނިންމަވާންދޭވެ!
އަޚާ އެވެ! މި ފަދަ ނިޔާއެއް ނިޔާކުރެވިގެންދާހިނދު އެކަކުވެސް ކަންނެތް ކަމާއި، އިހުމާލުވެ، ފަރުވާކުޑަވެ އަޅާލުންނެތިވެ ހުރުން މިއީ އެކަށީގެންވާ ކަމެއް ހެއްޔެވެ؟
އަޚުންނޭވެ! މިއަދު ތިޔަ އަޚާ ހަނދުމަ ކުރަނީ އެވެ! މާދަމާ ޢަމަލުތަކުން ދައްކަން ނުކުންނަންވީ އެވެ.
ދުޢާއަކީ އެންމެހައި އަޚުންނަށް މި ދުވަސްތަކުގެ ހެޔޮކަން ޙާޞިލް ކުރުމުގެ ތަޥްފީޤު ﷲގެ ޙަޟުރަތުން ލިބިގެން ދިއުމެވެ. އެއިލާހުގެ އަޅަމެންނަށް މި ހެޔޮ ޢަމަލުތަކަށް ތަޥްފީޤު ދެއްވާށި އެވެ.
و الحمد لله رب العالمين.