|

ރޯދަ ވީއްލުމަށް ގާތްވެފައި ވަނިކޮށް ޙައިޟުވެއްޖެ ނަމަ ރޯދައިގެ ޙުކުމަކީ ކޮބައިތޯ އެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

މި ސުވާލަށް ވަރަސް ތަފްޞީލު ޖަވާބެއް މަދީނާގެ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި މިއަދު އުއްމަތުގެ އެންމެ ބޮޑެތި ސުންނަތުގެ އިމާމުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العلامة الشيخ عُبَيد الجَابِرِي -حفظه الله- ޖަވާބު ދެއްވަވާފައިވެ އެވެ.
މިތަނުގައި އެ ސުވާލާއި ޖަވާބު ހިއްސާ ކުރަމެވެ.

ސުވާލު : (ރަމަޟާން މަހުގައި) އަންހެނަކު މަޣްރިބު ނަމާދަށް ބަންގި ގޮވުމުގެ އިރުކޮޅެއް ކުރިން ޙައިޟުން ޠާހިރުވެއްޖެ ނަމަ، ޙުކުމަކީ ކޮބައިތޯ އެވެ؟
ޖަވާބު : ”މަޣްރިބު ނަމާދަށް ބަންގިގޮވުމަށް އިރުކޮޅެއް ހުއްޓާ ޠާހިރުވި ކަމުގައި ވިޔަސް އެދުވަހުގައި ރޯދައަށް ހުންނާކަށެއް ނުޖެހޭނެ އެވެ. އާއެކެވެ. ފަހެ، ޙައިޟުވެރިޔާ އޮންނާނީ 4 ގޮތެކެވެ.

ފުރަތަމަ ޙާލަތަކީ : ފަތިސް ވަޤުޠުގެ ކުރިން ޙައިޟުގެ ލޭ ފެނުމެވެ.

ދެވަނަ ޙާލަތަކީ : ދުވާލުގެ ވަޤުތެއްގައި ޙައިޟުގެ ލޭ ފެނުމެވެ. އެއީ އިރުއޮއްސުމަށް ކުޑަ ހިނދުކޮޅެއް ހުއްޓައި ކަމުގައި ވިޔަސްމެ އެވެ.

ތިންވަނަ ޙާލަތަކީ : ދުވާލުގެ ވަޤުތެއްގައި ޠާހިރުވެއްޖެކަން އިނގުމެވެ. ފަހެ، މި 3 ޙާލަތުގައި، އަންހެނާ ރޯދަވެރިއެއްގެ ގޮތުގައި އެދުވަހުގައި ނުވާނެ އެވެ. އަންހެން މީހާއަށް ވާޖިބުވެގެންވަނީ އެ ރޯދަ ޤަޟާކުރުމެވެ.

އަންހެންމީހާ އަކީ މީހަކާ އިނދެއެން ހުރި އަންހެނެއްގެ ގޮތުގައިވެ، އޭނާގެ ފިރިމީހާ ރޯދަވެރިއެއްގެ ގޮތުގައި ނުވެ ހުރެ އޭނާ ކައިރިއަށް (ދަތުރެއް ކޮށްފަ އައުމެވެ.) ނުވަތަ ޢުޛުރު ވެރިއެއްގެ ގޮތުގައިވެ ރޯދަ ދޫކޮށް ހުރެ، އަންހެން މީހާ ކައިރިން އޭނާ އެދޭ ޙާޖަތަށް އެދުމެވެ. އެހިނދުގައި އަންހެން މީހާ އެއަށް އިޖާބަ ދެވޭނެ އެވެެ. އަންހެންމީހާ އަކީ މިހަކާ އިނދެގެން ހުރި އަންހެނެއްގެ ގޮތުގައި ނުވެ، ނުވަތަ ފިރިމީހާ ރޯދައަށް ހުރެ ނުވަތަ ފިރިމީހާ އޭނާ ކައިރީގައި ނޫޅޭކަމުގައިވުމުން، އެދުވަހުގައި އަންހެން މީހާއަށް ސުންނަތް ރޯދައަށް ހުރުން ހުއްދަވެގެންވެ އެވެ. އެއީ އޭގެކުރިން އެއްވެސް އެއްޗެއް ކައިބޮއި ހަދައިފައި ނުވާ ނަމަ އެވެ. ސަބަބަކީ ސުންނަތް ރޯދަ ހިފުމަށް ރޭގަނޑުގައި ނިޔަތްގަތުން ޝަރުޠުވެފައިނުވެ އެވެ. (ހެނދުނުގައި، ރޯދައަށް ހުރުމަށްޓަކައި ނިޔަތް ގަނެވޭނެ އެވެ.) ރޭގަނޑުގައި ނިޔަތްގަތުމަކީ ސުންނަތް ރޯދައިގައި އިތުރު ހެޔޮކަމެއްގެ ގޮތުގައިވާ ކަމެކެވެ.

ހަތަރުވަނަ ޙާލަތަކީ : ފަތިސްވަޤުތުގެ ކުރިން ޠާހިރުވެއްޖެކަން އިނގުމެވެ. ފަހެ، އެދުވަހުގައި އަންހެންމީހާ ހުންނަންޖެހޭނީ ރޯދައަށެވެ. އެއީ ފަތިސްވަޤުތުގެ ކުރިން ހިނގައިގަތް ކަމުގައިވިޔަސް ނުވަތަ (ފަތިސްކުރިން ހިނައިގަތުމަށް ކުޅަދާނަކަން ނުލިބި) އަންހެންމީހާ ފަތިސްވަޤުތު ވަނުމަށް ފަހުގައި ހިނައިގަނެވުނު ކަމުގައިވިޔަސް (އެ ދުވަހުގައި ހުންނަންޖެހޭނީ) ރޯދައަށް ހުންނަން ޖެހޭނެ އެވެ.“

ފަހެ، ސުވާލުގެ ޖަވާބުގައި ޝެއިޚް ބަޔާންކޮށްފައިވާ ފަދައިން އަންހެނަކު ރޯދަ ވީއްލުމުގެ ހިނދުކޮޅެއް ކުރިން ކަމުގައިވީނަމަވެސް، ޙައިޟުވެއްޖެހިނދު، ޙައިޟުގެ ލޭ ފެނިއްޖެހިނދު އެ ދުވަހުގެ ރޯދަ އަލުން ޤަޟާކުރަން ޖެހޭނެ އެވެ. އަދި އެއީ ސުންނަތް ރޯދައެއްނަމަ، އެ ރޯދައަކީ ބާޠިލް ރޯދައެއްގެ ގޮތުގައިވާނެ އެވެ.

އެހެނަސް ދަންނަންޖެހޭ ނުކުތާއެއްވެ އެވެ. ހައިޟު ވުމާއި ޙައިޟުވުމުގެ އިޙުސާސްތައް ކުރިމަތިވުން ފެށުމެވެ. ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإمام ابن باز -رحمه الله- އަރިހުގައި ސުވާލު ދެންނެވުނެވެ.

ސުވާލު : އަންހެނަކު ރޯދައަށް ހުރި ދުވަހެއްގައި އިރުއޮއްސި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޙައިޟުވުމުން، އެ ރޯދައިގެ ޙުކުމަކީ ކޮބައިތޯ އެވެ؟

ޖަވާބު : ” އެއަށް އަހަރުމެން ދޭނެ ޖަވާބަކީ، އެ ރޯދަ ޞައްޙަވާނެ ކަމެވެ. އެއީ ޙައިޟުވާން އުޅޭ އިޙްސާސުތައް އިރު އޮއްސުމުގެ ކުރިން އިޙްސާސު ކުރެވުނު ކަމުގައިވިޔަސް އެވެ. އެގޮތުން ވޭން އެޅުމާއި އަދި ތަދުވުން، އެކަންތައްތަކާ އެކު ޙައިޟުގެ ލޭ ފެނުނީ އިރު އޮއްސުމުގެ ފަހުން ކަމުގައިވެއްޖެ ހިނދުގައި، އެދުވަހުގެ އޭނާގެ ރޯދަ ޞައްޙަވާނެ އެވެ. ސަބަބަކީ ރޯދަ ފަސާދަކުރާ އެއްޗަކީ ޙައިޟުގެ ލެ އެވެ. އެއަށް އިޙްސާސު ކުރެވޭ އިޙްސާސުތަކެއް ނޫނެވެ.“

ޖަވާބު ފުރިހަމައަށް ލިބއްޖެކަމުގައި އުއްމީދު ކުރަމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts