ރޯދައަށްހުރެ ދުވާލު ނިދުމުގެ ޙުކުމަކީ ކޮބާ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
އޭނާގެ ރޯދަ ޞައްޙަ ވާނެ ކަމާއި މެދުގައި ޝައްކެތްވެސް ނެތެވެ. އެހެނަސް މިފަދަ ޝަރަފްވެރި ވަޤުތާއި، ބަރަކާތްތެރި ހެޔޮ ވަޤުތުތައް ބައްދަލުކޮށްފައިވާހިނދު އެ ވަޤުތުތަކުން ފައިދާ ޙާޞިލްނުކޮށް އެ ހެޔޮކަމުން ފުރަގަސްދީފައިވުމަކީ މުއުމިނު އަޅުތަކުންނަށް އެދެވިގެންވާނެ ކަމެއް ނޫނެވެ.
މިއަދު މަދީނާގައިވާ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشَّيْخُ الإِمَام رَبِيْع بِن هَادِي المَدْخَلِي حفظه الله ވިދާޅުވެފައިވެ އެވެ. ”ރޯދައަކީ ކެއުމާއި ބުއިމުން އެއްކިބާވެ ހުރުން އެކަންޏެއް ނޫނެވެ. އެހެނަސް އެއީ ﷲ عزوجل ކޯފާވެވޮޑިގަންނަވާ އެންމެހައި ކަންތައްތައް ކަމުގައިވާ ފާފަތަކާއި އަދި އެނޫންވެސް ކަންތައްތަކުން ރޯދައަށް ހުރުމެވެ. އަދި ﷲއަށް ކިޔަމަންގަތުމަށް ކުރިމަތިލުމާއި، އެންމެހައި ޢަމަލުތަކެއް ﷲ އަށް އިޚްލާޞްތެރި ކުރުމެވެ.“ المجموع 15- 338
ފަހެ، ރޭގަނޑުގެ ވަޤުތުގައި ނިދައި، ނިދި ފުރިހަމަކޮށް ދުވާލުގެ ވަގުތުގައި ރޯދައަށް ހުރެ ވަޤުތުގެ ފައިދާ ހޯދުމަށް ނަޞޭޙަތްތެރި ވަމެވެ. ބުއްދިވެރި، ހެޔޮ ވިސްނޭ ފަރާތްތަތަކީ މިފަދަ މޫސުމެއް ބައްދަލުކުރުމުން އެވަޤުތުގެ ފައިދާ ލިބިގަންނަ ފަރާތްތަކެވެ.
އަޚާއެވެ! ޙަޤިޤީ ރޯދައަކީ ކޮބައިތޯ އެވެ؟ އެއީ ތިމާ އެދޭ އެކިއެކި ޝަހުވަތްތަކާއި، އެދުންތައްވެސް އެއްކިބާކޮށް ﷲއަށް ކުތަންވުމުގައި ރޯދައަށް ހުރުމެވެ. ނަފްސު އެދޭނީ ތިފަދައިން ނިދުމާއި މަޖަލާއި އެކިއެކި ޕްރޮޤްރާމް ތަކާއި ”ރޯދަ ކުރުކުރަން“ މަސައްކަތް ކުރުމެވެ. މިފަދައިން ވަޤުތުތައް ހޭދަކޮށް، ވަޤުތުތަކަށް ޤަދަރެއް މަތިވެރިކަމެއް ދިނުމެއްނެތި އެހެން ދުވަސްތައް ފަދައިން ވަޤުތުތައް ވޭތުކޮށްލުމަކީ އުއްމަތަށް ނަބިއްޔާ ﷺ ރޯދަ ހިފުމުގައި ބަޔާން ކުރައްވާފައިވާ ޙަޤީޤަތާއި ޚިލާފަށް ކުރެވޭ ޢަމަލުތަކެވެ. ހަޤީޤީ ރޯދަ ހިފުމަކީ ކޮބައިކަން އަޞްޙާބު ބޭކަލުންނަށް އަންގަވައި ދެއްވި އެވެ. އެފަދައިން ތަރުބިއްޔަތު ކުރެއްވި އެވެ.
ނަބިއްޔާ صلى الله عليه وسلم ގެ ޞަޙާބީ جَابِر بن عبد الله -رضي الله عنه- ވިދާޅުވެފައިވެ އެވެ. ”ތިބާ ރޯދައަށް ހުންނަ ހިނދުގައި، ތިބާގެ ކަންފަތް ރޯދައަށް ހުންނަ ހުއްޓެވެ. އަދި ތިބާގެ ލޯ ރޯދައަށް ހުންނަ ހުއްޓެވެ. އަދި ތިބާގެ ދޫ، ދޮގު ހެދުމުންނާއި ޙަރާމް ކަންތައްތަކުން ރައްކާތެރިކޮށް އަނެކުންނަށް އުނދަގޫ ކުރުމުގައި ނުވާށެވެ. އަދި ތިބާ ރޯދައަށް ހުންނަ ދުވަސް އެއީ ކެއިންބުއިމުގައި ހުންނަ ދުވަހަކާ އެއްފަދަ ދުވަހެއް ކަމުގައި ނުހަދާށެވެ.“ رواه ابن أبي شيبة (٨٨٨٠)
މި ޙަޤީޤަތަށް ނާދެވޭނަމަ، އެމީހަކު ރޯދައަށް ހުންނަ ސިފައާއި މެދުގައި ނަފްސު މުރާޖަޢާ ކުރުންވެ އެވެ. ރޯދައިގެ މައްޗަށް އާޚިރަތް ދުވަހުގައި ޙިސާބު ބެއްލެވުމުގެ ކުރިން ތިމާގެ އަމިއްލަ ނަފްސުން އެ ރޯދަ ހިފުމާއި އޭގެ ޙަޤީޤަތާއި މެދުގައި ސުވާލު ކުރުންވެ އެވެ. ފަހެ، ޤިނަ ބަޔަކު ރޯދަހިފި ކަމުގައިވީނަމަވެސް އޭގޭ ޙަޤީޤަތާއި ހަމައަށް ވާޞިލްނުވެ، އޭގެ ބަދަލުގައި އެ ރޯދައިން ލިބުނު އަޖުރެއް ޘަވާބެއްނެތެވެ.
ޙަދީޘްގައިވެ އެވެ. (رُبَّ صَائِم حَظُّهُ مِن صِيَامِه الجُوْعَ وَالعَطشَ) ”ރޯދަވެރިޔާއަށް، އޭނާއަށް ރޯދައިން ލިބުނު ނަޞީބަކީ (އަޖުރަކީ) ބަނޑުހައި ހޫނުކަމާއި އަދި ކަރު ހިއްކުން ކަމުގައިވެދާ ހުއްޓެވެ.“ رواه أحمد(٢/٣٧٣) وصححه ابن خزيمة (١٩٩٧) وابن حبان (٣٤٧٢)
ޙަޤީޤީ ރޯދަވެރިޔާއަކީ، ކެއުމާއި ބުއިމުން އެކަނި ރޯދައަށް ހުންނަ މީހެއް ނޫނެވެ. އޭނާގެ ދުލާއި، އަތާއި، ފައި، ދެ ލޮލާއި އަދި ކަންފަތުންވެސް އެދުވަހުގައި ރޯދައަށް ހުންނަ މީހެކެވެ. އެންމެހައި ގުނަވަންތަކުން ރޯދައަށް ހުންނަ މީހާ އެވެ. އެހެން ނުވާނަމަ އެއީ ހަމައެކަނި ކަރުހިއްކުމާއި ވަރުބަލިކަމާއި ލޮޑުކަން ލިބުން ނޫން އެއްޗެއް ގޮތުގައިނުވެ އެވެ. ވުމުން، ރޯދައިގެ ޙަޤީޤީ މަންފާ ލިބިގަތުމަށް ދުވާލުގެ ވަޤުތު އަޅުކަމުގައި ހޭދަކުރުން ހުއްޓެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.