ރަމަޟާން މަހުގެ މެދު ދިހަ
އަޚުންނޭވެ! އަހަރެމެންނާ ފާއިތުވެ ގޮސް، އަދި ބައްދަލު މިކުރަނީ ކޮން ރެއެއް އަދި ދުވަސްތަކެއް ކަން ހަނދާންވޭ ތޯ އެވެ؟
العلامة الشيخ محمد بن صَالح العثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ.
“މިރޭ، އާދިއްތަ ވިލޭ ރެއަކީ ރަމަޟާން މަހުގެ މެދު ދިހައިގެ އެންމެ ފުރަތަ ވިލޭ ރެ އެވެ. ﷲ ޙަޟުރަތުން އަހަރެމެން ދުޢާކޮށް ދަންނަވަނީ، އަހަރެމެންނާއި ތިޔަބައިމީހުންނަށް ފުރަތަމަ ދިހައެއް އަދި އިޞްލާޙު ކޮށްދެއްވާނދޭވެ.
މިރޭގައި އަހަރެންގެ އަމިއްލަ ނަފްސަށާއި ތިޔަ އެންމެހައި ފަރާތްތަކަށް ހަނދާންކޮށްދިނުމަށް ބޭނުންވަނީ ވަޤުތު ފާއިތުވެ ދިއުމުގެ ކުރިން ވަޤުތުގެ ފުރުސަތުގެ ބޭނުން ހިފުމެވެ.
ފަހެ، ހަމަކަށަވަރުން ދުވަސްތައް ފާއިތުވެދަނީ ނުހަނު އަވަސް މިނެއްގަ އެވެ. އަދި ޚާއްޞަކޮށް އަހަރެމެންގެ މި އުޅެމުންދާ ދުވަސްތަކުގަ އެވެ.
ފަހެ، އިންސާނަކު އެނާ ހުކުރު ދުވަހެއްގައި އުޅެނިކޮށް، އަނެއް ހުކުރު ދުވަސް އައިސް ބައްދަލުކުރާ ފަދަ އެވެ. އެ ދެމެދުގައި އެންމެ ދުވަހެއް މެނުވީ ހޭދަ ނުވާފަދަ އެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވާ ބަސްފުޅުގެ މާނައަކީ މިއީ އެވެ. لا تقومُ الساعةُ حتى يتقاربَ الزمانُ “ޒަމާންތައް ކައިރިވުމަށް ދާންދެން މެނުވި ދުނިޔެ ޤިޔާމަތެއް ނުވާނެ އެވެ.”
ފަހެ، ޒަމާންތައް ކައިރިވުން، މި ބަސްފުޅުގެ މައްޗަށް ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ.
އޭގެ މާނައަކީ ރަށްތައް (ސިޓީތައް) ބޮޑެތި، ބިޔަވެ، ބޮޑު ދެ ސަހަރު ދެމެދުގައި ކުރިން ދަތުރު ކުރާ މުއްދަތަކީ 10 ދުވަސް ގޮތުގައިވެ އޮތުމަށްފަހު، އެ ދެސަހަރު ބޮޑުވެ އެއްސަހަރާއި އަނެއް ސަހަރު ގާތްވެ އެއަށްވުރެ މުއްދަތު ކުޑަވެގެންދިއުމެވެ.
ފަހެ، އެހިނދު ޒަމާން ކުރުވެގެންދެ އެވެ. އެހެނަސް (ޙަދީޘްގައިވާ އެންމެ ޞައްޙަ) މާނައަކީ، މިއަދު އަހަރެމެން މިތިބި ޙާލުގެ މައްޗަށް ތަފްސީރު ކުރުމެވެ. ޒަމާންތައް މިވަނީ ވަރަށްވެސް ވަރަށްވެސް ކައިރިވެފަ އެވެ.
ތިބާގެ އަމިއްލަ ނަފްސަށް ތަޖުރިބާ ކޮށްލުން ހުއްޓެވެ.
އެންމެ ފަހުގައި އަހަރެމެން ހޭދަކުރި ރަމަޟާން މައްސަރު ފާއިތުވީ ޝަޢުބާން މަސްސަރުގައި މެނުވީ ފާއިތު ނުވާކަހަލަ އެވެ. މިއީ އަހަރެންގެ އަމިއްލަ ނަފްސަށް ދެކޭ ގޮތެވެ.
ތިޔަ ފަރާތްތަކުގެ ނަފްސަށް މިފަދައިން ދެކޭތޯ ނުވަތަ ނޫންތޯ އަހަރެންނަށް ނޭނގެ އެވެ.
(އެހިނދު މީހަކު ބުނެ އެވެ. ފެންނަނީ އެފަދައިންނެވެ.) –
އަދި ޝެއިޚް ވިދާޅުވެ އެވެ.- އާނއެކެވެ. ތިޔަބައިމީހުންނަށްވެސް ފެންނަނީ އެފަދައިންނެވެ. އަދި މި ރަމަޟާން މަސް އިއްޔެގައި އަހަރެމެންނާ ބައްދަކުރި ފަދައެވެ.
މިހާރު މިވަނި ތިންބައިކުޅަ އެއްބައި ފާއިތުވެ ގޮސްފަ އެވެ. ފަހެ، ތިންބައިކުޅަ އެއްޔަބަކީވެސް ބޮޑު މިންވަރެކެވެ.
ފާއިތުވީ ދުވަސްތައް ﷲ އަހަރެމެންނަށް ޢަފޫ ކޮށްދެއްވާށި އެވެ. އަދި ބާކީ އޮތް ދުވަސްތަކުގައި ހެޔޮ ޞާލިޙް ޢަމަލު ކުރުމުގައި ދެމިތިބުމަށް ﷲ އަހަރެމެންނަށް ވާގިވެރިކަން ދެއްވާށި އެވެ.
ފަހެ، މެދު 10 އަކީ ފުރަތަމަ 10އަކަށް ވުރެ ހެޔޮކަން ބޮޑުވެގެންވާ ދުވަސްތަކެކެވެ. އަދި ފަހު 10 އަކީ މެދު 10 އަކަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ދުވަސްތަކެކެވެ. …”
އަޚުންނޭވެ! ރަމަޟާން މަސް އިއްޔެ ބައްދަލުކުރި ފަދަ އެވެ. 10 ދުވަސް ވޭތުވެ ދިޔަ އަވަސް ކަމާ އެވެ. ބައްދަލުކޮށްފައިވަނީ މެދު ދިހަ ދުވަހާ އެވެ.
ފާއިތުވީ ދުވަސްތަކަށް ފަރުވާކުޑަވެ އިހުމާލުވި ފަރާތްތަކުން އަދިވެސް ފުރުސަތު އެބަ އޮތެވެ. ފާއިތުވީ ތަނުގައި ވެދިޔަ އުނި އަތުލައި ގަނެވޭނެ ކަމުގެ ޔަޤީންކަމާއެކު ކުރިއަށް ދިވަސްތަކަކީ އަޚާގެ ޢަމަލު ހެޔޮވެ، ނުހަނު ހެޔޮ ޙާލަތަކަށް ދާނެ ދުވަސްތަކެއް ކަމުގައި ހެދުމަށް މަސައްކަތްކޮށް ﷲ އެފަދައިން ދެކެވޮޑިގެންވާނެ ކަމުގައި މަސައްކަތް ކުރުން ހުއްޓެވެ.
މިބަސްތަކަކީ އެކަމަށް ހުޅުވިދާނެ މަގެއް ކަމުގައި ލައްވާށި އެވެ.