ރަމަޟާން މަސް ނޫން އެހެން މައްސަރެއްގެ ހުރިހާ ދުވަހެއްގައި ރޯދައަށް ހުރެވިދާނެ ތޯއެވެ؟

ރަމަޟާން މަހަށް ފަހު ނަބިއްޔާ ﷺ އެންމެ ގިނައިން ރޯދަ ހިއްޕެވި މައްސަރުތަކަކީ ޝަޢުބާން މަހާއި އަދި މުހައްރަމް މަސް ކަމަށް ރިވާޔަތްތަކުގައި ވާރިދު ވެފައިވެއެވެ.

شعبان މަހާމެދު ވާރިދު ވެފައިވެއެވެ. البخاري އަދި مسلم ގެ ރިވާޔަތުގައިވެއެވެ.

كان رسول الله يصوم حتى نقول لا يفطر ويفطر حتى نقول لا يصوم وما رأيت رسول الله استكمل صيام شهر إلا رمضان وما رأيته أكثر صياما منه في شعبان

ނަބިއްޔާގެ ﷺ އަނބިކަނބަލުން عائشة رضي الله عنها ވިދާޅުވެފައިވެއެވެ. “ބައެއްފަހަރު (ނަބިއްޔާ ﷺ) ރޯދައަށް ހުންނަވާލެއް ގިނަކަމުން ދެން ރޯދަ ދޫނުކުރައްވާނޭ ތިމަން ކަމަނާއަށް ހީފުޅުވެއެވެ. އަދި (ބައެއްފަހަރު ރޯދަ ދޫކުރައްވާ ހުންނަވާ ދުވަސްތައް ހޭދަކުރެއްވުމުން) ދެން ރޯދަ ނުހިއްޕަވާނެއޭ ހީފުޅުވެއެވެ. رمضان މަސް ފިޔަވައި އެހެން މައްސަރެއްގެ އެންމެހައި ދުވަސްތަކެއްގައި ރޯދައަށް ހުންނަވައި މުޅި މަސް އެއްކޮށް ހަމަކުރެއްވި ތަނެއް ތިމަން ކަމަނާ ދެކެވަޑައި ނުގަންނަވަމެވެ. އަދި شعبان މަހަށްވުރެ ގިނައިން (އެއްމަހެއްގައި) ރޯދަހުންނަވާ އެހެން މައްސަރެއް ނުދެކެމެވެ”.

އަދި މި ނޫނަސް އެހެން ރިވާޔަތެއްގައި صحيح مسلم ގައި عائشة رضي الله عنها ވިދާޅުވެފައިވާ ވަރަށް ޞަރީޙަ ބަސްފުޅެއްގައި ބަޔާން ވެގެންވަނީ ރަމަޟާން މަސް ފިޔަވައި އެހެން އެއްވެސް މައްސަރެއްގައި ރޯދަ އެކުއެކީގައި ހިއްޕެވި ކަމެއް ތިމަން ކަމަނާއަށް އެނގިވަޑައި ނުގަންނަވައެވެ.

އަދި البخاري އަދި مسلم ގައި ޞަޙާބީ ابن عباس ގެ އަރިހުން ބަޔާން ވެގެންވާ އެހެން ރިވާޔަތެއްގައި ވެސް ނަބިއްޔާ رمضان މަސް ފިޔަވައި އެހެން މައްސަރެއްގައި އެކުއެކީގައި ރޯދަ އަށް ނުހުންނަވާކަން ބަޔާން ވެފައިވެއެވެ.

ވީމާ، ރަމަޟާން މަސް ފިޔަވައި އެހެން އެއްވެސް މަހެއްގެ ހުރިހާ ދުވަހެއްގައި ނަބިއްޔާ ﷺ ރޯދަފުޅު ނުހިއްޕަވާކަން އެނގިގެން ހިގައްޖެއެވެ. ފަހެ، މިއީ މި ކަމުގައިވާ ޞައްޙަ ބަސްފުޅެވެ.

Similar Posts

Leave a Reply