އެގާރަ ރަކުޢަތައް ވުރެ ގިނައިން ކުރާ އިމާމެއް ފަހަތުގައި ހުރެފައި އަށް ރަކުޢަތް ކޮށްފައި ފައިބައިގެންދާ މީހާއަށް މުޅިރޭ އަޅުކަންކުރުމުގެ ޘަވާބު ލިބޭނެ ހެއްޔެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

11 ރަކުޢަތަށްވުރެ ގިނަ ރަކުޢަތް ކުރާ އިމާމެއްގެ ފަހަތުގައި ރޭއަޅުކަން ކުރަން ފެށުމަށްފަހު، އިމާމްގެ ނަމާދު ނުނިމެނީސް ފައިބައިގެން ދިއުމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.

އަޚާ އެވެ! ސުވާލުގެ ޖަވާބުގެ އިތުރުން އެނގިގަތުން މުހިންމު ވެގެންވާ ނުކުތާތަކެއް އެނގިގަތުން ހުއްޓެވެ.

ފުރަތަމައީ : ވަރަށްގިނަ ބަޔަކަށް ވިސްނިފައިވަނީ ރޭއަޅުކަމުގެ މާނައަކީ ގިނަ ރަކުޢަތްތަކެއް ކޮށްލުމެވެ. އެ ގޮތުން އޭގެ މައްޗަށް ބުރަވެ، ރޭއަޅުކަމުގެ ގޮތުގައި ގިނަ ރަކުޢަތްތަކެއް ކުރުމަށްޓަކައި ސުވާލުގައި ބަޔާންކޮށްފައިވާ ފަދައިން ޢަމަލު ކުރެ އެވެ.

އެހެނަސް މިތަނުގައި އެންމެ ހެޔޮވެގެންވާ އަދި އެންމެ ފުރިހަމަ ނަމޫނާގެ ގޮތުގައި މުއުމިނު އަޅުތަކުންނަށް މިޘާލެއްގެ ގޮތުގައި ފޮނުއްވި ފަރާތް، މާތް ނަބިއްޔާ صَلَّى اللهُ عليه وسلَّمَ ގެ ހިދާޔަތް ބަލާލުން ހުއްޓެވެ.

صحيح البخاري 2013 ގައި ވާރިދުވެގެންވާ ޙަދީޘްގައިވެ އެވެ. أنَّهُ سَأَلَ عَائِشَةَ رَضِيَ اللَّهُ عَنْهَا، كيفَ كَانَتْ صَلَاةُ رَسولِ اللَّهِ صَلَّى اللهُ عليه وسلَّمَ في رَمَضَانَ؟ فَقَالَتْ: ما كانَ يَزِيدُ في رَمَضَانَ ولَا في غيرِهِ علَى إحْدَى عَشْرَةَ رَكْعَةً، “(ނަބިއްޔާގެ އަނބިކަނބަލުން) عَائِشَةَ رَضِيَ اللَّهُ عَنْهَا، އަރިހުގައި މާތް ނަބިއްޔާ ރަމަޟާން މަހުގެ ރޭއަޅުކަމާއި ބެހޭގޮތުން ސުވާލު ދެންނެވުމުން އެ ކަމަނާ ވިދާޅުވި އެވެ. “ރަމަޟާން މަހުގައިވެސް އަދި ރަމަޟާން ނޫން މަސްތަކުގައިވެސް 11 ރަކުޢަތަށްވުރެ ގިނަ ނުކުރައްވަތެވެ.”

ފަހެ، އެހެން ވުމުން މިއީ އެންމެ ހެޔޮވެގެންވާ ގޮތެވެ. އަދި އެންމެ ރިވެތި ވެގެންވާ ނަމޫނާ އެވެ. މިފަދައިން ނަމާދު ކުރެވެން އޮތް މީހާ އޭނާ އެފަދަ ޖަމާޢަތަކަށް ޙާޟިރުވެވެން އޮވެއްޖެ ހިނދު، އޭނާގެ ހައްޤުގައި އަދި މި ސުންނަތާއި މި ކަމުގައި ނަބިއްޔާއަށް އިޤްތިދާވުމަށްޓަކައި އެފަދައިން އެތަނަކަށް ދިއުން ހުއްޓެވެ.

ދެވަނައީ : أبو ذر الغفاري -رضي الله عنه- ގެ އަރިހުން ރިވާވެގެންވާ ރިވާޔަތެއްގައިވެ އެވެ. އަޞްޙާބު ބޭކަލުން ނަބިއްޔާ صلى الله عليه وسلم އަރިހުގައި ޤާއިމްވެ ތިއްބަވައި ރޭއަޅުކަން ކުރެއްވި އެވެ. އަދި ރޭގަނޑުގެ ބައެއް އޮއްވައި ނަބިއްޔާ ނަމާދު ކުރައްވައި އަވަދިވެވަޑައިގެންނެވި އެވެ. ފަހެ، އެ ރޭގައި ބާކީއޮތް ވަޤުތުގައިވެސް އެ ބޭކަލުންނާއިގެން ނަމާދު ކުރެއްވުމަށް ރަސޫލާ صلى الله عليه وسلم އަރިހުގައި އެހިނދު އަޞްޙާބު ބޭކަލުން ދެންނެވި އެވެ. އެހިނދު ޙަދީޘް ކުރެއްވި އެވެ. (إنَّه مَن قام مع الإمامِ حتَّى ينصرِفَ كُتِب له قيامُ ليلةٍ ) “ހަމަކަށަވަރުން އިމާމް މީހާ ނަމާދުން އަވަދިވެއްޖައުމަށް ދާންދެން، އިމާމާ އެކު ނަމާދުގައި ޤާއިމްވެއްޖެ މީހާއަށް މުޅި ރޭގެ ޤިޔާމުގެ އަޖުރު ލިޔެވިގެންވެ އެވެ.”

މިއީ ކޮންފަދަ އަޖުރެއް ހެއްޔެވެ؟

މިތަނުގައި ފާހަގަކޮށްކަން އަދި އެނގިގަތުން މުހިންމު ނުކުތާއެއްވެ އެވެ. ރޭގަނޑުގައި އަދި އިތުރު ބާކީ ވަޤުތުތަކެއް އޮތް ކަމެވެ. އެ ވަޤުތުގައިވެސް ނަމާދު ކުރުމަށް އެބޭފުޅުން ބޭނުންފުޅުވާކަން އަދި އެކަމަށް ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި އެބޭކަލުން އެދިވަޑައިގެންނެވި ކަމެވެ. އެހެނަސް ރަސޫލާ صلى الله عليه وسلم އެބޭކަލުންނަށް ދެއްވި ޖަވާބުގެ ފުރިހަމަކަމެވެ. ފަތިސްވަންދެން ގިނަ ރަކުޢަތްތަކެއް ނުކުރި ކަމުގައިވީނަމަވެސް މުޅި ރޭއަޅުކަން ޙާޞިލްވެފައިވާނެ ކަމާއި އެފަދައިން ލިޔުއްވިގެންދާނެ ކަމެވެ.

ވުމުން 11 ރަކުޢަތް ކުރާ ޖަމާޢަތެއްގައި ބައިވެރިވުމުން، ނަބިއްޔާ صلى الله عليه وسلم ރޭއަޅުކަން ކުރެއްވި މިންވަރުގައި އެމީހަކު ވަނީ އިޤްތިދާވެފަ އެވެ. އަދި އިމާމްގެ ނަމާދުކޮށް އަވަދިވުމާއި ހަމައަށް ބައިވެރިވެފައިވުމުން މުޅި ރޭއަޅުކަމުގެ ޘަވާބު ޙާޞިލްވެގެންދިޔައީ އެވެ. ފަހެ، އަޚާއަށް މިފަދައިން ޢަމަލު ކުރުމަށް ނަޞޭހަތްތެރިވަމެވެ. މިފަދައިން އިރުޝާދު ދެމެވެ.

ތިންވަނައީ : ޙަދީޘްގައިބަޔާންވެގެންވާ (إنَّه مَن قام مع الإمامِ حتَّى ينصرِفَ كُتِب له قيامُ ليلةٍ ) “ހަމަކަށަވަރުން އިމާމް މީހާ ނަމާދުން އަވަދިވެއްޖައުމަށް ދާންދެން، އިމާމާ އެކު ނަމާދުގައި ޤާއިމްވެއްޖެ މީހާއަށް މުޅި ރޭގެ ޤިޔާމުގެ އަޖުރު ލިޔެވިގެންވެ އެވެ.”

މިއަޖުރު ޙާޞިލްވާހުށީ އިމާމްއާ އެކު ނަމާދު ފަށައިގެން އިމާމް ނަމާދުކޮށް އަވަދި ވުމަށްދާންދެން ޤާއިމްވެ ހުރި މީހާއަށެވެ. އެހެނަސް އިމާމް ދޫކޮށް ތަރާވީޙްއިން ބައެއް ކޮށް ފައިބައިފި މީހާއަށް މި އަޖުރު ޙާޞިލް ނުވާނެކަން ޙަދީޘްއިން ވަރަށް ޞަރީޙަކޮށް ބަޔާންވެގެންވެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts