ފާފަ ރީތި ކުރުމަށް “ ކޭންޕު ދަނީ“ އޭ ބުންޏަސް އެއީ ހަލާލުކަމަކަށްވާނެތޯއެވެ؟
الحمد لله رب العالمين. والصلاة و السلام على رسول الله و على آله و صحبه ومن والاه و بعد :
ޝަހާދަތުގެ ކަލިމައަށް ހެކިވާ ކޮންމެ މީހަކު، ﷲ ބާވައިލެއްވި ދީނާއި، ޝަރީޢަތަކީ އެންމެ ފުރިހަމަ، އެންމެ ޢަދުލުވެރި ޝަރީޢަތް ކަމުގައި ޝައްކެތްނެތް ގޮތުގައި ޤަބޫލުކުރަން ޖެހޭނެ އެވެ. އެހެން ނޫނީ ދުލުން ބުނި ޝަހާދަތް އިން ކުރާނެ އެއްވެސް މަންފާއެއް ނެތެވެ. ﷲ ވަޙީ ކުރައްވާފައިވެ އެވެ. – وَتَمَّتْ كَلِمَتُ رَبِّكَ صِدْقًا وَعَدْلًا) ”އަދި ނަބިއްޔާގެ ވެރި އިލާހުގެ ބަސްފުޅު ތެދުވެރިކަމާއި، ޢަދުލުވެރި ކަމުގައި ފުރިހަމަވެއްޖެ އެވެ.“ ﷲ ބާވައިލެއްވި އެންމެހައި ޚަބަރު ތަކަކީ ތެދުބަސްފުޅެވެ. އަދި އެންމެހައި ޙުކުމްތަކަކީ ޢަދުލުވެރި ޙުކުމްތަކެވެ. ﷲ ގެ ޙުކުމްފުޅުތަކުން ބޭރުވެގަތުމަކީ އެއީ ތިމާގެ އަމިއްލަނަފްސަށް ނުވަތަ އަނެކާއަށް އަނިޔާވެރިވެރި ވުމެވެ.
ﷲ ބާވައިލެއްވި ޝަރީޢަތަކީ އެންމެހައި ޒަމާނަކަށް، އެންމެހައި ވަޤުތުތަކަށް ފުދިގެންވާ، ޝާމިލްވެގެންވާ ޝަރީޢަތެކެވެ. އެއްވެސް ޒަމާނަކަށް އެކަށީގެން ނުވާ ޝަރީޢަތެއްކަމުގައި ޤަބޫލުކޮށްފި މީހާ އެވަނީ ﷲ ގެ ޝަރީޢަތަކީ އުނި އެއްޗެއް ކަމުގައި ބުނެފަ އެވެ. މި ޝަރީޢަތް ބާވައިލެއްވިފައިވަނި އެންމެހައި އިންސާނުންގެ ޙަޔާތް ބާއްޖަވެރި ކުރުމަށާއި، ﷲ ރުއްސަވާ ވޮޑިގެންވާ މަގަށް ވާޞިލްކޮށްދިނުމަށެވެ. އެމަގަށް ވާޞިލް ވުމަށްޓަކައި، ﷲ ލޯބިވެވޮޑިގެންނަވާ، ރުއްސަވާވޮޑިގަންނަވާ އެންމެހައި ކަމެއް ޙަލާލުކުރައްވާ އެކަންތައްތަކަށް އަމުރުފުޅު ކުރެއްވި އެވެ. އަދި ﷲ ނުރުއްސަވާ، ކޯފާވެވޮޑިގަންނަވާ އެންމެހައި ކަންތައްތަކެއް ޙަރާމް ކުރައްވާ އެކަންތަކެއް ނަހީ ކުރެއްވި އެވެ. މިފަދައިން މުއުމިނު އަޅާ ޤަބޫލުކުރުމަކީ އޭނާގެ އީމާންކަން ދަލީލުކޮށްދޭ ބުރުހާނެކެވެ. ﷲ ވަޙީ ކުރައްވާފައިވެ އެވެ. ( فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا ) ”ނަބިއްޔާގެ ވެރިއިލާހު ޤަންދެއްވައި ވަޙީ ކުރައްވަމެވެ. އެބައިމީހުންގެ ދެމެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ނަބިއްޔާ ޙުކުމްވެރި ކޮށްފުމަށް ދާންދެން އެބައިމީހުން އީމާނެއް ނުވެތެވެ. އެހިނދު ނަބިއްޔާ ނިޔާކުރެއްވި ގޮތާއި މެދު އެބައިމީހުންގެ ހިތްތަކުގައި ދަތިކަމެއްވާ ކަމުގައި އެބައިމީހުން ނުދެކޭނެތެވެ. އަދި އެބައިމީހުން އެ ނިޔާއަށް ފުރިހަމަވެގެންވާ ކިޔަމަންގަތުމަކުން ކިޔަމަން ވާނެ އެވެ.“
ޝަރީޢަތުގެ ޙުކުމް ބަޔާންވެގެން ދިއުމުން، އެއީ ތިމާއަށް ބުރަ، ދަތި، އުނދަގޫ އަދި ކުރުމަށް ހިތްނޭނދޭ ކަމުގައިވީނަމަވެސް، އެއީ ﷲ ގެ ޙުކުމް ކަމާއި ރަސޫލާ ﷺ ކަނޑައަޅުއްވާފައިވާ ޙުކުމް ކަމުގައި ބަޔާންވެ ދިއުމުން، އީމާން ކަމުގެ އަހުލުވެރިން އެ ޙުކުމް ފުރިހަމައަށް ޤަބޫލުކޮށް، އެކަމަށް ހިތުގައި އެއްވެސް ބުރައެއް ނޯންނާނެ ގޮތުގައި އީމާންވާނެ އެވެ. އީމާންކަމުގެ އަހުލުވެރިންގެ މިޘާލަކީ މިފަދަ އެވެ.
( وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا ) ”އަދި ﷲ އާއި އެއިލާހުގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފި ހިނދު، މުއުމިނު ފިރިހެނަކަށްވެސް އަދި މުއުމިނު އަންހެނަކަށްވެސް އެބައިމީހުންނަށް އެކަމުގައި އިޚްތިޔާރު އޮތުމަކީ ނެތްކަމެކެވެ. އަދި ﷲ އަށާއި އެއިލާހުގެ ރަސޫލާއަށް އުރެދިއްޖެ މީހާ ދަންނާށެވެ. ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު މަގުފުރެދިއްޖެކަން ކަށަވަރެވެ.“
އަޚުންނާއި އުޚްތުންނޭވެ! މިއީ ﷲ ގެ ޙުކުމްތަކާއި މެދު މުސްލިމެއްގެ ހިތުގައި އޮންނަންޖެހޭނެ، އިޚްތިޔާރުކޮށްފައިވާންޖެހޭނެ މަގެވެ. ތިމާގެ ނަފްސު އެ އިލާހުގެ ކުރިފުޅުމައްޗަށް ހުށަހެޅޭނެ ދުވަހުގައި ގެނެވޭނެ އެކައްޗަކީ ޤުރުއާނެވެ. މިފޮތް އެއީ ހެކިވާނެ ހެކިވެރިއެއްގެ ގޮތުގައިވާނެ އެވެ. އޭނާ، މީނާ، އެވެނި މީހެއް، މިވެނި މީހެއް ބުނި ބަސްތަކެއް އެދުވަހުގައި ކޮށްދޭނެ އެއްވެސް މަންފާއެއް ނޯންނާނެކަން ކަށަވަރެވެ.
އަންހެން ދަރިއަކު، ބާލިޣްވެ، ފުރާ ފުރިހަމަ އަންހެނަކަށްވުމުން، އެފަދަ އަންހެނެއްގެ މައްޗަށް ވަނީ ޙުކުމްތަކެއް ޝަރީޢަތުގައި ނިޔާކުރައްވާފަ އެވެ. އެއީ މަޙްރަމާ ނުލައި މެނުވީ ދަތުރުކޮށްގެން ނުވުމެވެ. ދީނުގައި އަންހެނުން މަޙްރަމެއްނެތި ދަތުުރުކުރުން ވަނީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ކަނޑައަޅުއްވާފަ އެވެ.
النبيُّ ﷺ ޙަދީޘް ކުރެއްވި އެވެ. (لا تسافرُ المرأةُ إلَّا معَ ذي محرمٍ، ولا يدْخُلُ عليها رجلٌ إلا ومعَهَا محرمٌ فقالَ رجلٌ : يا رسولَ اللهِ، إنِّي أريدُ أنْ أخرُج في جيشِ كذا وكذا، وامرَأتي تريدُ الحجَّ ؟ فقالَ : اخرُجْ معَها) صحيح البخاري 1862 ”މަޙްރަމެއް ނެތި އަންހެނަކު ދަތުރުކޮށްގެން ނުވާނެ އެވެ. އަދި އަންހެނެއްގެ ގާތަށް މަޙްރަމަކު ނެތި ފިރިހެނަކު ވަދެގެން ނުވާނެ އެވެ. ފަހެ އެހިނދުގައި މީހަކު ދެންނެވި އެވެ. ﷲގެ ރަސޫލާ އެވެ. އަހަރެން މިވެނި އެވެނި ހަނގުރާމައެއްގެ ލަޝްކަރުގައި ބައިވެރިވުމަށް ނިންމައިފީމެވެ. އަދި އަހަރެންގެ އަނބިމީހާ ޙައްޖު ކުރުމަށްޓަކައި ނުކުމެއްޖެވެ. އެހިނދު ރަސޫލާ ﷺ ޙަދީޘް ކުރެއްވި އެވެ. އަނބިމީހާ އެކުގައި ޙައްޖަށް ނުކުންނާށެވެ.“
މިއީ ޙައްޖަށް ނުކުތް އަންހެނެއްގެ ވާހަކަ ބަޔާންކުރެވުނުހިނދު ރަސޫލާ ﷺ ދެއްވެވި އިރުޝާދެވެ. ފިރިމީހާވަނީ ރަސޫލާ ﷺ އާއެކު ހަނގުރާމައަށް ދިއުމަށް ކަނޑައަޅާފަ އެވެ. ހަނގުރާމަ ދޫކޮށްލައި އަންހެނުންނާ އެކު ޙައްޖުވުމަށް އަމުރުފުޅު ކުރެއްވުމުން އެކަމުގައި ނިޔާކުރެވިފައިވާ މިންވަރު ވިސްނާލުން ހުއްޓެވެ.
ޙަދީޘްގައިވެ އެވެ. (لا تُسافِرُ المرأةُ إلا مع ذِي مَحْرَمٍ، ولا يَدْخُلُ عليها رجلٌ إلا معها مَحْرَمٌ) صحيح الجامع 7301 ”މަޙްރަމެއް ނެތި އަންހެނަކު ދަތުރުކޮށްގެން ނުވާނެ އެވެ. އަދި އަންހެނެއްގެ ގާތަށް މަޙްރަމަކު ނެތި ފިރިހެނަކު ވަދެގެން ނުވާނެ އެވެ.“
މި ބާބުގައި މިފަދަ ކިތަންމެ ޙަދީޘްތަކެވެ. މިއީ ދީނުގައި އެކަމަށް ސަމާލުކަންގެނެސްފައިވާ، އިންޒާރު ދެވިފައިވާ، އެ ފާފައަކާ ގުޅިގެން އީމާންކަން ނަފީކޮށްފައިވާ ބޮޑުވެގެންވާ ނުބައި ޢަމަލެއް ކަމުގައިވެ އެވެ. ވިސްނާލުން ހުއްޓެވެ! އަންހެނަކު މަޙްރަމެއް ނެތި ދަތުރުކޮށްފިހިނދު އޭނާގެ އީމާންކަން ނެތް ކަމުގައި ނިޞްބަތްކޮށްފައިވުމުން އޭގެ ނުރައްކާތެރިކަންވަނީ ކޮންފަދަ ބޮޑުވެގެންވާކަން ވިސްނާލުން ހުއްޓެވެ! މިއީ ކޮންފަދަ ކަމެއްކަމުގައި ވިސްނުމުގައިވޭ ހެއްޔެވެ؟
އުއްމަތަށް ފާޅުވި ކުރީގެ އީމާމުން މިބާބުގައި ޛިކުރުކޮށްފައިވާ ބަސްފުޅުތަކަށް ބަލާއިރުވެސް މިކަމުގެ ނުރައްކަލާއި، ފާފައިގެ ބޮޑުކަން ބަޔާންވެ އެވެ.
الحافظ النووي (ت 676) ވިދާޅުވެފައިވެ އެވެ. ”ފަހެ، މިތަނުން ޙާޞިލްވާ އެއްޗަކީ، ހަމަކަށަވަރުން ދަތުރެއް ކަމުގައި ބުނެވޭ އެންމެހައި ދަތުރުތަކެއްގައި އަންހެނުން އެބައިމީހުންގެ ފިރިމީހާ ނެތި ނުވަތަ މަޙްރަމެއް ނެތި ދަތުރުކުރުން ނަހީކުރެވިފައިވުމެވެ. އެއީ ތިން ދުވަހުގެ މުއްދަތަށް ނުވަތަ ދެ ދުވަހުގެ މުއްދަތަށް ނުވަތަ އެއް ދުވަހުގެ މުއްދަތަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަށް ދަތުރުކުރި ކަމުގައިވިޔަސް އެވެ. އެއީ مسلم ގެ ރިވާތަޔުގައި މުޠްލަޤުކޮށް އައިސްފައިވުމެވެ. އެއީ ކުރީގައި ގައި ބަޔާންކުރެވުނު ރިވާޔަތެވެ. (لا تسافر امرأة إلا مع ذي محرم) ”މަޙްރަމެއް ނެތި އަންހެނަކު ދަތުރުކޮށްގެން ނުވާނެ އެވެ.“ ފަހެ، މި ޙުކުމްގެ ތެރެއަށް އެއީ ދަތުރެއް ކަމުގައިބުނެވޭ އެންމެހައި ދަތުރުތަކެއް ވަންނާނެ އެވެ. والله أعلم” شرح صحيح مسلم 9 -103
ﷲ ގެ ޝަރީޢަތުގެ ޙުކުމް ވަރަށް ސާފެވެ. ޝައްކެތް ނުވާ މިންވަރަށް ޙަދީޘްގައި ވާ ޖުމްލަތަކުގެ މާނަވަނީ ސާފުވެފަ އެވެ. އެއްވެސް އޮޅުމެއް އޭގައިނުވެ އެވެ.
އަމިއްލަ ނަފްސަށް، ބުއްދިއަށް ވިސްނާލުން ހުއްޓެވެ. އިސްލާމް ދީނުގެ އެއް ރުކުން ކަމުގައިވާ ހައްޖުގެ އަޅުކަމެވެ. އެއްވެސް ފާފައެއް އަދި ފާޙިޝް ޢަމަލެއް ކުރުމުގެ ޤަޞްދެއްވެސް ނެތެވެ. އެހެނަސް އެ އަޅުކަމަށްޓަކައި ދަތުރު ކުރުމަށް އަންހެނާއަށް މަޙްރަމެއް ނެތިއްޖެހިނދު ވާޖިބުކަން ކެނޑިގެންދެ އެވެ. މިއީ ޙައްޖުގެ ވާހަކަ އެވެ. އެހެންކަމުގައިވެއްޖެހިނދު އަޅުކަމަކަށް ނުވާނެ، ހެޔޮ ޢަމަލަކަށް ނުވާނެ، އޭގެ އިތުރަށް ދުނިޔޭގެ ހިތްހަމަޖެހުން ހޯދުމަށް ކުރާ ޢަމަލެއްގައި އެކަން އޮންނާނީ ކޮންފަދަ ފާފައެއްގެ ގޮތުގަ އެވެ. ސަޢުދީގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ކޮމެޓީގެ މެންބަރ الشيخ د. العلامة صالح الفوزان حفظه الله ވިދާޅުވެފައިވެ އެވެ. ”ވާޖިބު ޙައްޖު ކުރުމަށްޓަކައި އަންހެނަކަށް، އަންހެނުންގެ ޖަމާޢަތަކާ އެކުގައި ދަތުރު ކުރެވިދާނެ ކަމަށް ދީފައިވާ ފަތުވާއަކީ ސުންނަތާއި ޚިލާފު ވެގެންވާ ފަތުވާ އެކެވެ.“
އަދިވެސް الشيخ د. العلامة صالح الفوزان حفظه الله ވިދާޅުވެފައިވެ އެވެ. ”މިބައިމީހުން (ބާޠިލް ބަސްތައް ބުނާ މީހުން) ބުނެފައިވެ އެވެ. މަޙުރަމު ގޮސް އަންހެންމީހާ ފްލައިޓަށް އަރުވާނީ އެވެ. އަދި އަނެއް މަޙްރަމު އަންހެން މީހާ ދާން ބޭނުންވާ މަންޒިލުން އިސްތިޤްބާލު ކުރާނީ އެވެ. ސަބަބަކީ ފްލައިޓަކީ އަމާންކަމުގައިވާ އެއްޗެކެވެ. އެމީހުންގެ މިކަމުގެ ދަޢުވާއަކީ ފްލައިޓުގައި ގިނަ ފަސެންޖަރުންގެ ގޮތުގައި ފިރިހެނުންނާއި އަންހެނުން ތިބޭތީ އެވެ. އެބައިމީހުންނަށް އަހަރެމެން ބުނަމެވެ. ހަމަހިލާ އެހެނަކުން ނުވާނެ އެވެ. ފްލައިޓަކީ އެހެން ތަކެއްޗަށްވުރެން ނުރައްކާތެރިކަން ބޮޑު އެއްޗެކެވެ. ސަބަބަކީ އޭގައި ފަސެންޖަރުންވަނީ މައްސުނި ވެގެންނެވެ. ފަހަރެއްގައި އަންހެންމީހާ ހިލޭ ފިރިހެނެއްގެ ގާތުގައި އިށީންނަން ޖެހެ އެވެ.“
ސަޢުދީ ޢަރަބިއްޔާއަށް ފާޅުވި ބޮޑެތި އިމާމްވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އެއް އިމާމު ކަމުގައިވާ الشَّيخ العَلاَّمَة عَبدُ الله بن إبراهيم القرعاوي رحمه الله ވިދާޅުވެފައިވެ އެވެ. ”މަޙްރަމެއް ނެތި އަންހެނަކު ދަތުރުކުރުން ޙަރާމްވެގެންވެ އެވެ. އެއީ ގިނަ އަންހެނުންތަކަކާ އެކު ކަމުގައިވީ ނަމަވެސް އެވެ. ސަބަބަކީ ޙަދީޘްފުޅުގައިވެ އެވެ. (لا تُسَافِر المَرأة إلا و مَعَها ذو مَحرم) ”މަޙްރަމަކާ އެކުގައި މެނުވީ އަންހެނަކު ދަތުރުކޮށްގެން ނުވާނެ އެވެ.“
މީގެ އިތުރަށް މިކަމުގައިވެ އެވެ. ދަރިންނަކީ އަމާނާތެކެވެ. ޙަވާލު ކުރެވިފައިވާ މަސްއޫލިއްޔަތުގެ ތެރެއިން ބައެކެވެ. ޤިޔާމަތް ދުވަހު މި މަސްއޫލިއްޔަތާއި މެދުގައި ސުވާލު ކުރެވޭނެ އެވެ. މަރުވެދިއުމުން އެކަން ނިމުނީކަމަށް ދެކެނީ ހެއްޔެވެ؟ އަނބިންނާއި ދަރިންނާ މެދުގައި ސުވާލު ނުކުރެވޭނެ ކަމުގައި ދަންނަނީ ހެއްޔެވެ؟ ޚިޔާނާތްތެރިއެއްގެ ގޮތުގައި ހުށަހެޅިއްޖެމީހާގެ ޙަޔާތަށް ވެދާނެ ގޮތަކާއި މެދު ހިތާމަ ކުރާނެ ދުވަހެއްއޮތްކަން ހަނދާންނައްތާލަނީ ހެއްޔެވެ؟
ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ. (ما مِن عَبْدٍ يَسْتَرْعِيهِ اللَّهُ رَعِيَّةً، يَمُوتُ يَومَ يَمُوتُ وهو غاشٌّ لِرَعِيَّتِهِ، إلَّا حَرَّمَ اللَّهُ عليه الجَنَّةَ) مسلم 142 ”އަޅުތަކުންގެ ތެރެއިން އަޅަކަށް ބެލެހެއްޓުންތެރިކަމެއް ﷲ ޙަވާލުކޮށްފައިވާހިނދު، އޭނާ މަރުވެދާދުވަހު އޭނާ މަރުވެދަނީ އޭނާއާ ޙަވާލު ކުރެވިގެންވާ ބެހެއްޓުންތެރިކަމުގެ މައްޗަށް މަކަރުހަދާފައިވާ ޙާލުގަ އެވެ. އެހިނދު އޭނާގެ މައްޗަށް ﷲ ސުވަރުގެ ޙަރާމް ކުރައްވަތެވެ.“
ލިބިފައިވާ ދަރިންގެ ބެލެއްޓުންތެރިކަން ޙަވާލު ކުރެވިފައިވާ މައިންބަފައިން، ޚާއްޞަކޮށް ބައްޕަގެ މައްޗަށް އެ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށް އަމުރުކުރެވިފައިވާ ޙާލުގައި، އެކަމަށް ފަރުވާކުޑަކޮށްފައިވެހުރެ މަރުވެއްޖެހިނދު ޙާލަތު ނިޔާކުރާނެ ގޮތާމެދު ވިސްނާލުން ހުއްޓެވެ. މިއަށްވުރެބޮޑު އަަމާނާތެއް އޮންނާނެ ހެއްޔެވެ؟
ކޭންޕަށް ދާހިނދު މަޙްރަމެއްނެތި އަންހެން ދަރިފުޅު ފުރައެވެ. އެއްރަށުން އަނެއް ރަށަށެވެ. ބޯޓާއި ދޯނީގަ އެވެ. ފްލައިޓްގަ އެވެ. އެ ދަރިފުޅު މައްސުނިވެ އެކުވަނީ ކޮންފަދަ ކޮންކަހަލަ އަޚްލާޤެއްގެ ބަޔަކާ ކަމެއް އޮތީވެސް ނޭގުމެއްގެ ތެރޭގަ އެވެ. މިފަދައިން ޢަމަލު ކުރުން މައިންބަފައިންނަށް ހެޔޮވާނެ ހެއްޔެވެ؟ ޝައްކެތްވެސް ނެތެވެ. މިއީ ތިމާއާ ހަވާލު ކުރެވުނު މަސްއޫލިއްޔަތު އަދާކުރުމާއި ބެލެއްޓުންތެރި ކަމުގައި ނުވާނެކަން ކަށަވަރެވެ. އަމާނާތް އަދާކުރުން ކަމުގައި ނުބުނެވޭނެ އެވެ. ޙަދީޘްގައިވެ އެވެ. ”ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީވެސް މަސްއޫލުވެރިއެކެވެ. އަދި އެމީހަކާއި ޙަވާލުކުރެވުނު މަސްއޫލިއްޔަތާއި މެދު ސުވާލު ކުރެވޭނެ އެވެ.“ صحيح البخاري 2558
އަޚުންނޭވެ! އަހަރެމެން ކުރާ ޞާލިޙް އަމަލުތަކުގެ އަގަކީ ކޮބައިތޯ ނަފްސާއި ސުވާލު ކުރުން ހުއްޓެވެ! ދީނުގައި ޙަރާމް ކުރެވިގެންވާ ޢަމަލުތަކުގެ މައްޗަށް އަރައިގަތުމާއި، އެ ޢަމަލުތަކަށް ފަރުވާކުޑަކުރާ ހިނދު، އަހަރެމެން ކުރާ ހެޔޮ ޞާލިޙް ޢަމަލުތަކުން ނުކުންނަ ނަތީއްޖާއަކީ ކޮބައިހެއްޔެވެ؟ ހެޔޮކަންތަކާއި ޞާލިޙް ޢަމަލުތަކަކީ އޭގެ ޞާޙިބާ ފާޙިޝް ޢަމަލުތަކާއި މުންކަރާތްތަކުން ދުރުކޮށްދޭން ޖެހޭނެ ކަމެއްގެ ގޮތުގައިވެ އެވެ. އޭގެ އިދިކޮޅު ސިފަ ލިބިއްޖެހިނދު، އަޅުކަމުން ނުކުންނަ ނަތީއްޖާއަކީ ކޮބައި ހެއްޔެވެ؟
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.