|

ނުކިޔަމަންތެރި އަނބިމީހާއަށް ޚަރަދު ދިނުންވޭތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ސުވާލުގައި ބަޔާންކޮށްފައިވަނީ، ނުކިޔަމަންތެރިކަން ދައްކައި، ފިރިމީހާގެ ކިޔަމަންގަތުން ބޭރުވެ، އެފަދަ ޢަމަލުތައް ފާޅުކޮށްފައިވާ އަންހެނާގެ މައްޗަށް ބުނަމެވެ.

މާބަނޑު ޙާލުގައި ނުވެ، އަނބިމީހާ ފިރިހެން މީހާގެ ކިޔަމަންގަތުން ބޭރުވެ، ކިޔަމަންތެރި ވުމަށް ދެކޮޅުހަދައި ނުކިޔަމަންތެރިކަން ދައްކައިފި އަންހެނާއަށް ޚަރަދު ކުރުމެއް ނުވާކަމުގައި ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. މިބަސްފުޅާއި ޚިލާފަށް ވިދާޅުވެފައިވަނީ ވަރަށްވެސް މަދު ޢިލްމުވެރިންނެވެ.

އިމާމް ابن قدامة -رحمه الله- ވިދާޅުވެފައިވެ އެވެ. ”އެއްދާން ކުރުމުން މަނާވެގަންނަ އަންހެނާ ނުވަތަ ފިރިމީހާގެ ގެއިން އިޛުނަނެތި ނުކުމެގެން ގޮސްފައިވާ އަންހެނާ، ނުވަތަ އެކުގައި ގޭގައި ދިރިއުޅުމަށް މަނާވެގަންނަ އަންހެނާއަށް.. މިފަދަ އަންހެނާއަށް ހުންނާނެ ތަނެއް ހޯދައި ދިނުމާއި އަދި ޚަރަދު ކުރުން ފިރިހެން މީހާއަށް ނުވެ އެވެ. މިއީ ގިނަ ޢިލްމުވެރިން ވިދާޅުވެފައިވާ ޤައުލެވެ…“

ވުމުން، އެއްދާން ކުރުމަށް ދެކޮޅުހެދުމާއި، ފިރިމީހާ އެކުގައި އުޅުމަށް މަނާވެގަތުމާއި އަދި ފިރިމީހާގެ ބެލެހެއްޓުމުގެ (ގެއިން ނުކުމެގެން ގޮސްފައިވާ) އަންހެނާއަށް ޚަރަދު ދިނުން ފިރިމީހާގެ މައްޗަށް ނުވެ އެވެ.

ދެވަނައީ : އަންހެން މީހާ ގެއިން ނެރެލުމާއި، ނުކުމެގެން ދިއުމުގެ ތަފާތުވެގެންވާ ކަމެވެ. އަމިއްލަ އިޚްތިޔާރުގައި، ކިޔަމަންނުވެ ނުކިޔަމަންތެރިކަން ދައްކައިގެން ދިއުން އެއީ ނެރެލުން ކަމުގައި ނުބުނެވޭނެ އެވެ. ފަހެ، ނެރެލައިފިހިނދު، އަތްބެއްގެ ގޮތުގައި ދެމިހުންނަހިނދެއްގައި ޚަރަދު ދިނުން ފިރިހެން މީހާގެ މައްޗަށް ލާޒިމް ކުރާނެ އެވެ.

ނިންމާލުމުގެ ކުރީގައި ބުނަމެވެ. އަނބި ފިރިކަމުގެ، ދެމަފިރިންގެ ގުޅުމުގެ ޖަވާބުތަކަކީ، ވަކި ފިރިހެނެއްގެ ނުވަތ ވަކި އަންހެނެއްގެ މައްސަލަތަކަށް ދެވޭ ޖަވާބެއް ނޫނެވެ.

އެހެނީ، ވަކި ޚާއްޞަ ޢާއިލާއެއް، އަނބިފިރި، ކައިވެނީގެ ގުޅުމެއް ކަމުގައިވާނަމަ، އޭގައި ދެފަރާތުން އަޑުއަހައި މައްސަލަ ދިރާސާކޮށް ބެލުމަށްފަހުގައި މެނުވީ ގޮތްތަކެއް ކަނޑައެއް ނޭޅޭނެ އެވެ.

ވުމުން، ފިރިހެން މީހާގެ ކިޔައި ދިނުމުގައި އަންހެން މީހާގެ ޙައްޤަށް އުނިކަން ލިބިފައިވުން އެކަށީގެންވެ އެވެ. އަދި އަންހެން މީހާ ކިޔައިދިނުމުގައި ފިރިމީހާގެ ޙައްޤަށް އުނިކަން ލިބިފައިވުންވެސް އެކަށީގެންވެ އެވެ.

ފަހެ، މިފަދަ މައްސަލަތައް ޝަރުޢީ ކޯޓުތަކަށް ހުށަހެޅުމަށް ކޮންމެ ފިރިއަކަށް އަދި އަންހެނަކަށް ނަޞޭޙަތްތެރިވަމެވެ. ފަހެ، އެހިނދު އެ ނެރެވޭ ޙުކުމްތަކަކީ ދެފަރާތުގެ ބަސްތަކަށް ރިއާޔަތް ކުރެވި އޭގެ މައްޗަށް ނެރެވޭ ޙުކުމްތަކެއް ކަމުގައިވެ، ދެފަރާތަށް އެ ޙުކުމުގައި ޤާއިމްވުން ލާޒިމް ކުރެވެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply