ކަޢުބާގެ އުރަކޮޅުގައި ބީހުމާއި އަދި ކަޢުބާގެ ފާރުގައި ބީހުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ތަވާފްގައި ނުވަތަ އެ ނޫންގޮތެއްގައިވީނަމަވެސް ގެފުޅުގައި އެކިއެކި ތަންތާގައި އަތް ލުމެއް ނޯވެ އެވެ.

ޠަވާފްއަކީ ގެފުޅުވަށައި ޖަހާ ހަތް ބުރެ އެވެ. ކޮންމެ ބުރެއްވެސް ޖަހަނީ ޙަޖަރުލް އަސްވަދުން ޙަޖަރުސް އަސްވަދަށެވެ.

ގެފުޅުގައި އަތްލެވޭ 2 ތަނެއްވެ އެވެ.

އެއީ ޙަޖަރުލް އަސްވަދާއި އަދި ޔަމާނީ ރުކުނެވެ.

ބޮސްދެވޭ ގޮތުގައިވަނީ ހަމައެކަނި ޙަޖަރުލް އަސްވަދެވެ.

ގެފުޅުގެ އެކިއެކި ތަންތަނުގައި އަތްލުމަކީ ސުންނަތުން ޘާބިތުވެގެންވާ ޢަމަލެއް ނޫނެވެ. އަދި ބަރަކާތް ލީބޭނެކަމަށް ދެކިގެންވެސް ނުވާނެ އެވެ. އަދި ކިޔެއްތަ! ހެޔޮކަމެއް ލިބޭނެ ކަމެއްވެސް ނޫނެވެ.

ހަމައެފަދައިން މަޤާމް އިބްރާހީމްއަކީވެސް އަތްލުމަށް އޮތް ތަނެއް ނޫނެވެ.

الإِمَام العلامة ابن باز -رحمه الله- ވިދާޅުވެފައިވެ އެވެ.

”ކަޢުބާގެ އުރަކޮޅުގައި ބީހުމާއި އަދި ކަޢުބާގެ ފާރުގައި ބީހުމާއި، އަތްއުނގުޅުން މި އެންމެހައި ކަންކަމަކީ އެއްވެސް އަޞްލެއް އޮތް ކަންތަކެއް ނޫނެވެ. އަދި މިއިން އެއްވެސް ޢަމަލެއް ކޮށްގެން ނުވާނެ އެވެ. ސަބަބަކީ ނަބިއްޔާ ﷺ   އަރިހުން ނަޤުލުކުރެވިފައި ނުވުމުންނެވެ.“الفتاوى 17/222

އަދި މި ޒަމާނުގައި އެތައް ބަޔަކު ކަޢުބާގައި ބީހިގެން ތިބުމާއި، ކަޢުބާގެ އުރަކޮޅުގައި އެލިގެން އަދި ބައްދައިގެން އޭގައި ހަށިގަނޑު ޖައްސައިގެން ތިބުމުގެ މި އެންމެހައި ޢަމަލު ތަކަކީ ދީނާއި ޝަރީޢަތާއި ޚިލާފްވެގެންވާ ޢަމަލުތަކެއް ކަމުގައި ދަންނަ އެވެ.

الإِمَام العَلاَّمَة العُثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ.

”ކަޢުބާގެ އުރަކޮޅުގައި އެލިގެންއޮތުމާއި ނުވަތަ އުރަކޮޅުގައި މޭ ޖައްސައިގެން ހުރުމާއި ނުވަތަ އެފަދަ އެހެނިހެން ޢަމަލުތައް ކުރުމަކީ އެއަށް އެއްވެސް އަޞްލެއްނެތް ބިދުޢަތަކެވެ.“ فتاوى نور على الدرب

ދަންނަ އެވެ! ގެފުޅަކީ ބަލިމީހުންނަށް ޝިފާ ހޯދައިދޭ ތަނެއް ނޫނެވެ. އެއީ ﷲއަށް ލިބިވޮޑިގެންވާ ޙައްޤެކެވެ. އަދި މި ނޫނަސް ﷲއަށް މިލްކުވޮޑިގެންވާ ޙައްޤުތައް އެއްވެސް މަޚްލޫޤަކަށް ލިބިގެން ނުވާނެކަން އީމާންވެ ޤަބޫލުކުރަން ޖެހެ އެވެ. މިފަދައިން ކަޢުބާއަށް އާރާއި ބާރު ލިބިގެންވާކަމަށް ދަންނަމީހާ އެވަނީ ﷲއަށް ޝަރީކުކޮށްފަ އެވެ.

الإِمَام ابن باز -رحمه الله- ވިދާޅުވެފައިވެ އެވެ.

”ކަޢުބާ ކައިރިން އޭނާ ބޭނުންވާ ބަލިމީހާއަށް ޝިފާއަށް އެދުމާއި ނުވަތަ މަޤާމް (އިބްރާހީމް) ގައި އަތް އުނގުޅައި ޝިފާ ލިބޭނެކަމަށް އުއްމީދު ކުރުމަކީ، މިއީ ހުއްދަވެގެންވާނޭ ކަންތައްތަކެއް ނޫނެވެ. އަދި ކިޔެއްހެއްޔެވެ! މިއީ ބޮޑު ޝިރުކުތަކެވެ.“ الفتاوى 17-222

ޙުރުމަތްތެރިވެގެންވާ ބިންތަކާއި ޙުރުމަތްތެރި ކުރައްވާފައިވާ ތަންތަނުގައި ﷲ ކަނޑައަޅުއްވާފައިވާ އިމުގެ ތެރޭގައި ޤާއިމްވެހުރުން ނުހަނު ބޮޑަށް ބާރުއެޅިފައިވެ އެވެ.

އެތަންތަނުގައި ދީނާއި ޚިލާފް ޢަމަލުތައް ހިނގުން، އެ ގޮތުން ދީނުގައި ނުވާކަންތައްތައް ކުރުންވެގެންދަނީ ﷲގެ ކޯފާއަށް އެމީހާ ހުށަހެޅި އެމީހާގެ ޢަމަލުތައް އެކަލާނގެ ޤަބޫލުވޮޑި ނުގަންނަވާނެ ސަބަބެއް ކަމުގައިވެ އެވެ.

ވުމުން، މި ޘާބިތު ނޫން ޢަމަލުތަކުން ނުހަނު ބޮޑަށް ނަފްސު ދުރުކުރުން ހުއްޓެވެ.

ގިނަ މީސްތަކުން ޢަމަލުތަކެއް ކުރަމުންދާކަމުގައިބުނެ އެ ޢަމަލުތަކުގެ އަވައިގައި ނުޖެހުން ހުއްޓެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply