ރޯދައަށް ހުންނަ މީހާ ކުޅު ދިރުވުމުން ރޯދަ ގެއްލޭނެތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ރޯދައަށް ހުންނަ މީހާ ކުޅު ދިރުވުމާއި މެދުގައި ޢިލްމުވެރިންގެ ބަސްފުޅުވަނީ އެއީ މައްސަލައެއް އޮތްކަމެއް ނޫން ކަމުގަ އެވެ.
އެހެނަސް ކަރުތެރެއިން އަންނަ ރޯގާ ދިރުވައިގެން ނުވާނެ އެވެ.
މި މައްސަލައިގައި ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ އަދި ފަތުވާ ކޮމެޓީގެ ކުރީގެ ރައީސް الشيخ عبد العَزِيز بن عَبد الله بن باز- رحمه الله- ވިދާޅުވެފައިވަނީ އެފަދައިން ކަރުތެރެއިން އަންނަ ކުޅު ދިރުވައިގެން ނުވާނެ ކަމެވެ. އަދި ހަމަ އެފަދައިން الشيخ ابن العثَيمِين -رحمه الله- ގެ ޤައުލަކީވެސް އެފަދައިން އަންނަ ކުޅު ދިރުވައިގެން ނުވާނެ އެވެ. އެހެނަސް ސުވާލަކީ ދިރުވައިފިހިނދު ރޯދަ ގެއްލޭނެ ހެއްޔެވެ؟
الشيخ ابن العثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ. ”ޢިލްމުވެރިންގެ މެދުގައި އެ މައްސަލައެއްގައި ޚިލާފްވެއްޖެހިނދު، އަހަރެމެންނަށް އޮތް މަރްޖިޢުއަކީ ﷲގެ ފޮތާއި ސުންނަތެވެ. ފަހެ، މި ކަމުގައި އަހަރެމެންނަށް ޝައްކު އުފެދުމުން (އެއީ) އަޅުކަން ފަސާދަވާނެތޯ ނުވަތަ ނޫންތޯ؟ ފަހެ، އަޞްލަކީ ފަސާދަ ނުވުމެވެ. (އެބަހީ : ދަލީލެއް އަތުވެއްޖައުމަށް ދާންދެން ފަސާދަ ނުވާނެ އެވެ.) ފަހެ، މި (އަޞްލުގެ މައްޗަށް ބިނާކޮށް) ރޯގާ ކުޅު ދިރުވުމުން ރޯދަ ނުގެއްލޭނެ އެވެ. ފަހެ، މުހިންމުވެގެންވަނީ، ރޯގާ ކުޅުން ދުރުވުމެވެ. އަދި ކަރުތެރެއަށް އެ ނުގެންދިއުމެވެ. އަދި އަނގަތެރެއަށް އެ އައިސްފިހިނދު އެ އަނގައިން ނެރެލުމެވެ. ފަހެ، މިއީ ރޯދައަށް ހުރި ކަމުގައިވީނަމަވެސް ނުވަތަ ރޯދައަށް ނޫން ކަމުގައިވީނަމަވެސް އޮތް ގޮތެވެ. ދެންފަހެ، ރޯދަ ގެއްލޭނެ ކަމުގައި ބުނާނަމަ، އިންސާނާއަށް އެކަމުގައި ﷲ ގެ ކުރިފުޅުމަތީގައި ދެއްކޭނެ ދަލީލެއް އޮންނަން ޖެހޭނެ އެވެ.“ مجموع الفتاوى 19-356
އަދިވެސް ވިދާޅުވެފައިވެ އެވެ. ”މި މައްސަލައިގެ ޞައްޙަ ބުނުމަކީ، ރޯގާ ކުޅަކީ ރޯދަ ގެއްލޭނެ އެއްޗެއް ނޫނެވެ. އަނގަތެރެއިން ގޮސް އެ ދިރުވާލިކަމުގައިވީނަމަވެސް އެވެ. އެހެނަސް އިންސާނާ އެ ނުދިރުވުން ހުއްޓެވެ. ފަހެ، ބައެއް ޢިލްމުގެ އަހުލުވެރިން އެ ޙަރާމް ކުރައްވާފައި ވެ އެވެ. ސަބަބަކީ، އެއީ ފަކުރުގަންނަ (މުޑުދާރު) އެއްޗެއްގެ ގޮތުގައިވެ އިންސާނާ އެ ދިރުވުން އެދެވިގެން ނުވެ އެވެ.“ لقاء الباب المفتوح – رقم 153
ދަންނަ އެވެ! ކުޅަކީ އެއިން އިންސާނަކު ދުރުވެ ވަކި ވެވޭނެ އެއްޗެއް ނޫނެވެ. އަދި އެއިން ވަކިވުމަށްޓަކައި މަސައްކަތް ކުރުމަކީ އިންސާނަކު އެމީހަކަށް ނުއުފުލޭނެ ތަކްލީފެއް އަމިއްލައަށް އުފުލުމަށްޓަކައި އުޅުންފަދަ ކަމެކެވެ.
ރޯދައަށް ހުންނަ މީހާ ކުޅު ދިރުވުން މަނާވެގެންވާ ކަމަށް އެއްވެސް ރިވާޔަތެއް ސުންނަތުގައި އަދި މާތް އަޞްޙާބުބޭކަލުންގެ ހިދާޔަތުން ބަޔާންވެގެންނުވެ އެވެ.
އަދި ހަމައެފަދައިން ފެން ނުވަތަ ދިޔާ އެއްޗެއް ފަތިސް ކުރިން ބުއިމަށްފަހު، އޭގެ ރަހަ އަނގަތެރެރިން ކެނޑިއްޖެއުމަށް ދާންދެން ކުޅުޖެހުންވެސް އެއީ އޮތް ޢަމަލެއް ނޫނެވެ.
الشيخ ابن العثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ. ”ފަތިސް ބަންގި ގޮވަން (ކައިރިވެފައިވާ ވަޤުތުގައި) އެއްޗެއް ބުއިމަށްފަހު، (ފަތިސް ވަޤުތު ވަނުމުން، އޭގެ ރަހަ އަނގައިގެ ތެރޭގައި ހުރުމުން) ކުޅުޖެހުން ވާޖިބުވެގެންނުވެ އެވެ. ފަހެ، ހަމަކަށަވަރުން އަހަރެމެންނަށް ލިބިފައިވާ ޢިލްމުން، ޞަޙާބީން އެބޭކަލުންގެ ޒަމާނުގައި، ފަތިސް ނަމާދަށް ކައިރިވެފައިވާހިނދު އެއްޗެއް ބުއިމަށްފަހު އޭގެ ރަހަ ކެނޑުމަށް ދާންދެން އެބޭކަލުން ކުޅު ޖައްސަވާކަމަށް އެނގިފައިނުވެ އެވެ. އަދި ކިޔެއްތަ މިއީ ދީނުގައި އެއަށް ލުއި (ހުއްދަ ދެވިގެންވާ) ކަމެކެވެ.“ الممتع 6/428
ދަންނަ އެވެ! އެފަދައިން ކަރުތެރެއިން އަންނަ ކުޅުވެސް ދިރުވައިފި މީހާގެ ރޯދަ ޞައްޙަ އެވެ. ރޯދަ ގެއްލޭނެ ކަމުގައި ވިދާޅުނުވެ އެވެ. އަދި އެމީހެއްގެ ރޯދަ ގެއްލޭނެމަ އެކަމަށް ދަލީލެއް ވާރިދުވެފައިވާންޖެހޭނެ ކަމަށްވެސް ވިދާޅުވެފައިވެ އެވެ. ޔަޢުނީ އެފަދައިން ޢަމަލުކޮށްފި މީހާގެ ރޯދަ ގެއްލޭނެ ކަމުގެ މައްޗަށް އެއްވެސް ދަލީލެއް ނުވުމެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.