ވަކި ޙާލަތެއް ދިމާވުމުން، ހުރިހައި މުސްލިމުން ޤްލޯބަލްކޮށް ރޯދަހިފިދާނެތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ވަކި ޙާލަތެއް ދިމާވުމުން މުޅި ދުނިޔޭގެ އެންމެހައި ބައްރު ތަކުގައިވާ އެންމެހައި ފަރާތްތައް އެ ކަމަކާ ގުޅިގެން ރޯދަ ހިފަން ބުނުމާއި މެދުގައި ބުނެމެވެ.
ފުރަތަމައީ : ޞައްޙަ ސުންނަތުން ރޯދަ ހިފުމަކީ އޭގެ އަޖުރާއި ޘަވާބު ބޮޑު ވެގެންވާ އަޅުކަމެއްކަން ބަޔާންވެގެންވެ އެވެ.
ފަރުޟު ރޯދައިގެ އިތުރަށް، ވަކި ދުވަސްތަކަށް ޚާއްޞަކޮށް ރޯދަހިފުން ކަނޑައެޅިފައިވެ އެވެ.
ހޯމަ ދުވަސް އަދި ބުރާސްފަތި ދުވަސް، މި ދެ ދުވަހަކީ ހަފްތާގެ ދުވަސްތަކުގެ ތެރެއިން އެ ދެ ދުވަހަށް ޤަޞްދުކޮށް ރޯދަހިފުން ވާރިދުވެގެންވާ ދެ ދުވަހެކެވެ.
ފަހެ، ޢާދަވެ މި ދުވަހުގައި ރޯދަ ހިފާ މީހާއަށް ހުރި އަޖުރެއްގެ ބޮޑުކަމާ އެވެ.
މައްސަރުގެ ދުވަސްތަކަށް ބަލާއިރު، ވަކި ދުވަހަކަށް ޚާއްޞަކޮށް ހަނދުމަހުގެ 13، 14 އަދި 15 ގައި ރޯދަހިފުންވެ އެވެ.
ހަމަ އެގޮތަށް ޢަރަފާތް ދުވަހާއި، ޢާޝޫރާ ދުވަހަކީވެސް އެފަދައިން ސުންނަތުގައި ވާރިދުވެގެންވާ ދުވަސްތަކެވެ.
މިފަދައިން ޘާބިތުވެގެންވާ ދުވަހެއްގައި، އެ ދުވަހަށް ޚާއްޞަކޮށް ރޯދަ ހިފުމުގައި އެއްވެސް މައްސަލައެއް ނެތެވެ. އަދި ކިޔެއް ސުންނަތްވެގެންވެ އެވެ.
ދެވަނައީ :
އުއްމަތަށް ދިމާވާ، ދަތި ޙާލަތަކާއި ގުޅިގެން، ދެރަ ޙާލަތަކާއި ގުޅިގެން ނުވަތަ ވަބާގެ ޙާލަތަކާއި ގުޅިގެން، އެންމެން ވަކި ދުވަހެއްގައި ރޯދަ ހިފަން ބުނުމަކީ، ޖަވާބުގެ ފުރތަމަ ނުކުތާގައި ބަޔާންކުރެވުނު ޢަމަލާއި އެއްވެސް ގޮތަކަށް ގުޅުން އޮތް ކަމެއް ނޫނެވެ.
ސަބަބަކީ، މި ތަނުގައި އެބަޔަކު ރޯދަ ހިފާ ސަބަބު ނުވަތަ ނިޔަތް ބަޔާންވެގެންވެ އެވެ.
އަޚާ އެވެ! މިފަދަ ސުވާލު ހުށަހެޅުމުން އެނގިގެން ދަނީ މާތް ނަބިއްޔާ ﷺ ގެ ބަސްފުޅުގެ ތެދުކަމެވެ.
ޙަދީޘްފުޅު ކުރެއްވި ގޮތަށް ކަންތައްތައް ހިނގައިދާނެ ކަމުގެ ޔަޤީންކަމެވެ.
ޙަދީޘްގައި ވާރިދުވެގެންވެ އެވެ. (إِنَّ اللهَ لاَ يَقْبِضُ العِلْمَ انْتِزَاعًا يَنْتَزِعُهُ مِنَ العِبَادِ، وَلكِنْ يَقْبِضُ العِلْمَ بِقَبْضِ العُلَمَاءِ، حَتى إِذاَ لَمْ يُبْقِ عَالمًا، اتَّخَذَ النَّاسُ رُؤُوْسًا جُهَّالًا، فَسُئِلُوا، فَأَفْتَوا بِغَيْرِ عِلْمٍ، فَضَلُّوا وَأَضَلُّوا) ”ހަމަކަށަވަރުން ﷲ އެކަލާނގެ އަޅުތަކުންނަށް ޢިލްމު ދެއްވުމަށް ފަހުގައި، އެޢިލްމު އެކައްޗަކަށް އަޅުތަކުންގެ ތެރެއިން ނުހިއްޕަވާނެތެވެ. އެހެނަސް އެކަލާނގެ ޢިލްމު ހިއްޕަވަނީ ޢިލްމުވެރިންގެ ފުރާނަ ހިއްޕެވުމުގަ އެވެ. އެގޮތުންގޮސް އުއްމަތުގައި އެއްވެސް ޢިލްމުވެރިއަކު ބިންމަތީގައި ނުވާނެ އެވެ. އެހިނދު މީސްތަކުން އެބައިމީހުންގެ މައްޗަށް ތަންދޮރު ފިލާފައި ނުވާ ޖާހިލުން ޢިލްމުވެރިންގެގޮތުގައި އިސްކުރާނެ އެވެ. އަދި އެބައިމީހުން ކައިރިން ސުވާލުކުޅައުމުން އެއަށް އެ ޖާހިލުކަމުގައިވާ މީހުން ޖަވާބު ދޭނެ އެވެ. ފަހެ، އެމީހުންގެ އަމިއްލަނަފްސާއި، އަދި އެހެނިހެން މީސްތަކުން މަގުފުރެދިގެންދެއެވެ.“
الإِمَامُ الحَافِظُ العَلاَّمَةِ القُرْطُبِي رحمه الله ވިދާޅުވެފައިވެ އެވެ. ”ޢިލްމު އުފުލިގެންދަނީ މީސްތަކުންގެ ހިތްތަކުން ފުހެވިގެން ދިއުމަކުން ނޫން ކަމުގައި ބަޔާންވެގެންވާ ދަލީލެއްގެ ގޮތުގައި މިނައްޞުވެ އެވެ. އެހެނަސް ޢިލްމު އުފުއްލެވިގެންދަނީ ޢިލްމުވެރިން ދުނިޔެދޫކޮށްފައި ދިއުމުންނެވެ. އަދި މީސްތަކުންގެ ތެރޭގައި އެބަޔަކު ޢިލްމުވެރިންނަށްވެ ކިޔަވައި ދިނުމުގައި ދެމިތިބުމަށް އަދި ފަތުވާދިނުމުގެ އަހުލުވެރިންގެ މަޤާމަށް އައުމަށް އުޅޭ ޖާހިލު މީސްތަކުން ތިބުމެވެ. މި ބައިމީހުން މީސްތަކުންނަށް ޖާހިލުފަތުވާ ދިނުމުގައި ތިބެ އަދި މީސްތަކުންނަށް އެ ޖާހިލުގޮތުގައިވާ ޢިލްމު ފޯރުކޮށްދިނުމުން، އެބައިމީހުންގެ ތެރޭގައި ޖާހިލުކަން ފެތުރި އެ ފާޅުވެގެން ދެއެވެ.“
ފަހެ، ފަތުވާދޭން ޖާހިލުން އަންނާނެކަން ކަށަވަރެވެ. މަގު ފުރައްދާ، މަގުފުރެދިފައިވާ ބަޔަކު އަންނާނެކަން ޔަޤީނެވެ. މިސްތަކުން ދީނުގެ ނަމުގައި ނަރަކައަށް ގެންދާނެ ބަޔަކު އަންނާނެ ކަމުގެ ޔަޤީންކަށަވަރުކަންވެ އެވެ.
އަޚާ އެވެ! މުސްލިމުން މައްކާގައި އަނިޔާތަކާއި ކުރިމަތި ނުވޭ ހެއްޔެވެ؟ މައްކާގެ މުޝްރިކުން ނިކުމެ މުސްލިމުން އެތައް ބަޔަކު ޤަތުކޮށް ނުލާ ހެއްޔެވެ؟ އެތައް ބަޔަކަށް ވޭނާއި ހާނީއްކަ ނުކުރޭ ހެއްޔެވެ؟
ހަތިޔާރުންނާއި، އޮށްގަލާއި، ހިލައިން، އަދި ކިޔެއްތަ ހަށިކޮޅުގައިވާ ފޭރާން ބާލުވައި ގަދަ ހޫނުގައި އަނިޔާ ތަހައްމަލު ނުކުރޭ ހެއްޔެވެ؟
މުޅި މުޖުތަމަޢުން އެކު އެކީގައި، ވަކިކޮށް، އެންމެހައި މުސްލިމުން ޖަލެއްގައި ހައްޔަރުކޮށް، ފެނާއި ކާބޯތަކެތީން އެކުއެކީގައި މަޙްރޫމް ނުކުރޭ ހެއްޔެވެ؟
ޝިޢުބު އަބީޠާލިބްގައި ހައްޔަރުކޮށް، މުސްލިމުންނަށް ކާނެ އެއްޗެއް ބޯނެ އެއްޗެއް ނުލިބި ހައިހޫނުކަމުގައި ކިތައް ނަފްސު ދުނިޔެ ދޫކުރި ހެއްޔެވެ؟
އަމިއްލަ ވަޠަނާއި ގެދޮރު ދޫކޮށް އަމިއްލަ ބިމުން ނުކުންނަން މަޖުބޫރުކޮށް އެބޭކަލުން ހަބުޝްކަރައަށް ހިޖުރަ ކުރައްވާ ވަޑައި ނުގަންނަވާ ހެއްޔެވެ؟
އެއްހިޖުރައަށް ފަހު ދެވަނަ ހިޖުރަ އެވެ.
މަދީނާއަށް ހިޖުރަ ކުރެއްވުމަށްފަހުގައިވެސް، މައްކާގައިވާ ނިކަމެތި ބަލިކަށި މުސްލިމުންނަށް ކާފަރުން ދިޔައީ އެތަކެއް އަނިޔާއެއް ދެމުންނެވެ.
އެއަށްފަހު ކުރެވުނު އެތައް އެތައް ހަނގުރާމަ ތަކެކެވެ.
ނަބިއްޔާ ﷺ ސުވާލުކުޅައުމުންފޮނުއްވި އެތައް ސަރިއްޔާ ތަކެކެވެ.
ސުވާލު ކޮށްލުން ހުއްޓެވެ! އެހިނދު ދުނިޔެ މަތީގައިވީ ﷲ ގެ ނަބިއްޔާ ﷺ އެވެ. ﷲގެ އަމުރުފުޅަށް ﷲ ގެ ދީން، އެކަލާނގެ ލޯބިވެވޮޑިގަންނަވާ ގޮތަކީ ކޮބައިކަން މީސްތަކުންނަށް އަންގަވާ ބަޔާންކޮށްދެއްވުމުގައިވީ ނަބިއްޔާ ﷺ އެވެ.
ހުރިހައި މުސްލިމުން ޤްލޯބަލްކޮށް ރޯދަހިފުމަށް މިފަދަ ކިތައް، ދުވަސްތަކެއް، ދުވަހެއް ކުރިމަތިވެފައިވި ހެއްޔެވެ؟
އެހެނަސް މިފަދައިން ޢަމަލުފުޅު ކުރައްވާފައި ނުވެ އެވެ.
ހޭދަ ކުރެއްވި 23 އަހަރު ދުވަހުގެ ތެރޭގައި މުސްލިމުންގެ ތެރެއިން ބަޔަކަށް ކުރިމަތިވެފައިވާ ދަތި އުނދަގޫ ދަނޑިވަޅުން ކާމިޔާބީއާއި ނަޞްރަށްޓަކައި ޤްލޯބަލްކޮށް ރޯދަ ނުވަތަ ޤްލޯބަލްކޮށް ކިޔާނެ ޛިކުރެއް ދޫކުރައްވައި، ވަކި ޢަދަކަކަށް ކިޔުމަށް އެފަދަ އެއްޗެއް ދޫކުރައްވާފައި ނުވެ އެވެ.
މި ސުވާލު އަމިއްލައަށް ކޮށްލުން ހުއްޓެވެ؟
މިއީ ރަސޫލާ ﷺ ކުރެއްވި ކަމެއް ހެއްޔެވެ؟ ހަތަރު ޚަލީފާއިންގެ ޒަމާނުގައި ހިނގައިދިޔަ ދަތި އަދި ބުރަ އަދި ހަނަފަސްކަމާއި ވަބާގެ ހާލަތްތަކުގައި ކުރެއްވި ކަމެއް ހެއްޔެވެ؟
ކުރެއްވި ކަމެއް ނޫންކަން ޝައްކެތްވެސް ނެތެވެ. އެއްވެސް ސުންނަތުގެ ފޮތަކުން އެކަން ކުރުމަށް ދަލީލެއް ނޯންނާނެ އެވެ.
ވުމުން، މިއީ ﷲ އަންގަވާފައިވާ އަދި ރަސޫލާ އުއްމަތަށް ބަޔާން ކުރެއްވި ޢަމަލެއް ނޫނެވެ.
އަދި ކިޔެއްތަ! މިފަދަ ޢަމަލުތައް ކަނޑައެޅިގެން ދާނީ ދީނުގެ ތެރެއަށް އަލަށް ގެނެވޭ ކަންތަކެވެ. ބިދުޢަ އެވެ.
އެއްވެސް އަޅުކަމެއް އެ އަޅުކަން ކުރުމަށް ވާރިދުވެގެންވާ ގޮތުގައި މެނުވީ ކޮށްގެން ނުވާނެ އެވެ. އަދި އަޅުކަމުގެ ތެރެއަށް އެއްވެސް އެއްޗެއް އިތުރު ކުރުމަކީ ދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ޢަމަލެވެ.
عَائِشَةَ رَضِيَ اللَّهُ عَنْهَا، قَالَتْ: قَالَ: رَسُولُ اللَّهِ صلى الله عليه وسلم (مَنْ أَحْدَثَ فِيْ أَمْرِنَا هَذَا مَا لَيْسَ مِنْهُ، فَهُوَ رَدٌّ) ”އަހަރެމެންގެ މި ދީނުގައި ނުވާ ކަމެއް އަލަށް ވައްދައިފި މީހެއްގެ ކިބައިން އެކަންވަނީ ރައްދުކުރެވިގެންނެވެ.“
މި ޙަދީޘް البُخَارِيُّ އަދި مُسلِمٌ ރިވާކުރެއްވި އެވެ.
ކިތަންމެ ބަޔަކު މިފަދައިން ބުނި ކަމުގައިވީނަމަވެސް، މިއީ ކުރެވޭނެ އަދި ކޮށްގެންވާނެ ޢަމަލެއް ނޫނެވެ.
ޢަދަދު ކިތަންމެ ގިނަވި ކަމުގައިވީނަމަވެސް އެއީ ދަލީލެއް ނޫނެވެ. އެކަން ކުރުމަށް ހުއްދަވާނޭ ޙާލަތެއްވެސް ނޫނެވެ.
ފަހުގެ ދުވަސްތަކުގައި ފާޅުވި އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الإِمَام العَلاَّمَة ابن العُثَيمين ވިދާޅުވެފައިވެ އެވެ. ” ދީނަށް ދަޢުވަތުދޭ ފަރާތް އަދި މީސްތަކުން އިޞްލާޙު ކުރުމަށް މަސައްކަތްކުރާ މީހާއަކީ ޙައްޤުމަގުން އެކަހެރިވެފައިވާ މީހެއް ކަމުގައިވެއްޖެ ހިނދުގައި އެފަދަ މީހަކަށް ތަޢައްޞުބު ނުވާށެވެ. ފަހެ، ހަމަކަށަވަރުން ޙައްޤު ދެނެގަތުން އޮތީ މީސްތަކުންގެ ޢަދަދު ގިނަވުމަކުން ނޫނެވެ. އެހެނަސް (ޙައްޤު) އަކީ ﷲ ގެ ފޮތާއި ސުންނަތާ އެއްގޮތްވުމެވެ.“
މަދީނާގެ މިއަދުގެ މުފްތީ الشيخ العلامة صالح السُّحَيْمِي حفظه الله ވިދާޅުވެފައިވެ އެވެ . ”ހަމަކަށަވަރުން ޢަދަދު ގިނަވުމާއި ޢަދަދު މަދުވުމަކީ ދުވަހަކުވެސް ޙައްޤުކަން އަންގައިދޭ ތިލަފަތް ކަމުގައި ނުވަތަ ދަލީލު ކަމުގައިނުވެ އެވެ. އަދި ކިޔެއްތަ، ﷲގެ ޚަލްޤުތަކުންގެ މައްޗަށް އެ އިލާހުގެ ސުންނަތަކީ ހަމަކަށަވަރުން ބާޠިލްގެ އަހުލުވެރިންނަކީ އެއީ ގިނަ ބައިގަނޑު ކަމުގައި ވުމެވެ.“
ވުމާއެކު، ވާރިދުވެގެންވާ ކަންތައްތައް ކުރުން ހުއްޓެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.