ފަތިސްވަޤުތު ނުވަންނަކަމަށް ހީކޮށް ނުވަތަ އިރު އޮއްސިއްޖެކަމަށް ހީކޮށް ކެއުމުން ރޯދަ ގެއްލޭނެތޯ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ފަތިސްވަޤުތު ނުވަންނަކަމަށް ހީކޮށް އޭނާ ކައިބޮއިފި ހިނދުގައި ނުވަތަ އިރު އޮއްސިއްޖެ ކަމަށް ހީކޮށް ކެއިންބުއިމުގައިވެ އެއަށްފަހު އޭނާއަށް ހީކުރެވުނުގޮތާ ޚިލާފަށް ބަޔާންވެދިޔުމުން، ފަހެ އެޙާލަތުގައިވެސް އޭނާގެ ރޯދަ ޞައްޙަވާނެ އެވެ. އެއީ أسماء بنت أبي بكر رضي الله عنها ގެ އަރިހުން ޘާބިތުވެގެންވާ ޙަދީޘްގައިވާ ފަދައިންނެވެ.
أسماء بنت أبي بكر ވިދާޅުވެފައިވެ އެވެ. (أفطرنا في عهد النبي صلى الله عليه وسلم في يوم غيم ثم طلعت الشمس) ”ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި، ވަރަށްވެސް ވިލާބޯވެ އިރު ނުފެނިހުރި ދުވަހެއްގައި އަހަރެމެން ރޯދަ ދޫކުރީމެވެ. އަދި އެދުވަހުގައި (އިރުއޮއްސިއްޖެ ކަމަށް ހީކޮށް ރޯދަ ދޫކުރުމަށްފަހުގައި) އެއަށްފަހު އިރު ފެނުނެވެ.“ އަދި އެދުވަހުގެ ރޯދަ ޤަޟާކުރުމަށް ނަބިއްޔާ صلى الله عليه وسلم އަމުރުފުޅެއް ނުކުރައްވަ އެވެ.
ފަހެ، އެދުވަހުގެ ރޯދަ ޤަޟާކުރުން އެބައިމީހުންގެ މައްޗަށް ވާޖިބުވެގެންވާނަމަ، ނަބިއްޔާ އެބައިމީހުންނަށް ރޯދަ ޤަޟާކުރުމަށް އަމުރުފުޅު ކުރެއްވި އެވެ. އަދި އެދުވަހުގައި އެފަދައިން އަމުރުފުޅު ކުރެއްވިނަމަ، އެކަން އަހަރެމެންނާ ހަމައަށް ނަޤުލު ކުރެވިފައިވާނެ އެވެ. ސަބަބަކީ އެބައިމީހުންގެ މައްޗަށް އެފަދައިން އަމުރުފުޅު ކުރެއްވުމުން އެހިނދު އެއީ ﷲ ގެ ޝަރީޢަތުގައި އޮތް ގޮތް ކަމުގައިވާނެ އެވެ. އަދި ﷲ ގެ ޝަރީޢަތް ޤިޔާމަތާއި ޖެހެންދެން ރައްކާތެރި ކުރެވިފައި ފުރިހަމައަށް އެގޮތުގައި ދެމިއޮންނާނެ އެވެ.
އަދި ހަމައެފަދައިން ރޯދަގެއްލޭނެ ކަމެއް ޤަޞްދަކާއި ނުލައި ކުރެވުނު ހިނދުގައިވެސް އޭނާގެ ރޯދައެއް ނުގެއްލޭނެ އެވެ. މިޘާލަކަށް، މަޟްމަޟާ (ވުޟޫކުރާހިނދުގައި އަނގައަށް ފެންލުން) ފަހެ، އެހިނދުގައި އޭނާގެ ކަރުތެރެއިން ހަށިގަނޑަށް ފެން ދިއައީ އެވެ. ފަހެ، އެހިނދުގައި އޭނާގެ ރޯދަ ނުގެއްލޭނެ އެވެ. ސަބަބަކީ އެއީ ޤަޞްދުކޮށްގެން ކުރެވުނު ކަމަކަށްނުވާތީ އެވެ.
އަދި ހަމައެފަދައިން އޭނާ ރޯދައަށް ހުއްޓާ އިޙްތިލާމްވެ، މަނި ބޭރުވުމަކީ އޭނާގެ ރޯދަ ފަސާދަވެ، ގެއްލޭނެ ކަމެއްނޫނެވެ. ސަބަބަކީ ނިދާފައި އޮންނަ މީހާއަކީ އަމިއްލައަށް ޤަޞްދުކޮށްގެން އެކަމެއް ކުރާމީހެއްގެ ގޮތުގައި ނުވާނެ އެވެ. ފަހެ ﷲ މިފަދައިން ވަޙީކުރައްވާފައިވެ އެވެ. وَلَيْسَ عَلَيْكُمْ جُنَاحٌ فِيمَا أَخْطَأْتُم بِهِ وَلَٰكِن مَّا تَعَمَّدَتْ قُلُوبُكُمْ ”އަދި ތިޔަބައިމީހުންނަށް ނޭނގިގެން ކުރެވުނު ކަމެއްގެ ފާފައެއް ތިޔަބައިމީހުންގެ މައްޗަކަށް ނެތެވެ. އެހެނެއްކަމަކު، ފާފަވެރިކަން އޮންނާނީ ތިޔަބައިމީހުންގެ ހިތްތައް ޤަސްދުކުޅަ ކަމަކާމެދު އެވެ.“
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.