ރަމަޟާން މަސް އަދި މި ނިޢުމަތުގެ އަގު ވަޒަން ކުރުން

އަޚުންނޭވެ! ބައްދަލު ކޮށްފައިމިވާ ދުވަސްތަކާއި މޫސުމުގެ ބޮޑުކަން ވިސްނުމަށް ގެނެސްގަތުން ހުއްޓެވެ. ރިވާޔަތުގައިވެ އެވެ. رَسُول الله ﷺ ޙަދީޘް ކުރެއްވި އެވެ. (أتاكم شهرُ رمضانَ شهرٌ مباركٌ فرض اللهُ عليكم صيامَه، فيه ليلةٌ خيرٌ من ألفِ شهرٍ من حرمَ خيرَها فقد حُرِم)

” ތިޔަބައިމީހުންނާއި ރަމަޟާން މައްސަރު ބައްދަލުކޮށްފި އެވެ. ބަރަކާތްތެރި މައްސަރެކެވެ. އެމައްސަރުގައި ރޯދަ ފަރުޟުކުރެވިގެންވެ އެވެ. އެ މައްސަރުގައި އެއްހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއް ވެ އެވެ. އެ ރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެ މީހަކީ ހެޔޮކަމުން މަޙްރޫމް ވެއްޖެ މީހެކެވެ.“

النسائي 2106 الألباني : صححه الألباني في صحيح النسائي 2106

ރަމަޟާން މައްސަރު އައުމާއެކު، ބައެއް ރިވާޔަތްތަކުގައި ޝަޢުބާން މަހުގެ އެންމެ ފަހު ދުވަހުގައި ޞަޙާބީންނާ މުޚާޠަބު ކުރައްވާ ރަމަޟާން މައްސަރުގެ ޚަބަރު ދެއްވަ އެވެ.

ފަހެ، އެހިނދު ބަޔާންވެގެންވަނީ މި މައްސަރުގެ މުހިންމު ކަމާއި، މައްސަރުގެ ވަޤުތު ތަކާއި ދުވަސްތަކުގެ މައްޗަށް ސަމާލު ވުމެވެ.

އެހެން ނޫންކަމުގައިވާނަމަ ނަބިއްޔާ އެބޭކަލުންނަށް އެފަދައިން ސަމާލުކަމަށް ގެނައުމުގެ ޙާޖަތަކީ ކޮބައި ހެއްޔެވެ؟

އަޚުންނޭވެ! މިއީ އާޚިރަތް ހޯދުމުގެ މޫސުން ތަކުގެ ތެރެއިން މޫސުމެކެވެ. އެ އަޅަކަށް ﷲ ތަޥްފީޤު ދެއްވި ފަރާތަކަށް އޮތް ޣަނީމާ އެކެވެ.

އަޚުންނޭވެ! މި ޙަދީޘްގެ މައްޗަށް އެކަނި ވިސްނާލުމުންވެސް މި މައްސަރުގެ މަތިވެރިކަން އިޙްސާސު ކުރެވޭނެ އެވެ. أنَّ رَجُلينِ من بَلِيٍّ -وهو حَيٌّ من قُضاعةَ- قُتِلَ أحدُهما في سَبيلِ اللهِ عزَّ وجلَّ، وأُخِّرَ الآخَرُ بعدَه سَنَةً، ثم مات، قال طَلْحةُ: فرأيتُ في المنامِ الجَنَّةَ فُتِحَتْ، فرأيتُ الآخِرَ منَ الرَّجُلينِ دَخَلَ الجَنَّةَ قبلَ الأوَّلِ فتعجَّبتُ، فلمَّا أصبحتُ ذَكَرتُ ذلك، فبَلَغتْ رسولَ اللهِ صلَّى اللهُ عليه وسلَّمَ، فقال رسولُ اللهِ صلَّى اللهُ عليه وسلَّمَ: أليس قد صام رَمَضانَ بعدَه މާނއީ : قُضاعةَ އަވަށުގެ ދެ ޞަޙާބީއެއް، އެއް ބޭކަލަކު ﷲގެ މަގުގައި ޝަހީދުވެ ދިޔަ އެވެ. އަނެއް ބޭކަލު އޭގެ އެއް އަހަރު ފަހުން ދުނިޔެ ދޫކުރި އެވެ. ފަހެ، ޞަޙާބީ طَلْحةُ އަށް ހުވަފެންފުޅުގައި ފެނިވަޑައިގެންނެވީ ފަހުން ދުނިޔެ ދޫކުރެއްވި ބޭފުޅާ އަނެއްބޭފުޅާއަށްވުރެ ކުރިން ސުވަރުގެވަތް ތަނެވެ. ފަހެ، އެހިނދު ޞަޙާބީ އެކަމާ ޢަޖައިބުވެ ޙައިރާންފުޅުވި އެވެ. އަދި ހެނދުނު ވުމުން ނަބިއްޔާ އަރިހުގައި ދެންނެވި އެވެ. ފަހެ، ރަސޫލާ ޙަދީޘް ކުރެއްވި އެވެ. “އޭނާ އޭގެ ފަހުން އެއް އަހަރު ރޯދަ ނުހިފާ ހެއްޔެވެ؟!”

އަޚުންނޭވެ! ބަސްހުއްޓޭފަދަ ރިވާޔަތެކެވެ. ބުނާނީ ކީކޭ ހެއްޔެވެ؟ މިއީ ރަމަޟާން މަސް ﷲ ގެ ޙަޟުރަތުގައި މަތިވެރިވެގެންވާ މިންވަރެވެ. ޝަރަފު ހޯދައިފައިވާ މިންވަރެވެ. އެ އިލާހުގެ ޙަޟުރަތުގައި ރަމަޟާންމަހަށް ލިބިފައިވާ ޤަދަރެވެ. އެ މައްސަރާއި ބައްދަލުކޮށްފި މީހާއަށް الله ތައްޔާރު ކުރައްވާފައިވާ އަޖުރާއި ޘަވާބެވެ.

މިކަންވިސްނިއްޖެހިނދު އެކަމުގެ ހުރި ބޮޑުކަމާ އެވެ!

ފަހެ، މި މައްސަރުގައި ﷲ ލައްވާފައިވާ، މިމައްސަރާއި ބައްދަލުކުރާ ފަރާތްތަކަށް ﷲ ކަނޑައަޅުއްވާ ރައްކާކޮށްފައިވާ ހެޔޮކަންތައްތައް ގިނަ ކަމާ އެވެ. އަޚުންނޭވެ. މި ހެޔޮކަން ހޯދައިގަތުމަށް އަތުކުރި އޮޅާލާ ފަރާތްތަށް ވަމާތޯ އެވެ؟ އާޚިރަތުގެ މޫސުމުން އާޚިރަތް ހޯދައިގަންނަމާ ތޯ އެވެ؟ ޣަނީމާގެ މޫސުމުން އެންމެ އެދެވޭ ގޮތުގައި ޣަނީމާ ހޯދުމަށް މަސައްކަތް ކުރަން ހުށިޔާރު ވަމާ ހެއްޔެވެ؟

العَلاَّمَة صالح الفَوزَان حفظه الله ވިދާޅުވެފައިވެ އެވެ. ”ހަމަކަށަވަރުން އެމީހަކަށް ރަމަޟާން މައްސަރާއި ބައްދަލުކޮށް، އެ މައްސަރުގެ ފައިދާ ހޯދުމުގެ ކުޅަދާނަކަން ﷲ އެމީހަކަށް ދެއްވައިފި މީހާއަކީ.. ހަމަކަށަވަރުން ބޮޑުވެގެންވާ ނިޢުމަތެއް ﷲ އެމީހަކަށް ދެއްވާފައިވާ ފަރާތެކެވެ. އެ ނިޢުމަތާއި އަޅާ ކިޔާލެވޭނެ އެހެން ނިޢުމަތެއް ނުވެ އެވެ.“

مجالس رمضان ص 11

ލޯބިވާ އަޚުންނޭވެ! މިފަދަ ފުރުސަތެއް ﷲ ދެއްވުމުން، އަދި މި މޫސުމުގައި ކުރިއަރައި ދިއުމަށް، ވަޤުތު ދެއްވައި، ގޭގައި އެއްވެސް މަސައްކަތެއް ޑިއުޓީއެއް ނެތި ދެއްވުމުން، މި މޫސުމުގެ ފައިދާ ނުލިބިއްޖެ މީހާއަކީ ކޮންފަދަ ހެޔޮކަމުން މަޙްރޫމު ވެއްޖެ މީހެއްކަން ދަންނާނެ އެވެ.

ގާތް ކޮށްދޭނެ މިޘާލަކެވެ. ވަޒީފާއަށް މީހަކު ގެނެސް، ވިޔަފާރީގެ ފެއާރ އަކަށް އޭނާ ފޮނުވައި، އެންމެހައި ކަންތައްތައްކެއް ހަމަޖައްސައި ދިނުމާއެކު، އެއްވެސް ފައިދާއެއް އަދި ނަފާއެއް ނުހޯދައި އަނބުރައި އައުމުން ތިޔަ އަޚުން އެމީހާގެ މައްޗަށް ބުނާނި ކީކޭ ހެއްޔެވެ؟ އެމީހަކު އެ ވަޒީފާއިން ވަކިކޮށް އެހެން މީހަކަށް އެ ނިޢުމަތް ދިނުން މާހެޔޮކަން ބޮޑު ނޫން ހެއްޔެވެ؟

އަޚުންނޭޥެ! ނިޢުމަތުގެ އަގު ވަޒަން ކުރާށެވެ! ކިތައް ފަރުދުން މި ރަމަޟާން މަހާއި ބައްދަލު ނުވެ ވަކިވެ ދުނިޔެ ދޫކޮށްފި ހެއްޔެވެ؟ މިއަދު މި ލިބިފައިވާ ފުރުސަތު އެންމެ އެދެވޭ ގޮތުގައި ހިފުމަށް ނަޞޭހަތްތެރިވަމެވެ.

وفقنا الله و إياكم لمرضاته.

Similar Posts

Leave a Reply