ރޯދައަށް ހުންނަ މީހަކު ވެކްސިން ޖެހުމުން ރޯދަ ގެއްލޭނެތޯ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ރޯދައަށް ހުންނަ މީހަކު ވެކްސިން ޖެހުމުގެ މައްޗަށް ބުނަމެވެ.
ޢިލްމުވެރިންގެ ބަސްފުޅުތަކުން ބަޔާންވަނީ ރޯދަ ވެރިޔާގެ ރޯދައަށް އަޘަރު ކުރުވާ ހަމައެކަނި އިންޖެކްޝަނަކީ އައިވީ އިންޖެކްޝަނެވެ. އޭގެ ބަދަލުގައި އައްސި ކުރާ އިންޖެކްޝަން، ހުން މަޑު ކުރުމަށް ޖަހާ އިންޖެކްޝައިން ނުވަތަ އެނޫންވެސް އިންޖެކްޝަނަކީ ރޯދަ ގެއްލުވާނެ އެއްޗެއް ނޫނެވެ. ވުމުން ރޯދައަށް ހުރެ ވެކްސިން ޖެހުމަކުން ރޯދައަށް އަޘަރެއް ނުކުރާނެ އެވެ.
މި ޒަމާނުގައި ފާޅުވި އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العلامة محمد بن صَالح العُثَيمين -رحمه الله- ވިދާޅުވެފައިވެ އެވެ.
ސުވާލު : ރަމަޟާންމަހުގެ ދުވާލު ވަޤުތެއްގައި ދަތެއް އުފުރާލުމަށްޓަކައި އައްސިކުރާ އިންޖެކްޝަނެއް ޖެހުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ ސުވާލުގައި ބުނެފައިވެ އެވެ. އައްސިކުރާ އިންޖެކްޝަނެއް ޖެހުމުގެ ސަބަބުން އެދުވަހުގެ ރޯދަ އަހަރެން ޤަޟާކުރަންޖެހޭނެ ތޯ އެވެ؟
ޖަވާބު : ނޫން، ނޫނެކެވެ. އައްސިކުރާ އިންޖެކްޝަނަކީ ރޯދަ ގެއްލުވާލާނެ އެއްޗެއް ނޫނެވެ. އެ އިންޖެކްޝަނަކީ އެބޭނުން ކުރި ތަނުގެ ކައިރިއަށް އޭގެ އަޘަރުކުރުވާ އެއްޗެކެވެ. އަދި އެއީ އޭނާގެ މަޢިދާގެ ތެރެއަށް ދާނެ އެއްޗެއް ނޫނެވެ.
ފަހެ ފަރުޟު ރޯދައަކަށް ނުވަތަ ސުންނަތް ރޯދައަކަށް ހުރި މީހަކު އައްސިކުރާ އިންޖެކްޝަން ބޭނުންކުރި ކަމުގައިވިޔަސް އޭނާގެ ރޯދައަކީ ޞައްޙަ ރޯދައެކެވެ. (ޝެއިޚްގެ ފަތުވާ ނިމުނީ އެވެ.)
އަދިވެސް ވިދާޅުވެފައިވެ އެވެ.
العلامة ابن العُثَيمين -رحمه الله- ވިދާޅުވެފައިވެ އެވެ. ”….އެހެނަސް ބޭސްފަރުވާގެ ގޮތުން ބޭނުންކުރާ އެކިއެކި އިންޖެކްޝަން އަދި ހަށިގަނޑު ހަރަކާތްތެރި ކުރުވުމުގެ ގޮތުން ދެވޭ އިންޖެކްޝަން، ފަހެ މިއިންޖެކްޝަން ތަކަކީ ކެއުމާއި ބުއިމުގެ މަޤާމަށް ވާޞިލްކޮށްދޭނެ އެއްޗެއް ނޫނެވެ. އަދި ކެއުމާއި ބުއިން ފުއްދައިދޭނެ އެއްޗެއް ނޫނެވެ. ފަހެ މިފަދަ އިންޖެކްޝަނަކީ ރޯދަ ގެއްލުވާނެ އެއްޗެއް ނޫނެވެ. އެއީ މިފަދަ އިންޖެކްޝަނެއް ހަށިގަނޑުގެ ނާރަކަށް ނުވަތަ މަސްގަނޑަށް ޖެހިކަމުގައިވިޔަސް އެވެ. އަދި މިފަދަ އިންޖެކްޝަނެއް ބޭނުންކޮށް ކަރުތެރޭގައި އޭގެ ރަހަދިން ކަމުގައި ވިޔަސް ނުވަތަ ރަހަ ނުދިން ކަމުގައިވިޔަސް އޭނާގެ ރޯދައެއް ނުގެއްލޭނެ އެވެ.“
އަދި ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإِمَام العَلاَّمَة ابن بَاز -رحمه الله- ވިދާޅުވެފައިވެ އެވެ. ”އައިވީ އިންޖެކްޝަން ރޯދަވެރިޔާ ބޭނުން ކުރުން؛ މިކަމުގެ ޞައްޙަ ޤައުލަކީ ރޯދައަށް ހުންނަ މީހާގެ ރޯދަ ގެއްލޭނެ އެވެ. އެހެނަސް އައިވީ އިންޖެކްޝަން ނޫން އިންޖެކްޝަން ކަމުގައިވާނަމަ އޭނާގެ ރޯދައެއް ނުގެއްލޭނެ އެވެ.“ مجموع الفتاوى ج 15ص 258
މައްސަލަ ސާފުވެއްޖެކަމުގައި އުއްމީދު ކުރަމެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.