ޟުޙާ ނަމާދު، ދަމު ނަމާދު، ސުންނަތް ރޯދަ ހިފުން، ޞަދަޤާތް ކުރުން އަދި ޤުރްއާން ކިޔެވުމާއި ޛިކުރު ކުރުން ފަދަ ސުންނަތް އަޅުކަން ދާއިމީ ގޮތެއްގަ ކުރުމަކީ ބިދުޢައެއްތޯއެވެ؟
أما بعد:ސުވާލުގައި ޛިކުރުކޮށްފައިވާ އެންމެހައި ހެޔޮ ޢަމަލު ތަކަކީ އެއީ ސުންނަތުގައި ނުވަތަ ދަލީލުން ބަޔާންވެގެންވާ ހެޔޮ ޞާލިޙް އަޅުކަންތައް ކަމުގައިވެއެވެ. އެގޮތުން ކުރުކޮށް އިޝާރާތް ކޮށްލަމެވެ.
1. ޟުޙާ ނަމާދު: މި ނަމާދު މެދުނުކެނޑި ކޮންމެ ދުވަހަކު ކުރުން ސުންނަތް ވެގެންވާ ކަމުގައި ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެއެވެ. މުޞްތަޙައްބު ޢަމަލެއް ކަމުގައި ޛިކުރު ކުރައްވައެވެ. އެގޮތުން ޢާންމު ދަލީލާއި ޚާއްޞަ ދަލީލު ގެންނަވާފައިވެއެވެ. ޚާއްޞަ ޙަދީޘްތަކުގެ ތެރޭގައި އިމާމް أحمد މުސްނަދުގައި ޞަޙާބީ أبو هُريرةَ – رضي الله عنه – ގެ އަރިހުން ރިވާކޮށްފައިވެއެވެ. ޞަޙާބީ ވިދާޅުވެފައިވެއެވެ. ) أمرَني رسولُ اللَّهِ صلَّى اللَّهُ عليهِ وسلَّمَ بثلاثٍ ، …… أمرَني برَكْعتيِ الضُّحَى كلَّ يومٍ ، والوترِ قبلَ النَّومِ ، وصيامِ ثلاثةِ أيَّامٍ من كلِّ شَهْرٍ( ”ތިމަން ޞަޙާބީއަށް 3 ކަމަކަށް ނަބިއްޔާ – صلَّى اللَّهُ عليهِ وسلَّمَ – އަމުރުފުޅު (އެބަހީ : ވަޞިއްޔަތް) ކުރެއްވިއެވެ. ކޮންމެ ދުވަހަކު ޟުޙާ ނަމާދުގެ 2 ރަކުޢަތް ކުރުމަށް …. (އަމުރުފުޅު ކުރެއްވި އެވެ….) “.
މި ޙަދީޘްގައި ނަބިއްޔާ – صلَّى اللَّهُ عليهِ وسلَّمَ – ވަނީ ޞަޙާބީ أبو هُريرةَ އަށް ކޮންމެ ދުވަހެއްގައި ކުރުމަށް އަމުރުފުޅު ކުރައްވާފައެވެ.
2. ދަމު ނަމާދު: ޞަޙީހު مسلم ١١٥٩ ގައި ރިވާވެގެންވެއެވެ. (وَأَحَبُّ الصَّلَاةِ إلى اللهِ عَزَّ وَجَلَّ، صَلَاةُ دَاوُدَ عليه السَّلَام، كانَ يَرْقُدُ شَطْرَ اللَّيْلِ، ثُمَّ يَقُومُ، ثُمَّ يَرْقُدُ آخِرَهُ، يَقُومُ ثُلُثَ اللَّيْلِ بَعْدَ شَطْرِهِ. ) “ ﷲ ގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން އިތުރުވެގެންވާ ނަމާދަކީ (ސުންނަތް ނަމާދަކީ) دَاوُدَ – عليه السَّلَام – ގެ ނަމާދެވެ. ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައި އަވަހާރަފުޅު ލެއްޕެވުމަށްފަހު ދެން ނަމާދުކުރައްވައެވެ. ދެން އެއަށްފަހު އަވަހާރަފުޅު ލައްޕަވައެވެ. ފަހެ، ޤިޔާމަށް (ނަމާދުގައި ހުންނަވަނީ) ރޭގަނޑު ދެބައިވުމަށްފަހު، ރޭގަނޑުގެ ތިންބައިކުޅަ އެއްބައިގައެވެ. “ ފަހެ، ގޭގައި މިފަދައިން ނަމާދުކޮށްފި މީހާއަށް ހުރި ހެޔޮކަމެއްގެ ބޮޑު ކަމާއެވެ. މި ޙަދީޘްއިން ވެސް ބަޔާންވެންވަނީ ދަމު ނަމާދު މެދުކެނޑުމެއްނެތި ކުރުމުގެ ހެޔޮ ކަމާއި އަދި އޭގެ އަޖުރާއި ޘަވާބެވެ.
3. ސުންނަތް ރޯދަ: ސުންނަތް ރޯދަ ހިފުމުގެ ގިނަ ގޮތްތަކެއްވެއެވެ. އެންމެ ހެޔޮ އަދި އެންމެ މާތް ގޮތަކީ 2 ދުވަހުން އެއްދުވަހު ހިފުމެވެ. ހޯމަ އަދި ބުރާސްފަތީގައި ހިފުމާއި، ހިޖުރީ މައްސަރުގެ މެދު ފޮއިގެ ދުވަސްތަކުގައި ހިފުމާއި، ނުވަތަ މައްސަރުގެ ތިން ދުވަހުގައި ހިފުމާއި މި ނޫން ސިފައިގައި ވެސް ރޯދަ ކުޅަދާނަވީ މިންވަރަކަށް ހިފުން ހުއްދަވެގެންވެއެވެ.
މިކަމުގެ ބައެއް ދަލީލުތަކުގެ ތެރޭގައި :
ދެ ދުވަހުން އެއް ދުވަހު ރޯދައަށް ހުރުން ބަޔާންވެގެންވާ ޙަދީޘްތަކުގެ ތެރެއިން ޙަދީޘްއެއްގައިވެއެވެ. (أحبُّ الصيامِ إلى اللهِ صيامُ داودَ، و كانَ يصومُ يومًا، و يفطرُ يومًا،) “ ﷲ ގެ ޙަޟުރަތަށް އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ރޯދަ ހިފުމަކީ، داودَ عليه السلام ރޯދަހިއްޕެވި ގޮތެވެ. އެއްދުވަހު ރޯދައަށް ހުންނަވައި ޖެހިގެން އަންނަ ދުވަހު ރޯދަ ދޫކުރައްވައެވެ. (އެބަހީ : ދެދުވަހުން އެއްދުވަހު ރޯދައަށް ހުންނަވައެވެ.).
ހޯމަ އަދި ބުރާސްފަތީގައި ރޯދަހިފުން ބަޔާންވެގެންވާ ޙަދީޘްތަކުގެ ތެރޭގައިވެއެވެ. (إنَّ الأعمالَ تُرفَعُ يومَ الاثنيْنِ و الخميسِ ، فأُحِبُّ أنْ يُرفَعَ عمَلِي و أنا صائِمٌ) “ ހަމަކަށަވަރުން އަޅުތަކުންގެ ޢަމަލުތައް ހޯމަ އަދި ބުރާސްފަތި ދުވަހުގައި ﷲ ގެ ހަޟުރަތަށް އުފުލެއެވެ. ފަހެ، ތިމަން ނަބިއްޔާ – صلَّى اللَّهُ عليهِ وسلَّمَ – ގެ ޢަމަލުތައް އުފުއްލެވޭހިނދު ރޯދައަށް ހުރުމަށް ލޯބި ކުރަމެވެ.“ (މި ޙަދީޘްގައި ބަޔާންވެގެންވަނީ ހޯމަ އަދި ބުރާސްފަތީގައި ރޯދަ ހިފުން ސުންނަތް ވުމެވެ.).
ހަނދުމަހުގެ 14،13 އަދި 15 ގައި ރޯދައަށް ހުރުން ބަޔާންވެގެންވާ ޙަދީޘްތަކުގައިވެއެވެ. صحيح الترغب،ބަޔާންވެގެންވާ ރިވާޔަތެއްގައިވެއެވެ. (كان رسولُ اللهِ صلَّى اللهُ عليهِ وسلَّم يأمُرنا بصيامِ أيامِ البِيضِ ثلاثَ عشرَ وأربعَ عشرَ وخمسَ عشرَ قال وقال : هو كهيئةِ الدهرِ) “ އައްޔާމުލް ބީޟް (ހަނދުމަހުގެ 13، 14، އަދި 15) މި ތިންދުވަހުގައި ރޯދައަށް ތިބުމަށް ނަބިއްޔާ – صلَّى اللَّهُ عليهِ وسلَّمَ – ތިމަން ޞަޙާބީންނަށް އަމުރުފުޅު ކުރައްވައެވެ. އަދި ޙަދީޘް ކުރެއްވިއެވެ. އެއީ، މުޅި އަހަރުގައި ރޯދަ ހިފުމާއި އެއްފަދައެވެ.“ (މި ޙަދީޘްގައި ބަޔާންވެގެންވަނީ ކޮންމެ މަހެއްގެ، 13 14، 15 ގައި ރޯދަ ހިފުމެވެ.)
4. ޞަދަޤާތް ކުރުން: ފައިސާ ނުވަތަ ކާބޯތަކެތި ނުވަތަ ޙާޖަތް ޖެހިފައިވާ ފަރާތްތަކަށް އެ ޙާޖަތް ފުއްދުމަށްޓަކައި އެމީހެއްގެ ދީލަތި ކަމުން ހޭދަކުރުން، މިކަމުގައި ބޮޑުވެގެންވާ އުޖޫރަވެއެވެ. ޙަދީޘްގައިވެއެވެ. (ابن عبَّاس -رضي الله عنه- ވިދާޅުވެފައިވެއެވެ. كانَ رَسولُ اللَّهِ صَلَّى اللهُ عليه وسلَّمَ أجْوَدَ النَّاسِ، وكانَ أجْوَدُ ما يَكونُ في رَمَضَانَ ……… فَلَرَسولُ اللَّهِ صَلَّى اللهُ عليه وسلَّمَ حِينَ يَلْقَاهُ جِبْرِيلُ أجْوَدُ بالخَيْرِ مِنَ الرِّيحِ المُرْسَلَةِ. ) “ ހަމަކަށަވަރުން ރަސޫލާ – صَلَّى اللهُ عليه وسلَّمَ – އަކީ އެންމެ ދީލަތި ބޭކަލެވެ. އަދި އެންމެގިނައިން ހޭދަކުރައްވަނީ (ޞަދަޤާތް ކުރައްވަނީ) ރަމަޟާން މައްސަރުގައެވެ……. ފަހެ، ޖިބްރީލް – عليه السلام – އާ ބައްދަލުވާހިނދު، ރަސޫލާ – صلَّى اللَّهُ عليهِ وسلَّمَ – ގެ ހޭދަކުރެއްވުމުގެ މިޘާލަކީ ފެތުރިގެންވާ ވައިރޯޅިއެއް ފަދައެވެ.“ البخاري 3220
5. ޤުރުއާން ކިޔެވުމާއި ޛިކުރު ކުރުން: ﷲ عزوجل ވަޙީކުރައްވާފައިވެއެވެ. (كِتَابٌ أَنزَلْنَاهُ إِلَيْكَ مُبَارَكٌ لِّيَدَّبَّرُوا آيَاتِهِ) ص 29
”މިއީ އިބަ ނަބިއްޔާއަށް ތިމަން އިލާހު ބާވައިލެއްވި ބަރަކާތްތެރި ފޮތެކެވެ. އެއީ އެބައިމީހުން އެފޮތުގެ އާޔަތްތަކުގެ މައްޗަށް ތަދައްބުރު ކުރުމަށްޓަކައިއެވެ“.
الإمام العلامة محمد أمان الجامي ވިދާޅުވެފައިވެއެވެ. ” ކީރިތި ޤުރުއާން ކިޔެވުމަކީ އަޅުކަމެކެވެ. އެންމެ މާތް މަތިވެރި އަޅުކަންތަކުގެ ތެރެއިން އަޅުކަމެކެވެ. އަދި ކިޔެއްތަ! މުޠްލަޤުކޮށް އެންމެ މަތިވެރި އަޅުކަންތަކުގެ ތެރެއިން ހިމެނެއެވެ. ތިބާއަށް އޭގެ މާނަ ނުއެނގުނު ކަމުގައިވީ ނަމަވެސްއެވެ.“ محاضرة: كيف نربي شبابنا على الدعوة إلى الله
ވުމުން ކޮންމެ ދުވަހަކަށްވެސް ވަކި މިންވަރެއް ޚަތިމް ކުރުމުގެ ގޮތުން ކިޔެވުން އެދެވިގެންވެއެވެ. ނުވަތަ ކުޅަދާނަވީ މިންވަރަކުން ހުއްޓާނުލައި ކިޔެވުން ހުއްޓެވެ.
އަޚާއެވެ! އިސްވެ ބަޔާންވެފައި ވަނީ މި އެންމެހައި ޢަމަލުތަކަށް ވެސް ދީނުގައި ހިތްވަރު ދެއްވާ، އެ ޢަމަލުތަކަށް ބާރުއަޅުވާފައިވާ ކަމެވެ. މި ޢަމަލުތައް ވާރިދުވެގެން ނުވާ ސިފަތަކުގައި ކުރުމުން ދުރުހެލިވުން ހުއްޓެވެ. މިޘާލަކަށް ޤުރުއާން ކިޔަވާހިނދު، ވަކި ތަނެއް ވަކި ދުވަހެއްގައި ކިޔަވަން ބުނުމެވެ. ނުވަތަ ވަކި ޛިކުރެއް ވަކި ޢަދަދަކަށް ކިޔުމަށް ބުނުމެވެ. އެހިނދު އެކަމަށް ދަލީލެއް އޮންނަން ޖެހޭނެއެވެ. އޭގެ ބަދަލުގައި ޢަދަދު ކުރުމެއްނެތި، ޘަވާބާއި ދަރުމައަށް އެދިގެން ކިޔުމަށް ވާރިދުވެގެންވާ ޛިކުރުތައް ކިޔުން އެއީ އެދެވިގެންވާ ގޮތެވެ.
ނިންމާލުމުގެ ކުރީގައި ބުނަމެވެ. ސުންނަތް މިފަދަ އަޅުކަންތައް، ރޯދަ ހިފުމާއި، ދަމު ނަމާދު ކުރުމާއި، ޟުޙާ ނަމާދު ކުރުމާއި، މި ޢަޅުކަންތައް ކުރުމުގައި ދަންނަންޖެހޭ ވަރަށްވެސް މުހިންމު ސުންނަތެއް ވެއެވެ. އެއީ :
ސުންނަތް ޢަމަލުތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވާ ޢަމަލަކީ، އެ ޢަމަލެއްގެ މަތީގައި މެދުކެނޑުމެއް ނުވާ ގޮތުގައި ދެމިހުންނަ ޢަމަލުކަމުގައިވެއެވެ. ޙަދީޘްގައިވެއެވެ. ރަސޫލާ – صلَّى اللَّهُ عليهِ وسلَّمَ – ޙަދީޘް ކުރެއްވިއެވެ. (وإنَّ أحبَّ الأعمالِ إلى اللهِ ما دُووِمَ عليه وإن قَلَّ ) ”ހަމަކަށަވަރުން ﷲ ގެ ޙަޟުރަތުގައި ހެޔޮކަން ބޮޑުވެގެންވާ ޢަމަލަކީ، އެ ޢަމަލެއް މަދުން ކުރެވުނު ކަމުގައިވީނަމަވެސް މެދުކެނޑުމެއްނުވާ ގޮތުގައި ކުރެވޭ ޢަމަލެވެ.“ صحيح مسلم (782)
الحَافِظ النووي – رحمه الله – ވިދާޅުވެފައިވެއެވެ. ”މެދުނުކެނޑި ޢަމަލުތައް ކުރުމަށް ހަދީޘްގައި ބާރުއަޅުއްވާފައިވެއެވެ. އަދި ހަމަކަށަވަރުން މެދުކެނޑިގެންދާ ގޮތުގައި ކުރާ ގިނަ ޢަމަލުތަކަށްވުރެ، މެދުނުކެނޑި ކުރާ މަދު ޢަމަލުތައް ހެޔޮކަން ބޮޑުވެގެންވެއެވެ. ސަބަބަކީ، މެދުނުކެނޑި ކުރެވޭ ޢަމަލުގައި ޛިކުރު ކުރުމާއި ކިޔަމަންގަތުމުގައި އަބަދު ދެމިހުރެވެއެވެ. އަދި ޚާލިޤްވަންތަ ﷲ އަށް ކުއްތަންވުމުގައިވެއެވެ.“ شرح النووي على مسلم 6-71
މިޘާލަކަށް، އެއްރޭ 11 ރަކުޢަތް ކުރީއެވެ. އަނެއް ރޭ 9 ރަކުޢަތް ކުރީއެވެ. އަނެއްރޭ 3 ރަކުޢަތެވެ. އަނެއްރޭ 11 އެވެ. މިފަދައިން ކުރުމަށްވުރެ، އެންމެހައި ރޭތަކުގައި ވެސް އެމީހަކަށް ދޫކޮށް ނުލައި ކުރެވޭނެ ވަކި މިންވަރެއްގައި އަބަދުވެސް ހިފެހެއްޓުން އަޥްލާވެއެވެ. ސުންނަތް ރޯދަ ހިފުމުގައިވެސް އެފަދައެވެ. އެއް މައްސަރުގައި 4 ރޯދައެވެ. އަނެއް މައްސަރުގައި 8 ރޯދައެވެ. މިގޮތަށް ހިފުމަށް ވުރެ މެދުކެނޑުމެއްނެތި ދެމިގެންދާ ގޮތަށް ރޯދަ ހިފާ މީހާ، މިޘާލަކަށް އަބަދުވެސް ކޮންމެ ހޯމަ އަދި ބުރާސްފަތީގައި ހިފާ މީހާގެ ޢަދަދު މަދު ކަމުގައިވީނަމަވެސް، އެކި މައްސަރުގައި އެކި އެކި ޢަދަދަށް ހިފުމަށްވުރެ ހެޔޮކަން ބޮޑެވެ.
ސުވާލަށް ޖަވާބު ލިބިއްޖެ ކަމުގައި އުއްމީދު ކުރަމެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.