ޠަވާފްކުރާ އިރު ގެފުޅުގައި އަތްލުން އެއީކޮންކަހަލަ ކަމެއްތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ތަވާފްގައި ނުވަތަ އެ ނޫންގޮތެއްގައިވީނަމަވެސް ގެފުޅުގައި އެކިއެކި ތަންތާގައި އަތް ލުމެއް ނޯވެ އެވެ.
ޠަވާފްއަކީ ގެފުޅުވަށައި ޖަހާ ހަތް ބުރެ އެވެ. ކޮންމެ ބުރެއްވެސް ޖަހަނީ ޙަޖަރުލް އަސްވަދުން ޙަޖަރުސް އަސްވަދަށެވެ.
ގެފުޅުގައި އަތްލެވޭ 2 ތަނެއްވެ އެވެ.
އެއީ ޙަޖަރުލް އަސްވަދާއި އަދި ޔަމާނީ ރުކުނެވެ.
ابن عَبَّاس رضي الله عنه އަރިއަހުން ރިވާވެގެންވެ އެވެ. ރިވާޔަތުގައިވެ އެވެ. (لَمْ أَرَ النَّبِي ﷺ يَسْتَلِم مِنَ البَيْتِ إِلاَّ الرُّكْنَيْنِ اليَمانيين) ”ގެފުޅުގައި اليَمَانِيَّيْنِ ދެރުކުނުގައި ނޫން ތަނެއްގައި النبِيُّ ﷺ އިސްތިލާމް ކުރައްވާތަނެއް ތިމަން ޞަޙާބީ ދެކެވަޑައިއެއް ނުގަންނަވަމެވެ.“ މި ޙަދީޘް البُخَاري (1609) އަދި مُسلِم (3061) ރިވާ ކުރެއްވި އެވެ.
ޔަމާނީ ރުކުން ކިޔަނީ ޙަޖަރުލް އަސްވަދު އިންނަ ކަނަށް ވުރެ ކުރިން ކުރިމަތިވާ ކަނަށެވެ. އެ ކަނުގައި މިހާރުވެސް ކައުބާގެ އުރަކޮޅުން އެތަނުގައި އަތްލެވޭވަރަށް ހާމަކޮށްފައިވާނެ އެވެ.
މި ކަނުގައި ޢަމަލުކުރުމަށް ކަނޑައެޅިފައިވަނީ ޠަވާފް ކުރާ މީހާ އެތަނުގައި ކުޅަދާނެވެގެންވާނަމަ އަތް ލުމެވެ.
އަތްލުން އެކަންޏެވެ.
ބޮސްދީގެން ނުވާނެ އެވެ. އެއީ ބިދުޢަވެރި ޢަމަލެކެވެ.
ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ. (إنَّ استلامَهما يَحُطُّ الخطايا) ”ހަމަކަށަވަރުން އެ ދެތަނުގައި (އެބަހީ : ޙަޖަރުލް އަސްވަދު އަދި ރުކުނުލް-ޔަމާނީ) ގައި އަތްތިލަ ބީހުމަކީ ފާފަފުއްސެވިގެންދާ ކަމެކެވެ.“ صحيح الترغيب 1139
ކަޢުބާގައި އަތްލުން އަދި ބޮސްދިނުން ހުއްދަވެގެންވާ ދެވަނަ ތަނަކީ ޙަޖަރުލް އަސްވަދެވެ.
އެއްގޮތަކީ ހަޖަރުލް އަސްވަދަށް ބޮސް ދިނުމެވެ.
ނުވަތަ ޙަޖަރުލް އަސްވަދުގައި އަތް ލުމަށްފަހު އަތްތިލައަށް ބޮސް ދިނުމެވެ.
ނުވަތަ އަތުގައިވާ އެއްޗެއް އޭގައި ޖެއްސުމަށްފަހު، އެ އެއްޗަށް ބޮސްދިނުމެވެ.
އެފަދައިން ވާރިދުވެގެންވާ ހަދީޘްތަކުގެ ތެރޭގައިވެ އެވެ.
صَحِيحُ البُخَارِي (1611) ގައި الزُّبَير بن عَرَبي ގެ ފަރާތްޕުޅުން ރިވާކުރައްވާފައިވެ އެވެ. ވިދާޅުވިއެވެ. (سأل رجل ابن عمر عن استلام الحجر؟ فقال: رأيتُ رَسُوْلَ الله يَسْتَلِمُه وَيُقبِّله) ”މީހަކު رَسُول الله ﷺ އަރިއަހުގައި الحَجَر الأَسْوَد އަށް އިސްތިލާމް ކުރުމާއި ބެހޭގޮތުން ސުވާލު ދެންނެވި އެވެ. ފަހެ ވިދާޅުވި އެވެ. ”الحَجَر الأَسْوَد އިސްތިލާމް ކުރެެއްވުމަށްފަހު ބޮސްދެއްވި ތަން ތިމަން ޞަޙާބީ ދެކެވަޑައިގަތީމެވެ.“
އަދި އިމާމް مُسلِم (3065) ގައި نَافِع ގެ ފަރާތްޕުޅުން ރިވާކުރައްވާފައިވާ ރިވާޔަތުގައި އިސްތިލާމް ކުރުމާއި އިސްތިލާމްކުރި އެއްޗަށް ބޮސްދިނުމުގެ މައްޗަށް ދަލީލުކުރެވެ އެވެ.
نَافِع ވިދާޅުވި އެވެ. (رَأَيْتُ ابن عُمَرَ يَسْتَلمُ الحَجَرَ بِيَدِهِ ثُمَّ قَبَّلَ يَدَهُ، وَقَالَ: مَا تَرَكْتُه مُنْذُ رَأَيْتُ رَسُوْل اللهِ ﷺ يَفْعَلُه) ”ابن عمر الحَجَر الأَسْوَد ގައި އަތްޕުޅުން އިސްތިލާމް ކުރައްވާ އެއަށްފަހު އަތްޕުޅަށް ބޮސްދެއްވިތަން ދެކެވަޑައިގަތީމެވެ. އަދި ވިދާޅުވި އެވެ. ”رسول الله ﷺ މިފަދައިން ޢަމަލުފުޅު ކުރެއްވިތަން ފެނިވަޑައިގަތީއްސުރެ ފެށިގެން ތިމަން ޞަޙާބީ މިޢަމަލު ދޫފުޅެއް ނުކުރައްވަމެވެ.“
އަދި أَبُو طُفَيل ގެ حَدِيث ގައިވެ އެވެ. ވިދާޅުވިއެވެ. (رَأَيْتُ رَسُوْلَ الله ﷺ يَطُوْفُ بِالبَيْتِ، وَيَسْتَلم الرُّكْنَ بِمِحْجَن مَعَه وَيقبِّل المِحْجَن) ”رسول الله ﷺ ގެފުޅު ވަށާ طَوَافُ ކުރައްވަނިކޮށް ދެކެވަޑައިގަތީމެވެ. އަތްޕުޅުގައި އޮތް ޢަޞާކޮޅުން رُكُن ގައި ޖެއްސެވުމަށްފަހު ޢަޞާކޮޅަށް ބޮސްދެއްވި އެވެ.“ މިޙަދީޘް مُسلِم (3077) ރިވާކުރެއްވި އެވެ.
ތަވާފްކުރާ މީހާއަށް، މިއިން އެއްވެސް ގޮތެއް ކުޅަދާނަވެގެން ނުވާނަމަ، އޭނާއަށް އޮތީ، ޙަޖަރުލް އަސްވަދަށް އިޝާރަތް ކުރުމެވެ. އަތަށް ބޮސްދިނުމެއް ނުވެ އެވެ.
ابن عَبَّاس رضي الله عنه ރިވާކުރައްވާފައިވާ ރިވާޔަތުން އިޝާރާތް ކުރައްވާކަން ދަލީލުކުރެވެ އެވެ.
ވިދާޅުވި އެވެ. (طَافَ النَبِيُّ ﷺ بِالبَيْتِ علَى بَعِيْر، كُلَّمَا أَتَى عَلى الرُّكْنَ أَشَارَ إِلَيْه) ” النبي ﷺ ޖަމަލު މަތީގައި އިންނަވާ ގެފުޅު ވަށާ طَوَافُ ކުރެއްވި އެވެ. رُكُن އާ ހަމައަށް ވަޑައިގެންނެވުމުން ކޮންމެ ފަހަރަކުވެސް އެތަނަށް އިޝާރާތްކުރައްވަ އެވެ.“ މި ހަދީޘް އިމާމް البُخَاري (1612) ރިވާޔަތް ކުރެއްވި އެވެ.
ޙަޖަރުލް އަސްވަދު އަދި ރުކުނުލް ޔަމާނީ ފިޔަވައި ގެފުޅުގެ އެއްވެސް ތަނެއްގައި އަތްލުން ނުވަތަ ބީހުން އެއީ ހުއްދަވެގެންވާ ޢަމަލެއް ނޫނެވެ.
އަދި ގެފުޅުގެ އެކިއެކި ތަންތަނުގައި އަތްލުމަކީ ސުންނަތުން ޘާބިތުވެގެންވާ ޢަމަލެއް ނޫނެވެ. އަދި ބަރަކާތް ލީބޭނެކަމަށް ދެކިގެންވެސް ނުވާނެ އެވެ. އަދި ކިޔެއްތަ! ހެޔޮކަމެއް ލިބޭނެ ކަމެއްވެސް ނޫނެވެ.
ހަމައެފަދައިން މަޤާމް އިބްރާހީމްއަކީވެސް އަތްލުމަށް އޮތް ތަނެއް ނޫނެވެ.
الإِمَام العلامة ابن باز -رحمه الله- ވިދާޅުވެފައިވެ އެވެ.
”ކަޢުބާގެ އުރަކޮޅުގައި ބީހުމާއި އަދި ކަޢުބާގެ ފާރުގައި ބީހުމާއި، އަތްއުނގުޅުން މި އެންމެހައި ކަންކަމަކީ އެއްވެސް އަޞްލެއް އޮތް ކަންތަކެއް ނޫނެވެ. އަދި މިއިން އެއްވެސް ޢަމަލެއް ކޮށްގެން ނުވާނެ އެވެ. ސަބަބަކީ ނަބިއްޔާ ﷺ އަރިހުން ނަޤުލުކުރެވިފައި ނުވުމުންނެވެ.“الفتاوى 17/222
އަދި މި ޒަމާނުގައި އެތައް ބަޔަކު ކަޢުބާގައި ބީހިގެން ތިބުމާއި، ކަޢުބާގެ އުރަކޮޅުގައި އެލިގެން އަދި ބައްދައިގެން އޭގައި ހަށިގަނޑު ޖައްސައިގެން ތިބުމުގެ މި އެންމެހައި ޢަމަލު ތަކަކީ ދީނާއި ޝަރީޢަތާއި ޚިލާފްވެގެންވާ ޢަމަލުތަކެއް ކަމުގައި ދަންނަ އެވެ.
الإِمَام العَلاَّمَة العُثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ.
”ކަޢުބާގެ އުރަކޮޅުގައި އެލިގެންއޮތުމާއި ނުވަތަ އުރަކޮޅުގައި މޭ ޖައްސައިގެން ހުރުމާއި ނުވަތަ އެފަދަ އެހެނިހެން ޢަމަލުތައް ކުރުމަކީ އެއަށް އެއްވެސް އަޞްލެއްނެތް ބިދުޢަތަކެވެ.“ فتاوى نور على الدرب
ދަންނަ އެވެ! ގެފުޅަކީ ބަލިމީހުންނަށް ޝިފާ ހޯދައިދޭ ތަނެއް ނޫނެވެ. އެއީ ﷲއަށް ލިބިވޮޑިގެންވާ ޙައްޤެކެވެ. އަދި މި ނޫނަސް ﷲއަށް މިލްކުވޮޑިގެންވާ ޙައްޤުތައް އެއްވެސް މަޚްލޫޤަކަށް ލިބިގެން ނުވާނެކަން އީމާންވެ ޤަބޫލުކުރަން ޖެހެ އެވެ. މިފަދައިން ކަޢުބާއަށް އާރާއި ބާރު ލިބިގެންވާކަމަށް ދަންނަމީހާ އެވަނީ ﷲއަށް ޝަރީކުކޮށްފަ އެވެ.
الإِمَام ابن باز -رحمه الله- ވިދާޅުވެފައިވެ އެވެ.
”ކަޢުބާ ކައިރިން އޭނާ ބޭނުންވާ ބަލިމީހާއަށް ޝިފާއަށް އެދުމާއި ނުވަތަ މަޤާމް (އިބްރާހީމް) ގައި އަތް އުނގުޅައި ޝިފާ ލިބޭނެކަމަށް އުއްމީދު ކުރުމަކީ، މިއީ ހުއްދަވެގެންވާނޭ ކަންތައްތަކެއް ނޫނެވެ. އަދި ކިޔެއްހެއްޔެވެ! މިއީ ބޮޑު ޝިރުކުތަކެވެ.“ الفتاوى 17-222
ޙުރުމަތްތެރިވެގެންވާ ބިންތަކާއި ޙުރުމަތްތެރި ކުރައްވާފައިވާ ތަންތަނުގައި ﷲ ކަނޑައަޅުއްވާފައިވާ އިމުގެ ތެރޭގައި ޤާއިމްވެހުރުން ނުހަނު ބޮޑަށް ބާރުއެޅިފައިވެ އެވެ.
އެތަންތަނުގައި ދީނާއި ޚިލާފް ޢަމަލުތައް ހިނގުން، އެ ގޮތުން ދީނުގައި ނުވާކަންތައްތައް ކުރުންވެގެންދަނީ ﷲގެ ކޯފާއަށް އެމީހާ ހުށަހެޅި އެމީހާގެ ޢަމަލުތައް އެކަލާނގެ ޤަބޫލުވޮޑި ނުގަންނަވާނެ ސަބަބެއް ކަމުގައިވެ އެވެ.
ވުމުން، މި ޘާބިތު ނޫން ޢަމަލުތަކުން ނުހަނު ބޮޑަށް ނަފްސު ދުރުކުރުން ހުއްޓެވެ.
ގިނަ މީސްތަކުން ޢަމަލުތަކެއް ކުރަމުންދާކަމުގައިބުނެ އެ ޢަމަލުތަކުގެ އަވައިގައި ނުޖެހުން ހުއްޓެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.