މީހަކު މަރުވުމުން އެކަމާއި ގުޅިގެން ސުކޫތެއް ބޭއްވުމުގެ ޙުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

މީހަކު މަރުވުމުން އެކަމާއި ގުޅިގެން ސުކޫތެއް ބޭއްވުމުގެ ޙުކުމާއި ގުޅިގެން ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.

އަޚާ އެވެ! އިސްލާމީ ޝަރީޢަތަކީ އެ ޝަރީޢަތުގައި އެންމެހައި ކަންތައްތަކެއް ކަނޑައަޅުއްވާ ﷲ ޝަރުޢު ކުރައްވާފައިވާ ދީނެކެވެ. ހެޔޮ ކަމެއް ކަމުގައިވާނަމަ އެންމެގައި ހެޔޮ ކަންތައްތަކެއް އަދި ނުބައިކަމެއް ކަމުގައި ވާނަމަ އެންމެހައި ނުބައި ކަންތައްތަކެއް ﷲ ވަނީ ޝަރީޢަތުގައި އެ އިލާހުގެ ނަބީބޭކަލުންނާއި އަދި ރަސޫލު ބޭލަކުން މެދުވެރި ކުރައްވައި ބަޔާން ކުރައްވައި އުނގަންނަވައި ދެއްވާފަ އެވެ.

އަޚާއެވެ! އަހަރެެމެންގެ ނަބިއްޔާ 23 އަހަރު ދުވަހު ދުނިޔެ މަތީގައި ދެމިހުންނެވި ހިނދުގައި، ކިތައް އަޞްޙާބު ބޭކަލުން އަދި އަޞްޙާބު ބޭކަލުންގެ ތެރޭގައި ވުމުގެ އިތުރަށް އިސްލާމް ދީނަނަށްޓަކައި ޤުރުބާންވެވަޑައިގެންނެވި ކިތައް ބަޠަލުން، ހީރޯއިން ދުނިޔެ ދޫކުރެއްވި ހެއްޔެވެ؟ އިސްލާމް ދީނަށް އެތައްއެތައް އަގުހުރި މަސައްކަތް ކޮށްދެއްވާފައިވާ ފަހުލަވާނުން ދުނިޔެ ދޫކުރެއްވި ހެއްޔެވެ؟

މިފަދަ ދަނޑިވަޅުގައި އުއްމަތަށް އެކަމުގައި ނަމޫނާ ދެެއްކެވުމުގައި ޢަމަލީ ގޮތުން މާތް ނަބިއްޔާ ދެމިހުންނެވި އެވެ. ފަހެ، އެ އެންމެހައި ހެޔޮ ޢަމަލުތަކެއް އުނގަންނަވައި ދެއްވައި، އެ ޢަމަލުތަކާއި އިދިކޮޅު، އެހެން މިއްލަތްތަކުގެ އަހުލުވެރިންގެ ސިފަތަކާއި ޢަމަލުތަކަށް އިންޒާރު ދެއްވި އެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. ( عَلَيْكُمْ بِسُنَّتِي وَسُنَّةِ الخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ مِنْ بَعْدِي ، تَمَسَّكُوا بِهَا وَعَضُّوا عَلَيْهاَ بِالنَّوَاجِذِ ، وَإَيَّاكُمْ وَمُحْدَثَات الْأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلَالَةٌ )

”ތިޔަބައިމީހުންގެ މައްޗަށްވަނީ ތިމަން ނަބިއްޔާގެ ސުންނަތެވެ. އަދި ތިމަން ނަބިއްޔާއަށް ފަހު ހިދާޔަތްލިބިގެންވާ ޚުލަފާއުއް ރާޝިދީންގެ ސުންނަތެވެ. އޭގައި ހިފަހައްޓާށެވެ. އަދި ކޮލުދަތްތަކުން އޭގައި ބާރަށް ހިފަހައްޓާށެވެ. އަދި ދީނަށް އަލަށް ގެނެވޭ އެންމެހައި ކަންތައްތަކުގެ މައްޗަށް ތިމަން ނަބިއްޔާ ތިޔަބައި މީހުންނަށް އިންޒާރު ދެމެވެ. ފަހެ، ހަމަކަށަވަރުން ކޮންމެ އައުކަމަކީ އެއީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.“

رواه أحمد އަދި أبوداود އަދި ابن ماجه މިއީ މަޝްހޫރު ޞައްޙަ ޙަދީޘެކެވެ.

އެހެން ޙަދީޘެއްގައިވެ އެވެ. عَائِشَةَ رَضِيَ اللَّهُ عَنْهَا، قَالَتْ: قَالَ: رَسُولُ اللَّهِ -صلى الله عليه وسلم- (مَنْ أَحْدَثَ فِيْ أَمْرِنَا هَذَا مَا لَيْسَ مِنْهُ، فَهُوَ رَدٌّ) ”އަހަރެމެންގެ މި ދީނުގައި ނުވާ ކަމެއް އަލަށް ވައްދައިފި މީހެއްގެ ކިބައިން އެކަންވަނީ ރައްދުކުރެވިގެންނެވެ.“

މި ޙަދީޘް البُخَارِيُّ އަދި مُسلِمٌ ރިވާކުރެއްވި އެވެ.

ވުމުން، އަހަރެމެންނަށް އޮތީ ޝަރީޢަތަށް ތަބަޢަވުމެވެ. އަދި ޝަރީޢަތުގައި ކަނޑައެޅިފައިވާ މިންވަރުން ފުދިގެން ތިބުމެވެ. ކޯފާލެއްވިގެންވާ، މަގުފުރެދިފައިވާ އަނިޔާވެރި ބާޠިލް އަދި ޙައްދުންނައްޓާފައިވާ މިއްލަތްތަކުގެ ޢަމަލުތައް ނުނެގުމެވެ. އެ ޢަމަލުތައް ޒީނަތްތެރި އެއްޗެއް ކަމުގައި ބަލައި ނުގަތުމެވެ.

މި އެންމެހައި ކަންކަމުގެ އިތުރަށް އެފަދަ މިއްލަތްތަކުގެ އަހުލުވެރިންނާއި އެމީހުންގެ ޢާދަތަކަށް ތަބަޢަވުމަކީ ނުހަނު ބޮޑުވެގެންވާ ފާފަވެރި ޢަމަލެއް ކަމުގައިމެނުވީ ނުވެ އެވެ. މުސްލިމުންނަށް އޮތީ އެފަދަ އެންމެހައި ޢަމަލުތަކުގެ މައްޗަށް އިންޒާރު ލިބިގަތުމެވެ.

މިފަދަ ޢާދަކާދަތަކަށް މުސްލިމުން ކާފަރުން ކޮޕީކޮށް ތަބަޢަވާނެ ކަމުގައި ނަބިއްޔާ އަހަރެމެންނަށް އަންގަވައި ޙަދީޘް ކުރައްފާއިވުމުން، މުއުމިނު އަޅުތަކުންނަށް މިކަމުގައި ފާޅުވެގެންވާ ހެކިލިބިގެންދެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ.

(لتتبعُنَّ سَنَنَ من كان قبلَكم، شبرًا بشبرٍ وذراعًا بذراعٍ، حتى لو دخلوا جُحْرَ ضبٍّ تبعتُمُوهم) قلنا :يا رسولَ اللهِ، اليهودُ والنصارى؟ قال: فمَنْ)

”ހަމަކަށަވަރުން ތިޔަބައިމީހުންނަށްވުރެ ކުރިން އިސްވެދިޔަ މީސްތަކުންގެ މަގުތަކަށް ތިޔަބައިމީހުން ތަބަޢަވާނެތެވެ. (އެއީ) ކައިވަކަތަށްފަހު ކައިވަތަކަށެވެ. އަދި މުށަކަށްފަހު މުށަކަށެވެ. އެފަދައިން ތަބަޢަވުމުންގޮސް، އެބައިމީހުން ޟޮއްބެއް އޮންނަ ހޮރަކަށް ވަތްކަމުގައި ވީނަމަވެސް، ތިޔަބައިމީހުން (އެ މީހުންނަށް ތަބަޢަވުމަށް) އެކަން ކުރާނެތެވެ. އެހިނދު ޞަޙާބީން ދެންނެވި އެވެ. ﷲގެ ރަސޫލާ އެވެ. (ތިޔަ ވިދާޅުވަނީ، މުސްލިމުން) ޔަހޫދީނަށް އަދި ނަޞާރާއިންނަށް ތަބަޢަވާނެ (ވާހަކަތޯ އެވެ؟) ޙަދީޘް ކުރެއްވި އެވެ. ފަހެ، އެނޫން ކޮންބައެއް ހެއްޔެވެ؟“ މި ޙަދީޘް އިމާމް البُخَاري 7320 ރިވާކުރެއްވި އެވެ.

އަޚާއެވެ! މިއެންމެހައި ކަންތައްތަކެއް ބަޔާންވުމަށްފަހު، މުސްލިމުން މި ޢަމަލު ހޯދައިފައިވަނީ ކޮންތާކުން ކޮން ބައެއްގެ ގާތުން ހެއްޔެވެ؟

މީހަކު މަރުވުމުން ބަޔަކު އެކަން ކުރާތަން ފެނިގެން މުސްލިމުން މި ޢަމަލު އެބައެއްގެ ގާތުން ނެގީ ނޫން ހެއްޔެވެ؟

ފަހެ، އެ މިއްލަތަގެ ޢަމަލު ތަކާއި އެމީހުންގެ މަގުތަކަށް ތަބަޢަ ނުވުމަށް އަދި، އަދި އެމިއްލަތުގެ މައްޗަށް އިންޒާރު ދީފައިވާ ވާހިނދު، މުސްލިމުން ޖާހިލުކަމާއި، ޣާފިލް ކަމާއި އަނިޔާވެރިވެގެންވާ ޙާލުގައި މެނުވީ މިކަމެއް ނުކުރެ އެވެ.

ފަހެ މީހަކު މަރުވުމުން ސުކޫތު ބޭއްވުން ވަންނާނީ މި ކޯފާލެވިގެންވާ އަނިޔާވެރި ހައްދުފަހަނައެޅި ކާފަރުންނަށް ތަބަޢަވުމުގެ ތެރެއަށެވެ.

މި މައުޟޫގައި ޢިލްމުގެ އަހުލުވެރިން ދެއްވާފައިވާ ފަތުވާތަކަށް އެއަށްފަހުގައި ބަލަމެވެ.

الشيخ عبد العزيز بن عبد الله بن باز ގެ ރިޔާސަތުގައި ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީން ނެރުއްވާފައިވާ ފަތުވާގައިވެ އެވެ.

”ބައެއް މީސްތަކުން ޢަމަކުރާގޮތް ކަމުގައިވާ، ޝަހީދުވެ ދުނިޔެ ދޫކޮށްފައިދާ މީހުން ނުވަތަ ބޮޑު މީހަކަށްވެ، އެމީހާގެ ފުރާނައަށް ޝަރަފުގައި އަދި މަތިވެރި ކުރުމުގެ ގޮތުން މި ޒަމާނުގައި އެބައިމީހުން ކޮޅަށް ތެދުވެ ސުކޫތް ބޭއްވުމަކީ ދީނުގެ ތެރެއަށް އަލަށް ގެނެސްފައިވާ ބިދުޢަވެރި މުންކަރާތެކެވެ. މިއީ މާތް ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި އަދި އެ ނަބިއްޔާގެ އަޞްޙާބު ބޭކަލުންގެ ޒަމާނުގައި އަދި އުއްމަތުގެ ސަލަފުއް-ޞާލިޙުންގެ ޢަމަލުފުޅެއް ނޫނެވެ. އަދި މި (ޢަމަލަކީ) ﷲ މަތިވެރި ކުރުމާއި އަދި ތަޥްޙީދަށާއި ﷲ އަށް އިޚްލާޞްތެރިވުމުގައި އަދާކުރަންޖެހޭ އަބަދު އިޚްތިރާމުގެ މައްޗަށް އެކަށީގެންވާ ޢަމަލެއް ނޫނެވެ. އަދި ކިޔެއްތަ، މިއީ މުސްލިމުންގެ ތެރޭގައިވާ ދީނުގެ މައްޗަށް ޖާހިލުވެފައިވާ ފަރާތްތައް ކާފަރުންނަށް ތަބަޢަވެ ކުރާ އަމަލެކެވެ. އެ ކާފަރުންގެ މުޑުދާރު ޢާދަތައް ތަޤްލީދުކޮށްފައިވުމެވެ. އެއީ އެ ކާފަރުން އެބައިމީހުންގެ ރައީސުންނަށާއި ބޮޑެތި މީހުންނަށް އެމީހުން ދިރިތިއްބާ އަދި މަރުވުމަށްފަހުގައި ކުރާ ޙައްދުފަހަނައެޅި ޢަމަލުތަކުގެ ތެރޭގައިވާ ޢަމަލެެކެވެ. ފަހެ، ހަމަކަށަވަރުން މާތް ނަބިއްޔާ صلى الله عليه وسلم ވަނީ އެބައިމީހުންނާ އެއްވައްތަރު ވުމުގެ މައްޗަށް ނަހީ ކުރައްވާފަ އެވެ.

ފަހެ، އިސްލާމް ދީނުގައި (ދުނިޔެ ދޫކޮށްފައިވާ މީހާއަށް) ދިރިތިބީން އަދާކުރަމަށް އޮތް ޙައްޤުތަކުގެ ތެރޭގައި : މަރުވެފައިވާ މުސްލިމުންނަށް ދުޢާ ކޮށްދިނުމާއި، އެބައިމީހުންނަށް ޞަދަޤާތް ދިނުމާއި އަދި އެބައިމީހުންގެ ހެޔޮ ވާހަކަތައް ޛިކުރުކުރުމާއި އަދި ނުބައި ވާހަކަތައް ދެއްކުމުން އެއްކިބާވުންވެ އެވެ. އަދި މި ނޫނަސް ގިނަ އަދަބުތަކެއް އިސްލާމް ދީނުގައި ބަޔާންވެގެންވެ އެވެ. އަދި މުސްލިމުންނަށް އިސްލާމް ދީނުގައި އޭނާގެ ދިރިތިބި އަދި މަރުވެފައިވާ އެންމެހައި އަޚުންނަށް ޙައްޤުތައް ދިނުމުގައި ބާރުއަޅުވާފައިވެއެވެ. އޭގެ ތެރޭގައި އެއްވެސް މީހަކަށްޓަކައި (އަދަބު އިޚްތިރާމް ކުރުމަށް) ހުއްޓިތިބެ ސުކޫތް ބާއްވުން، އެއީ ޝަޙީދެއް ނުވަތަ ބޮޑު (ޢިއްޒަތްތެރިއެއް) ކަމުގައި ވީނަމަވެސް ކޮށްގެން ނުވާނެ އެވެ. އަދި ކިޔެއްތަ! މިއީ އިސްލާމް ދީނުގެ އުޞޫލްތަކުން އެކަން އިންކާރުކޮށްފައިވާ ކަންތައްތަކެވެ.“ فتاوى اللجنة الدائمة (2/427)

އަދިވެސް ބުނަމެވެ. އެކަމާއި ގުޅިގެން ކަޅު ބޭންޑް ބަނަސް، ވަކި ހެދުމެއް ލިޔަސް މި އެންމެހައި ޢަމަލެއް ވަންނާނީ އެކަން ކުރުމުގެ ތެރެއަށެވެ. ފަހެ، ހުއްދައެއް ނުވާނެ އެވެ.

ވުމުން މި ޢަމަލުގެ ޙަޤީޤަތަކީ މި އެވެ. މުސްލިމުން ކާފަރުންގެ ފަރާތުން ހޯދައިފާއި މުޑުދާރު ޢަމަލެއް ގޮތުގައި ހިނެމިގެންވާ ކަމެކެވެ. ކާފަރުންނަށް މިފަދަ ޢަމަލުތަކުގައި އެއްވަތްތަރު ނުވުމަށާއި އެއްގޮތް ނުވުމަށް އައިސްފައިވާ އަމުރުފުޅާއި ދެކޮޅަށް ކުރެވޭ ކަމެއް ކަމުގައި މެނުވީ ނުވެ އެވެ.

މިފަދަ ޢަމަލުތަކަކީ ކޮންމެ މުސްލިމަކު އިންކާރު ކޮށް އޭނާގެ ބެލެނެވެރިން އެކަމުގެ މައްޗަށް ހޭލުންތެރި ކުރުވައި ރައްކާތެރި ކުރަންޖެހޭ ބިދުޢަވެރި ޢަމަލުތަކެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts