ދުނިޔެއަކީ ވަށްތަނެއް ތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ދުނިޔެއަކީ ވަށް އެއްޗެއްތޯ އެވެ؟ ސުވާލުގެ ޖަވާބުގައި ބުނަމެވެ.

ފުރަތަމައީ :

މިއަދު ދުނިޔެމަތީގައިވާ ގިނަ މުސްލިމުން ދުނިޔެއަކީ ވަށް އެއްޗެއްގެ ގޮތުގައި ޤަބޫލު ކުރާ ޤަބޫލު ކުރުމަކީ، ކާފަރުންގެ ފަރާތުން ހޯދައިފައިވާ މަޢުލޫމާތެއްކަމުގައި ބައެއް މުސްލިމުންނަށް ހީވުމަކީ، ވަރަށް ހައިރާންކުރުވަނިވި ކަމެކެވެ.

އެއްގޮތަކީ އެފަދައިން ބުނާ މީހަކީ ކާފަރުންގެ ފަރާތުންގެ އަޘަރުކޮށްފައިވާ މީހަކަށްވުމެވެ. ނުވަތަ އެމިހަކީ މި މައްސަލައިގައި ދީނީ އަދި އިސްލާމީ އުއްމަތަށް އެތައް ސަތޭކަ އަހަރުތަކެއް ކުރިން ފާޅުވެފައިވާ ޢިލްމުގެ އަހުލުވެރިންގެ މައްޗަށް އެމީހަކު ޖާހިލުވެފައިވުމެވެ.

ފަހެ، މިފަދައިން މުސްލިމުން ޤަބޫލުކުރަނީ ދީނީ ޢިލްމުވެރިން ނުވަތަ އުއްމަތަށް ފާޅުވި ބޮޑެތި ޢިލްމުވެރިން އެކަމަށް އިޖްމާޢުވެ ބަސްފުޅުތައް ވިދާޅުވެފައި ވުމުންނޭ، ބުނުން މާ އަޥްލާވެގެންވެ އެވެ.

ވުމުން، ޢަދުދުލުވެރި ގޮތުގައި ބުނާނަމަ، ދުނިޔެއަކީ ފްލެޓް އެއްޗެއް ކަމުގައި ބަސްތައް ނަޤުލުކުރާ ގިނަ މީހުންނަށްވަނީ އެންމެ ކުރީއްސުރެން ފަށައިގެން މުސްލިމު ޢިލްމުވެރިން މިކަމުގައި ވިދާޅުވެފައިވާ ގޮތުގެ މައްޗަށް ޖާހިލުވެފަ އެވެ.

ދެވަނައީ :
ޢިލްމުވެ އަހުލުވެރިން، ދީނުގައި މިކަމަށް ޝަރުޢީ ސާފު ނައްޞެއް ނެތް ކަމުގައިވީނަމަވެސް އެކަން މާނަކޮށްދޭ ބައެއް ނައްޞުތަކުގެ މައްޗަށް އަލިއަޅުވައި ބަސްފުޅު ވިދާޅުވެފައިވެ އެވެ.

އަދި މިކަމަށް އެތައް ސަތޭކަ އަހަރު ކުރިން އުއްމަތުގެ އިޖްމާޢު ނަޤުލުވެފައިވާކަން ބަޔާންވެ އެވެ.
އެފަދަ ބައެއް ބަސްފުޅުތަކެވެ.

شَيخ الإسلام ابن تَيمية -رحمه الله- މި މައްސަލައިގައި أبو الحسن ابن المنادي -رحمه الله – ގެ އަރިހުން ބަސްފުޅެއް ނަޤުލު ކުރައްވާފައިވެ އެވެ.

“ދީނީ ޢިލްމުތަކުގެ ފަންނުތަކުގައި ބޮޑެތި މަސައްކަތްތަކާއި އަޘަރުތަކަށް މަޝްހޫރު، އެންމެ ފާހަގަ ކޮށްލެވޭ ޢިލްމުވެރިންގެ ތެރެއިން الإمام أحمد ގެ އަޞްޙާބުންގެ ތެރެއިން ދެވަނަ ޖީލުގެ ބޭކަލުންގެ ތެރެއިން ހިމެނޭ الإمام أبو الحسن أحمد بن جعفر بن المنادي ރިވާކުރައްވާފައިވެއެވެ. އުޑުވަނީ ވަށްކޮށްކަމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފުވެފައެއް ނުވެ އެވެ.“

އަދި އެއަށްފަހުގައި ވިދާޅުވި އެވެ. “ބިން (އެއްގަމު، ހިކިފަސްތަން) ތަންތަކާއި ކަނޑުތަކާއި ބިމުގައިވާ ހުރިހާ އެއްޗަކާއެކު ބިންވަނީ ވަށް ކޮންނެވެ.” ވިދާޅުވި އެވެ. “ބިމުގެ ހުރިހައި ތަނަކަށް އިރާއި، ހަނދާއި، ތަރިތައް އަރާ އޮއްސުން އެއްވަގުތެއްގައި ނުހިގާ ކަމަކީ މިކަމަށް އޮތް (އެއް) ދަލީލެވެ. އެހަނަސް އިރުމަތީ ފަރާތަށް ހުޅަނގު ފަރާތަށްވުރެ ކުރިން އިރު، ހަނދު ތަރިތައް އަރައެވެ.” مجموع الفتاوى 25/195

އުޑާއި ބިމާއި، މި ދެތަނަކީ ވަށްކޮށްވާ ދެތަނެއް ކަމާއި މެދުގައި ދެމިހަކު ވާހަކަ ދައްކައި ބަހުސްކޮށް، އެތަނުން އެކަކު އެއީ ވަށްތަނެއް ކަމުގައި ބުނިހިނދު އަނެއް މީހާ އެކަން އިންކާރު ކުރި އެވެ. އަދި އެއީ އެއްވެސް އަޞްލެއް ނެތް ކަމެއް ކަމުގައި ބުންޏެވެ.

ފަހެ، މި ކަންތަކުގެ ވާހަކަ އިމާމް شَيخ الإسلام ابن تَيمية -رحمه الله- އަރިހުގައި ދެންނެވުނެވެ. ރަނގަޅު ގޮތަކީ ކޮބައިކަން ބަޔާންކޮށް ޖަވާބު ދެއްވި އެވެ.
”މުސްލިމް ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ އުޑަކީ ވަށްކޮށްވާ އެއްޗެކެވެ. ދިނުގެ ބޮޑެތި ޢިލްމުވެރިންގެ ތެރެއިން އެއްބޭކަލަށްވުރެ ގިނަ ބޭކަލުންވަނީ އެކަމަށް އިޖްމާޢު ބަޔާންކުރައްވާފަ އެވެ. އެފަދަ ބޭކަލުންގެ ތެރޭގައި أبو الحسن ابن المنادي -رحمه الله – ހިމެނިވަޑައިގަންނަވަ އެވެ. މި ބޭކަލަކީ الإمام أحمد -رحمه الله- ގެ އަޞްޙާބުންގެ ތެރެއިން 2ވަނަ ޖީލުގެ ބޭކަލެކެވެ. … އަދި الإمام أبو محمد ابن حزم އަދި أبو الفرج الجوزي ވެސް މިކަމަށް އިޖްމާޢު ނަޤުލު ކުރައްވާފައިވެ އެވެ….. (އަދިވެސް ވިދާޅުވެފައިވެ އެވެ.) މުސްލިމް ޢިލްމުވެރިންގެ ތެރެއިން އެއްވެސް ބޭކަލަކު މިކަމަށް އިންކާރު ކުރައްވާކަން އެނގިވަޑައިގެންފައެއް ނުވެ އެވެ…“ مجموع الفتاوى 586/6

ބިމަކީ ވަށް އެއްޗެއް ކަމާއި، އެކަމުގެ މައްޗަށް ޢިލްމުގެ އަހުލުވެރިންގެ ތެރެއިން އެއްވެސް ބޭކަލަކު އިންކާރު ކުރައްވާފައި ނުވާކަން ބަޔާންކުރައްވާ ابن حزم -رحمه الله – ވިދާޅުވެފައިވެ އެވެ.

(މިއީ ހިޖުރައިން 456 ގައި ދުނިޔެ ދޫކުރެއްވި ބޭކަލެކެވެ. ވުމާއެކު މި ބަސްފުޅަކީ ކޮންފަދަ ކުރީގެ ޢިލްމުގެ އަހުލުވެރިންގެ ބަސްފުޅެއްކަން ބަޔާންވެ އެވެ.)

”ހެކިތަކުން އެނގި ބަޔާންވަނީ ބިމަކީ ވަށް އެއްޗެއް ކަމެވެ. ޢާންމު މީސްތަކުންގެ ތެރެއިން (އެއްބަޔަކު) އެކަމާ ދެކޮޅު ކަމުގައިވިނަމަވެސް، އަހަރެމެންގެ ޖަވާބަކީ، ޢިލްމުވެރިންގެ ގޮތުގައި ފާޅުވެފައިވާ، ހައްޤުގައިވާ އެއްވެސް އިމާމަކު ބިމަކީ ވަށް އެއްޗެއް ކަމާއި މެދު އިންކާރެއް ނުކުރެ އެވެ. އަދި އެކަމަށް އިންކާރު ކުރާ އެއްވެސް ބަސްފުޅެއް އެބޭކަލުންގެ އަރިހުން ވާރިދުވެގެން ނުވެ އެވެ. އެހެނަސް ކީރިތި ޤުރުއާނާއި ސުންނަތުން ދަލީލުކޮށްދެނީ ބިމަކީ ވަށް އެއްޗެއް ގޮތުގަ އެވެ.“ الفصل في الملل (2/78)

ދުނިޔެއަކީ ވަށް އެއްޗެއްކަމުގައި އެކަމުގެ އިޖްމާޢު ޛިކުރު ކުރެއްވި ޢިލްމުވެރިންގެ ތެރޭގައި :

شَيخ الإسلام ابن تَيمية -رحمه الله- درء تعارض العقل و النقل 6-339 މިފޮތުގައި އަދި ابن حزم -رحمه الله – މިފަދައިން ޛިކުރު ކުރެއްވުމުގެ އިތުރުން ابن كثير – البداية و النهاية -رحمه الله- އަދި
الإمام ابن القيم -رحمه الله- ވެސް މި އިޖުމާޢު ނަޤުލު ކުރައްވާފައިވެ އެވެ.

އިސްވެ ބަޔާންވެދިޔައީ، މި އުއްމަތަށް ފާޅުވި މުޖައްދިދުން، ޝެއިޚުލް އިސްލާމްގެ ލަޤަބް ލިބިވަޑައިގެންނެވި ބޭކަލުންތައް ފަދަ އަހުލުވެރިން ވިދާޅުވެފައިވާ ބައެއް ބަސްފުޅުތަކެވެ.

ދަންނަ އެވެ. މިބަސްފުޅުތައް ފާޅުކޮށް އެބޭކަލުން ޛިކުރުކޮށްފައިވަނީ، މިއަދު މި ފެންނަ ޖައްވީ ޝްޓޭޝަންތަކާއި، ޖައްވުގައި އުދުހޭ އުދުހުންތަކުގެ ވަޞީލަތްތައް ދުނިޔޭއަށް ފާޅުނުވާ ޒަމާނެއްގަ އެވެ.

އެބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ شَيخ الإسلام ابن تَيمية -رحمه الله- ފަދަ ބޭކަލުންނަކީ، ފަލްސަފާގެ އަހުލުވެރިންގެ މައްޗަށް ކުރި ހޯއްދަވައި އެމީހުންގެ މައްޗަށް ކުރިއަރައިވަޑައިގެންނެވި ބޭކަލެކެވެ.

މަންތިޤާއި، ޖަދަލުގެ އަހުލުވެރިންގެ ބަސްތަކުގެ މައްޗަށް އެތައް ގުނަތަކުން ކާމިޔާބީ ހޯއްދެވި ބޭކަލެކެވެ.

ފަހެ، ކާފަރުންގެ ތެރެއިން ބަޔަކު ދުނިޔެއަކީ ވަށް ތަނެކޭ ބުނެފައި އޮތުމުން އޭގެ އަވައިގައި ޖެހި، އެފަދައިން ވިދާޅުވި ބޭކަލުންތަކެއް ނޫނެވެ.
ވުމުން، އިސްވެ ބަޔާންކުރި ގޮތަށް އެބޭކަލުންނަށް ﷲ ތަޢާލާ ދެއްވި ޢިލްމާއި، އޭގެ އަޘަރުތަކުން މެނުވީ އެބޭކަލުން މިފަދައިން ވިދާޅެއް ނުވެ އެވެ.

ފަހެ، ދުނިޔެ ވަށް ކަމުގެ މައްޗަށް އިންކާރުކޮށް ފަތި ތަނެއްކަމުގައި ބުނެފައިވާ ކާފަރުންގެ އަވައިގައި ޖެހިފައިވަނީ އެހިނދު ކޮން ބައެއް ހެއްޔެވެ؟
ޝަރުޢީ ދަލީލުތައް ابن حزم -رحمه الله – ފަދަ ބޭކަލުން މި ޤައުލުގެ މައްޗަށް ނަންގަވަ އެވެ. ފަހެ، އެ ޝަރުޢީ ދަލީލުތަކުގައި ”ވަށް ތަނެއް“ ޞަރީޙަކޮށް ނެތް ކަމުގައިވީނަމަވެސް، އެފަދައިން ތަފްސީރު ކުރެވޭ ކަމުގައި އެބޭކަލުން ދެކެވަޑައިގަންނަވަ އެވެ.

އެފަދަ އެއް ހެތްކަކީ : ﴿خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ يُكَوِّرُ اللَّيْلَ عَلَى النَّهَارِ وَيُكَوِّرُ النَّهَارَ عَلَى اللَّيْلِ…﴾ [سورة الزمر ٥]
އާޔަތުގެ މާނައަކީ : “އެއިލާހު އުޑުތަކާއި ބިން ޙައްޤުގޮތުގައި ހެއްދެވިއެވެ. އެއިލާހު ދުވާލުގެ މައްޗަށް ރޭގަނޑު އޮޅާލައްވަތެވެ. އަދި ރޭގަނޑުގެ މައްޗަށް ދުވާލު އޮޅާލައްވަތެވެ…”

އިސްވެޛިކުރު ކުރެވުނު އާޔަތުގެ މައްޗަށް ފަހުގެ ދުވަސްތަކުގައި ދުނިޔެއަށް ފާޅުވި އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الإمام العَلاَّمَة ابن العُثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ.

”ޤުރުއާނުގެ ދަލީލާމެދު ދަންނައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿…يُكَوِّرُ اللَّيْلَ عَلَى النَّهَارِ وَيُكَوِّرُ النَّهَارَ عَلَى اللَّيْلِ…﴾ [سورة الزمر ٥]
(އާޔަތުގެ މާނައަކީ) “… އެއިލާހު ދުވާލުގެ މައްޗަށް ރޭގަނޑު އޮޅާލައްވަތެވެ. އަދި ރޭގަނޑުގެ މައްޗަށް ދުވާލު އޮޅާލައްވަތެވެ…”
تكوير އަކީ އެއްޗެއް އޮޅާލެވިފައިވާ ގޮތުގައި ހެދުމެވެ. (މިޘާލަށް) (ބޮލުގައި) ފަގުޑި އޮޅާލާ ފަދައިންނެވެ.

ކަނޑައެޅި އެނގިގެންވާ ކަމަކީ، ރެއާއި ދުވާލު ދުނިޔެ މައްޗަށް ބަދަލުވެގެންދާ ކަމެވެ. އެބަހީ، ރޭގަނޑަށް ފަހުގައި ދުވާލު އަންނަ ކަމެވެ. މިކަމުން ލާޒިމް ކުރަނީ ބިމަކީ ވަށް އެއްޗެއް ކަމުގައި ވުމެވެ. ސަބަބަކީ، ތިބާ އެއްޗެއްގެ މަތީގައި އެއްޗެއް އޮޅާލައިފި ކަމުގައިވާނަމަ، އަދި އޭގެ މަތީގައި އެ އޮޅާލެވޭ އެއްޗަކީ (އެބަހި : ރެއާއި ދުވާލު އެއްޗެއްގެ މަތީގައި އޮޅާލެވޭ އެއްޗަކީ ބިން ކަމުގައި ވުމުން) އެއިން ލާޒިމް ކުރަނީ އެއެއްޗެއް މަތީގައި އޮޅާލެވޭ ބިން ވަށް އެއްޗެއް ކަމުގައި ވުމެވެ.

(އަދިވެސް ދުނިޔޭގައި ކަންހިނގާގޮތް ބަޔާންކުރައްވާ ވިދާޅުވެފައިވެ އެވެ.) މިޘާލަކަށް، މީހަކު ޖިއްދާއިން ހުޅަނގަށް ދަތުރުކުރާނަމަ، އޭނާ ޖިއްދާއަށް އެނބުރި އަންނާނީ އިރުމަތީ ފަރާތުންނެވެ. އެއީ ސީދާ ރޮނގަކަށް (އެއް ސީދަލަކަށް) ދަތުރުކުރާނަމައެވެ. ފަހެ، މިކަމުގެ މައްޗަށް ދެ މީހަކު ޚިލާފެއް ނުވާނެ އެވެ.

ޢިލްމުގެ އަހުލުވެރިންގެ ބަސްފުޅުތަކާމެދު ދަންނައެވެ. އިރުމަތީފަރާތުން އިރު އޮއްސުނު ވަގުތު މީހަކު ދުނިޔެ ދޫކުރީ އެވެ. އަދި އެހެން މީހަކު ހުޅަނގު ފަރާތުން އިރު އޮއްސުނު ވަގުތު ދުނިޔެ ދޫކުރުމުން، އެދެމެދުގައި ވަޤުތުތަކެއް ހިނގައިދެ އެވެ.  ފަހެ، ހުޅަނގު ފަރާތުގައި ދުނިޔެ ދޫކުރި މީހާއަކީ އިރުމަތި ފަރާތުން ދުނިޔެ ދޫކުރި މީހާގެ ވާރުތަވެރިންގެ ތެރެއިން ހިމެނިގެންފައިވާ މީހެއް ކަމުގައިވާނަމަ، ހުޅަނގު ފަރާތުގައި އިރު އޮއްސުނު ވަގުތު މަރުވި މީހާއަށް އިރުމަތީ ފަރާތުގައި އިރު އޮއްސުނު ވަގުތު މަރުވި މީހާގެ ފަރާތުން ވާރުތަ ކުރާނެއެވެ. ވުމާއެކު، މިއީ ބިމަކީ ވަށް އެއްޗެއްކަން ދަލިލު ކޮށްދޭ (ދަލީލުތަކުގެ ތެރެއިން) ދަލިލުތަކެވެ. އެހެނީ ބިމަކީ ސީދަލަށް އޮތް އެއްޗެއްނަމަ ހުރިހާ ފަރާތަކަށް އެއް ވަގުތެއްގައި އިރު އޮއްސުން ލާޒިމުވާނެއެވެ. މިފަދައިން މިކަން ޘާބިތުވުމުން އެއްވެސް މީހަކަށް މިއީ އިންކާރު ކުރެވޭނެ ކަމެއް ނޫނެވެ.“ (ޝެއިޚްގެ ފަތުވާ ނިމުނީ)

އަދި މިފަދައިން ދުނިޔެ ވަށް އެއްޗެއް ގޮތުގައި ޘާބިތު ކުރައްވާ ދަލީލުތައް ޛިކުރު ކުރެއްވުމަށްފަހުގައި، އެކަމާ ދެކޮޅު ހަދާ ނުވަތަ އިންކާރު ކުރާ ބައެއް މީހުން، ދަލީލުގެ ގޮތުގައި ޛިކުރު ކުރާ ބައެއް ދަލީލުތަކުގެ ޙަޤީޤަތް ބަޔާން ކުރައްވާ އެ ކަޝްފުކޮށްދެއްވި އެވެ.

އެފަދަ ދަލީލުތަކުގެ ތެރޭގައި، الإمام العَلاَّمَة ابن العُثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ.

”(ދުނިޔެއަކީ ވަށްކޮށް އޮތް ތަނެއް ކަމުގައި ބުނާ ބުނުމާއި) އަދި ﷲ ތަޢާލާ ވަޙީކުރައްވާފައިވާ އަންނިވި ބަސްފުޅާ ފުށޫ އެރުމެއް ނުވެ އެވެ.
(أَفَلَا يَنظُرُونَ إِلَى الْإِبِلِ كَيْفَ خُلِقَتْ [١٧] وَإِلَى السَّمَاءِ كَيْفَ رُفِعَتْ [١٨] وَإِلَى الْجِبَالِ كَيْفَ نُصِبَتْ [١٩] وَإِلَى الْأَرْضِ كَيْفَ سُطِحَتْ [٢٠]) [سورة الغاشية 17- 20]
(އާޔަތްތަކުގެ މާނައީ) “أَفَلَا يَنظُرُونَ إِلَى الْإِبِلِ كَيْفَ خُلِقَتْ [١٧] ފަހެ، ޖަމަލު ހައްދަވާފައިވަނީ ކޮންފަދައަކުން ކަމާމެދު އެބައިމީހުން ޖަމަލަށް ނުބަލަނީ ހެއްޔެވެ.
وَإِلَى السَّمَاءِ كَيْفَ رُفِعَتْ [١٨] އަދި އުޑު އުފުއްލަވާފައިވަނީ ކޮންފަދައަކުން ކަމާމެދު އެބައިމީހުން އުޑަށް ނުބަލަނީ ހެއްޔެވެ.
وَإِلَى الْجِبَالِ كَيْفَ نُصِبَتْ [١٩] އަދި ފަރުބަދަތައް ކޮޅަށް ނަންގަވާފައިވަނީ ކޮންފަދައަކުން ކަމާމެދު އެބައިމީހުން ފަރުބަދަތަކަށް ނުބަލަނީ ހެއްޔެވެ.
وَإِلَى الْأَرْضِ كَيْفَ سُطِحَتْ [٢٠]﴾ އަދި ބިން ފަތުރުއްވާފައިވަނީ ކޮންފަދައަކުން ކަމާމެދު އެބައިމީހުން ބިމަށް ނުބަލަނީ ހެއްޔެވެ.”

(އެއަށްފަހު އެންމެ ފަހު އާޔަތުގައިވާ وَإِلَى الْأَرْضِ كَيْفَ سُطِحَتْ) އަދި ބިން ފަތުރުއްވާފައިވަނީ ކޮންފަދައަކުން ކަމާމެދު އެބައިމީހުން ބިމަށް ނުބަލަނީ ހެއްޔެވެ.”) -މި އާޔަތުގެ ތަފްޞީލު ބަޔާން ކުރެއްވި އެވެ.“

ވިދާޅުވި އެވެ. ”އެހެނީ ބިމަކީ ނިސްބަތުން ބޮޑު (ތަނަވަސް) އެއްޗަކަށްވުމުން، ކައިރި ހިސާބަކުން އޭގެ ވަށްކަން ނުފެނެ އެވެ. ފަހެ، ލޮލަށް ފެންނަ ގޮތުގައި (ލޮލުން ބަލާހިނދު) ބިންވަނީ ފަތުރާލެވިފައެވެ. ….. މިކަމުން އެއީ ވަށް އެއްޗެއްކަން ނަފީ ވެގެން ނުދެ އެވެ. އެހެނީ އެއީ އޭގެ ޒާތުގައި ވަރަށް ބޮޑު (ތަނަވަސް ބިޔަ) އެއްޗެކެވެ. އެހެނަސް ބިމަކީ އޭގެ އެންމެހައި ފަރާތްތަކުން އެއްވަރަށް ވަށްކޮށް އޮތް އެއްޗެއް ނޫނެވެ. އެހެނަސް، އުތުރާއި ދެކުނުން ވަނީ ކުޑަކޮށް އުފުލިފައެވެ. އެއި ބުނާ ގޮތުން ބިންވަނީ ބިހެއްގެ ބައްޓަމަށެވެ. ޔަޢުނީ : ބިހެއް ފަދައިން އުތުރާއި ދެކުނުން ކުޑަކޮށް އުފުލިފައިވެ އެވެ.“ فتاوى نور على الدرب (ޝެއިޚްގެ ފަތުވާ ނިމުނީ)

އަދިވެސް ބުނަމެވެ. ބިމަކީ، ވަށްއެއްޗެއް ނޫން ކަމުގައި ދަޢުވާ ކުރާ މީހުން ޤުރުއާނުން އެންމެ ގިނައިން ގެންނަ އެއް ދަލީލަކީ އިސްވެ ބަޔާން ކުރެވުނު (وَإِلَى الْأَرْضِ كَيْفَ سُطِحَتْ) އަދި ބިން ފަތުރުއްވާފައިވަނީ ކޮންފަދައަކުން ކަމާމެދު އެބައިމީހުން ބިމަށް ނުބަލަނީ ހެއްޔެވެ.” މި އާޔަތެވެ.

ފަހެ، އާޔަތުގެ މައްޗަށް އިސްވެ ބަޔާންވި ތަފްޞީރުން އާޔަތުގައި ބިން ފަތުރާލެވިފައި ވުމުގެ މުރާދަކި ކޮބައިކަން ދޭހަވެ އެވެ.
ޝައްކެތްވެސް ނެތެވެ. ބިމުގެ ތަނަވަސް ނުހަނު ބިޔަ ކަމާއި ބޮޑު ކަމުގައި ވުމުން، އޭގެ ވަށްކަން އިޙްސާސު ނުކުރެވޭހާ ތަނަވަސްތަނެއްގެ ގޮތުގައިވާ ފަދަ އެވެ.

ވުމާއެކު، ލޮލުގެ ނަޟަރުން އެކަން ދެނެގަނެވޭ ވަރަށްވުރެ އޭގެ ތަނަވަސް ކަމާއި ބިޔަކަން ބޮޑުވެގެންވެ އެވެ.

އަޚުންނޭވެ! މިއީ، އިސްވެ ބަޔާންކުރި ގޮތަށް ޢިލްމީ ގޮތުން، އަދި ޝަރުޢީ ގޮތުން އެތައް އެތައް ޒަމާނެއްގެ ކުރިން ކާފަރުންނަށް އެމީހުންގެ އަތްމަތީގައި މިއަދު އޮތް ދުނިޔެވީ ޢިލްމީ ކަންތައްތަކުގެ އަހުލުވެރިންގެ ގޮތުގައި ނުވާހިނދު އިސްލާމީ އުއްމަތުގެ ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތަކެވެ.

އަދި އެ ޢިލްމުވެރިންގެ މެދުގައި ޚިލާފެއްވެސް ނެތް ގޮތުގައި މިވަނީ ނުހަނު ކުރީގެ އުއްމަތަށް ފާޅުވި ބޭކަލުން ޛިކުރު ކުރައްވާފަ އެވެ.

ޙަޤީޤަތަކީ، އަދި މިއަދު ފެންނަ ހިތާމވެރި މަންޒަރަކީ، ދުނިޔެ ވަށް އެއްޗެއް ގޮތުގައި ޤަބޫލުކުރާ މި ޢިލްމާއި ދީނާއި ޝަރީޢަތުގެ މައްޗަށް ކުރިއަރައި ޘާބިތުކަން ލިބިވަޑައިގެންނެވި އަހުލުވެރިންގެ މައްޗަށް، އޭގެ އެތައް ޒަމާނެއްފަހުގައި ފާޅުވެފައިވާ އަހުލުވެރިން ދައްކާފައިވާ ޢައިބު ބަސްތަކާއި އަދި ޤަދަރު ކުޑަކުރެވޭ ބަސްތަކެވެ.

އެގޮތުން ދުނިޔެ ވަށް އެއްޗެއް ކަމުގައި ޤަބޫލުކޮށްފި ހިނދު، ނަމާދު ކުރުމަށް ޤިބްލައަށް ކުރިމަތިލާމީހާ އެ ކުރިމަތިލަނީ ފަޒާގެ ތެރެއަށް ކަމުގައި ބުނެފައިވުމަކީ އޭގެ ޙަޤީޤަތުގައި ނިކަމެތި ބަސްތަކެކެވެ.

ދަންނަ އެވެ! ޤިބްލައަށް ކުރިމަތި ލުމަކީ ޤިބްލަ ހުރި ފަރާތަށް ކުރިމަތި ލުމެވެ.

ﷲ ބަސްވަޙީ ކުރެއްވި އެވެ.
(فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ وَحَيْثُ مَا كُنْتُمْ فَوَلُّوا وُجُوهَكُمْ شَطْرَهُ …) [سورة البقرة ١٤٤]
އާޔަތުގެ މާނައީ : “… ފަހެ، ޙުރުމަތްތެރިވެގެންވާ މިސްކިތާ (ގެފުޅާއި) ދިމާއަށް އިބަނަބިއްޔާގެ މޫނުފުޅު ކުރިމަތި ކުރައްވާށެވެ. އަދި ތިޔަބައިމީހުން ތިބި ކޮންމެ ތަނެއްގައިމެ، އެފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތިކުރާށެވެ…

މި އާޔަތުގެ މައްޗަށް ޞަޙާބީން އަދި ތާބިއީންގެ ތަފްސީރު ކުރައްވައި ވިދާޅުވެފައިވެ އެވެ.

”އެފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތި ކުރާށެވެ.“ ގެ ތަފްޞީރުގައި ابن عباس -رضي الله عنهما- ވިދާޅުވި އެވެ. ”އެއީ އެ ތަނާ (މަސްޖިދުލް ޙަރާމް- ކަޢުބާ) ވީ ފަރާތަށް ކުރިމަތި ލުމެވެ.“

ابن زَيد -رحمه الله- ވިދާޅުވެފައިވެ އެވެ. ”އެއީ އެ ދިމާލަށެވެ.“
ފަހެ، ދުނިޔޭގެ ހަތަރު ފަރާތްވާ ކަމީ، އުތުރާއި ދެކުނާއި، އިރުމަތި އަދި ހުޅަނގު ފަރާތްވާ ކަމީ އެއްވެސް މީހަކު ދެކޮޅުހަދާނެ ކަމެއް ނޫނެވެ.
ވުމުން އެމީހަކާއި ކަޢުބާއާ އެންމެ ކައިރި ދިމާލަކުން ކުރިމަތިލުމުން އެއީ އެމީހެއްގެ ހައްޤުގައި ކައުބާއަށް ކުރިމަތިލުން ކަމުގައި ފުދޭނެ އެވެ.
ވުމާއެކު، މި ދުނިޔޭގެ ނިސްބަތުން އުތުރު ފާރަތުގައި ހުންނަ މީހަކަށް ޤިބްލަވާނީ ދެކުނު ފަރާތެވެ. ވުމުން އެމީހަކު ދެކުނު ފަރާތަށް ކުރިމަތި ލުމުން އެހިނދު ޤިބްލައަށް ކުރިމަތި ލެވެ އެވެ.

އަދިވެސް ދަންނަ އެވެ. ދުނިޔެއަކީ ވަށް އެއްޗެއްގެ ގޮތުގައި އެންމެ ކުރީއްސުރެންވެސް ޢިލްމުވެ އެންމެ ބޮޑެތި ރައްބާނިއްޔަ އަހުލުވެރިން އެފަދައިން ދެކެވަޑައިގެންނެވިހިނދު، އެބޭކަލުން އޭގެ ވަށް ވުމުން އެހިނދު ޤިބްލައަށް ކުރިމަތި ލެވެނީ ފަޒާގެ ތެރެއަށް ކަމުގައި ދެކެވަޑައި ނުގަންނަވަ އެވެ.

ވުމުން މިއާޔަތްތަކާއި، ޤިބްލައަށް ކުރިމަތި ލުމުގެ ޙަޤީޤަތް ދަންނަ ފަރާތްތަކުން ދުނިޔެ ވަށް ބޮޅެއްހެން ކުރަހައި، މިޙަކު އެ ބޮޅުގެ މަތީ ފަރާތުގައި ނަމާދަށް ހުންނަ ގޮތަށް ކުރައި، އެ ބޮޅުގެ ދަށް ފަރާތުގައި ކަޢުބާ ކުރަހައި، އެ ބޮޅުގެ މަތީގައިވާ މީހާ އެވަނީ ޤިބްލައަށް ބުނެ ފަޒާގެ ތެރެއަށް ކުރިމަތި ލާފައި ބުނުމަކީ، އެއީ ޙަޤީޤަތުގައި އެމީހެއްގެ ޤަޞްދުގެ ނުބައިކަމެވެ. އަދި ދުނިޔެ ވަށް ކަމުގައި ދެކެވަޑައިގަންނަވާ ޢިލްމުގެ ބޮޑެތި މުޖައްދިދުންފަދަ ބޭކަލުންނަށް ދެވޭ ޤަދަރުކުޑަ ކަމެކެވެ.

ފަހުގެ ދުވަސްތަކުގައި ދުނިޔެ ދުށް، އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الإمام عبد العَزِيز بن باز -رحمه الله – އަރިހުގައި ދުނިޔެއަކީ ވަށް އެއްޗެއްތޯ ސުވާލު ކުރެވުނުހިނދު ވިދާޅުވި އެވެ.

“ ބިމަކީ ވަށް އެއްޗެއް ކަމާއި އަދި ބިމަކީ ވަށް އެއްޗެއްކަމަށް ޢިލްމުވެރިންވަނީ އިޖުމާޢު ވަޑައިގެންފަ އެވެ. ابن حزم އަދި އެނޫން ޢިލްމުވެރި ބޭފުޅުންވެސް އެކަން ނަޤުލުކުރައްވާފައިވެ އެވެ.“ فتاوى ابن باز 9 / 226 – 229

ފަހެ، މިއީ ކާފަރުންގެ ފަރާތުން އަޘަރުކޮށް އޭގެ މައްޗަށް ބުރަވެ ވިދާޅުވެފައިވާ ބަސްފުޅެއް ކަމުގައި ނުވަތަ އެފަދައިން ދެކެވަޑައިގަންނަވަނީ ކަމުގައި ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟

އެބޭކަލުންނަށް ﷲ ތަޢާލާ ދެއްވި ބަޞީރާއިން ފިޔަވައި އެބޭކަލުން އެކަމުގައި އިސްކުރެއްވި ޢިލްމެއް ނުވެ އެވެ.

އޭގެ ކުރިން މި މައްސަލައިގައި އިޖްމާޢު ނަޤުލުކުރެވިފައިވާ ގޮތުގައި މަތީގައި މެނުވީ މި ޢިލްމުގެ އަހުލުވެރިން ޤާއިމްވެވަޑައި ނުގަންނަވަ އެވެ.
އަދި الإمام عبد العَزِيز بن باز -رحمه الله – ބަޔަކު މީހުން ހަދައިފައިވާ ބޮޑުވެގެންވާ ބުހުތާނެއް ކަމުގައިވާ، ޝެއިޚްއަށް ނިސްބަތްކޮށް ”ބިމަކީ ފްލެޓް އެއްޗެއް“ ކަމުގައި ޝެއިޚް ވިދާޅުވާކަމަށް ކޮށްފައިވާ ދަޢުވާގެ ބާޠިލްކަންވެސް މި ފަތުވާގައި ބަޔާންކޮށްފައިވެ އެވެ.

الإمام عبد العَزِيز بن باز -رحمه الله – ވިދާޅުވެފައިވެ އެވެ. ”العلامة ابن القيم -رحمه الله- ބިމަކީ ވަށްއެއްޗެއްކަން ދަލީލުކޮށްފައިވާ ފަދައިން، އަހަރެންވެސް އެފަދައިން ނަޤުލުކޮށް ބިމަކީ ވަށްއެއްޗެއްކަން ޘާބިތުކޮށްފައިވާނެ އެވެ.“

ވުމާއެކު، ބިމަކީ ވަށް އެއްޗެއް ނޫންކަމަށް الإمام بن باز -رحمه الله – ވިދާޅުވާކަމަށް ދެކެވޭ ވާހަކައަކީ ޝައިޚުގެ މައްޗަށް ބަޔަކު ހަދާފައިވާ ދޮގު ބަސްތަކެކެވެ. އަދި އެކަމަށް ޝައިޚް އިންކާރުކުރައްވާފައިވެ އެވެ.

ފަހުގެ ދުވަސްތަކުގައި އުއްމަތަށް ފާޅުވި އެންމެ ބޮޑު ޙަދީޘް ޢިލްމުވެރިޔާ އަދި އިމާމް المُحدث الأَلبَانِي -رحمه الله- ގެ ޤައުލަކީވެސް އޭގެ ކުރިން އިސްވެ ދިޔަ ޢިލްމުވެރިންނާއި އިމާމުންގެ ބަސްފުޅެވެ.

ވިދާޅުވެފައިވެ އެވެ. ”ބިމަކީ ވަށް އެއްޗެއްކަން ޔަޤީން ކަށަވަރު މިންވަރަށް އެނގެ އެވެ. ޢިލްމީ ޙަޤިޤަތްތަކުން އެކަން ދަލީލު ކުރެވިގެންވާ ފަދައިންނެވެ. އަދި ޝަރުޢީ ދަލީލެއް އެކަމާއި ޚިލާފްވެގެން ނުވެ އެވެ…“
الضعيفة (4-157، 159)

ވުމާއެކު ބުނަމެވެ. ޝަރުޢީ ދަލީލުތަކުން މިފަދައިން ދަލީލު ކޮށްދެ އެވެ. އަދި އުއްމަތުގެ އެންމެ ކުރީގައި ދުނިޔެ ދުށް ނުހަނު ބޮޑެތި ޢިލްމުވެރިން މިކަމުގެ މައްޗަށް އިޖްމާޢު ޛިކުރު ކޮށްފައިވެ އެވެ. އަދި ”ބިން ފަތުރުއްވާފައިވާ“ މި މާނައިގައިވާ އާޔަތްތަކުގެ ޙަޤީޤީ މުރާދަކީ ކޮބައިކަން ބަޔާން ކުރައްވައި، ބިން ވަށްކޮށް އޮތް އެއްޗެއް ކަމަށް ބުނާ ބުނުން އެ އާޔަތްތަކުން ނަފީ ނުކުރާކަން ބަޔާންވެ އެވެ.

މި ޢިޖްމާޢު އެ ބޭކަލުން ޛިކުރުކޮށް ބަޔާން ކޮށްފައިވަނީ، މިއަދު މި ފެނިފައިވާ ޓެކްނޮލެޖީއާއި އަދި ފަޒާގެ ތެރޭގައި ދަތުރުކުރުން ނެތް ޒަމާނެއްގައިކަން ދަންނަންވެސް ޖެހެ އެވެ.

އެ ބޭކަލުންގެ އަތްޕުޅުގައި ޝަރުޢީ ޢިލްމީ ދަލީލިތައް، އަދި ﷲ ތަޢާލާ ދެއްވި ޙިކްމަތް އަދި އެ އިލާހުގެ ތަޥްފީޤާއި މަދަމު މެނުވީ ނުވެ އެވެ.
އެއާއެކު، އިސްލާމީ އުއްމަތުގެ ކުރީ ކޮޅުގައި ފާޅުވި ބޭކަލުންވަނީ މި ޙަޤީޤަތުގެ މައްޗަށް އިޖްމާޢުވެވަޑައިގެން އެ ޙަޤީޤަތް ބަޔާންކޮށް އުއްމަތަށް ނަޤުލު ކޮށްދެއްވާފަ އެވެ.

އެއަށްފަހު، ފަހުގެ ދުވަސްތަކުގައި ފާޅުވި އިމާމުން، އެ ޢިޖްމާޢު ޛިކުރު ކުރައްވާ އެފަދައިން އެބަސްފުޅުތައް ނަޤުލު ކުރެއެއްވި އެވެ.
ފަހެ، ސުވާލަކީ، މި އެންމެހައި ޢިލްމުވެރިންނާއި، އެބޭކަލުންގެ ބަސްފުޅުތައް އެއްފަރާތްކޮށް، އެ ޢިލްމުވެރިންގެ ބަސްފުޅުތަކުން އަޘަރު ކުރުމުގެ ބަދަލުގައި އެހެން އެއްޗެއް ނަގާ ބަޔަކު އެއީ ޢައިބު ކުރެވޭ ޤައުލުގެ އަހުލުވެރިންނަށް ނުވެ، އެންމެ ކުރީއްސުރެ ޢިލްމުވެރިންގެ މަޥްޤިފްގައި ޤާއިމްވި ފަރާތްތައް ތިބި ގޮތަކީ އެއީ ޢައިބު ކުރެވޭ ގޮތް ކަމުގައި ހެދުމެވެ.

ފަހެ، މިއީ ކޮންފަދަ ޢަދުލުވެރި ޙުކުމެއް ތޯ ވިސްނާލަން ޖެހެ އެވެ.

ޙަޤީޤަތުގައި ”ކާފަރުންގެ ފަރާތުން އަޘަރު ކުރުން“ ކަމުގައި ދަޢުވާކުރާނަމަ، އެފަދައިން އަޘަރު ކުރުން ޙައްޤުވީ ވަށްއެއްޗެއް ކަމުގައި ޤަބޫލު ނުކުރާ ފަރާތްތައް ނޫން ކޮންފަރާތްތަކެއް ހެއްޔެވެ؟

މި އެންމެހައި ޢިލްމުވެރިންނާއި، އަދި ޤައުލުތަކެއް ހާމަވެ ފާޅުވެފައިވާހިނދު، މި ބަސްތައް ދިފާޢުކޮށް ފެތުރުމުގެ ބަދަލުގައި އެހެން އެއްޗެއް ފެތުރުން، (އެބަހީ : އެ ޤައުލެއްގެ މައްޗަށް އެތައް ޢިލްމުވެރިންނެއް، އަދި ޢިޖްމާޢު ނަޤުލުވެފައިވާހިނދު) ބަޔާން ކުރުމުގެ ބަދަލުގައި، އެހެން ބަސްތައް އެއީ ޙަޤީޤަތް ކަމުގައިވެ، މި އެންމެހައި އިމާމުންނާއި އިލްމުވެރިންގެ ބަސްތަކަކީ އެއީ ނެތް އެއްޗެއް އަދި ބުރަދަނެއްވެސް ނެތް އެއްޗެއް ކަމުގައި ހެދުން ވާނީ ކޮންފަދަ ޢަމަލަކަށް ހެއްޔެވެ؟

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts