މިސްކިތުގައި އިށީނދެ އިންނަ މީހާދެފައި ޤިބްލައާ ދިމާލަށް ދަމާލައިގެން އިނުމުގެ ޙުކުމަކީ ކޮބާ؟ އަދި ނިދަން އޮންނަމީހާގެ ފައި ޤިބްލައާ ދިމާލަށް ބެހެއްޓިދާނެތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
މިސްކިތުގައި އިށީނދެ އިންނަ މީހާ ނުވަތަ އެ ނޫންވެސް ތަނެއްގައި އިންނަ މީހާ ދެފައި ޤިބްލައާ ދިމާލަށް ދަމާލައިގެން އިނުން ނުވަތަ މިސްކިތުގައި އިންނަ މީހާ ދެފައި ދަމާލައިގެން އިނުމުގެ ޙުކުމާއި މެދު ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
ޢިލްމުވެރިންގެ ބަސްފުޅުތަކުން ބަޔާންވަނީ މިކަމުގައި އެއްވެސް މަނާކަމެއް ނެތް ކަމެވެ. އަދި ޚާއްޞަކޮށް އެކަމަށް ޙާޖަތް ޖެހިގެން ދެފައި ދަމާލަން ޖެހިއްޖެހިނދު އެއްވެސް މައްސަލައެއްނެތެވެ. އެގޮތުން ވަރުބަލި ވުމުން ނުވަތަ ފައިގައިވާ ނުވަތަ ކަކުލުގައިވާ ބަލިކަމެއް ކަމެއްގެ ސަބަބުން ނުވަތަ އިށީނދެ ގިނައިރުތަކެއް ވުމުގެ ސަބަބުން އެކަމުގައި އެއްވެސް މައްސަލައެއް ނެތެވެ.
ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ عبد العَزِيز بن بَاز -رحمه الله- ވިދާޅުވެފައިވެ އެވެ.
”އިންސާނަކު އޭނާގެ ދެފައި ޤިބްލައާ ދިމާލަށް ދަމާލައިގެން އިނުމުގައި އެއްވެސް މައްސަލައެއްނެތެވެ. އަދި އެއީ المسجد الحرام ގައި ކަޢުބާ ދިމާލަށް ދެފައި ދަމާލައިގެން އިން ކަމުގައިވީނަމަވެސް އެވެ. އެކަމުގައި މައްސަލައެއްނެތެވެ. ހަމަކަށަވަރުން ނަބިއްޔާ ﷺ ބުރަކަށިފުޅު ކަޢުބާގައި ޖައްސަވައިގެން އިށީނދެވަޑައިގެން އިންނެވި އެވެ.
(މި ކަންތައްތަކުން) ބަޔާންވަނީ، އިންސާނަކު ކަޢުބާއާ ދިމާލަށް އަދި ޤިބްލައާ ދިމާލަށް އިންސާނަކު އޭނާ ދެފައި ދަމާލައިގެން އިނުމުގައި އެއްވެސް މައްސަލައެއް ނެތް ކަމެވެ. އާނއެކެވެ.“
ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ (6/295- 296) ފަތުވާގައިވެ އެވެ.
”މުސްލިމަކު އޭނާގެ ފައި ނުވަތަ ދެފައި ޤިބްލައާ ދިމާލަށް ދަމާލައިގެން އިނުމުގައި މައްސަލައެއް ނެތެވެ. އެއީ މިސްކިތުގައި އަދި މިސްކިތުން ބޭރުގައި ކަމުގައިވީނަމަވެސް މެއެވެ. އަދި މިސްކިތުގައި ކައި ހެދުމާއި ބޮއެ ހެދުމުގައިވެސް މައްސަލައެއްނެތެވެ. އަދި ނިދުމަށް ޙާޖަތް ޖެހިއްޖެހިނދު ނިދުންވެސް މައްސަލައެއްނެތެވެ. އަދި އެ ގޮތުން އެދެވިގެންވަނީ މިސްކިތުގެ ސާފު ތާހިރުކަމަށް ބެލުމެވެ. އަދި އޭނާ ނިދާފައިވަނިކޮށް އިޙްތިލާމްވެއްޖެހިނދު، ހޭލެވުމާއި އެކުގައި ޖުނުބު ހިނެއިން ހިނައިގަތުމަށްޓަކައި މިސްކިތުން ނުކުތުން އަވަސްވެގަތުން ހުއްޓެވެ.“
މިއަދު ދުނިޔެ މަތީގައި ތިއްބެވި އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشَّيخ العلامة د. صَالح الفَوزان -حفظه الله- އަރިހުގައި ސުވާލު ދެންނެވުނު ހިނދު ވިދާޅުވި އެވެ.
”މިސްކިތުގައި އިންނަ މީހާ ޤިބްލައަށް ފައި ދަމާލުމުގައި މައްސަލައެއް ނެތެވެ. އަދި ޚާއްޞަކޮށް ގިނަ ވަޤުތު އިށީނުމުގެ ސަބަބުން ވަރުބަލި ފިލުވާލުމަށްޓަކައި ދެފައި ދަމާލުމުގައި އެއްވެސް މައްސަލައެއް ނެތެވެ.“ شرح العقيدة الواسطبة رقم 7
ޤިބްލައަށް ވާ ގޮތަށް ފައި ދަމާލައިގެން އިނުމުގެ މައްޗަށް ވަރަށްގިނަ ބަޔަކު ސުވާލު އުފައްދާ އެއްކަމަކީ، ނިދަން އޮށޯންނަ މީހާގެ މައްޗަށެވެ.
އެގޮތުން ބުނެ އެވެ.
ނިދަން އޮންނަ މީހާ ޤިބްލައަށް ފައި ދަމާލައިގެން ނުވަތަ ޤިބްލައާ ވީ ފަރާތަށް ފައި ބެހެއްޓުން ހުއްދައެއް ނުވާނެ އެވެ.
ދަންނަ އެވެ. މިއީ އެއްވެސް ދަލީލެއްގެ މައްޗަށް ބަޔާންކޮށް ބުނެފައިވާ ބަސްތަކެއް ނޫނެވެ.
މިޞައްޙަ ތެދު ބަހެއް ކަމުގައިވާނަމަ، އުއްމަތުގެ ނަބިއްޔާ ﷺ 23 އަހަރު ދުވަސްތެރޭގައި އެކަން އުނގަންނަވައިދެއްވާ ބަޔާންކޮށްދެއްވާފައި ވާނެ އެވެ.
ޙަޔާތްޕުޅުގައި ކިހާ ގިނަ ފަހަރެއްގައި ނަބިއްޔާ ﷺ އަވަހާރަފުޅު ލައްޕަވާފައިވާނެ ހެއްޔެވެ؟ އަޞްޙާބު ބޭކަލުންނާ އެކުގައިވެސް އެފަދައިން ކޮންފަދަ ގިނަ މިންވަރަކަށް އަވަހާރަފުޅު ލައްޕަވާފައިވާނެ ހެއްޔެވެ؟ އިޢުތިކާފަށް މިސްކިތުގައި އިންނަވާހިނދުގައިވެސް މިސްކިތް ކޮޅުގައި ކިހާ ގިނަ މިންވަރަކަށް އަވާހަރަފުޅު ލައްޕަވާފައިވާނެ ހެއްޔެވެ؟
އެހެނަސް ޚުދް ނަބިއްޔާ ﷺ އެއްވެސް ބަސްފުޅެއް އެކަމުގެ މައްޗަށް ވިދާޅުވެ ޙަދީޘްކުރައްވާފައި ނުވެ އެވެ.
ނަމާދުގެ އަދަބުތަކާއި ޛިކުރުތަކާއި ވިރުދުތައް އުނގަންނަވައި ދެއްވާފައިވާ ފަދައިން އެއްވެސް ތަނެއްގައި ޤިބްލައަށް ފައިތިލަ ނުބެހެއްޓުމަށް ޙަދީޘްފުޅު ކުރައްވާފައި ނުވެ އެވެ.
ވުމުން، އެއީ ދީނީ ޝަރުޢީ ކަމެއް ކަމުގައިވާނަމަ، އެކަން ބަޔާން ނުކޮށްދީ ދޫކޮށްލައްވާފައި ނުވާނެ އެވެ.
މަދީނާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العَلاَّمة عَبد المُحسِن العَبَّاد حفظه الله ވިދާޅުވެފައިވެ އެވެ.
”ދެފައި ޤިބްލައަށް ވާގޮތަށް ބާއްވައިގެން ނިދުމުގައި އެއްވެސް މައްސަލައެއް އޮތްކަމެއް ކަން ނުދަންނަމެވެ.“
الاثنين ٧/ رجب/ ١٤٤١هـ
ވުމާއެކު، މިއީ ހުއްދަ ޢަމަލެއްކަން ބަޔާންވެ އެވެ. ނިދަން އޮންނަ މީހާ، އޭނާގެ ދެފައި ޤިބްލައަށްވާގޮތަށް ބެހެއްޓުމުގެ މައްޗަށް އެއްވެސް މަނާކަމެއް ނުވެ އެވެ.
އިސްވެ ބަޔާން ކުރެވުނުފަދައިން، މިސްކިތުގައި އިންނަ މީހާ އަދި މިސްކިތުން ބޭރުގައި އިންނަ މީހާވެސް، ދެފައި ޤިބްލައާ ދިމާލަށް ދަމާލައިގެން އިނުން މަނާ ކުރާނެ އެއްވެސް ދަލީލެއް ނުވެ އެވެ. އެހެނަސް އެއީ މައްސަލައެއް ނެތް ކަމެއް ކަމާއި އަދި ހުއްދަވެގެންވާކަން ބަޔާންވެ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.