ނިދުމުގެ ސަބަބުން ވުޟޫގެއްލޭނެތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:

އެ ނިންޖެއްގެ ސަބަބުން ވުޟޫގެއްލޭނެ އަދި ނަމާދު ބާޠިލްވާނެ ނިންޖަކީ ކޮބައިކަމާއި މެދުގައި ޢިލްމުވެރިން ޚިލާފްވަޑައިގަންނަވާފައިވެ އެވެ.

ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ކޮންމެ ސިފައެއްގައި ކިތަންމެ ކުޑަ އަދި ބޮޑު ނިންޖަކުން ނިދުނު ކަމުގައިވީނަމަވެސް ވުޟޫ ގެއްލޭނެ އެވެ.

މި ބަސްފުޅު ވިދާޅުވެފައިވާ ބޭފުޅުންގެ ދަލީލަކީ صفوان بن عسال – رضي الله عنه- ގެ ޙަދީޘް އެވެ. އެހެނީ، އޭގެއިންވަނީ، ވުޟޫ ގެއްލޭ ކަންތައްތަކުގެ ތެރޭގައިވާ ކުޑަކަމު ދިއުމާއި އަދި ބޮޑުކަމު ދިއުމާއި އެކު ނިދުން ޛިކުރުވެގެންވުމެވެ.
އެހެނަސް ބައެއް އެހެނިހެން ޢިލްމުވެރިން ދެކިލައްވާ ގޮތުގައި، ނިދުމަކީ އޭގެ ސަބަބުން އެއްގޮތަކަށްވެސް ވުޟޫ ގެއްލޭނެ ކަމެއް ނޫނެވެ.
އެއީ ގެ ޙަދީޘް ގައި މާތް ނަބިއްޔާ صلى الله عليه وسلم ގެ ޞަޙާބީން ޢިޝާ ނަމާދަށް އިންތިޒާރު ކުރައްވައިގެން ތިއްބަވާއިރު، ނިދިގެން ބޯޖެހޭވަރަށް ނިދި ގަދަވާކަމަށް ވުމެވެ.
އަދި އިމާމް البزار ގެ ރިވާޔަތުގައި އެބޭކަލުން އަރިޔަކަށް އޮށޯންނަވާކަމަށްވެސް އައިސްފައިވެ އެވެ.

ދަންނަ އެވެ! އަރިއަކަށް އޮށޯވެގެން ތިބެ ނިދާކަމަށް އައިސްފައިވާ ރިވާޔަތް ބަލިކަށި ކަމާއިމެދު ޙަދީޘް ޢިލްމުގެ ބައެއް މުޙައްޤިޤުން ވަނީ ވާހަކަ ކައްދާފަ އެވެ.
އަދި އަނެއްބައި ޢިލްމުވެރިން ދެކިލައްވާ ގޮތުގައި، ރަނގަޅަށް ތަނެއްގައި ޘާބިތުވެ އިދެގެން ނުނިދޭނަމަ ވުޟޫ ނުގެއްލޭނެ އެވެ.
އެހެނަސް އެނޫން ގޮތަކަށް ނިދިއްޖެނަމަ، ވުޟޫ ގެއްލޭނެ އެވެ.
މިހުރިހައި ދަލީލުތައް ޖަމަޢަކުރެވޭނެ އެންމެ ޞައްޙަ، ދަލީލުތަކުން ބާރުދެނެވި ގޮތަކީ ނިދުމަކީ އޭގެ ޛާތުގައި ވުޟޫ ގެއްލޭ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ވުޟޫ ގެއްލުމަށްވާ ހީ (ވުޟޫގެއްލުމަށް ކުރެވޭ ހީ އެކެވެ.)

އެބަހީ، ނިދީގެ ބާވަތުން އޭނާއަށް ވާނުވާ ވަކި ކުރަން އެނގޭނަމަ، އޭނާގެ ވަށައިގެން ހިނގާ ކަންތައްތަކުގެ ޝުޢޫރު އިޙްސާސު ކުރެވޭނަމަ، ވުޟޫ ނުގެއްލޭނެ އެވެ.

އެހެނަސް ނިދި ގަދަވެގެންގޮސް އޭނާއަށް ވާނުވާ ނޭނގޭ ވަރަށް ނިދިއްޖެނަމަ، އެއްވެސް ޝައްކެތްވެސް ނުވާ ގޮތުގައި ވުޟޫ ގެއްލޭނެ އެވެ.

މިކަމަށް ހެކި ދެނީ، ޞަޙާބީ معاوية -رضي الله عنه ގެ ޙަދީޘެވެ.

އެޙަދީޘްގައިވަނީ، ލޮލުގެ މިޘާލަކީ ފުރަގަސް ފަރާތަށްވާ އުނގުރިއެއް ފަދައިން މިޘާލު ޖެހިގެން ވުމެވެ. އަދި ދެ ލޯ ނިދައިފިނަމަ، އެ އުނގުރި ދޫވެގެން ދާނެކަމަށް ބަޔާންވެގެންވެ އެވެ.

މި ޙަދީޘްއަކީ، އިސްނާދުގައި ބަލިކަށިކަމެއްވާ ޙަދީޘެއް ކަމަކު، އެއަށް ބާރުލިބޭ އެހެނިހެން މަގުތަކުގެ ސަބަބުން މި ޙަދީޘް ޙަސަން ދަރަޖައަށް ފޯރާނެ ޙަދީޘެއް ކަމުގައި الإمام ابن بَاز -رحمه الله- ވިދާޅުވެފައިވެ އެވެ.
ވުމުން މި މައްސަލައިގެ ޚުލާޞާ އަކީ، އެޖެހުނު ނިންޖެއްގެ ސަބަބުން، ތިބާއަށް ވައިފަދަ އެއްޗެއް ބޭރުވިޔަސް އެނގޭނެ ވަރުގެ އާދައިގެ ނިންޖެއްތޯ ނުވަތަ ނޭނގޭނެ ވަރުގެ ނިންޖެއްތޯ އެވެ.
ފުރަތަމަ ގޮތްނަމަ (ވައެއް ބޭރުވާނަމަ އިނގޭނެވަރުގެ ނިންޖެއްނަމަ) ވުޟޫއަށް ނުވަތަ ނަމާދެއް ބާޠިލެއް ނުވާނެ އެވެ.
މިއީ މި މައްސަލައިގައި ފަހުގެ ބޮޑެތި މުޙައްޤިޤުން އިޚްތިޔާރު ކުރައްވާ ގޮތެވެ. الله اعلم

ޚާއްޞަކޮށް ނަމާދުގައި ނިދުމާއި މެދުގައި ބުނަމެވެ. އެ ނިންޖަކީ އެ ނިދީގެ ތެރެއަށް ގެނބިގެންދާ ނިންޖެއް ކަމުގައިވާނަމަ، ކުރިންވެސް އިޝާރާތް ކުރި ފަދައިން އެމީހެއްގެ ނަމާދު އެހިނދު ބާޠިލްވާނެ އެވެ. އަދި އެމީހަކަށް އޮތީ ނަމާދު އަލުން އިޢާދަ ކުރުމަށެވެ.

އެހެނަސް އެ ނިންޖަކީ އޭގެ ސަބަބުން ވުޟޫ ގެއްލޭފަދަ ޙާލަތް ކަމުގައިވާ، ނިދީގެ ތެރެއަށް ގެނބިގެން ނުދާ ނިންޖެއް ކަމުގައިވަނާމަ، (ނަމާދުގެ ތެރޭގައި ވާނުވާ އިނގޭވަރުގެ) ނިންޖެއް ކަމުގައިވާނަމަ، ފަހެ، އެމީހަކަށް އޮތީ އިމާމްއަށް ތަބަޢަވެ ކުރިއަށް ދިއުމެވެ.

ކޮންމެއަކަށް ޚުލާޞާއަކީ، އެމީހަކަށް އެ ނިދީގެ ސަބަބުން ވާނުވާ ނޭނގޭނަމަ އެއީ ނަމާދުގައި ވީނަމަވެސް އެމީހެއް ނަމާދު ބަޠިލްވާނެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts