ތަރާވީޙް ނަމާދު ފެށުމުގެ ކުރިން صلاة القيام أثابكم الله ކިޔުމުގެ ޙުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.

أما بعد:

ތަރާވީޙް ނަމާދު ފެށުމުގެ ގޮތުން ގޮވާ صلاةُ القِيَام أَثَابَكُم الله މިފަދައިން ގޮވުމުގެ ޙުކުމާއި މެދުގައި ބުނަމެވެ.

މާތް ނަބިއްޔާ އަޞްޙާބު ބޭކަލުންނާ އެކުގައި ޖަމާޢަތުގައި ރޭއަޅުކަން ކުރެއްވި ކަމަކީ ޞައްޙަ ޙަދީޘްއިން ވާރިދުވެގެންވާ ކަމެކެވެ.

އިމާމް النسائي އަދި އެހެނިހެން އިމާމުން ޞަޙާބީ النعمان بن بشير – رضي الله عنه – އަރިހުން ރިވާކޮށްފައިވެ އެވެ. ޞަޙާބީ ވިދާޅުވެފައިވެ އެވެ. ”قُمنا مع رسول الله – صلى الله عليه وسلم – ليلة ثلاث وعشرين في شهر رمضان إلى ثُلُث الليل الأول، ثم قُمنا معه ليلة خمس وعشرين إلى نصف الليل، ثم قام بنا ليلة سبع وعشرين حتى ظننا أن نُدرك الفلاح، قال: وكنا ندعو السحور الفلاح“ ތިމަން ޞަޙާބީން رسول الله – صلى الله عليه وسلم – އަރިހުގައި ރޭއަޅުކަން ކުރުމަށްޓަކައި ރަމަޟާން މައްސަރުގެ 23 ވަނަ ރޭގައި، ރޭގަނޑުގެ ތިންބައިކުޅަ ފުރަތަމަ ބައި -ދާންދެން- ތިމަން ޞަޙާބީން ޤާއިމްވީމެވެ….“ މި ޙަދީޘް އިމާމް الألباني ޞައްޙަ ކުރެއްވި އެވެ.

މިފަދަ ޙަދީޘްތަކުން ބަޔާންވަނީ، މިޢަމަލަކީ ނަބިއްޔާ އަހަރެމެންނަށް ދައްކަވައި އުނގަންނަވައި ދެއްވާފައިވާ އަޅުކަމެއް ކަމެވެ. އެ އަޅުކަން އަދާ ކުރުމަށް އަދި ސިފަތައްވެސް ބަޔާން ކޮށްދެއްވާފައިވާ ކަމެވެ.

ފަހެ، އެ ނަބިއްޔާ – صلى الله عليه وسلم – އަކީ އެންމެ ރިވެތި އަދި އެންމެ ފުރިހަމަ ނަމޫނާ ކަމުގައިވެ އެވެ. (لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيرًا) ”ހަމަކަށަވަރުން، اللَّه ގެ رسول އާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) اللَّه ގެ ދަރުމައާއި، އާޚިރަތުގެ ޘަވާބަށް އެދޭ، އަދި ގިނަގިނައިން اللَّه ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ.“

ޖަމާޢަތުގައި މިފަދައިން ރޭއަޅުކަން ކުރެއްވި ހިނދު އެ ޖަމާޢަތަށް ޚާއްޞަ ކަލިމަތަކުން ގޮވައިލައްވައި ވިދާޅުވި ކަމެއް ވާރިދުވެފަ އެއް ނުވެ އެވެ.

އެއީ ހެޔޮ ޢަމަލެއް ކަމުގައިވާނަމަ، އަހަރެމެންގެ މާތް ނަބިއްޔާ އެކަން އަހަރެމެންނަށް އަންގަވައި ބަޔާން ކޮށްދެއްވާނެ އެވެ.

މިއަދު ގިނަ ބަޔަކު ރޭއަޅުކަމުގެ ޖަމާޢަތަށް ގޮވާލުމުގައި ކިޔާ صلاة القيام أثابكم الله މި ކަލިމައާ މެދުގައި، އޭގެ ޙުކުމަކީ ކޮބައިކަމާއި މެދުގައި ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީން އިމާމް عبد العزيز بن عبد الله بن باز ގެ ރިޔާސަތުގައި ދެއްވާފައިވާ ފަތުވާގައިވެ އެވެ.

ޖަވާބު ”ތިޔައީ އިސްލާމް ދީނުގެ ތެރެއަށް އަލަށް ގެނެސްފައިވާ ބިދުޢަތަކުގެ ތެރޭގައި ހިމެނިގެންވާ ކަންކަމެވެ…..“ اللَّجنة الدَّائمة للبُحوث العلميَّة والإفتاء 7/208، 209

މިއަދު ދުނިޔެ މަތީގައިވާ އެންމެ ބޮޑެތި ސުންނަތުގެ އިމާމުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العلامة د. صالح الفَوزَان -حفظه الله އަރިހުގައި ރޭއަޅުކަން ފެއްޓުމުގެ ކުރިން ގޮވާ މި ކަލިމައާ މެދުގައި ސުވާލު ކުރެވުނު ހިނދުގައި ވިދާޅުވި އެވެ.

ސުވާލު : ރަމަޟާން މަހުގައި ޤިޔާމުއް ލައިލް އަށް، އިމާމް، މައުމޫމީންނަށް صلاةُ القِيَام أَثَابَكُم الله މިފަދައިން ގޮވާލުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟

ޖަވާބު : ”ތިޔައީ އެއްވެސް އަޞްލެއް އޮތް ކަމެއް ނޫނެވެ. ތިޔައީ ބިދުޢައެކެވެ. ރަމަޟާން މަހުގައި ރޭ އަޅުކަމަށް އެއްވެސް ގޮތަކަށް ގޮވުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. އެއްވެސް ބާވަތެއްގެ އެއްވެސް ބަހަކުން ގޮވުން ހުއްދައެއް ނުވާނެ އެވެ. ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. އާއެކެވެ.“ https://goo.gl/PDiRnO

ވުމުން މި އެންމެހައި ޢަމަލުތަކުން ދުރުވުން ހުއްޓެވެ. ހުރިހައި ހެވެއް އަދި ބަރަކާތެއް ވަނީ ޝަރީޢަތުގައި ބަޔާންވެގެންވާ މިންވަރަށް އެ ސިފައިގައި ފުރިހަމައަށް ތަބަޢަވުމުންނެވެ.

عَائِشَةَ رَضِيَ اللَّهُ عَنْهَا، قَالَتْ: قَالَ: رَسُولُ اللَّهِ صلى الله عليه وسلم (مَنْ أَحْدَثَ فِيْ أَمْرِنَا هَذَا مَا لَيْسَ مِنْهُ، فَهُوَ رَدٌّ) عَائِشَةَ رَضِيَ اللَّهُ عَنْهَا ވިދާޅުވެފައިވެ އެވެ. ”އަހަރެމެންގެ މި ދީނުގައި ނުވާ ކަމެއް އަލަށް ވައްދައިފި މީހެއްގެ ކިބައިން އެކަންވަނީ ރައްދުކުރެވިގެންނެވެ.“

މި ޙަދީޘް البُخَارِيُّ އަދި مُسلِمٌ ރިވާކުރެއްވި އެވެ.

ﷲ އެކަންތައްތައް ކަނޑައަޅާފައި ނުވާ، ދީނުގައި ޝަރުޢުކޮށްފައި ނުވާ ކަންތައްތަކެއް ދީނަށް ގެނެސްގަތުމެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. ( عَلَيْكُمْ بِسُنَّتِي وَسُنَّةِ الخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ مِنْ بَعْدِي ، تَمَسَّكُوا بِهَا وَعَضُّوا عَلَيْهاَ بِالنَّوَاجِذِ ، وَإَيَّاكُمْ وَمُحْدَثَات الْأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلَالَةٌ )

”ތިޔަބައިމީހުންގެ މައްޗަށްވަނީ ތިމަން ނަބިއްޔާގެ ސުންނަތެވެ. އަދި ތިމަން ނަބިއްޔާއަށް ފަހު ހިދާޔަތްލިބިގެންވާ ޚުލަފާއުއް ރާޝިދީންގެ ސުންނަތެވެ. އޭގައި ހިފަހައްޓާށެވެ. އަދި ކޮލުދަތްތަކުން އޭގައި ބާރަށް ހިފަހައްޓާށެވެ. އަދި ދީނަށް އަލަށް ގެނެވޭ އެންމެހައި ކަންތައްތަކުގެ މައްޗަށް ތިމަން ނަބިއްޔާ ތިޔަބައި މީހުންނަށް އިންޒާރު ދެމެވެ.

ފަހެ، ހަމަކަށަވަރުން ކޮންމެ އައުކަމަކީ އެއީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.“

رواه أحمد އަދި أبوداود އަދި ابن ماجه މިއީ މަޝްހޫރު ޞައްޙަ ޙަދީޘެކެވެ.

ނަމާދު ކުރަން ފެށުމުގެ ކުރިން ކިޔުމަށް ވާރިދުވެގެންވާ، ސަފުތައް އެއްވަރު ކުރުމާއި ސަފުތައް ބަދަހި ކަމާއެކު ހެދުމަށް އިމާމް ގޮވާލުމާއި، ހުސްޖާގަ ނުދީ ކައިރި ކައިރީގައި ތިބުމަށް ގޮވާލުން އެއީ ސުންނަތުގައި ވާރިދުވެގެންވާ ޢަމަލެކެވެ.

އަދި އެއީ ދީނުގައި އެކަމަށް ނުހަނު ބާރު އަޅާފައިވާ ޢަމަލެއް ކަމުގައިވެސް ވެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts