މަރުވެފައިވާ މީހަކަށް ޤުރުއާން ކިޔަވައި ޘަވާބު ދެވިދާނެތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ސުވާލަށް ޖަވާބު ލިބިގަތުމުގެ ކުރިން ޢިލްމު ލިބިގަންނަން އަދި އޮޅުން ފިލައި ދިއުމަށް މުހިންމު ވެގެންވާ ނުކުތާއެއްވެ އެވެ.
ފުރަތަމައީ : އެއީ، އަޅުކަމުގެ އަޞްލަކީ އެމީހެއްގެ އަމިއްލަ ނަފްސުން އެ އަޅުކަމެއް އަދާ ކުރުމުގެ މައްޗަށް ކަނޑައެޅިފައިވާ ކަމެއް ކަމުގައި ދެކުމެވެ. ހަމައެކަނި ޝަރީޢަތުގައި ބަދަލުގައި ކޮށްދެވޭނެ ކަމަށް އިސްތިސްނާވެގެންވާ ކަންތައްތައް ފިޔަވަ އެވެ؟
އެއީ ﷲ އެފަދައިން ވަޙީ ކުރައްވާފައިވުމެވެ. (وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَىٰ) މާނައީ : އަދި އިންސާނަކަށް އޭނާ ކުޅަ ޢަމަލެއްގެ ޖަޒާ މެނުވީ ނުވެ އެވެ.“ އެހެންވުމުން ބަޔާންވެގެންދަނީ ކޮންމެ އިންސާނަކަށްވެސް އޭނާ ދިރިހުރި ހިނދުގައި ކުޅަ ޢަމަލެއް މެނުވީ ނުވާކަމެވެ.
ދަންނަހުއްޓެވެ. ޝަރުޢީ ދަލީލުން މެނުވީ އެހިނދު އެއްވެސް ޢަމަލެއް ކުރުމުން ޘަވާބު ލިބޭނެ ކަމުގައި ނުބުނެވޭނެ އެވެ. އަދި ޘާބިތު ކުރާނީވެސް ޝަރުޢީ ދަލީލުންނެވެ. ސުންނަތުގެ އަހުލުވެރިން އެހިނދު ޤަބޫލުކުރަނީ ޞައްޙަ ދަލީލެއް ބަޔާންވެގެން މެނުވީ ޢަމަލެއް ކުރެވޭނެ ކަމަށް ނުބުނެވޭނެ އެވެ. މިނުކުތާ ވިސްނިއްޖެހިނދު އެއީ ވަރަށްބޮޑުވެގެންވާ ފައިދާއެއް ޙާޞިލްވީ އެވެ.
ވުމުން، އެއްވެސް މީހަކަށް އެމީހަކު ކޮށްފައިވާ ޢަމަލެއް މެނުވީ ނުލިބޭނެކަން ދަންނަ ޖެހެ އެވެ. އަދި ޢަމަލު ކުރުމުގެ އަޞްލަކީ އެމީހެއްގެ އަމިއްލަ ނަފްސުގެ މައްޗަށް އެ ޢަމަލެއް އަދާ ކުރުން ކަމުގައި ދަންނަންޖެހެ އެވެ.
ދެވަނައީ : ޝަރީޢަތުގައި އެހެން މީހަކަށް އަނެކާގެ މައްޗަށް ބަދަލުގައި ކޮށްދޭވެނެ އަދި ކޮށްދިނުން ހުއްދަ ކުރައްވާފައިވާ އަޅުކަންތައްވެ އެވެ. އެފަދަ މިޘާލަކީ، نبي صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (إذا مات الإنسان انقطع عمله إلا من ثلاثة إلا من صدقة جارية أو علم ينتفع به أو ولد صالح يدعو له) ”އިންސާނާ މަރުވުމަށްފަހު، ތިން ކަމަކުން މެނުވީ އޭނާގެ އެންމެހައި ޢަމަލުތަކެއް މެދުކެނޑިގެންދެ އެވެ. ދެމިހުންނާނެ ގޮތުގައި ދޫކޮށްފައިވާ ޞަދަޤާތެކެވެ. ނުވަތަ ދޫކޮށްފައިވާ ފައިދާކުރާނެ ޢިލްމެވެ. ނުވަތަ ޞާލިޙް ދަރިއެއް އޭނާއަށްޓަކައި ދުޢާކޮށްދިނުމެވެ.“ صحيح مسلم 1631 ގެ މި ޙަދީޘް އިން
1. ދުޢާކޮށްދިނުން
2. މައްޔިތާގެ ނަމުގައި ޞަދަޤާތް ދިނުން
3. ޢިލްމު ފޯރުކޮށްދިފައިވެ އެއިން މިސްތަކުން މަންފާ ހޯދުމެވެ.
މި ނޫން ޙަދީޘްތަކަށް ބަލާއިރު ޢުމުރާ ކޮށްދިނުމާއި، ހައްޖު ކޮށްދިނުން ވެސް ޘާބިތުވެގެންވެ އެވެ. މި މައުޟޫގައި الإمام ابن رجب الحنبلي رحمه الله ވިދާޅުވެފައިވެ އެވެ. ”މަރުވުމަށްފަހު، މައްޔިތާއަށް އޭނާގެ އަހުލުވެރިންގެ ފަރާތުން އަދި އެހެން ބައެއްގެ ފަރާތުންވެސް އެއްވެސް ފައިދާއެއް ނުކުރާނެ އެވެ. ހަމައެކަނި ފައިދާކޮށްދެވޭނީ އިސްތިޣްފާރު ކޮށްދީގެންނާއި ދުޢާކޮށްދިނުމުން އަދި ރަޙްމަތްލެއްވުން އެދި ﷲ އަށް ދުޢާކޮށްގެންނެވެ. ނުވަތަ މައްޔިތާއަށްޓަކައި ޞަދަޤާތް ހޭދަކުރުމުންނެވެ.“ فضل علم السلف 108
މިފަދައިން ބަދަލުގައި ކޮށްދޭވެނެ ކަންތައްތައް ގޮތުގައި ޝަރީޢަތުގައި ކަމެއް ކަނޑައެޅިއްޖެހިނދު އެފަދައިން އަހަރުމެން ބުނަމެވެ. އެހެން ނޫންނަމަ، އެކަމެއް ކުރުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫނެވެ.
ތިންވަނައީ : އެހެން މީހެއްގެ މައްޗަށް ޘަވާބަށް އެދި ޤުރުއާން ކިޔެވުމާއި މެދުގައި ބުނަމެވެ. ދިރި ހުރި މީހަކަށް ޘަވާބާއި އަޖުރު ހޯދައި ދިނުމުގެ ނިޔަތުގައި ނުވަތަ މަރުވެފައިވާ މީހަކަށް އަޖުރާއި ޘަވާބު ހޯދައި ދިނުމުގެ ނިޔަތުގައިވެސް ޤުރުއާން ކިޔެވުން ހުއްދައެއް ނޫނެވެ.
އަޚާ އެވެ! ދިރިހުރި މަންމަ، މެންދުރު ނަމާދު އެ މަންމަ ނުކޮށް، ދަރިފުޅަށް މަންމައަށްޓަކައި މެންދުރު ނަމާދު ކޮށްދެވޭނެ ހެއްޔެވެ؟ މަންމަ ރޯދަ ނުހިފައި ބަހައްޓައި، ދަރިފުޅު މަންމަގެ ބަދަލުގައި ރަމަޟާން މަހުގައި ރޯދަހައިފައި މަންމައަށް ޘަވާބު ދެވޭނެ ހެއްޔެވެ؟ މިއީ އެއްވެސް ފަރާތަކުން ބުނާނެ ބަސްތަކެއް ނޫނެވެ.
ދިރިހުރި އަދި މަރުވެފައިވާ ފަރާތަކަށް ޘަވާބު ހޯދައިދިނުމަށް އެދި ޤުރުއާން ކިޔެވުން އެފަދަ އެވެ. ސަބަބަކީ، މިކަމަށް އެއްވެސް ދަލީލެއް ވާރިދުވެގެން ނުވުމެވެ. ވިސްނާލުން ހުއްޓެވެ! ﷲ ގެ ނަބިއްޔާ صلى الله عليه وسلم ދުނިޔެމަތީގައި ހޭދަ ކުރެއްވި ޙަޔާތްފުޅުގައި ދުނިޔެ ދޫކުރެއްވި ކިތައް ފަރާތްތަކާއި ބައްދަލުވެވަޑައިގެންފައި ވާނެ ހެއްޔެވެ؟ ދުނިޔެ ދޫކުރެއްވި ފަރާތްތަކުގެ ޢާއިލާ ބޭފުޅުންނާ ބައްދަލުވަޑައިގަންނަވާނެ ތޯ އެވެ؟ އެކަން އެގޮތުގައި އޮތްހިނދު، އެ ފަރާތްތަކަށް ޘަވާބާއި ދަރުމަ އަދި އަޖުރު ލިބިދޭނެ މަގެއް ގޮތުގައި ގުރުއާން ކިޔެވުން އޮތްނަމަ، ނަބިއްޔާ صلى الله عليه وسلم އެ ބޭކަލުންނަށް އެފަދައިން ދީން އުނގަންނަވައި ދެއްވީ ހެވެ.
އަދި ޞަޙާބީން އެއް ބޭކަލަކު އަނެއް ބޭކަލަލަށް އެކަން ކުރެއްވީ ހެވެ.
އެހެނަސް މިއީ ޝަރީޢަތުގައި ނެތް ކަމެވެ. ޝަރީޢަތުގައި ވާރިދުވެގެން ނުވާ ކަމެކެވެ. މިކަން ކުރުމަށް ބުނެވޭނެ އެއްވެސް ދަލީލެއް ހުއްޖަތެއް ނުވެ އެވެ. އަދި އޭގެ ބަދަލުގައި އެއީ ނުކުރެވޭނެ ކަމެއް ކަމާއި ހުއްދަވެގެން ނުވާ ޢަމަލެއް ކަމުގައި ބަޔާންވެގެންވާ އެތައް ގޮތްތަކެއް ބަޔާންވެގެންވެ އެވެ. العلامة الشيخ صَالح الفَوزَان حفظه الله ވިދާޅުވެފައިވެ އެވެ.“ޤުރުއާން ކިޔަވައި އޭގެ އަޖުރު މަރުވެފައިވާ މައްޔިތާއަށް ދިނުން، މިއީ އެކަމަށް އެއްވެސް ދަލީލެއް އޮތް ކަމެއް ނޫނެވެ.“
މިފަދަ އެންމެހައި ޢަމަލު ތަކަކީ ބިދުޢަތަކެވެ. މުސްލިމުން ކޮށްގެންވާނެ ޢަމަލުތަކެއް ނޫނެވެ. މިއީ އޭގެ ސަބަބުން މައްޔިތާއަށް ކުޑަވެސް ހެޔޮކަމެއް ލިބޭނެ ކަންތައްތަކެއް ނޫނެވެ.
މިފަދަ އެންމެހައި ޢަމަލުތަކުގެ މައްޗަށް މުސްލިމުން ސަމާލުވުމަށާއި، އެފަދަ ޢަމަލުތަކުން ދުރުވުމާއި، އެއްކިބާވުމަށް އުއްމަތުގެ ބޮޑެތި ޢިލްމުވެރިން ނަޞޭޙަތްތެރިވެފައިވެ އެވެ. މިއީ ވަލީވެރިއެއް އަދި އެހެން މީހެއްގެ ޙައްޤުގައިވެސް ކުރެވޭނެ ކަންތައްތަކެއް ނޫނެވެ. ފަހެ، މުސްލިމުންނަށް ވާޖިބުވެގެންވަނީ މިފަދަ އެންމެހައި ޢަމަލުތަކުން އެއްކިބާ ވުމެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.