ރަމަޟާން މަހަށް އިސްތިޤްބާލު ކުރުން
بسم الله الرحمن الرحيم
الحمد لله و الصلاة و السلام على رسول الله و على آله وصحبه ومن والاه : أما بعد :
އެންމެހައި މުސްލިމު އަޚުންނޭވެ! ޒިޔާރަތް ކުރާ މެހެމާނެކެވެ. ނުހަނު ޤަދަރުވެރި އަދި މަތިވެރިކަން ދެވިގެންވާ ފަރާތެއްގެ ގޮތުގައިވެ ޒިޔާރަތް ކުރާ ފަރާތެކެވެ. އެ މެހުމާނު ޒިޔާރަތްކޮށް ބައްދަލު ކުރަނީ އަހަރަކު 1 ފަހަރުގަ އެވެ.
ވުމުން، އެތައް މާތް މަތިވެރި ސިފަތަކެއް ލިބިގެންވާ ގޮތުގައިވާ މި މެހުމާނު ޒިޔާރަތް ކުރާތީވެ، އެކަމާއި އުފާކޮށް، އުފާވެރި ކަމުގެ ޚަބަރު ލިބިގަތުން ޙައްޤުވެގެން ނުވޭތޯ އެވެ؟
މުސްލިމު އަޚުންނޭވެ! އެއީ ރަމަޟާން މައްސަރެވެ. އެއީ އެ މެހުމާނެއް ބައްދަލުކުރާތީ، މާތް ނަބިއްޔާ صلى الله عليه وسلم އަޞްޙާބުބޭކަލުންނަށް އެކަމުގެ އުފާވެރި ޚަބަރު ދެއްވަވަ އެވެ. صحيح سنن النسائي ގައި ވާރިދުވެގެންވާ ޙަދީޘްގައިވެ އެވެ. (أتاكم رمضانُ، شهرٌ مبارك، فرَضَ الله – عز وجل – عليكم صيامه، تُفتح فيه أبواب السماء، وتُغلق فيه أبواب الجحيم، وتُغَلُّ فيه مَرَدة الشياطين، لله فيه ليلةٌ هي خيرٌ من ألف شهر، من حُرِمَ خيرها فقد حُرم) ”ތިޔަބައިމީހުންގެ ގާތަށް ރަމަޟާން މަސް އަތުވެއްޖެ އެވެ. އެއީ ބަރަކާތްތެރި މައްސަރެކެވެ. އެ މައްސަރުގައި ﷲ – عز وجل ވަނީ ތިޔަބައިމީހުންގެ މައްޗަށް ރޯދަ ފަރުޟު ކުރައްވާފަ އެވެ. އެމައްސަރުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެ އެވެ. އަދި ނަރަކައިގެ ދޮރުތައް ލެއްޕެވެ އެވެ. އަދި ޝައިޠާނުންގެ މަރަދަތައް ކަސްތޮޅު އެޅުވެ އެވެ. އެ މައްސަރުގައި އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެ އެއް ﷲ ލައްވާފައިވެ އެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމްވެއްޖެ މީހާއަކީ ހަމަކަށަވަރުން އެންމެހައި ހެޔޮކަމަކުން މަޙްރޫމް ވެއްޖެ މީހެކެވެ.“
ރަމަޟާން މައްސަރާއި ބައްދަލުކުރި ފަރާތްތަކަށް އުފާވެރި ކަމުގެ ޚަބަރު ހުއްޓެވެ. އެ މީހަކާ ރަމަޟާން މައްސަރު ބައްދަލުވެއްޖެ މީހާއަށް ހުރި ހެވެއްގެ ބޮޑުކަމާ އެވެ.
އިމާމް الحَافِظ ابن رجب -رحمه الله- ވިދާޅުވެފައިވެ އެވެ. ”ސުވަރު ގޭގެ ދޮރުކޮޅުތައް ހުޅުވެދިއުމުން އެކަމަށް މުއުމިނު އަޅާ އުފާ ނުކުރާނީ ކިހިނަކުން ހެއްޔެވެ؟ ފާފަތަކަށް އަރައިގަތުމުގައިވާ އަޅާ ނަރަކައިގެ ދޮރުތައް ލެއްޕިފައިވުމަށްޓަކައި އެކަމާ އުފާނުކުރާނީ ކިހިނަކުން ހެއްޔެވެ؟ އެ ވަޤުތެއްގައި ޝައިޠާނުން ކަސްތޮޅު އެޅުވޭ ވަޤުތާއި ބައްދަލުވުމުން ބުއްދިވެރިޔާ އުފާ ނުކުރާނީ ކިހިނަކުން ހެއްޔެވެ؟ މިފަދަ ޒަމާނަކާއި އެއްފަދަ އެހެން ޒަމާނެއް ކޮބައިތޯ އެވެ؟“
ޝައްކެތްވެސް ނެތެވެ. މުއުމިނު އަޅާގެ ދުލުން މި އުފަލާއި ހިތްހަމަޖެހުމާއި އަދި ލިބިފައިވާ މި ނިޢުމަތުގެ ވާހަކަ ދައްކާނެ އެވެ. އޭނާގެ އެކުވެރިންނާއި އަޞްޙާބުންނަށް ބަޔާން ކުރާނެ އެވެ. އޭނާއަށް ލިބުނު މި ނިޢުމަތުގެ ބޮޑުކަމާއި އޭގެ އަގުބޮޑުކަން ފާޅުކޮށް އޭނާގެ އަޚުންނަށް އެކަމުގައި އެ އުފަލުގައި ބައިވެރި ކުރާނެ އެވެ.
ލޯބިވާ މުސްލިމު އަޚުންނޭވެ! އުއްމަތުގެ ސަލަފުއް ޞާލިޙުންވަނީ މި މެހެމާނު، މި ރަމަޟާން މަހުގެ އަގު ވަޒަން ކުރައްވާފަ އެވެ. ގަދަފަދަ ކެތްތެރި ކަމާއި، އަދި ރަމަޟާން މައްސަރަށްޓަކައި އެބޭކަލުން ދިގު އިންތިޒާރު ކުރެ އެވެ.
مُعَلَّى بن الفضل -رحمه الله- ވިދާޅުވެފައިވެ އެވެ. ”6 މަސްދުވަސް ވަންދެން އެބޭކަލުން ރަމަޟާން މައްސަރާއި ބައްދަލުވެދިއުމަށް އެދި ﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވަ އެވެ. އަދި އެ މައްސަރުގެ އަޅުކަން ޤަބޫލުވޮޑިގެންނެވުން އެދި އެބޭކަލުން 6 މަސްދުވަހު ދުޢާ ދަންނަވަ އެވެ.
މުސްލިމު އަޚުންނޭވެ! ނަފްސުތަކަށް މި ބައްދަލު ކުރާ ނިޢުމަތުގެ އަގު ކޮށްލުން ހުއްޓެވެ. ނިޢުމަތުގެ ބޮޑުކަން ވިސްނުމަށް ގެނައުން ހުއްޓެވެ.
الحَافِظ ابن رَجب -رحمه الله- ވިދާޅުވެފައިވެ އެވެ. ”ރަމަޟާން މައްސަރާއި ބައްދަލުވުން އަދި އެ މައްސަރުގައި ރޯދަ ހިފުމުގެ ކުޅަދާނަކަން ލިބިއްޖެއަޅަކަށް ބޮޑުވެގެންވާ ނިޢުމަތެކެވެ. އެކަމަށް ދަލީލު ކޮށްދެނީ، ތިން މީހެއްގެ ތެރެއިން 2 މީހަކު ޝަހީދުވެ އަދި އެކަކު މަރުވެދިޔަ ޙަދީޘްއިންނެވެ. 3ވަނަ މީހާ ދުނިޔެ ދޫކުރީ އޭނާގެ ގެދޮރުގައި ރަށުގަ އެވެ. އަދި ހުވަފެނުގައި ކުރިން ޝަހީދުވި ދެމީހުންނަށްވުރެ ކުރިއަރައި ދިޔަކަން ހުވަފެނުގައި ފެނުނެވެ.
ފަހެ، އެހިނދު (އެ ޚަބަރު) ރަސޫލާ ﷺ ބަޔާންކޮށްދެވުނުހިނދު، ޙަދީޘްފުޅު ކުރެއްވި އެވެ. (أليس صلى بعدهما كذا وكذا صلاةً، وأدرك رمضان فصامه؟ فوالذي نفسي بيده، إن بينهما لأبعدَ مما بين السماء والأرض) ”އެ ދެމީހުންގެ އިތުރަށް އޭނާ މިވެނި އެވެނި ޢަދަދަކަށް ނަމާދު ނުކުރޭ ހެއްޔެވެ؟ އިތުރު ރަމަޟާން މަހެއް ބައްދަލުވެ ރޯދަ ނުހިފާ ހެއްޔެވެ؟ ފަހެ، ތިމަން ނަބިއްޔާގެ ފުރާނަ އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ޤަންދީ ބުނަމެވެ. އެ -ދެމީހުންނާ- އޭނާއާ ދެމެދު އުޑާއި ބިމާ ދެމެދު ވާހައި ދުރުމިންވެ އެވެ.“ މި ޙަދީޘް صحيح سنن ابن ماجه ވާރިދުވެގެންވެ އެވެ.
މުސްލިމު އަޚުންނޭވެ! މިފަދަ ބޮޑުވެގެންވާ ކުރި އެރުމަކުން ކުރިއަރައިދިޔަ ރަމަޟާން މަސް މިވަނި އަހަރުމެންނާ ބައްދަލު ކުރުމުގަ އެވެ. ولله الحمد.
ވިސްނާލުން ހުއްޓެވެ! މި ނިޢުމަތުން މަޙްރޫމުވާހުށީ ކޮންފަދަ ބޮޑު ބަދުނަޞީބުވެ އަބާއްޖަވެރިއެއްތޯ އެވެ؟
މުސްލިމު އަޚުންނޭވެ! ﷲ ދެއްވާ ފަޟުލުވަންތަވެރި ކަމާއި އެ އިލާހު އަހަރެމެންގެ އަތްމައްޗަށް ގެންނަވާ ނިޢުމަތްތަކަށް އަހަރެމެން އުފާކުރުން ހައްޤެވެ.
ﷲ ވަޙީ ކުރެއްވި އެވެ. ﴿ قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِمَّا يَجْمَعُونَ ﴾ [يونس: 58] “ ނަބިއްޔާ ވިދާޅުވާށެވެ. ﷲގެ ފަޟުލުވަންތަކަމާއި، އެކަލާނގެ ރަޙްމަތަށްޓަކައި ފަހެ، އެބައިމީހުން އުފާކުރާހުށި ކަމެވެ. އެބައިމީހުން ދުނިޔެމަތީގައި އެއްކުރާ ތަކެއްޗަށްވުރެ އެކަން ހެޔޮކަން ބޮޑުވެގެންވެ އެވެ.“
އެއީ ޙައްޤު އުފާކުރުމެވެ. ފަހެ، މި ބައްދަލު ކުރާ ރަމަޟާން މަހުގެ ނިޢުމަތުގެ ބޮޑުކަމަކީ މިއީ ސުވަރުގެއަށް ދެވޭނެ ކަމުގެ އުފާވެރި ޚަބަރު ބަޔާންވެގެންވާ ނިޢުމަތެކެވެ.
އަޚުންނަށް މި ނިޢުމަތުގެ އަގު ކުރެވޭހިނދު އަދި މި ބޮޑުވެގެންވާ މާތް މަތިވެރި ފުރުސަތާއި ބައްދަލުވާ މެހެމާނުގެ މަތިވެރިކަމާއި މާތްކަން ވިސްނިއްޖެހިނދު ދަންނަ އެވެ. ހެޔޮ ޢަމަލުތަކުގައި ކުރިއަރައި ދިއުމަށް ޢަޒުމު ކަނޑައެޅުން ހުއްޓެވެ. ފާފަތަކާއި ކުށްތަކުން އެއްކިބާވެ ވަކިވުމަށް ގަދަފަދަ ޢަޒުމެއް ގެންނަ ހުއްޓެވެ. އެތައް ގުނަތަކަށް ޘަވާބާއި ދަރުމަ އުފުލިދާ މި ދުވަސްތަކުގެ ހެޔޮކަން ހޯދުމަށް ތައްޔާރުވާށެވެ. އަޅުކަންތައް ﷲ އަށް ކުއްތަން ކުރުމުގައި އިޚްލާޞްތެރިކަން އިތުރުކުރާށެވެ.
ލޯބިވާ މުސްލިމު އަޚުންނޭވެ! ކިތައް ނަފްސު މި މައްސަރާއި ބައްދަލުކޮށް އެހެނަސް ރޯދައަށް ހުރުމުގެ ފުރުސަތުން އެއްކިބާވެފައިވޭ ހެއްޔެވެ؟ ބަލި ޙާލަތެވެ. ދިމާވެފައިވާ ޞިއްހަތުގެ ބަލިކަމެވެ.
އެހެނަސް ﷲ ތިޔަ ފަރާތްތަކަށް މި ނިޢުމަތް ފަސޭހަ ކަމާއެކު ގެނެސްފައި މިވަނީ ކޮންފަދަ ހެޔޮ ޞިއްޙަތާއި ޢާފިޔަތުގައި ތޯ އެވެ؟
މި ދުވަހާއި ބައްދަލުކޮށް، ފާއިތުވެދިޔަ ރަމަޟާން މަހަށްވުރެ ހެޔޮ ރަނގަޅު ގޮތުގައި ވޭތި ކުރުމުގެ ޢަޒުމުގައިވަނިކޮށް ދުނިޔެ ދޫކުރި ކިތައް ނަފްސުވޭ ހެއްޔެވެ؟
ދުނިޔޭގެ އާބާދީން ކޮންމެ ގަޑިއަކު 3600 މީހުން ދުނިޔެ ދޫކޮށްދާހިނދު، އަހަރެމެން މިދުވަސްތަކާއި މި ބައްދަލު ކުރަނީ އަދިވެސް ދިރިތިބި ޞިއްޙަތު ސަލާމަތުންވާ ނަފްސުތަކެއްގެ ގޮތުގައި ނޫން ހެއްޔެވެ؟
އަޚާ އެވެ! އެކުވެރިންނޭވެ! މިއީ އަހަރެމެންނަށް ލިބިފައިވާ ރަނުގެ، ޖަވާހިރުގެ ފުރުސަތެކެވެ. ކޮންފަދަ އުފާވެރި ޚަބަރެއް ހެއްޔެވެ؟ ޙަދީޘް ކުރެއްވި އެވެ. (فتِّحت أبواب الجنة، وغلقت أبواب النار، وصفدت الشياطين))؛ متفق عليه ”ސުވަރުގޭގެ އެންމެހައި ދޮރުކޮޅުތަކެއް ހުޅުވިގެންދެ އެވެ. އަދި ނަރަކައިގެ ދޮރުތައް ލެއްޕެވެ އެވެ. އަދި ޝައިޠާނުންތައް ކަސްތޮޅު އެޅުވެ އެވެ.“
މުސްލިމު އަޚުންނޭވެ! ނަފްސަށް ހެޔޮއެދޭ އަހުލުވެރިންގެ ގޮތުގައިވާ ފަރާތްތަކެވެ.
މި ދުވަސްތަކުގެ ފައިދާ ލިބިގަންނާށެވެ! އާޚިރަތުގެ ގޮވައްޗަށް ދިއުމަށްޓަކައިވާ މި ދުވަސްތަކުގައި އެދެވޭނެ ނަފްސު ”ހިތްހަމަޖެހޭވަރަށް މަސައްކަތް ކުރެވިއްޖެ“ ކަމުގައި ދެކޭނެ މިންވަރަށްވުރެންވެސް ގިނަ ޢަމަލުތަކެއް ކޮށް އިސްވެ ކުރިއަރައި ދިއުމަށް ހިތްވަރުގަދަ ޢަޒުމެއް ގެންނާށެވެ.
ﷲ ތަޢާލާ އެންމެހައި އަޚުންނަށް މި ޢަމަލުތަކަށް ތަޥްފީޤު ދެއްވާށި އެވެ.
و آخر دعوانا الحمد لله رب العالمين
އަޚުންދެކެ ލޯބިވާ الفقير إلى عفو ربه : -އުސްތާޛް-