އިސްލާމް ދީނުގައި ދުވަސްފެށެނީ ކޮން ވަޤުތެއްގައިތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

އިސްލާމް ދީނުގައި ދުވަސްފެއްޓެނީ ކޮން ވަޤުތެއްކަމާއި މެދުގައި ކޮށްފައިވާ ސުވާލުގައި ބުނަމެވެ. ޢިލްމުވެރިންގެ ބަސްފުޅުން މިކަމުގައި ބަޔާންވެގެންވަނީ ދުވަހެއް ނިމި އަނެއް ދުވަހަށް ފެއްޓެނީ އެ ދުވަހެއްގެ އިރު އޮއްސުމާ އެކުގަ އެވެ. ސަބަބަކީ ޝަރުޢީ ޙުކުމްތައް އެ ގޮތުގެ މައްޗަށް ބިނާވެގެންވުމެވެ.

މިކަމުގެ މިޘާލުތަކުގެ ތަކުގެ ތެރޭގައި :

ހިޖުރީ މައްސަރުގެ ފެށުން ކަނޑައެޅެނީ ރޭގަނޑު އިރު އޮއްސުމާ އެކުގަ އެވެ.

ޝަޢުބާން މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމުން ހަނދު ފެނިއްޖެހިނދު، އެ ރޭގައި ތަރާވީޙް ކުރުމެވެ. މާނައަކީ އެހިނދު ރަމަޟާން މައްސަރު ވަދެފައިވުމެވެ. އެހެނީ ތަރާވީޙް ނަމާދަކީ ރަމަޟާން މަހުގެ އަޅުކަމެކެވެ.

އަދި މި ޙުކުމުން ލިބޭ އަނެއް ފައިދާއަކީ، އިސްލާމް ދީނުގައި އެ ދުވަހެއްގެ ރޭގަނޑުވަނީ ދުވާލަށްވުރެ ކުރީގަ އެވެ. ސަބަބަކީ ހަނދުފެނުމުން އެންމެ ދުވަހެއްގައިވެސް އަދި ރޯދައަށް ނުތިބެ ތަރާވީޙް ނަމާދު ކޮށްފައިވާ ކަމެވެ.

ހަމައެފަދަ މިޘާލަކީ، ރަމަޟާން މަހުގެ އެންމެ ފަހު ދުވަހު އިރު އޮއްސުމާއެކު، ފިޠުރު ޢީދު ބައްދަލު ވުމެވެ. އެގޮތުން ޢީދު ތަކްބީރު ކިޔުން މުސްޠަހައްބުވެގެންވާ ވަޤުތުފެއްޓެވެ. ވުމުން، ދުވަސް ބަދަލުވުން ވަނީ އިރު އޮއްސުމާ އެކުގަ އެވެ.

ފަހެ، ދުވަސް ބަދަލުވަނި ރޭގަނޑު 12 ޖެހުމުން ކަމުގައި ވަނީ މުސްލިމުން ނޫން މިއްލަތްތައް ކަމުގައިވާ ޔަހޫދީންނާއި ނަޞާރާއިންފަދަ މިއްލަތްތަކަށެވެ.

ދެންއޮތީ ދުވަހުގެ ދުވާލުގެ ވަޤުތު ފެއްޓެނީ ކޮންވަޤުތެއްގައި ކަމާއި މެދުގަ އެވެ. އެކަމުގައިވަނީ ފަޖުރުއް ޞާދިޤުގެ އަލިކަން ފާޅުވުމެވެ. އެއި ދުވާލުގެ ވަޤުތު ފެށުމެވެ. އަދި ދުވާލުގެ ވަޤުތުނިމި ރޭގަނޑު ފެއްޓެނީ އިރު އޮއްސުމާއެކުގަ އެވެ. ﷲ ވަޙީކުރެއްވި އެވެ. (وَكُلُوا وَاشْرَبُوا حَتَّى يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الْأَسْوَدِ مِنَ الْفَجْرِ ثُمَّ أَتِمُّوا الصِّيَامَ إِلَى اللَّيْلِ} [سورة البقرة 187] ”އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ފަޖުރުގެ ސަބަބުން ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ފަތިހުގެ އަލިކަން ފާޅުވެ އެނގިއްޖައުމަށް ދާނދެނެވެ. ދެން އެއަށްފަހު، ރޭވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ރޯދަ ފުރިހަމަ ކުރާށެވެ!“

ރޯދައަކީ ދުވާލުގެ ވަޤުތުގައި ކުރެވޭ އަޅުކަމެކެވެ. ވުމުން ރޯދަ ހިފުމުގެ ވަޤުތު ފެއްޓެނީ ފަޖުރުއް ޞާދިޤުގެ އަލިކަން ފެއްޓޭ ވަޤުތުން ފަށައިގެން އިރު އޮއްސުމުގެ ވަޤުތު ވަނުމަށް ދާންދެނެވެ. އަދިވެސް ދުވާލުގެ ވަޤުތު ފެށެނީ ފަޖުރުއް ޞާދިޤުގެ އަލިކަން ފާޅުވުމުން ކަމުގައި ބަޔާންވެގެންވާ ދަލީލުތަކުގ ތެރޭގައި ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްފުޅުވެ އެވެ. «إن بلالا يؤذن بليل، فكلوا واشربوا حتى يؤذن ابن أم مكتوم» ”ހަމަކަށަވަރުން بلال ބަންގި ގޮވާކަން ކަށަވަރީ ރޭގަނޑުގަ އެވެ. ފަހެ، ތިޔަބައިމީހުން ابن أم مكتوم ބަންގި ގޮވަންދެން ކައިބޮއި ހަދާށެވެ.“

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم

Similar Posts