ޤަބުރުސްތާނުގައި ހެދިފައި ހުންނަ ގަސްގަހުގެ ފަތާއި ނުވަތަ މޭވާ ބޭނުން ކުރުން ހުއްދަވާނެތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ޤަބުރުސްތާނުގައި ހެދިފައި ހުންނަ ގަސްގަހުން މަންފާ ހޯދުން އެ ގޮތުން އެ ގަސްތަކުގެ ފަތާއި ނުވަތަ މޭވާ ބޭނުން ކުރުން ހުއްދަވާނެކަމާއި މެދުގައި ކޮށްފައިވާ ސުވާލުގައި ބުނަމެވެ.

ސުވާލުގައި 2 ބަޔަކަށް އަލިއަޅުވާލަން ޖެހެ އެވެ.

ފުރަތަމައީ : އެންމެހައި މުސްލިމުން ދަންނަންޖެހެ އެވެ. ޤަބުރުސްތާނަކީ އެތަނުގައި ވަޅުލެވިފައިވާ މައްޔިތުންގެ ގެދޮރެވެ. އެއީ ދިރިތިބީންގެ ގެދޮރެއް ނޫނެވެ. ވުމާއެކު އެތަން ރީތިކުރުމާއި އަދި ޒީނަތްތެރި ކުރުމާއި އޭގެ އިތުރަށް އެތަންތަށް ވައުޟާއި ނަޞޭޙަތް ލިބިގަތުމުގެ ބޭނުމުގައި ޒިޔާރަތް ކުރާ ފަރާތްތަކަށް އެ ޤަޞްދު ޙާޞިލް ނުވާނެފަދަ ގޮތްތަކަށް އެތަނުގައި ދިރިތިބީން ޢަމަލު ކުރުން ހުއްދައެއް ނުވާނެ އެވެ. މާނައަކީ : ދިރިތިބީން އެތަނަށް ޒިޔާރަތްކޮށް މަރު ހަނދާން ކުރުމަކީ ދީނުގައި ކަނޑައެޅިފައިވާ ސުންނަތެކެވެ. ޞަޙާބީ بريدة رضي الله عنه ގެ އަރިހުން ރިވާވެގެންވާ ޙަދީޘްގައިވެ އެވެ. ”ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވި އެވެ. ”كنت نهيتكم عن زيارة القبور فزوروها فإنها تذكركم الآخرة ”ޤަބުރުސްތާނަށް ޒިޔާރަތް ކުރުން ތިމަން ނަބިއްޔާ ތިޔަބައިމީހުންނަށް ނަހީ ކުރެއްވީމު އެވެ. ފަހެ، ތިޔަބައިމީހުން އެތަނަށް ޒިޔާރަތް ކުރާށެވެ. ހަމަކަށަވަރުން އެއީ އާޚިރަތް ހަނދާންކޮށްދޭނެ ކަމެކެވެ.“

ވުމުން، އެތަންތަނަނީ މާމެލާމެލި ހައްދައި ބަޤީޗާ ހައްދައިފައިވާ ތަނެއް ކަމުގައި ވުމުން މި މަޤްޞަދު ގެއްލޭނެ ކަމީ ޝައްކެތްވެސް އޮތް ކަމެއް ނޫނެވެ.

ވުމުން އެތަނުގައި ގަސްޖަހައި ގަސްހެއްދުމަކީ އެއްވެސް ޙާލެއްގައި ކޮށްގެންވާނެ ކަމެެއް ނޫނެވެ. އެތަންތަން ވާހުށީ އެތަންތަނުގެ އަޞްލު ހުރި ގޮތަށެވެ. އެބަހީ ޤަބުރުސްތާން ގޮތުގައިވެ، މީސްތަކުންނަށް ވަޢުޟާއި ނަޞޭޙަތް ލިބޭނެ ފަދަ ތަންތަނެއްގެ ގޮތުގައި ހެދުމެވެ.

ދެވަނައީ : އެތަނުގައި ބަޔަކު ގަސް ހެއްދީ އެވެ. ނުވަތަ އޭގެ ޛާތުގައި ގަސްފަޅައި ހެދުނީ އެވެ. ފަހެ، އެހިނދު އެފަދަ ގަސްތަކުން މީސްތަކުން މަންފާ ލިބިގަތުމުގައި މަނާކަމެއް ނެތެވެ. އެއީ ގަހުގެ ފަތް ނުވަތަ ގަހުގެ މޭވާ ކަމުގައިވީނަމަވެސްމެ އެވެ.

ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ عَبد العَزِيز بن عبد الله بن بَاز -رحمه الله- ވިދާޅުވެފައިވެ އެވެ. ”އެތަނުގައިވާ ގަހުގެ ބޭނުމުގައި ގަސް ކެނޑުމާއި އަދި އޭގައިވާ އެހެންނިހެން މަންފާ ހޯދުމުގައި މައްސަލައެއްނެތެވެ. އޭގައިވާ މޭވާ، މިޘާލަކަށް ކުންނާރު ފަދަ އެއްޗެހީގެ ބޭނުން ހިފިކަމުގައިވީނަމަވެސް މައްސަލައެއއްނެތެވެ. އަދި އެއީ އެއްވެސް މީހަކު މިލްކުވެރިކަމުގައި ނުވާ އެއްވެސް މީހެއްގެ ޙައްޤެއް ނޫން ކަމުގައިވެ އެއްޗެއް ކަމުގައިވާނަމަ އެ ގަސްތައް ކެނޑުމާއި އަދި އެއިން މަންފާ ހޯދުމުގައި މައްސަލައެއް ނެތެވެ. ….“

ނިންމާލުމުގެ ކުރީގައި ބަޔާން ކުރަމެވެ. މިފަދަ ތަންތަނަކީ އެތަން ބެލެހެއްްޓުން ރަށުގެ ކައުންސިލްތަކާއި ނުވަތަ އެފަދަ މުޥައްސާތަކާއި ޙަވާލު ކުރެވިފައިވާ ތަންތަން ކަމުގައިވެއްޖެހިނދު، އެކަމުގެ ވެރިފަރާތުން އިޛްނަ ނުހޯދައި ތަކެތީގެ މަންފާ ހޯދުމެއް ނުވެ އެވެ. އެ ގޮތުން އެތަންތަނުގައިވާ ގަހާއި އަދި އެތަކެތީގެ މިލްކުވެރި ފަރާތްތަކަކީ އެ މުވައްސަސާ ތަކުގެ ގޮތުގައި ވުމުން އެބައިމީހުންގެ ޢިޛުނަ ލިބިގެން މެނުވީ ޢާންމު ފަރުދުންތަކަށް އެކަމުގައި ހުއްދަ ނުވާނެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts