|

އަނބިމީހާއާއި ޖިމާޢުވުނުވެ ހުރެވޭނެ އެންމެ ދިގު މުއްދަތަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ޖިމާޢުވުން ދޫކޮށްލުމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.

ކައިވެނި ޢަޤުދުކުރުމަށްފަހުގައި، ހެޔޮވެގެންވާ ދިރިއުޅުމުގައި އުޅުމަށްޓަކައި، އަދި އެ އަޤުދަށް ރައްކާތެރި ވުމުގައި ދެމަފިރިން ދެމިތިބުން ލާޒިމްވެ ވާޖިބުވެ އެވެ. ﷲ ވަޙީ ކުރެއްވި އެވެ. (وَعَاشِرُوهُنَّ بِالْمَعْرُوفِ ) ”އަދި، ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ!“

މި ހެޔޮގޮތުގައި ދިރިއުޅުމަށްޓަކައި އެކަމަށް އޮތް އެންމެހައި މަގުތަކެއް އިޚްތިޔާރު ކުރުން ހުއްޓެވެ.

އެ ގުޅުމަށް އަދި ކައިވެންޏަށް ލޮޅުން އަރުވައި އަޘަރުކުރުވާނެ އެންމެހައި ކަންކަމަކުން ދުރުވުން އެއީ އެދެވިގެންވާ ގޮތަވެ.

العلامة ابن العربي المالكي -رحمه الله- ވިދާޅުވެފައިވެ އެވެ. ”އަންހެނުންނާ ކައިވެނި ޢަޤުދު ކުރުމާއެކު، ފިރިންނަށް ﷲ އަމުފުރުފުޅު ކުރައްވާފައިވަނީ، އެންމެ ފުރިހަމަ ގޮތުގައި އެކަނބަލުންނާއެކުގައި ދިރިއުޅުމަށާއި، ނަފްސަށާއި ލޮލަށް ފިނިކަން ގެނެސްދޭ ގޮތުގައި އުޅުމަށް އަމުރުފުޅު ކުރައްވާފައިވެ އެވެ.“ أحكام القرآن 2/363

العلامة الجصاص الحنفي – رحمه الله – ވިދާޅުވެފައިވެ އެވެ. ”އެކަނބަލުންނާ އެކުގައި ހެޔޮގޮތުގައި އުޅުމުގެ ތެރެއަށް، އަންހެން މީހާގެ ރަން، ޚަދަރު އަދި ރޭކުރުމުގައި ލިބެންޖެހޭ ޙައްޤު ދިނުން ހިމެނެ އެވެ. އަދި ހަރުކަށި، ގަދަފަދަ ބަސްބުނުން ދޫކޮށްލުންވެސް -ހެޔޮ ގޮތުގައި ދިރިއުޅުމުގެ ތެރޭގައި- ހިމެނިގެންވެ އެވެ.“ أحكام القرآن للجصاص 3/47

ޝައްކެތްވެސް ނެތެވެ. އަންހެން މީހާއަކީ، ނުކިޔަމަންތެރި އަންހެނެއް ކަމުގައި ނުވާހިނދު، އަންހެން މީހާ ޙާޖަތް ޖެހިފައިވާ މިންގަނޑުން، ފިރިން އެބައިމީހުންގެ އަނބިންނާ އެއްދާން، ޖިމާޢުވާން ޖެހެ އެވެ. އެއީ އަނެހެން މީހާއަށް ގެއްލުން ނުދިނުމަށްޓަކަ އެވެ.

الإمام شَيخ الإِسلام ابن تَيمية -رحمه الله ވިދާޅުވެފައިވެ އެވެ.”ހެޔޮ ގޮތުގައި އަނބިމީހާއާ ޖިމާޢުވުން ފިރިމީހާގެ މައްޗަށް ވާޖިބުވެގެންވެ އެވެ. އަދި މި ޙައްޤަކީ އަނބިމީހާއަށް ކާންބޯން ދިނުމުގެ ޙައްޤަށްވުރެ ފިރިމީހާގެ މައްޗަށް އަންހެން މީހާއަށް އަދާކުރުމަށް ގަދަވެގެންވާ ހައްޤެއް ކަމުގައިވެ އެވެ. އަނބިމީހާއާ އެއްދާން ކުރުމަކީ ވާޖިބެކެވެ. ބުނެވެ އެވެ. ކޮންމެ ހަތަރު މަހުން އެއްފަހަރު ވާޖިބުވެގެންވެ އެވެ. އަދިވެސް ބުނަވެ އެވެ. އަންހެން މީހާ (އެދޭ މިންގަނޑުން) ޙާޖަތާއި އަދި ކުޅަދާނަވުމުގެ މިންވަރުންނެވެ. އެއީ އަންހެން މީހާއަށް ޙާޖަތް ޖެހިފައިވާ އަދި (ފިރިމީހާއަށް) ކުޅަދާނަ މިންވަރުން ކަންބޯން ދިނުން ފަދައިންނެވެ. މިއީ ދެ ބަސްފުޅުގެ ތެރެއިން އެންމެ ޞައްޙަ ގޮތެވެ.“ مجموع الفتاوى 32 / 271

ދީނުގައި ޚާއްޞަ ދަލީލެއް ގޮތުގައި ޖިމާޢުވުން އެންމެ ގިނަ މުއްދަތަށް ދޫކޮށްލެވޭނެ ކަމުގައި ޙައްދެއް ކަނޑައަޅާފައި ނެތެވެ.

އެހެނަސް ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތަކީ އަނބިމީހާއަށް އެކަމަށް ޙާޖަތްޖެހިފައިވާ މިންގަނޑުން އަނބިމީހާއާ ޖިމާޢުވުން ފިރިމީހާގެ މައްޗަށް ވާޖިބުވެގެން ވުމެވެ. އިސްވެ ބަޔާން ކޮށްފައިވާ ބަސްފުޅުގައިވާ ފަދައިންނެވެ.

ވަކި މުއްދަތެއް ކަނޑައެޅިފައިވާކަމަށް ބުނުމަށްވުރެ ޞައްޙަވެގެންވާ ބުނުމަކީ މިއީ އެވެ.

އެހެނަސް ވަކި މުއްދަތެއް ފަހަނައަޅައި ދިއުމަކީ، ޖިމާޢު ނުވެއްޖެނަމަ، ކައިވެނި އޮޓެމެޓިކުން ވަރި ނުވާނެ އެވެ.

އޭގެ ބަދަލުގައި އަންހެން މީހާއަށް ޙާޖަތް ޖެހިފައިވާ މިންވަރުން އަނބިމީހާއަށް އެ ޙައްޤު ނުދޭ ކަމުގައިވާނަމަ، ފިރިމީހާ އެވަނީ އަންހެން މީހާއަށް އަނިޔާވެރިވެ، އަނބިމީހާއަށް ލިބެންޖެހޭ ޙައްޤުތަކަށް އަރައިގަނެ، ކައިވެނީގެ ހެޔޮ ގޮތުގައި ދިރިއުޅުމަށް ﷲ އަންގަވާފައިވާ އަމުރުފުޅާއި ޚިލާފުވެފަ އެވެ.

ޤަޞްތުގައި އަނބިމީހާއާ ޖިމާޢުވުން ދޫކޮށްލުމުގެ މައްޗަށް، އޭގެ ޙުކުމް ބަޔާންކުރައްވާ ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީ ގެ ފަތުވާގައިވެ އެވެ.

”ފިރިމީހާގެ ޙައްޤުުތަކުގައި އަނބިމީހާގެ ފަރާތުން ފަރުވާކުޑަ ކުރުމެއްނެތި، އަނބިމީހާއަށް ގެއްލުން ދިނުމަށްޓަކައި ހަތަރު މަސްދުވަހަށްވުރެ ގިނަދުވަހަށް ފިރިމީހާ އަނބިމީހާއާ އެއްދުދާންކުރުން ދޫކޮށްލައިފިނަމަ، ފަހެ އެއީ (އީލާއުގެ މުއްދަތު) ފުރިހަމަ ވުމެވެ. އެފަދައިން ހުވާ ނުކުރިކަމުގައި ވިޔަސްމެ އެވެ. އެއަށް އީލާއުގެ މުއްދަތު ޖެހޭނެ އެވެ. ފަހެ ހަތަރުމަސް ވީ އިރު، ހައިޟު ނުވަތަ ނިފާސް ކަމެއްގައި ނުވެ، (ފިރިމީހާ) ޖިމާޢު ވުމުގެ މައްޗަށް ކުޅަދާނަކަން ހުރެ އަނބިމީހާގެ ގާތަށް ރުޖޫޢަވެ އޭނާގެ ކުރިމަތިފަރާތުން ވަޠީ (ޖިމާޢު) ނުވެއްޖެނަމަ، ފަހެ ވަރިކުރުމަށް އަމުރު ކުރެވޭނެ އެވެ.

ދެން، އޭނާގެ އަނބިމީހާގެ ގާތަށް ރުޖޫޢަވުމަށް ދެކޮޅު ހަދައިފިނަމަ އަދި ވަރިކުރަން ދެކޮޅު ހަދައިފިނަމަ ޤާޒީ ވަރި ކުރުވާނީ އެވެ. ނުވަތަ އޭނާ (އަންހެންމީހާ) އޭނާގެ ކިބައިން ފަސްޚު ކުރުވާނީ އެވެ. އެފަދައިން އަނބިމީހާ އެދެފި ކަމުގައިވާނަމަ އެވެ.“ اللجنة الدائمة للبحوث العلمية والإفتاء (20/261- 263)

ފަހެ، މިފަދަ ފިރިހެނެއްގެ ކިބައިން ވަރިއަށް އެދުން ވެ އެވެ. އަދި ވަރި ނުކޮށްދީފިހިނދު ޝަރުޢީ ކޯޓަށް ހުށަހަޅައި، ޤާޟީއަށް ފިރިހެން މީހާއަށް ވަރިކުރަން އަމުރު ކުރެވޭނެ އެވެ. އަދި ކައިވެނި ފަސްޚު ކުރުވޭނެ އެވެ.

މިއީ އަންހެން މީހާއަށް ލިބިގެންވާ ބާރުތަކެވެ.

ވުމުން، އޮޓެމެޓިކުން ވަރިވުމެއް ނެތެވެ. އެހެނަސް ވަރިވުމަށް އެދެވޭނެ ކަމެވެ. އަދި ވަރި ވުމަށްޓަކައި ޤާޟީއަށް ހުށަހެޅޭނެ ކަމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts