ފިރިމީހާ އަނބިމީހާގެ އުރަމަތި ބުއިމުގެ ޙުކުމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ފިރިމީހާ އަނބިމީހާއާ އެއްދާން ކުރުމުގައި އުރަމަތި ބޮއެ ހެދުމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
ފުރަތަމައީ : ދެމަފިރި ކަމުގެ ގުޅުމުގައި އެކަކު އަނެކަކުގެ ހަށިގަނޑުން އަރާމާއި ހިތްހަމަ ޖެހުމާއި އުފާ ލިބިގަތުމުގެ ދޮރު ވަނީ ހުއްދަ ކުރައްވާފަ އެވެ. ދީނުގައި އެކަން މަނާކުރެވޭނެ ދަލީލެއް އޮތް ކަންތައް ފިޔަވައި އެކަކު އަނެކަކުގެ ކިބައިން އަރާމާއި އުފާ ލިބިގަތުން ހުއްދަވެގެންވެ އެވެ.
ވުމުން އަޞްލަކީ އަރާމާއި އުފަލާއި ހިތްހަމަ ޖެހުން ލިބިގަތުން ހުއްދަވެގެންވުމެވެ. ދަލީލެއް މަނާކުރުމަށް ވާރިދުވުމަށް ދާންދެނެވެ.
ﷲ ވަޙީ ކުރެއްވި އެވެ. (نِسَاؤُكُمْ حَرْثٌ لَّكُمْ فَأْتُوا حَرْثَكُمْ أَنَّىٰ شِئْتُمْ ۖ ) ”ތިޔަބައިމީހުންގެ އަނބިންނީ، ތިޔަބައިމީހުންނަށްވާ ދަނޑުބިމެކެވެ. ފަހެ ތިޔަބައިމީހުން ބޭނުންފަދައަކުން ތިޔަބައިމީހުންގެ ދަނޑުބިމަށް (އެބަހީ : އަނބިމީހާގެ ފަރުޖަށް) އަންނާށެވެ!“
ފަހެ، ދަނޑުބިމެއްގެ ގޮތުގައި ވުމުން އޭނާއަށް އެ ދަނޑުބިމުން ބޭނުން އަރާމާއި ހިތްހަމަ ޖެހުން ލިބޭ ގޮތްތަކުން އަރާމު ހޯދުންވެ އެވެ.
ދެވަނައީ : އަނބިމީހާގެ ކިބައިން ފިރިމީހާއަށް ހުއްދަވެގެން ނުވާނެ ނުވަތަ ޙަރާމްވެގެންވާ ކަންތައް ދަލީލުން ބަޔާންވެގެންވެ އެވެ.
އެއީ : އަނބި މީހާގެ ފުރަގަސް ފަރާތް އަބަދުގެ އަބަދަށް (މުޠްލަޤުކޮށް) ޙަރާމްވެގެންވުމެވެ. އަދި ހައިޟުގެ ދުވަސްތަކުގެ އަނބި މީހާގެ ކުރިމަތި ފަރާތް ބޭނުން ކުރުން ހަރާމް ވުމެވެ.
އިމާމް أبوداود ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (أتى امرأةً حائضًا أو أتى امرأةً في دُبُرِها فقد برئَ ممَّا أنزلَ اللَّهُ على محمَّدٍ ) ”އަނބި މީހާގެ ފުރަގަސްފަރާތް ބޭނުން ކުރާ މީހާ ނުވަތަ ޙައިޟުވެރި ޙާލުގައިވާ އަންހެން މީހާގެ ކުރިމަތި ފަރާތް ބޭނުން ކޮށްފި މީހާވަނީ محمَّدٍ صلى الله عليه وسلم މައްޗަށް ބާވައިލެއްވުނު ތަކެތީން ބަރީއަވެގެންނެވެ.“
ވުމުން މި ދެ ޙާލަތަކީ އަނބީމީހާގެ ކިބައިން ފިރިމީހާ އަރާމު ހޯދުން ޙަރާމްވެގެންވާ 2 ޙާލަތެވެ. ފުރަގަސް ފަރާތް ބޭނުން ކުރުމާއި އަދި ޙައިޟުގެ ދުވަސްތަކުގައި ކުރިމަތި ފަރާތް ބޭނުން ކުރުމެވެ.
ތިންވަނައީ : އަނބިމީހާގެ އުރަމަތީގައި އަތްލުމާއި އަދި އަނގައިން ނުވަތަ ބޮއެ ހެދުމުގެ މައްޗަށް މަނާކުރާނެ ދަލީލެއް ނެތުމުން އެކަން ހުއްދަވެގެންވެ އެވެ.
ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ފަތުވާގައިވެ އެވެ.
”ފިރިމީހާ އަނބިމީހާގެ އުރަމަތި ބުއިން ހުއްދަވެގެންވެ އެވެ. އަދި ފިރިމީހާގެ ހަށިގަނޑުގެ ތެރެއަށް ކިރު ދިއުމަކުން ފިރިމީހާއަކީ އަނބިމީހާއަށް ހަރާމް ވެގެންވާ ފިރިހެނެއް ކަމުގައި ނުވާނެ އެވެ.“ فتاوى ( 19 / 351 ، 352 )
ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ عبد العَزِيز بن بَاز -رحمه الله- ވިދާޅުވެފައިވެ އެވެ. ”މިކަމުގައި މައްސަލައެއް އޮތް ކަމެއް ނުދަންނަމެވެ. އަނބިމީހާއާ ލޯބިކޮށް އަނބި މީހާގެ އުރަމަތީގައި ބޮސް ދިނުމާއި އަނގަޖެއްސުން ނުވަތަ ބުއިން މައްސަލައެއް ނެތެވެ. އެހެނަސް އުރަމަތީގައިވާ ކިރު ނުބޮއެ ދޫކޮށްލުން އަޥްލާވެގެންވެ އެވެ. އެހެނަސް ބޮސް ދިނުމާއި ނުވަތަ އަނގަޖެހުމާއި ބުއިމުގައި (އެއްޗެއް އުރަމަތީގައި ނުވާހިނދު) މައްސަލައެއް ނެތެވެ.“ فتاوى نور على الدرب (21/127)
އިތުރު މަޢުލޫމާތެއްގެ ގޮތުގައި ބުނަމެވެ. ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ އުރަމަތީގައިވާ ކިރު ކޮންމެ މީހަކު ބުއިކަމުގައިވީނަމަވެސް އެމީހަކީ އަންހެން މީހާއަށް އެހިނދު ޙަރާމްވެގެންވާ ފިރިހެނެއްކަމުގައިވާނެ ކަމެވެ.
އިމާމް الشيخ محمد بن صالح العثيمين -رحمه الله- ވިދާޅުވެފައިވެ އެވެ. ”ބޮޑު މީހަކު އަންހެން މީހާގެ ކިރު ބުއިމަކީ އަޘަރު ކުރާނެ ކަމެއް ނޫނެވެ. ސަބަބަކީ އެ ކިރު ބޮއެގެން އަޘަރު ކުރާނެ މިންވަރަކީ އަންހެން މީހާގެ ފަރާތުން 5 ފަހު ބަނޑުފުރައި ކާއެއްޗެހި ނުކާ 2 އަހަރުނުވާ ކުއްޖާ އެ ކިރު ބުއިމެވެ. އެހެނަސް ބޮޑު މީހަކު އެ ކިރު ބުއިމަކުން އަޘަރެއް ނުކުރާނެ އެވެ. ފަހެ، އެގޮތުން މީހަކު އޭނާގެ އަނބިމީހާގެ އުރަމަތިން ކިރު ބުއީއެވެ. ފަހެ، އެހިނދު އެއީ އަންހެން މީހާގެ ދަރިއެއް ކަމުގައި ނުވާނެ އެވެ.“ فتاوى إسلامية ( 3 / 338 )
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.