އަންހެނުންގެ މައްޗަށް ހުކުރު ނަމާދު ކުރުންވޭތޯއެވެ؟

بسم الله الرحمن الرحيم.

الحمد لله رب العالمين والصلاة والسلام على رسول الله و على آله وصحبه ومن ولاه: أما بعد

ދަންނައެވެ!  

އެންމެހައި ޢިލްމުވެރިން އިއްތިފާޤުވަޑައިގަންނަވާފައި ގޮތުގައި އަންހެނުންގެ މައްޗަށް ހުކުރު ނަމާދު ވާޖިބުވެގެން ނުވެ އެވެ. 

މިފަދައިން އުއްމަތުގެ ބައެއް ޢިލްމުވެރިން އިޖްމާޢު ޛިކުރު ކުރައްވާފައިވެ އެވެ. 

ޔަޢުނީ އަންހެނުންނަކީ އެބަޔަކަށް ހުކުރު ވާޖިބުވެގެންވާ ބައެއް ނޫން ކަމެވެ.  

މި ޙުކުމް ބަޔާންވެގެންވާ ޙަދީޘްތަކުގެ ތެރޭގައި، ޞަޙާބީ طارق بن شهاب رَضِيَ اللهُ عنه ނަބިއްޔާ صلَّى اللهُ عليه وسلَّم   އަރިހުން ރިވާކޮށްފައިވެ އެވެ. ނަބިއްޔާ ޙަދީޘް ކުރެއްވި އެވެ.  

(الجُمُعة حقٌّ واجبٌ على كلِّ مسلمٍ إلَّا أربعةً: عبدٌ مملوكٌ، أو امرأةٌ، أو صبيٌّ، أو مريضٌ)  ”ހަތަރު މީހެއް : އެއީ އެއަންހެނުންނާއި، އަޅުންނާއި، ކުޑަކުދިން އަދި ބަލި ޙާލުގައިވާ މީހުން ފިޔަވައި އެހެން މީސްތަކުންގެ މައްޗަށް ހުކުރު ނަމާދަކީ ވާޖިބުވެގެންވާ ޙައްޤެއް ކަމުގައިވެ އެވެ. “  

މި ޙަދީޘް صحيح أبي داود ގައި އިމާމް الألباني ޞައްޙަ ކުރައްވާފައިވެ އެވެ. 

އަދި ހުކުރު ދުވަހުގައި އަންހެނުންނަށް ހެޔޮކަން ބޮޑުވެގެންވަނީ އަދި އަޥްލާވެގެންވަނީ ގޭގައި މެންދުރު ނަމާދު ކުރުމެވެ. މިއީ އެކަނބަލުންނަށް އެންމެ އެދެވިގެންވާ ގޮތެވެ.  

އެހެނަސް އަންހެނަކު ޝަރުޢީ ގޮތުން ކަނޑައެޅިފައިވާ ޝަރުޠުތަކާއި އެކުގައި މިސްކިތައް ޙާޟިރުވެއްޖެހިނދު، އެގޮތުން، ޒީނަތްތެރިކަން ފާޅުނުވާ ގޮތުގައި، ހަށިގަނޑުން މީރުވަސް ނުދުވާ ގޮތުގައި އަދި އަންހެނުންނާއި ފިރިހެނުން މައްސުނި ނުވާ ފަދަ ގޮތްތަކުން ހުކުރު ޖަމާޢަތަށް ޙާޟިރުވެ ހުކުރު ނަމާދު ކޮށްފިހިނދު، އެނަމާދު އެކނަބލުންނަށް ޞައްޙަވާނެ އެވެ.  

މިފަދައިން އުއްމަތުގެ އިޖްމާޢު ކަނޑައެޅިފައިވެ އެވެ. އިމާމް ابن المنذر رحمه الله – އިޖްމާޢު ގެ ފޮތުގައި ބަޔާން ކުރައްވާފައިވެ އެވެ. ”އެކަނބަލުން މިސްކިތައް ޙާޟިރުވެ ހުކުރު ނަމާދު ކޮށްފިހިނދު، އެ ނަމާދު ޞައްޙަވެގެންވާ ކަމުގެ މައްޗަށް އެންމެހައި ޢިލްމުވެރިން އިޖްމާޢުވަޑައިގެންފައިވެ އެވެ.“ އެބަހީ ހުކުރު ނަމާދު ގޮތުގައި ނަމާދު ޞައްޙަވެ އެދުވަހުގައި މެންދުރު ނަމާދުގެ މަތިން ފުދިގެން ދާނެ ކަމެވެ.  

ވުމުން މި މައްސަލަ ސާފުވެ ބަޔާންވެއްޖެ އެވެ.  

ނިންމާލުމުގެ ކުރީގައި ބުނަމެވެ. މިއަދު ގިނަ މިސްކިތްތަކުގައި އަންހެނުން ނަމާދު ކުރާ ތަނާއެކުގައި ހުކުރު ޖަމާޢަތުގައި މިސްކިތުގައި ފިރިހެނުން ވަނީ ފުރާލާފައި އެވެ. އަންހެނުންނަށް ފިރިހެނުންގެ ކިބައިން ވަކިވެ ދުރުގައި ވަކިން ތިބެވޭ ޖާގައެއް ނޯވެ އެވެ.  

ފަހެ، މިފަދަ މިސްކިތަކަށް އަންހެންނުން ހުކުރު ކުރުމަށް ޤަޞްދުކޮށް އައުން ނުވެ އެވެ.  

ސަބަބަކީ ނަމާދުގައި އަންހެނުންނަށް ވަކިން ތިބެވޭނެ ފަދަ ގޮތެއް ނެތުމެވެ. 

އެހެނަސް އެފަދައިން ފުރުސަތު އޮވެ، ޖާގަ ލިބިގެންވާ ޙާލަތެއްގައި އެކަމުގައި ކުށެއް ނެތެވެ.  

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts