|

ފާއިތުވި އަހަރުތަކަށް ޒަކާތް ނުނެރޭ މީހާ ޢަމަލު ކުރާނީ ކިހިނެއްތޯ؟

بسم الله الرحمن الرحيم

الحمد لله و الصلاة و السلام على ر سول الله و على آله وصحبه ومن والاه

أما بعد :

ފާއިތުވި އަހަރުތަކަށް ޒަކާތް ނުނެރުނު މީހާ ދަންނަ އެވެ.  

ޒަކާތަކީ އިސްލާމް ދީނުގެ ރުކުންތަކުގެ ތެރެއިން އެއް ރުކުނެވެ. އެމީހެއްގެ އަތުގައި ނިޞާބް ހަމަވެ އެއް އަހަރު ހޭދަވެއްޖެހިނދު އެއީ ޒަކާތް ވާޖިބުވެފައިވާ މުދާ ކަމުގައިވެ، އެމީހަކު އެއިން ޒަކާތް ނެރުން އެހިނދު ވާޖިބުވެގެންވެ އެވެ.  

ޒަކާތަކީ އެކަމަށް ކަނޑައެޅިފައިވާ އަހުލުވެރިންގެ ހައްޤެއް ކަމުގައިވުމުން، އެ ޙައްޤުވެރިންގެ އަތަށް އެ ޒަކާތް ވާޞިލްކޮށްދިނުންވެ އެވެ. ފަހެ، މި ޒަކާތް ނުނެރެ، އޭގެ ހައްޤު އަހުލުވެރިންނަށް ހޭދަ ނުކުރާނަމަ، އެކަމަށް އެމީހަކު ތަޥްބާވާން ޖެހޭނެ އެވެ. އަދި އޭނާ ޒަކާތް ނުނެރެ ފާއިތުވީ އަހަރުތަކަށް ޒަކާތް ނެރުން އޭނާގެ މައްޗަށްވެ އެވެ. އެ ގޮތުން ކޮންމެ އަހަރަކަށްވެސް ޒަކާތަށް އަރާނެ ވަރު އޭނާ ކަނޑައަޅާނީ އެވެ. 

މި މައްސަލައިގައި الشيخ محمد بن صالح العثيمين -رحمه الله- ސުވާލު ދެންނެވުނެވެ.   

ސުވާލު : ފާއިތުވީ ހަތަރު އަހަރުގައި ޒަކާތް ނުނެރުނު މީހާގެ މައްޗަށް ލާޒިމްވަނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ 

ޖަވާބު : އެމީހާ ވަނީ ޒަކާތް ނެރުން ލަސްކުރުމުގެ ސަބަބުން ފާފަވެރިވާނެ ގޮތުގަ އެވެ. ސަބަބަކީ، އަޅާއަށް ވާޖިބުވެގެންވަނީ، ޒަކާތް ވީހާވެސް އަވަހަށް ނެރުމެވެ. ޒަކާތް ނެރުމަށް ވާޖިބުވެއްޖެހިނދު އަވަހަށް ނެރުމެވެ. ލަސްކޮށްގެން ނުވާނެ އެވެ. ސަބަބަކީ، ވާޖިބު ކަންތައްތަކުގެ އަޞްލަކީ އެކަމެއް ވީހާވެސް އަވަސްކޮށް ކުރުމެވެ. ފަހެ، އެމީހާގެ މައްޗަށް އޮތީ އޭނާ އަރައިގަންފައިވާ ފާފައިން ﷲ عز وجل އަށް ތަޥްބާވުމެވެ.   

އަދި އޭނާގެ މައްޗަށް އޮތީ ޒަކާތް ނުނެރެ ހޭދަކުރި އަހަރުތަކުގެ ޒަކާތް ނެރުމަށް އަވަސްވެގަތުމެވެ.  

އަދި އެއިން އެއްވެސް އަހަރެއްގެ ޒަކާތް އޭނާގެ ޛިންމާއިން ވެއްޓިގެން ނުދާނެ އެވެ. އަދި ކިޔެއްތަ! އިތުރަށް ލަސްކުރުމުން އޭނާ ފާފަވެދިއުން އިތުރު ނުވުމަށްތަކައި ޒަކާތް އަވަހަށް ނެރުން ހުއްޓެވެ.“ 

(ޝެއިޚްގެ ފަތުވާ ނިމުނީ)  

ވުމުން މީހަކު ފާއިތުވީ 4 އަހަރުގައި ޒަކާތް ނުނެރުނީ އެވެ. އެހިނދު އޭނާގެ މައްޗަށް ވަނީ ޢަދަދެއް ޔަޤީން ކުރުމަށްފަހު އޭނާ އަދާކުރަންޖެހޭ ޛިންމާއިން ބަރީއަވާނެ ޢަދަދެއް ކަނަޑައަޅައި ޒަކާތް ޤަޟާކޮށް ނެރުމެވެ.  

އޭގެ މިޘާލެކެވެ. ފާއިތުވީ ފުރަތަމަ އަހަރުގައި އެމީހެއްގެ އަތުގައިވާ ފައިސާ ނުވަތަ ޢަދަދު އަމިއްލައަށް ކަނަޑައަޅާނި އެވެ. އެގޮތުން ހީވަނީ 10 ހާސް އެވެ. އަދި ޔަޤީނުންވެސް 12 ހާސްއަށްވުރެ ގިނަ އެއް ނުވާނެ އެވެ.  

ވުމުން ޔަޤީން ކުރާ ޢަދަދުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދާނި އެވެ. އެހިނދު އެއީ އެމީހެއްގެ ޛިންމާ އަދާކޮށް ޛިންމާއިން ބަރީއަ ވާނެ އެންމެ ފުރިހަމަގޮތް ކަމުގައިވާނެ އެވެ.  

މިފަދައިން ފާއިތުވީ އެހެން އަހަރުތަކަށްވެސް ކުރިއަށް ގެންދާނީ އެވެ.  

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts