އޮންލައިންކޮށް ރަން ކިޔުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟ އަދި ރަން ކިޔުމަށްފަހު އެ އަންހެންމީހާ ފިރިހެން މީހާއަށް ޙަލާލުވާނެ ހެއްޔެވެ؟ (މާނައަކީ ދެމީހުން ޗެޓްކޮށް ފޮޓޯ ފޮނުވާ، ދެމަފިރިން ދައްކާފަދަ ވާހަކަ ދައްކާ ހެދޭނެ ހެއްޔެވެ؟)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:

އަންހެނަކަށް ކައިވެންޏަށް ރަން ކިޔުމަކީ އެއްވެސް ކަމެއް ހަލާލުވާނެ ސަބަބެއް ނޫނެވެ. ކައިވެނި ކޮށްފުމަށް ދާންދެން އެ ދެމީހުންނަކީ ހިލޭ އަންހެނަކާއި ހިލޭ ފިރިހެނެކެވެ. އަންހެން މީހާއަކި ފިރިހެން މީހާއަށް ޙަރާމް އަދި ފިރިހެން މީހާއަކީ އަންހެން މީހާއަށް ޙަރާމްވެގެންވާ ފިރިހެނެކެވެ. އެކަކު އަނެކަކުގެ ކިބައިން އުފަލާއި އަރާމް ލިބިގަތުމަކީ ﷲ ތަޢާލާ ލައްވާފައިވާ ހައްދުފަހަނައަޅައި ދިއުމުގެ ތެރޭގައި ހިމެނިގެންވާ ޢަމަލެކެވެ.

ރަން ކިޔުމަށްފަހު، ދެމީހުން ވަކިން ޗެޓް ކުރުމާއި މެސެޖް ފޮނުވައި ފޯނުކޮށް ގުޅައި ހެދުމަކީ، މިއަދު ޢާންމުވެފައިވާ، ﷲ އަށް އުރެދިގެންދާ އުރެދުންތަކެވެ. ފާފަ އުފުލާނެ ޢަމަލުތަކެވެ. ދަންނައެވެ! ރަންކިޔަފައިފައެ ބުނެ، އަންހެން މީހާ އާއި ފިރިހެން މީހާ ވަކިން ބައްދަލުކޮށް އެހެން މީހުންގެ ކިބައިން ވަކިވެ ގަތުމަކީ ބޮޑުވެގެންވާ ހަރާމް އަދި ފާޙިޝް ޢަމަލެކެވެ.
ހަދީޘްގައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. ”من كان يؤمن بالله واليوم الآخر فلا يخلون بامرأة ليس معها ذو محرم منها، فإن ثالثهما الشيطان“ ” ﷲ އާއި އާޚިރަތްދުވަހަށް އީމާންވެގެން ހުރި މީހާ (ދަންނާށެވެ.). ފަހެ، އެ އަންހެނެއްގެ މަޙްރަމެއް އެ އަންހެނަކާއިއެކު ނުވާ ޙާލު، އެއަންހެނަކާ އެކަހެރިނުވާށެވެ. ހަމަކަށަވަރުން އެ ދެމީހުންގެ ތިންވަނަ ފަރާތެއްގެ ގޮތުގައިވަނީ ޝައިޠާނާއެވެ.“ الألباني في غاية المرام، صحيح 180.
ކަނޑައެޅިގެން ޝައިތާނާ އެ ދެމީހުންނާ އެކުގައި ވާނެ ކަމުގައި ޙަދީޘްގައިވެއެވެ. ފަހެ، ކައިވެނީގެ ކުރިން މިފަދައިން ލައްޒަތް ހޯދައި އަރާމާއި އުފާ ލިބިގަތުމުން، ކައިވެނީގެ ބަރަކާތާއި ގުޅުމާއި ހެޔޮ ޙަޔާތެއްގެ ޙާޞިލްވުމާއި މެދުގައި އެއަށްފަހު ބުނާނީ ކީކޭ ތޯއެވެ؟

މިތަނުގައި ބައެއް މީހުންނަށް ވިސްނިފައިވާ ކުށް ހީހެއް ޛިކުރު ކުރަމެވެ. ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި ފަތުވާ ކޮމެޓީގެ މެންބަރު ޑރ. الشيخ العلامة صالح الفوزان حفظه الله ވިދާޅުވެފައިވެއެވެ.
”އަދި އެކަހެރިވެވޭ (ޚަލްވާވުން) ވަޤުތުގައި އެތަނުގައި ޢުމުރުގެ ގޮތުން ބޮޑު މީހަކު ހުރުން ލާޒިމްވެގެނެވެއެވެ. ކުޑަކުއްޖަކު ހުރުމަކުން ނުފުދޭނެއެވެ. ބައެއް އަންހެނުންނަށް ވިސްނިފައިވާ ގޮތުން އަންހެންމީހާ އެކީގައި ކުޑަކުއްޖެއް ހުރުމުން ޚަލްވާވުން ކަމުގައި ނުވާނެ ކަމަށް ދެކުމަކީ، ކުށްހީ އެކެވެ.“

ކައިވެނި ކޮށްފުމަށް ދާންދެން ދެމީހުންގެ މައްޗަށް އޮތީ މި ޙުކުމެވެ. އެއީ ހިލޭ ދެމީހުންގެ ގޮތުގައިވުމެވެ.

ބުއްދިއަށް ވިސްނައިފިހިނދު އެބައެއްގެ ހެޔޮ ކަމާއެވެ! ވަކިން މެސެޖް ކުރުމުގެ ނަތީއްޖާއަކީ ކޮބައި ހެއްޔެވެ؟ ބައްދަލު ކުރުމެވެ. ބައްދަލު ކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އެކަކު އަނެކަކުގެ ފަރާތުން ޙަރާމްވެގެންވާ އަރާމް ހޯދުމެވެ. އެ ގެންގޮސްދެނީ ހަށިގަނޑުގައި އަތްލުމާއި ހަށިގަނޑުން ފާޙިޝް ޢަމަލުގެ ތެރެއަށް ދިއުމެވެ. ކިތައް ފަރާތް މިފަދައިން ޢަމަލުތައް ހިންގައި ކައިވެނީގެ ކުރިން މާބަނޑުވެފައިވޭ ހެއްޔެވެ؟ އޭގެ އިތުރަށް އެ އެންމެހައި ފާފަވެރި ޢަމަލުތައްކޮށް އެއަށްފަހު ޝައިތާނާ މަގުދައްކައިދޭނީ ބަނޑުގައިވާ ދަރި ވައްޓާލުމަށެވެ. އެއްފާފައިން އަނެއް ފާފައަށް ގެންގޮސް ޝައިޠާނާއި ކަސްތޮޅު އަޅުވައި އިންސާނާ އެތައް ނުބައި ޢަމަލުތަކަށް ގެންގޮސްދޭނެ ކަމީ ބުއްދިވެރިންނަށް އިނގޭނެ ކަމެކެވެ.

ދަރި ވެއްޓުމުގެ ވަސްވާހުން ކުރިއަށް ނުދިޔަހިނދު، އަންހެން މީހާއާ އަވަހަށް ކައިވެނި ކުރުމެވެ. އެހިނދު ކައިވެނި ކޮށްފައިވަނީ އޮޅުވާލުމާއި މަކާރާއި ޒިނޭގެ ދަރިއަށް ބަޑުގައި އޮއްވައެވެ. ޢިލްމުވެރިންގެ ބަސްފުޅުތަކުން ދަލީލުތަކުގެ މައްޗަށް ޞައްޙަ ނޫން ކައިވެޏްގެ މައްޗަށް ކަމުގައި އެއަށްފަހުގައި ޝައިޠާނާ ވިސްނުވައިދޭނެއެވެ. ދެން އެމީހަކަށް އެއިން ސަލާމާތްވާނެ ގޮތެއް ނޭނގި އެތަކެއް ނުރައްކަލެއްގެ ތެރެއަށް ޝައިތާނާ އޭނާ ގެންގޮސްދޭނެއެވެ.
އަޚާއެވެ! މި ފަދަ ގުޅުންތައް އަދި ކައިވެނީގެ ކުރިން ހިންގާ މިފަދަ ޢަމަލުތަކާއި މިއަދު ކާފަރުން، އަންހެނެއް ހޯދައި އެންގޭޖް ކޮށްފައޭ ބުނެ ކުރާ ޢަމަލުތަކާއި ހިންގާ ގުޅުންތަކާއި ތަފާތަކީ ކޮބައި ހެއްޔެވެ؟ އެންގޭޖް ވުމަށްފަހު، ގުޅުން ހިންގައި، ދަރިން ހޯދައި އެތައް ދުވަސްތަކަށްފަހުގައި މެނުވީ ކައިވެންޏެއް ނުކުރެއެވެ. ވީމާ، މި ޢަމަލުތަކުގެ މައްޗަށް އިންޒާރު ލިބިގަތުން ހުއްޓެވެ.
ފަހަރެއްގައި މީހަކު ސުވާލުކޮށްފާނެއެވެ. ކައިވެންޏާ އެހެނިހެން ކަންތަކާއި މެދުގައި ވާހަކަ ދައްކާނީ ކިހިނެތް ހެއްޔެވެ؟
ބުނަމެވެ. ފިރިހެން ކުއްޖާގެ ޢާއިލާ އަދި އަންހެން ކުއްޖާގެ ޢާއިލާ އެއްތަންވެ، ކައިވެންޏާ ގުޅޭ ކަންކަމުގައި މަޝްވަރާ ކުރުމުގެ ދޮރެއް ބަންދެން ނުވެއެވެ. މަޙްރަމުންނާ އެކުގައި ވާހަކަ ދެއްކޭނެއެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts