މިސްކިތުގެ ފާރުގައި ނުވަތަ ތަނބެއްގައި ލެނގިގެން އިނުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
މިސްކިތުގައި އިށީނދެއިންނަ މީހާ، މިސްކިތުގެ ފާރުގައި ނުވަތަ ތަނބެއްގައި ލެނގިގެން އިނުމާއި، ނުވަތަ ލެނގިގެން އިންނަހިނދު ދެފައި ދަމާލައިގެން އިނުމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.

އަޚާ އެވެ. އިށީނުމާއި، އޮށޯވެ އޮތުމާއި މިފަދަ ކަންތައްތަކުގެ އަޞްލަކީ ދީނުގައި ހުއްދަ އެވެ. އެއްވެސް ސިފައެއް މަނާވާހުށި ދީނުގައި އެ ޢަމަލެއް ނުވަތަ އެ ސިފައެއް މަނާވެގެންވާ ކަމުގެ ދަލީލެއް ޘާބިތުވެ ބަޔާން ވުމުންނެވެ.

ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ އިމާމް عبد العَزِيز بن بَاز -رحمه الله- ވިދާޅުވެފައިވެ އެވެ.

”މިސްކިތުގައި އިންނަ މީހާ އޭނާގެ ދެފައި ދަމާލައިގެން އިށީނދެ އިނުމުގައި އެއްވެސް މައްސަލައެއް ނެތެވެ. އެއީ ޤިބްލައާ ފަރާތަށް ދެފައި ދަމައިލައިގެން އިނުން ކަމުގައިވީނަމަވެސް އެވެ. އެގޮތުން މަސްޖިދުލް ޙަރާމްގައި ކައުބާއާ ދިމާލަށް ދެފައި ދަމާލައިގެން ކަމުގައިވީނަމަވެސް އެކަމުގައި މަނާކަމެއް ނެތެވެ. ފަހެ، ހަމަކަށަވަރުން ނަބިއްޔާ ﷺ އެ ނަބިއްޔާގެ ބުރަކަށިފުޅު ކަޢުބާގައި ޖައްސަވައިގެން ލެގިވަޑައިގެން އިށީނދެއިންނެވި އެވެ.

ފަހެ، މި ކަމުގައި ޙާޞިލްވާ މަޤްޞަދަކީ، އިންސާނަކު އޭނާގެ ފައި ކައުބާއާ ދިމާލަށް ޤިބްލައާ ދިމާލަށް ދަމާލައިގެން އިނުމުގައި މައްސލައެއްނެތް ކަމެވެ. އާނއެކެވެ.“

އަދިވެސް ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ.

މިސްކިތުގައި އިށީނދެގެން އިންނަ މީހާ އޭނާ ދެފައި ޤިބްލައަށް ދަމާލައިގެން އިށީނދެ އިނުމުގައި ޝަރީޢަތުގައި މަނާކަމެއް ނެތެވެ. އަދި ބައެއް ފަހަރެއްގައި، އެމީހެއްގެ ބަލިމަކާއި، ވަރުބަލިކަމާއި އަދި އެ ނޫންވެސް ސަބަބަކަށްޓަކައި އިށީނދެ އިނުމުގައި ފައި ދަމާލުން އެކަށީގެންވެ އެވެ. ފަހެ، އެހިނދު ޝައްކެތްވެސް ނެތެވެ. އެއީ އެއްވެސް ޙާލެއްގައި އަދަބު ކުޑަ ކުރުމަށް ނުވަތަ އަދަބާ ޚިލާފް ކަމުގައި ބުނުމެއް ނުވެ އެވެ.

މި މަައްސަލައިގައި މިއަދު ދުނިޔެ މަތީގައިވާ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި ފަތިުވާ ކޮމެޓީގެ މެންބަރު ޑރ. صالح الفَوزَان -حفظه الله- ވިދާޅުވެފައިވެ އެވެ.

”މުޞްހަފާ ދިމާލަށް އިނދެ ފައިދަމާލުން ކަމުގައިވާނަމަ އެކަން ނުކުރުން ހުއްޓެވެ. އެހެނަސް މިސްކިތުގައި އެހެންތަނެއްގައި އިށީނދެ އިންނަ މީހާ އެމީހާގެ ފައި ދަމާލުން، އެއީ ޤިބްލައަ ދިމާލަށް ފައި ދަމާލައިގެން އިނުން ކަމުގައިވީނަމަވެސް އެކަމުގައި މައްސަލއެއްނެތެވެ. އަދި ޚާއްޞަކޮށް އިނށިދެ އިނުމުގައި ވަރުބަލިވެ އުނދަގޫވެއްޖެހިނދު އޭނާގެ ދެފައި ދަމާލުމުގައި އެއްވެސް މަނާކަމެއް ނެތެވެ.“

އަޚާއެވެ! ޢިލްމުގެ އަހުލުވެރިންގެ ބަސްފުޅުތައްވަނީ މިފަދައިންނެވެ. އެބޭކަލުންނަކީ އެންމެ ބޮޑަށް ދީން އެނގިވަޑައިގަންނަވާ އަދި ﷲ ގެ ގެކޮޅާއި އަދި އެ ގެކޮޅުތަކުގެ ޙުރުމަށް ނުހަނު މޮޅަށް ދެނެވަޑައިގަންނަވާ ބޭކަލުން ކަމުގައިވެ ދީނުގައި މި ޙުކުމް ބަޔާންކުރައްވަފައިވަނީ މިފަދައިންނެވެ.

ނިންމާލުމުގެ ކުރީގައި ބުނެމެވެ. ބައެއް މީސްތަކުން ބުނަމުންދާ ބަސް ކަމުގައިވާ ”މިސްކިތުގައި ލެނގިލައިގެން އިންނަ މީހާގެ ބުރަކަށީގައި ޤިޔާމަތް ދުވަހުގައި ފާރުގަނޑެއް އިންނާނެ އެވެ.“

ޝައްކެތްނެތެވެ. މިއީ ޢިލްމެއްނެތި ﷲ އާ މެދުގައި ބަސްބުނުމެވެ. އެކަލާނގެ ޝަރީޢަތުގެ މައްޗަށް ބަސް ބުނުމެވެ. އެކަލާނގެ ދީނުގައި ކަނޑައެޅިފައިވާ ޙައްދު ފަހަނައަޅައި ދިއުމެވެ.

ފަހެ، މާތް ނަބިއްޔާ صلى الله عليه وسلم އެންމެ މަތިވެރިވެގެންވާ އަދި އެންމެ ޙުރުމަތްތެރިކަން ބޮޑުވެގެންވާ ގެކޮޅު ކަމުގައިވާ ކަޢުބާގައި ބުރަކަށިފުޅު ޖައްސަވައި އިނށީނދެވަޑައިގެން އިންނެވި އެވެ. ފަހެ، އެނަބިއްޔާގެ ދީން ދެނެވަޑައިގަންނަވާ މިންވަރަށް ދީން އެއަށްފަހު އެނގިފައިވާނެ ފަރާތަކީ ކާކު ހެއްޔެވެ؟

ފަހެ، މާތް ނަބިއްޔާ އެފަދައިން ބުރަކަށިފުޅު ޖައްސަވައި އިށީނދެ އިންނެވުމުން، ނަބިއްޔާއަށް ނިޞްބަތްކޮށް އެފަދައިން ބުނުން ހުއްދަވެގެންވާނެ ހެއްޔެވެ؟

މިފަދަ ބަސްތައް ދީނަށް ވައްދައި އެބަސްތަކަކީ ﷲ ގެ ޝަރީޢަތް ކަމުގައި ދެކޭ ފަރާތްތަކުން މިކަމުގެ ނުރައްކާ ދެނެގަނެ އެފަދަ ބަސްތަކުގެ މައްޗަށް އިންޒާރު ލިބިގަތުން ހުއްޓެވެ.

ﷲ އަށާއި އެކަލާނގެ ދީނުގެ މައްޗަށް ހަދަހަދައިން ނޭނގިތިބެ ބަސްބުނުމަށް އެދޭކަން ކަށަވަރީ ޝައިޠާނާ އެވެ. ﷲ ބަސްވަޙި ކުރެއްވި އެވެ. ﴿ إِنَّمَا يَأْمُرُكُمْ بِالسُّوءِ وَالْفَحْشَاءِ وَأَنْ تَقُولُوا عَلَى اللَّهِ مَا لَا تَعْلَمُونَ ﴾ سورة البقرة 169 “ އެ ޝައިޠާނާ ތިޔަބައިމީހުންނަށް އަމުރު ކުރާކަން ކަށަވަރީ ނުބައިކަންތަކާއި ހުތުރުކަންބޮޑު ފާފަތަކަށެވެ. އަދި ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް اللَّه އާމެދު ތިޔަބައިމީހުން ބުނުމަށެވެ.“

ވުމުން މިސްކިތުގައި ލެނގިގެން އިންނަ މީހާއަށް މިވެނި އެވެނި ގޮތެއް ޤިޔާމަތް ދުވަހުގައި ވާނެ ކަމުގައި ބުނެ ﷲ ގެ ދީނަށް ނިޞްބަތް ކުރުމަކީ ﷲގެ މައްޗަށް މީސްތަކުން އެބައިމީހުން ނޭނގިތިބެ ބަސް ބުނުމެވެ.

ވުމުން މިއީ އެއްވެސް އަޞްލެއް އަސާސެއް ނެތް ބަސްތަކެވެ. މިފަދައިން ބަސްބުނުމުގެ މައްޗަށް ރައްކާތެރިވުން ހުއްޓެވެ. ފަހެ، ދީނުގައި ނުވާކަމެއް ދީނަށް ގެނައުމާއި ދީނަށް ނިޞްބަތްކުރުމަކީ އޭގެ ނުރައްކާ އެމިހެއްގެ މައްޗަށް ބޮޑުވެގެންވާ ކަމެކެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts