މުޙައްރަމް މައްސަރުގެ މާތް ކަމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ﷲ ގެ މައްސަރު ކަމުގައިވާ المُحرَّم މައްސަރަކީ ހިޖުރީ އަހަރުގެ އެންމެ ފުރަތަމަ މައްސަރެވެ. އަދި المُحرَّم މައްސަރަކީ ﷲ އެމައްސަރުތައް ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގެ ގޮތުގައި ލެއްވެވި މައްސަރުތަކުގެ ތެރެއިން އެއް މައްސަރެވެ. އަހަރެމެންގެ މާތް ނަބިއްޔާ صلى الله عليه وسلم މި މައްސަރުގެ ޙުކުމްތައް ބަޔާންކުރައްވާ އުނގަންނައި ދެއްވާފައިވެ އެވެ. އެއީ ކީރިތި ޤުރުއާނުގައި އަދި މަތިވެރިވެގެންވާ ޠާހިރު ވެގެންވާ ސުންނަތުގަ އެވެ. އެ ޙުކުމްތަކުގެ ތެރޭގައި:

ފުރަތަމައީ : ﷲ ގެ މައްސަރު ކަމުގައިވާ المُحرَّم މައްސަރުގެ މަތިވެރިކަން.

ﷲ ގެ މައްސަރު ކަމުގައިވާ المُحرَّم މައްސަރަކީ، އެ މައްސަރެއް ﷲ މަތިވެރިކުރައްވާފައިވާ މައްސަރެކެވެ. އަދި އެކަން ބަޔާންކުރައްވާ އެ އިލާހުގެ ވަޙީބަސްފުޅުގައި ވަޙީ ކުރެއްވި އެވެ. ﴿إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْراً فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ذَلِكَ الدِّينُ الْقَيِّمُ فَلا تَظْلِمُوا فِيهِنَّ أَنْفُسَكُمْ﴾ ”ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވި ދުވަހުއްސުރެން، ﷲ ކަނޑައަޅުއްވާފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ ޢަދަދަކީ، ﷲ ގެ ޙަޟުރަތުގައި 12 މަހެވެ. އޭގެތެރެއިން ހަތަރު މަސް ޙުރުމަތްތެރިވެގެންވެ އެވެ. އެއީ ޙައްޤު ތެދު ދީނެވެ. ފަހެ އެ މައްސަރުތަކުގައި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތިޔަބައިމީހުން އަނިޔާ ނުކުރާހުށި ކަމެވެ.“

އެހެން ހުރިހައި މައްސަރުތަކެއްގެ މައްޗަށް ﷲ ވަނީ މި މައްސަރު ޝަރަފުވެރި ކުރައްވާފަ އެވެ. އެގޮތުން މި މައްސަރު އެ އިލާހުގެ ޙަޟުރަތުގެ ނަފްސުފުޅަށް ވަނީ ނިސްބަތްކުރައްވާފަ އެވެ. އެއިން ބަޔާންވެގެންދަނީ މި މައްސަރުގެ ޝަރަފުވެރިކަމާއި މަތިވެރިވެގެންވާ ކަމެވެ. އަދި އެ އިލާހު، އެ އިލާހުގެ ނަފްސުފުޅުން އެ މައްސަރު ޙުރުމަތްތެރި ކުރެއްވި އެވެ. އެހެން އެއްވެސް ނަފްސަކަށް އެ މައްސަރު ޙަލާލެއް ނުކުރެވޭ ހުއްޓެވެ. ﷲ ތަޢާލާ މި މައްސަރު ޙަރާމް ކުރައްވާފައިވާކަން، ރަސޫލާ صلى الله عليه وسلم ބަޔާންކުރައްވާ ޙަދީޘް ކުރައްވާފައިވެ އެވެ. أَبُوبَكرَة رضي الله عنه ރިވާކުރައްވާފައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (إنَّ الزَّمَانَ قَدْ اسْتَدَارَ كَهَيْئَتِهِ يَوْمَ خَلَقَ اللَّهُ السَّمَوَاتِ وَالأَرْضَ السَّنَةُ اثْنَا عَشَرَ شَهْرًا مِنْهَا أَرْبَعَةٌ حُرُمٌ ثَلاثٌ مُتَوَالِيَاتٌ ذُو الْقَعْدَةِ وَذُو الْحِجَّةِ وَالْمُحَرَّمُ وَرَجَبُ مُضَرَ الَّذِي بَيْنَ جُمَادَى وَشَعْبَانَ) ”ހަމަކަށަވަރުން ޒަމާން އެ އެންމެ ފުރަތަމަ އުޑުތަކާއި ބިން ހެއްދެވުނު ދުވަހުއްސުރެން ފަށައިގެން ދައުރުވަމުންދެ އެވެ. އަހަރަކީ 12 މައްސަރެވެ. އޭގެ ތެރޭގައި ޙަރާމް ވެގެންވާ 4 މައްސަރެއްވެ އެވެ. އޭގެތެރިން ތިން މައްސަރުވަނީ ވިދިވިދިގެންނެވެ. ذُو الْقَعْدَةِ، ذُو الْحِجَّةِ، الْمُحَرَّمُ އަދި جُمَادَى އާއި شَعْبَانَ ދެމެދުގައި އޮންނަ رَجَبُ މަހެވެ.“

ޢިލްމުގެ އަހުލުވެރިންގެ ތެރެއިން ބައެއް އަހުލުވެރިން މުޙައްރަމް މައްސަރަކީ ޙުރުމަތްތެރި ވެގެންވާ މައްސަރުތަކުގެ ތެރޭގައިވާ އެންމެ ހެޔޮވެގެންވާ މައްސަރު ކަމުގައި ވިދާޅުވެފައިވެ އެވެ. ”ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވާ މައްސަރަކީ ކޮބައިކަމާ މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފްވެގެންވެ އެވެ. الحسن البصري އަދި އެހެނިހެން ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. އެ މައްސަރުތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވާ މައްސަރަކީ، ﷲ ގެ މައްސަރު ކަމުގައިވާ المُحرَّم މައްސަރެވެ. އަދި ފަހުގެ ޢިލްމުވެރިންގެ ތެރެއިންވެސް ބައެއް ބޭކަލުން މިއީ އެންމެ ހެޔޮބަސްފުޅު ކަމުގައި ވިދާޅުވެފައިވެ އެވެ.“

أبي ذر رضي الله عنه ރިވާކުރައްވާފައިވާ ޙަދީޘް މިކަމުގެ ދަލީލު ކަމުގައިވެ އެވެ. (سألت النبي صلى الله عليه وسلم: أي الليل خير وأي الأشهر أفضل؟ فقال: خير الليل جوفه وأفضل الأشهر شهر الله الذي تدعونه المحرم) ޞަހާބީ ވިދާޅުވެފައިވެ އެވެ. ”ނަބިއްޔާ صلى الله عليه وسلم އަރިއަހުގައި އެންމެ ހެޔޮވެގެންވަނީ ރޭގަނޑުގެ ކޮން ވަޤުތެއްތޯ އަދި އެންމެ ހެޔޮވެގެންވާ މައްސަރަކީ ކޮބައިތޯ ސުވާލު ދެންނެވީމެވެ. ފަހެ، ޙަދީޘް ކުރެއްވި އެވެ. ރޭގަނޑުގެ އެންމެ ހެޔޮވެގެންވާ ވަޤުތަކީ ރޭގަނޑުގެ އެންމެ ދަން ގަޑި އެވެ. އަދި މައްސަރުތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވަނީ المُحرَّم ގެ ނަމުން ތިޔަބައިމީހުން ބުނާ މައްސަރެވެ.“

މި މައްސަރުގެ އެންމެ މަތިވެރިވެގެންވާ ޙުކުމްތަކުގެ ތެރޭގައި :

ރޯދަ ހިފުމުގެ މަތިވެރިކަން : ރޯދަ ހިފުމުގެ މާތްކަން ޛިކުރު ކުރައްވާ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (أفضل الصيام بعد رمضان شهر الله المحرم) ”ރަމަޟާން މައްސަރަށް ފަހުގައި ރޯދަ ހިފުން އެންމެ ހެޔޮވެގެންވާ މައްސަރަކީ ﷲ ގެ މައްސަރު ކަމުގައިވާ المُحرَّم މައްސަރެވެ.“

މި މައްސަރުގައިވާ ޢާޝޫރާ ދުވަސް :

ޢާޝޫރާ ދުވަހަކީ، ﷲ ތަޢާލާ އެއިލާހުގެ ނަބިއްޔާ مُوسى عليه السلام އަދި مُوسى عليه السلام ގެ ޤައުމުގެ މީސްތަކުން ފިރުޢައުގެ ކިބައިން ސަލާމަތް ކުރައްވާ އަދި ފިރުޢައުނު ޣަރަޤު ކުރެއްވި ދުވަހެވެ. ފަހެ، އެ ދުވަހުގައި ﷲ އަށް ޝުކުރުވެރިވެވަޑައިގަތުމުގެ ގޮތުން مُوسى عليه السلام ރޯދަ ހިއްޕެވި އެވެ. އަދި އެއަށްފަހުގައި ނަބިއްޔާ صلى الله عليه وسلم އެ ދުވަހުގައި ރޯދަ ހިއްޕެވި އެވެ. ابن عباس رضي الله عنهما ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެ އެވެ. (قدم رسول الله صلى الله عليه وسلم المدينة فوجد اليهود يصومون يوم عاشوراء، فسئلوا عن ذلك، فقالوا: هذا اليوم الذي أظهر الله فيه موسى وبني إسرائيل على فرعون، فنحن نصومه تعظيماً له، فقال رسول الله صلى الله عليه وسلم: نحن أولى بموسى منكم، فأمر بصيامه) ”ﷲ ގެ ރަސޫލާ صلى الله عليه وسلم މަދީނާއަށް ހިޖުރަކުރެއްވި އެވެ. ފަހެ، އެ ހިނދުގައި (މަދީނާގައި ތިބި ޔަހޫދިން) ޢާޝޫރާ ދުވަހު ރޯދައަށް ތިބޭތަން ފެނިވަޑައިގެންނެވި އެވެ. އަދި އެކަމާ ބެހޭ ގޮތުން އެބައިމީހުންނާ ސުވާލު ކުރެއްވި އެވެ. އަދި އެމީހުން ޖަވާބުގައި ދެންނެވިއެވެ. މި ދުވަކީ ﷲ އެ އިލާހުގެ مُوسى އަދި ބަނީ އިސްރާއީލް ފިރުޢައުނުގެ މައްޗަށް ފާޅުކުރެއްވި ދުވަހެވެ. ފަހެ، އެދުވަސް މަތިވެރި ކުރުމަށްޓަކައި އަހަރެމެން މިއަދު ރޯދައަށް ތިބެމުއެވެ. ފަހެ، އެހިނދު ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. ”ތިޔަބައިމީހުންނަށްވުރެން، مُوسى عليه السلام އަށް އަހަރެމެން އައުލާކަން ބޮޑުވެގެންވެ އެވެ.“ އަދި الإمام المسلم ރިވާކުރައްވާފައިވާ ރިވާޔަތުގައިވެ އެވެ. (صامه موسى شكراً، فنحن نصومه) ”ފަހެ، އެދުވަހުގައި مُوسى عليه السلام (ﷲ ދެއްވި ނިޢުމަތަށް ޝުކުރުވެރިވުމަށް) އެ ދުވަހުގައި ރޯދައަށް ހުންނެވި އެވެ. އަދި އަހަރެމެން އެ ދުވަހުގައި ރޯދައަށް ތިބެމު އެވެ…“

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts