އަނދިރިކޮށްގެން ނިދުމަކީ ކޮންކަހަލަ ކަމެއްތޯ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

އަނދިރިކޮށްގެން ނިދުމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.

ރޭގަނޑު ނިދާއިރު އަލިފާން ރޯކޮށްފައިވާނަމަ އެ އަލިފާން ނިއްވުމަށް ޙަދީޘްތަކުގައި އަމުރުފުޅު ކުރެވިގެންވެ އެވެ.

އިމާމް البخاري  5624 އަދި مسلم 2012 ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ. رسولُ الله صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ.  «أَطْفِئُوا الْمَصَابِيحَ إِذَا رَقَدْتُمْ، وَغَلِّقُوا الْأَبْوَابَ وَأَوْكُوا الْأَسْقِيَةَ، وَخَمِّرُوا الطَّعَامَ وَالشرابَ»  ”ތިޔަބައިމީހުން ނިދަން އޮށޯންނަހިނދު ވޮށްތައް ނިއްވާލުން ހުއްޓެވެ. އަދި ދޮރުތައް ލައްޕާލުން ހުއްޓެވެ. އަދި ކަންވާރުތަކުގައި މަތިޖަހާ ބަންދު ކުރުން ހުއްޓެވެ. އަދި ކާއެއްޗެއްސާއި ބޯތަކެތި ބަންދު ކުރާށެވެ.“

އަދި مسلم 2015  ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ. ނަބިއްޔާ  صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ.  « لا تَتْرُكُوا النَّارَ فِي بُيُوتِكُمْ حِينَ تَنَامُونَ»  ”ތިޔަބައިމީހުން ގޭތެރޭގައި އަލިފާން ރޯކޮށްފައި ބަހައްޓައި ނުނިދާހުށި ކަމެވެ.“

ޢިލްމުވެރިންގެ ބަސްފުޅުގައި ބަޔާންވެގެންވަނީ، އަލިފާން ރޯކޮށް ބަހައްޓާފައި ނުނިދުމަށް އަމުރުފުޅު ކުރެވިގެންވަނީ އެއީ އެކަމުގެ ސަބަބުން ނުކުންނަ ނަތީއްޖާއެއްގެ މައްޗަށް ބިނާކޮށެވެ. ފަހެ، އަލިފާން ރޯވެ ގެ އަނދައިގެންދިއުމާއި، އަދި މީދާ ފަދަ ސޫފިތައް މިސްތަކުންނަށް އަނިޔާ ދިނުމަށްޓަކައި އެ ރޯކޮށްފައިވާ އަލިފާން ބޭނުންކޮށް މީސްތަކުންނަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތުމެވެ.

ދަންނަ އެވެ! އިސްވެ ބަޔާންވެގެންވާ ޙަދީޘްތަކުގައި އަލިފާން ނިއްވުމަށް ބަޔާންވެގެންވާ ލަފްޟުތަކުގެ މުރާދަކީ މުސްތަޙައްބުވެގެންވާކަމުގައި ގިނަ ޢިލްމުވެރިން ދެކިވަޑައިގަންނަވަ އެވެ. ޔަޢުނީ ވާޖިބު ޙުކުމެއް ނޫން ކަމެވެ.

النَّووي -رحمه الله- ވިދާޅުވެފައިވެ އެވެ.

”ނަބިއްޔާ صلى الله عليه وسلم  ގެ ބަސްފުޅު« لا تَتْرُكُوا النَّارَ فِي بُيُوتِكُمْ حِينَ تَنَامُونَ»  ”ތިޔަބައިމީހުން ގޭތެރޭގައި އަލިފާން ރޯކޮށްފައި ބަހައްޓައި ނުނިދާހުށި ކަމެވެ.“  ފަހެ، މިއީ ޢާންމު ޙުކުމެކެވެ. މި ޙުކުމުގެ ތެރެއަށް ވޮށް އަދި އެނޫން ތަކެތިވެސް ވަންނާނެ އެވެ. ދެންފަހެ މިސްކިތް ދިއްލުމަށްޓަކައި ބޭނުން ކުރާ މިސްކިތުގައި އެލުވާފައި ހުންނަ ޤަނާދީލް (އަލިކުރުމަށް ބޭނުން ކުރާ ފުޅި ބައްތި ފަދަ އާލަތެކެވެ.) އަދި މި ނޫންވެސް އެފަދަ އާލަތެއް އޭގެ ސަބަބުން އަލިފާން ރޯވެދާނެ ކަމުގެ ބިރު އޮވެއްޖެހިނދު އެ ނިއްވާލުމަށް އޮތް އަމުރުގެ ތެރެއަށް ވަންނާނެ އެވެ. އަދި އެ ނުރައްކަލުން އަމާންކަން ލިބިގެންވާނަމަ، އަދި އެއީ ޢާންމުކޮށް ކަންހިނގާގޮތެވެ. ފަހެ، އެ ޙާލުގައި ފެންނަނީ އެކަމުގައި މައްސަލައެއް ނެތް ކަމެވެ. ސަބަބަކީ، ނިއްވާލުމަށް އޮތް ސަބަބު (އަލިފާން ރޯވުން) ފިލައިގޮސްފައި ވުމުންނެވެ…“

ވުމުން މި ޒަމާނުގައި ބޭނުން ކުރާ ހޮޅިބުރި ނުވަތަ ބޮކިފަދަ އަދި އެ ނޫނަސް އަލި ކުރުމަށް ބޭނުންކުރާ އެކިއެކި ކަރަންޓްގެ އާލަތްތައް، މިވަނި ވަރަށްބޮޑަށް އޭގެ ރައްކާތެރިކަމުގެ މައްޗަށް ބުރަވެފަ އެވެ. އަލިފާން ރޯވެ ދިއުމުގެ މައްޗަށް ނުހަނު ބޮޑަށް އަމާންކަން ލިބިގެންނެވެ.

ވުމާއެކު، އަމާންކަން ލިބިގެންވާ ޙާލުގައި އެފަދަ ބޮކި އަދި އަލިކުރާ އެކިއެކި އާލަތްތައް ދިއްލުމަކުން އޭގައި މަނާ ކަމެއް ނެތެވެ. އަދި ބޭނުން ކަމުގައިވާނަމަ، އެކުއެކީގައި ނިއްވާލުމުގައިވެސް މަނާކަމެއް ނެތެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts