ޤުނޫތު އައް-ނަވާޒިލް ކިޔުން ސުންނަތުގައި ވާރިދުވެގެންވަނީ ކިހިނެއްތޯއެވެ؟

بسم الله الرحمن الرحيم.

الحمد لله رب العالمين والصلاة والسلام على رسول الله و على آله وصحبه ومن ولاه:

أما بعد

ޤުނޫތު އައް-ނަވާޒިލް ގެ މައްޗަށް ކޮށްފައިވާ ސުވާލާއިމެދު ބުނަމެވެ.    

ފުރަތަމައީ : ނަވާޒިލް ޤުނޫތު އެންމެހައި ނަމާދުތަކެއްގައި ކިޔުން ޝަރުޢުވެގެންވާކަމަށް ޖުމްހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވަ އެވެ. ހަމައެކަނި ޖަހުރީ ނަމާދު ތަކުގައި ކިޔުމަށް ދެކެވަޑައިގަންނަވަނީ الحَنَفية އިންނެވެ.  އެންމެހައި ނަމާދުތަކެއްގައި ކިޔުމުގެ މައްޗަށް ދަލީލު ކުރެވޭ ރިވާޔަތްތައް ސުންނަތުގައި ބަޔާންވުމުން މިކަމުގައި ސާފު ޞަރީޙަ ދަލީލުގައިވާ ޤައުުލަކީ ކޮބައިކަން ބަޔާންވެގެންވެ އެވެ.  

އެފަދަ ދަލީލުތަކުގެ ތެރޭގައި الإمام أحمد އަދި  أبودادو، ابن عباس -رضي الله عنهما- ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘެކެވެ.  

”ރަސޫލާ صلى الله عليه وسلم  އެއްމަސް ދުވަސްވަންދެން ޤުނޫތު ވިދާޅުވި އެވެ. މެންދުރު ނަމާދު، އަޞްރު ނަމާދު، މަޣްރިބް ނަމާދު، އިޟާ ފަތިސްނަމާދުގައި ވިދާޅުވި އެވެ. އެންމެ ފަހު ރަކުޢަތުގެ سمع الله لمن حمده ވިދާޅުވުމަށްފަހު، އެބައިމީހުންގެ މައްޗަށް ދުޢާ ކުރެއްވި އެވެ. بني سليم (އެބައެއްގެ މައްޗަށް ދުޢާކުރެއްވި ފަރާތްތައް ޛިކުރު ކުރެއްވި އެވެ.) އަދި ފަހަތްޕުޅުގައިވާ (މައުމޫމިން) އާމީން ވިދާޅުވެ އެވެ.“  الإما مسلم ޞަޙީހުގައި ބާބެއް ބަންނަވާ އެބާބުގައި ވިދާުވި އެވެ. ”މުސްލިމުންގެ މައްޗަށް ނާޒިލާއެއް ފާޅުމުން އެންމެހައި ނަމާދު ތަކެއްގައި ޤުނޫތުކިޔުން މުޞްތަޙައްބުވެގެންވާކަން ނަން ގަނެވޭ ބާބު“  

ދެވަނައީ : ޤުނޫތު ނާޒިލާ ކިޔުމަށް އޮތް މަޤާމަކީ ކޮބައިކަމެވެ. ޤުނޫތު ނާޒިލާގެ ކިޔުމަށް އޮތް މަޤާމަކީ އެންމެ ފަހު ރަކުޢަތުގެ ރުކޫޢަށް ފަހުގައި ކަމުގައި ޙަދީޘްތަކުގައި ވާރިދުވެގެންވެ އެވެ. އަދި ބައެއް ޙަދީޘް ތަކުގައި ރުކޫޢުގެ ކުރިއަށް ކަމުގައިވެސް ޛިކުރުވެގެންވެ އެވެ. ބައެއް ޢިލްމުވެރިން ދެގޮތްވެސް ހުއްދަކަމުގައި ވިދާޅުވެ އެވެ.  

އެގޮތުން ޢިލްމުވެރިންގެ މެދުގައި ތިން ބަސްފުޅެއްގެ މައްޗަށް ޚިލާފްވެގެންވެ އެވެ.  

މިކަމުގައި ޞައްޙަވެގެންވާ ބަސްފުޅަކީ ރުކޫޢަށް ފަހުގައި ކިޔުމެވެ. މިއީ މިކަމުގައި ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅެވެ. މި ބަސްފުޅުގެ މައްޗަށް ވާރިދުވެގެންވާ ޞަރީޙަ ދަލީލުތަކުގެ ތެރޭގައި  صحيح البخاري  ގައި أنس ގެ އަރިހުން ބަޔާން ވެގެންވާ ޙަދީޘް ހިމެނެ އެވެ. ޙަދީޘްގައިވެ އެވެ. قنت النبي صلى الله عليه وسلم بعد الركوع شهرا يدعو على رعل وزكوان  ނަބިއްޔާ صلى الله عليه وسلم ނަމާދުގެ ރުކޫޢަށް ފަހުގައި އެއްމަސް ވަންދެން ޤުނޫތު ކިޔުއްވި އެވެ….“ އަދިވެސް މިފަދައިން ބަޔާންވެގެންވާ ދަލީލުތަކުގެ ތެރޭގައި الإمام أحمد އަދި  أبودادو، ابن عباس -رضي الله عنهما- ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘެކެވެ.  

”ރަސޫލާ صلى الله عليه وسلم   އެއްމަސް ދުވަސްވަންދެން ޤުނޫތު ވިދާޅުވި އެވެ. މެންދުރު ނަމާދު، އަޞްރު ނަމާދު، މަޣްރިބް ނަމާދު، އިޟާ ފަތިސްނަމާދުގައި ވިދާޅުވި އެވެ. އެންމެ ފަހު ރަކުޢަތުގެ سمع الله لمن حمده ވިދާޅުވުމަށްފަހު، رعل  އަދި زكوان  (އެބައިމީހުންގެ މައްޗަށް) ދުޢާ ކުރެއްވި އެވެ.“  

ތިންވަނައީ : އަތް އުފުލުމެވެ. ޤުނޫތު ނާޒިލާގައި އަތް އުފުލުމަށް ދަލީލުތައް ވާރިދުވެގެންވެ އެވެ. މި މައުޟޫގައި الشَّيْخُ الإِمَامُ ابن بَاز – رَحِمَهُ الله- އަރިހުގައި ސުވާުކުރެވުނުހިނދު ދެއްވި ޖަވާބު ބަޔާން ކުރަމެވެ. 

ސުވާލު : ޤުނޫތު ކިޔާ ހިނދުގައި ދެއަތް އުފުލުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ 

ޖަވާބު : ޤުނޫތު ކިޔުމުގައި އެއީ މުސްޠަޙައްބު ވެގެންވާ ކަމެކެވެ. ޔަޢުނީ، ނަބިއްޔާ  ﷺ  އަރިހުން އިމާމް البَيْهَقِي – رحمه الله – ރިވާކޮށްފައިވާ ޘާބިތު ރިވާޔަތެއްވެ އެވެ.   

އަދި  الإِمَام محمد بن صالح العثيمين އަރިހުގައި ސުވާލު ކުރެވުނެވެ. 

ސުވާލު : ޤުނޫތަށް އަތް އުފުލުމަކީ ސުންނަތުގައިވާ ކަމެއްތޯ އެވެ. ދަލީލުތަކުގައި ބަޔާންކޮށްދިނުން އެދެމެވެ. 

ޖަވާބު : ”އާއެކެވެ. ޤުނޫތުގައި އަތް އުފުލުމަކީ ސުންނަތުގައި  ބަޔާންވެގެންވާ ކަމެކެވެ. ފަހެ، ރަސޫލާ ފަރުޟު ނަމާދުގައި، ޤުނޫތު ނާޒިލާގައި އަތްޕުޅު އުފުއްލެވިކަމުގައި ވާރިދުވެގެންވެ އެވެ. އަދި ހަމަ އެފަދައިން އަމީރުލް މުއުމިނީން عمر بن الخطاب رضي الله عنه އަރިހުން ވިތުރީގެ ޤުނޫތުގައި އަތްޕުޅު އުފުއްލެވި ކަމުގައި ވާރިދުވެގެންވެ އެވެ. އެއީ އަހަރެމެން އެބަޔަކަށް ތަބަޢަވުމަށް އަމުރުފުޅު ކުރެވިފައިވާ ޚުލަފާއުއް ރާޝިދޫންގެ އެއް ޚަލީފާ އެވެ.“ 

ހަތަރުވަނައީ : އަތް އުފުލުމުގެ ސިފަ އެވެ. އިމާމް އަދި މައުމޫމީންވެސް އެބައިމީހުންގެ އަތްތިލައިގެ އެތެރެ ފަރާތް މައްޗަށްވާ ގޮތަށް އަދި އަތްތިލައިގެ ބޭރު ފަރާތް ބިމަށް ހުންނަ ގޮތަށް ދެއަތްތިލަ ކައިރިކޮށް ހުޅުވާފައި ބެހެއްޓުމެވެ. އަދި އޭނާގެ ލޮލުން ބަލާނީ ހުޅުވާފައިވާ ދެއަތްތިލައިގެ ތެރެއަށެވެ. އަދި ޤުނޫތު ނިމުމުން ދެއަތްތިލަ ތިރިކޮށްލުން ހުއްޓެވެ.  

ދަންނަހުއްޓެވެ. ޤުނޫތަށް ފަހުގައި ނުވަތަ ނަމާދުން ބޭރުގައި ކުރާ ދުޢާތަކަށްފަހުގައި މޫނުގައި އަތް އެޅުމަކީ އެއްވެސް ގޮތަކަށް ޘާބިތުވާ ޢަމަލެއް ނޫނެވެ. البيهقي ސުނަނުގައި ވިދާޅުވެފައިވެ އެވެ. ”ދެންފަހެ، ދުޢާކޮށް ނިމުމުން މޫނުގައި އަތްއެޅުމަކީ އުއްމަތުގެ އެއްވެސް ސަލަފުއް ޞާލީހުންގެ ބޭކަލެއްގެ އަރިހުން ވާރިދުވެގެންވާ ޢަމަލެއް ނޫނެވެ.“  

النووي ވިދާޅުވެފައިވެ އެވެ. ”މޫނުގައި އަތް އަޅައިގެން ނުވާނެ އެވެ. އެއީ އެކަމުގައި ޞައްޙަ ގޮތެވެ“  

ފަސްވަނައީ : މާތް ނަބިއްޔާ  صلى الله عليه وسلم   ވަނީ އުއްމަތަށް ޤުނޫތު ނާޒިލާ ޢަމަލީގޮތުން ޢަމަލުފުޅުން ދައްކަވާފަ އެވެ.  

މާތް މަތިވެރި ސުންނަތް އުނގަންނަވައި ދެއްވާފަ އެވެ. މިއީ މިއަދު އިސްލާމީ އުއްމަތުގައި މީސްތަކުން އެންމެ ފަރުވާކުޑަ ކޮށްފައިވާ އެއް ބާބެވެ. މާތް ނަބިއްޔާގެ ސުންނަތަށް ތަބަޢަވުމެވެ. ސުންނަތޭ ބުނެ ދަޢުވާކުރާ މީހުންގެ ގިނަ ކަމާ އެވެ! އެހެނަސް ސުންނަތަށް ޢަމަލު ކުރަން ޖެހުމުން އެބައިމީހުންގެ ދަޢުވާ އާއި ޢަމަލާއި ދިމާ ނުވުމެވެ. މިއީ ކޮންފަދަ ނުރައްކާތެރި ކަމެއްކަން އަހަރުމެން ނުދަންނަ ކަހަލަ އެވެ. މި މައުޟޫގައި މާތް ނަބިއްޔާގެ ސުންނަތް ކޮބައި ހެއްޔެވެ؟  ބުނަމެވެ. މާތް ނަބިއްޔާ صلى الله عليه وسلم    ގެ ޙަޔާތްޕުޅުގައި ޤުނޫތު ނާޒިލާ ކުރެއްވިހިނދު އެއްވެސް ދުޢާއެއް ކުރިއަށް ވިދާޅުނުވެ، އެންމެ ފުރަތަމވެސް ފައްޓަވަނީ ނާޒިލާގެ ދުޢާއިންނެވެ. ޞަޙީހުލް البُخَاري ގައި أبُوهُرَيرة ގެ އަރިހުން ރިވާގވެގެންވާ ރިވާޔަތުގައި ވެ އެވެ. أن النبي صلى الله عليه وسلم لما رفع رأسه من الركعة الثانية من الصبح قال: اللهم أنج الوليد بن الوليد وسلمة بن هشام وعياش بن أبي ربيعة والمستضعفين بمكة، اللهم أشدد وطأتك على مضر، اللهم اجعلها عليهم سنين كسني يوسف  ހަމކަށަވަރުން ނަބިއްޔާ  صلى الله عليه وسلم    ދެވަނަ ރަކުޢަތުގެ ރުކޫޢިން ތެދުވެވަޑައިގެންނެވުމަސްފަހު (ޤުނޫތު ނާލިޒާގައި ވިދާޅުވެ އެވެ.) ”އަޅަމެނެގެ ވެރި އިލާހު! الوليد بن الوليد އަދި  سلمة بن هشام  އަދި وعياش بن أبي ربيعة  އަދި މައްކާގައިވާ ބަލިކަށި ނިކަމެތި ޙާލުގައިވާ އަހުލުވެރިން ސަލާމަތް ކުރައްވާށި އެވެ. މުޟަރުގެ އަހުލުވެރިންގެ މައްޗަށް އިބަ އިލާހުގެ ހިއްޕެވުން ގަދަފަދަ ކުރައްވާށި އެވެ. އަޅަމެންގެ ވެރި އިލާހު! يوسف عليه السلام ގެ ޤައުމުގެ އަހުލުވެރިންގެ މެދުވެރިވިފަދަ އަހަރުތަކެއް އެބައިމީހުންގެ މައްޗަށް މަތި ކުރައްވާނދޭވެ.“    

މިއީ ނަބިއްޔާ އެފަދައިން ކުރައްވާފައިވާ ޤުނޫތު ނަވާޒިލް އެކެވެ. ނާޒިލާގައި އެ ދިމާވެފައިވާ މުޞީބާތް، ދިމާވެފައިވާ ޢަދުއްވު ނުވަތަ ދަތިކަން ނޫން އެހެން ކަމެއް ޛިކުރު ކުރެވިގެންވާ އެއްވެސް ދުޢާއެއް ނުދަންނަމެވެ.  

މިމައުޟުގައި الشيخ ابن عثيمين  ވިދާޅުވެފައިވެ އެވެ.  ”އެބަޔަކަށް ދިމާވެފައިވާ ނާޒިލާއާ މުނާސިބް ދުޢާއެއް ކުރުން ހުއްޓެވެ. ފަހެ، އެހެންވުމުން ރަސޫލާ މި ނަވާޒިލް ޤުނޫތުގައި، އެ ނާޒިލާއަކާ މުނާސަބު ދުޢާއެއް ކުރައްވަ އެވެ. އެއްވެސް ގޮތަކަށް ދުޢާކުރައްވާ (اللَّهُمَّ اهْدِني فيمن هَديت) މިފަދައިން ވިދާޅެއް ނުވެ އެވެ. މިއީ ބައެއް ޢާންމީން (ޢިލްމެއްނެތް، ތަންދޮރު ނުދަންނަ) ކަންކުރާގޮތެވެ. އަދި ނަބިއްޔާ صلى الله عليه وسلم   އަރިހުން ޞައްޙަ ޙަދީޘެއްގައި އަދި ބަލިކަށި ޙަދީޘެއްގައިވެސް އެއްވެސް ޙާލެއްގައި (اللهم اهْدِني فِيمَنْ هَدَيت) -މިފަދައިން ދުޢާކޮށް- ފަރުޟުނަމާދުގައި ވިދާޅުވެފައި ނުވެ އެވެ. އެހެނަސް ދުޢާކުރުން އޮތީ އެ ދިމާވެފައިވާ އެ ނާޒިލާއަކާ ގުޅޭ ގޮތުންނެވެ…..“   

އަޚުންނެވޭ! ވިސްނާލުން ހުއްޓެވެ. ޢިލްމު ކޮބައި ހެއްޔެވެ؟ ސުންނަތް ކޮބައި ހެއްޔެވެ؟ ސުންނަތުގެ ސިފަ ކޮބައި ހެއްޔެވެ؟ ހިދާޔަތް ކޮބައި ހެއްޔެވެ؟ މިއިން އެކައްޗެއްވެސް ފެންނަންނެތް ކަހަލަ އެވެ. ސުންނަތް ބަޔާންކޮށްދޭނެ، ޙައްޤު އޮޅުން ފިލުވައިދޭނެ ބަޔަކުވެސް ނެތީ ކަހަލަ އެވެ؟ سُبحَان الله އެވެ! ފޮތް ތަކުގައި، މި ބަސްފުޅުތައް ދަލީލުތައް މިވަނީ ބޮޑު އަކުރުން ނެގިފަ އެވެ. މިއަދު ވިސްނާލުން ހުއްޓެވެ!  

އެބަޔަކު އެ ދަޢުވާކުރާ ސުންނަތަކީ ކޮބައި ހެއްޔެވެ؟ ސުންނަތުގެ އަހުލުވެރިންގެ ބަސްފުޅުތަކަށް ނަޒަރު ހިންގާލުން ހުއްޓެވެ.  

الإمام شيخ الإسلام ابن تيمية -رحمه الله-  ވިދާޅުވެފައިވެ އެވެ . ”ﷲ ދެކެެ ލޯބިވާކަމަށް ދަޢުވާކުރާ މީހާ ރަސޫލާ ﷺ  ގެ ސުންނަތަށް ތަބަޢަނުވާ ކަމުގައިވާ ހިނދުގައި،  އެފަދަ ކޮންމެ މީހަކީ (އޭނާގެ ދަޢުވާގައި) ދޮގުވެރި އެކެވެ.“ 

العَلاَّمَة محمَّد بن صَالح العُثَيمِين  -رحمه الله-  ވިދާޅުވެފައިވެ އެވެ. ”ދެނެގަތުން ހުއްޓެވެ. ޙަޤީޤަތުގައި ނަބިއްޔާ ﷺ  އަށް ތަބަޢަވުމަކީ، ނަބިއްޔާގެ ސުންނަތުގައި ހިފެހެއްޓުމެވެ. ޢަމަލުފުޅު ކުރެއްވިގޮތަށް ޢަމަލުކުރުމެވެ. ދޫކޮށްލެއްވި ކަންތައްތައް ދޫކުރުމެވެ. ކަމެއް އިތުރުކޮށްފި ހިނދު ނުވަތަ އުނިކޮށްފި ހިނދު، އޭނާ އުނި އިތުރުކުރި މިންވަރަކުން ވަނީ ނަބިއްޔާއަށް ތަބަޢަވުމުގައި އުނިކަން ލިބިގެންނެވެ. އެހެނަސް އިތުރުކުރުމަކީ ކަމެއް ދޫކޮށްލުމަށްވުރެ ނުބައިކަން ބޮޑުވެގެންވާ ކަމެކެވެ. ސަބަބަކީ އެއީ ﷲ އާއި ރަސޫލާގެ މައްޗަށް އިސްވެގަތުމެވެ.“ 

الإِمَام ابن القّيِّم ވިދާޅުވެފައިވެ އެވެ. ”ކޮންމެ އަޅެއްގެ ފެށުމަކާއި ނިމުމެއްވެ އެވެ. އެމީހެއްގެ ފެށުން ކަމުގައިވަނީ ހަވާނަފްސަށް ތަބަޢަވުން ކަމުގައިވެއްޖެހިނދު، އޭނާގެ ނިމުން ކަމުގައި ވާހުށީ ދެރަ ނިކަމެތިކަމާއި، (ހެޔޮކަންތަކުން) މަޙްރޫމްވުމާއި އަދި ބަލާވެރިކަމާ ބައްދަލުވުމެވެ.“  

الإِمَام الشَّافِعي ވިދާޅުވެފައިވެ އެވެ. ”ތިޔަބައިމީހުންނަށް الرسول ﷺ  ގެ ސުންނަތެއް ފެނިއްޖެހިނދު، ފަހެ އަވަހަށް އެ ސުންނަތަށް ތަބަޢަވާށެވެ. އަދި އެހެން އެއްވެސް މީހެއްގެ ބަހަކަށް ނުބެލުން ހުއްޓެވެ.“  

މިއަދު މީސްމީހުންނަށް ސުންނަތާއި ޚިލާފް، ބިދުޢަތައް ނިޞްބަތް ކުރާ މީހުންގެ ޢަމަލަށް ބަލައިލާހިނދު އެބައިމީހުން މި މާތް މަތިވެރި ނަމާދުގައި ކިޔުމަށް ޝަރުޢުކޮށްފައިވާ ނަވާޒިލުގައި ދުޢާ ކުރާ ސިފައަށް ބަލައިލުން ހުއްޓެވެ. ހިތާމައިގެ ކޮޅެއްނެތެވެ. މިފަދައިން ސުންނަތް ފާޅުކޮށް އެ ސުންނަތް ދިރުވުމަށް އެބަޔަކަށް އޮތް ހުރަހަކީ ކޮބައި ހެއްޔެވެ؟ އެއް ޒަމާނެއްގައި ސުންނަތަށް ނޫޅެވޭ ބުނި މީހުންނަށް މިއަދު އަމިއްލަ ނަފްސަށް ބުނާނީ ކީކޭ ބާވަ އެވެ؟  

އެންމެ ފަހު ނުކުތާގައި ބުނަމެވެ. ޤުނޫތަށް ފަހުގައި ޞަލަވާތް ކިޔުމަށް އެއްވެސް ޙަދީޘެއްގައި ވާރިދު ނުވެ އެވެ. އެހެނަސް އެކަމަށް މާތް ނަބިއްޔާގެ ޞަޙާބީންގެ ޢަމަލުފުޅު ޘާބިތުވެފައިވުމުން އެކަން ހުއްދަވެގެންވެ އެވެ. الإما الألباني ޞަޙާބީންގެ އަރިހުން އެކަން ޘާބިތުގެވެންވާ ކަން ބަޔާން ކުރައްވާ ވިދާޅުވި އެވެ. ”އެހެންވުމުން އިތުރަށް ޞަލަވާތް ކިޔުން އެއީ ބިދުޢައެއް ކަމުގައި ބުނުން އެދެވިގެން ނުވެ އެވެ.“ 

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts