އިމާމްގެ ފަހަތުގައި ނަމާދު ކުރާ މީހާ ސޫރަތުލް ފާތިޙާ ކިޔެވުމުގެ ޙުކުމަކީ ކޮބާތޯ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
އިމާމްގެ ފަހަތުގައި ނަމާދު ކުރާ މީހާ ސޫރަތުލް ފާތިޙާ ކިޔެވުމުގެ ޙުކުމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ،
މި މައްސަލައަކީ އެންމެ ކުރިއްސުރެ ފަށައިގެން ސުންނަތުގެ އިމާމުންނާއި ޢިލްމުވެރިންގެ މެދުގައި ނުހަނު ޚިލާފް މަޝްހޫރު މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ އެވެ. އޭގެ އެންމެ ބޮޑު އެއް ސަބަކަކީ ތަފާތުކޮށް ދަލީލުތައް ވާރިދުވެގެންވުމާއި، ބައެއް ބޭކަލުންގެ އަރިހުގައި ދަލީލުތައް ޞައްޙަވުމާއި އަދި ބަލިކަށި ވުމުގެ މައްޗަށް ޚިލާފްވެފައިވުމެވެ.
މި މައްސަލައިގައި އޮތް ޚިލާފް މަޝްހޫރު 3 ޤައުލެއްގެ މައްޗަށްވެ އެވެ.
ފުރަތަމަ ޤައުލަކީ : ސިއްރިއްޔަ އަދި ޖަހުރިއްޔަ ނަމާދުގައިވެސް، އެންމެހައި ރަކުޢަތެއްގައިވެސް މައުމޫމުން ފާޠިޙާ ސޫރަތް ކިޔެވުން ވާޖިބުވެގެންވުމެވެ. އަދި އެއީ ޖަހްރިއްޔަ ނަމާދެއްގައި މައުމޫމަށް ފާތިޙާ ކިޔަވާ އަޑު އިވުނަސް އަދި ނުއިވުނު ކަމުގައިވީނަނަވެސް މެ އެވެ.
މި ޤައުލު ވިދާޅުވެފައިވާ ބޭކަލުންގެ ތެރޭގައި ޞަޙާބީ ބޭކަލުންގެ ތެރޭގައި عُمر بن الخطاب، عُبادة بن الصامت، عبدالله بن عمرو بن العاص، އަދި أبي هريرة ހިމެނިވަޑައިގަންނަވަ އެވެ. އަދި މި ޤައުލު އިމާމް البُخاري އިޚްތިޔާރު ކުރެއްވި އެވެ.
އަދި الشافعي އަދި އެ މަޛްހަބުގެ ގިނަ އަހުލުވެރިން މިފަދައިން ދެކެވަޑައިގަންނަވަ އެވެ. އަދި إسحاق بن راهويه، الأوزاعي، الليث މިފަދައިން އިޚްތިރާ ކުރެއްވި އެވެ.
ފަހުގެ ދުވަސްތަކުގައި ފާޅުވި ސުންނަތުގެ އިމާމުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشيخ ابن باز، އަދި الشيخ ابن عثيمين މިފަދައިން ދެކެވަޑައިގަންނަވަ އެވެ.
އެ ބޭކަލުން މިފަދައިން ދެކެވަޑައިގަންނަވާ ދަލީލު ތަކުގެ ތެރޭގައި ގިނަ ދަލީލުތަކެއްވެ އެވެ،
އޭގެ ތެރޭގައި عُبادة بن الصامت ގެ އަރިހުން أبو داود އަދި الترمذي އަދި އެނޫންވެސް އިމާމުން ރިވާކޮށްފައިވާ މި ރިވާޔަތް ހިމެނެ އެވެ. ޞަޙާބީ ވިދާޅުވެ އެވެ. كنا خلف رسول الله صلى الله عليه وسلم في صلاة الفجر، فقرأ رسول الله صلى الله عليه وسلم، فثقلت عليه القراءة، فلما فرغ قال: ((لعلكم تقرؤون خلف إمامِكم؟))، قلنا: نعم هذا يا رسول الله قال: ((لا تفعلوا إلَّا بفاتحة الكتاب؛ فإنه لا صلاة لمن لم يقرأ بها) ”ތިމަންމެން ނަބިއްޔާ ، ގެ ފަހަތްޕުޅުގައި ތިއްބަވައި ފަތިސް ނަމާދެއް ކުރެއްވީމެވެ. ފަހެ، ރަސޫލާ އަށް ޤުރުއާން ވިދާޅުވުމަށް ބުރަވެވަޑައިގެންނެވި އެވެ. އަދި ނަމާދުކޮށް އަވަދިވެވަޑައިގެންނެވުމުން ޙަދީޘްފުޅު ކުރެއްވި އެވެ. ”ތިޔަބައިމީހުންގެ އިމާމްގެ ފަހަތުގައި ތިއްބަވައި ތިޔަބައިމީހުން ކިޔަވައި ވިދާޅުވަނީ ތޯ އެވެ؟“ ޞަޙާބީން ދެންނެވި އެވެ. ”ﷲ ގެ ރަސޫލާ އެވެ. އާދޭހެވެ.“ ޙަދީޘްފުޅު ކުރެއްވި އެވެ. ”ފާޠިޙާ ސޫރަތް ފިޔަވައި ތިޔަބައިމީހުން އެފަދައިން ޢަމަލު ނުކުރާށެވެ. ހަމަކަށވަރުން ފާތިޙާ ސޫރަތް ނުކިޔަވާ މީހަކަށް ނަމާދެއް ނުވެ އެވެ.“
ފަހެ، މި ޙަދީޘްއިން ބަޔާންވެގެންވާ ދަލީލަކީ، ސިއްރިއްޔަ ނަމާދެއް އަދި ޖަހްރިއްޔަ ނަމާދެއް ފަރަޤު ކުރުމެއްނެތި ފާތިޙާ ސޫރަތް ކިޔެވުމަށް އަމުރުފުޅުވުމެވެ.
އަދި މިއީ އެފަދައިން އޮތް ނައްޞެއް ކަމުގައި އެބޭކަލުން ދެކެވަޑައިގަންނަވަ އެވެ. ދަންނަ އެވެ. މި ޙަދީޘް الشيخ الألباني رحمه الله ބަލިކަށި ކުރައްވަ އެވެ. އަދި ބަލިކަށި ކަމުގައި ވިދާޅުވާ ބޭފުޅުން އެއް ސަބަބަށް ވުރެ ގިނަ ސަބަބު ޛިކުރު ކުރައްވަ އެވެ.
މި ޤައުލު ވިދާޅުވާ ބޭކަލުން ގެންނަވާފައިވާ އެހެން ދަލީލުތަކުގެ ތެރޭގައި ހިމެނެ އެވެ. البُخاري އަދި مُسلم ރިވާކޮށްފައިވާ ޙަދީޘެވެ. (لا صلاة لمن لم يقرأ بفاتحة الكتاب) ”ފާތިހަތުލް ކިތާބި-އެބަހީ : ފާތިޙާ ސޫރަތް- ނުކިޔަވާ މީހަކަށް ނަމާދެއް ނުވެ އެވެ.“
މި ޙަދީޘްއިން އެބޭކަލުން ނަންގަވާފައިވާ ދަލީލަކީ، މި ހަދީޘްގައި އިމާމް އަދި މައުމޫމް ތަފާތު ކުރުމެއްނެތި ފާތިޙާ ސޫރަތް ކިޔެވުމަށް އަމުރުފުޅު ކުރެއްވިގެންވުމެވެ. އަދި އެމީހަކަށް ފާތިޙާ ސޫރަތް ނުކިޔަވާހިނދު ނަމާދެއް ނުވާކަމުގައި ވުމުން، ކިޔެވުމަށް ބަޔާންވެގެންވުމެވެ.
މިބަސްފުޅަށް އެހެން ބޭކަލުން ޖަވާބުގައި ވިދާޅުވެފައިވެ އެވެ. الأعراف ސޫރަތުގައި، ނަމާދުގައި ޤުރުއާން ކިޔެވޭހިނދު ޢަމަލު ފުޅުކުރުމަށް ބަޔާންވެގެންވާ އާޔަތުން މި ހަދީޘްގެ މާނަ ތަފްޞީލުކޮށްދެ އެވެ.
އެއީ އާޔަތް 204 (وَإِذَا قُرِئَ الْقُرْآنُ فَاسْتَمِعُوا لَهُ وَأَنْصِتُوا لَعَلَّكُمْ تُرْحَمُونَ) ”ތިޔަބައިމީހުންނަށް ޤުރުއާން ކިޔެވޭއަޑި އިވޭހިނދު އެއަށް ކަނުލައި އަދި ހިމޭނުން -ހަނު- ތިބުން ހުއްޓެވެ. އެއީ ތިޔަބައިމީހުންނަށް ރަޙްމަތް ލެއްވުމަށްތަކަ އެވެ.“
ފަހެ، މިއާޔަތުން ބަޔާންކޮށްދެނީ އިމާމް މީހާ ކިޔަވާހިނދު އެ ޤުރުއާން އަޑުއިވޭހިނދު ހަނު ހުރުމަށެވެ. ފަހެ، އެހިނދު ސުންނަތުގައި ބަޔާންވެގެންވާ ޢާންމު މާނަ މި އާޔަތުން ޚާއްޞަ ކޮށްދެ އެވެ.
މި ނޫން ދަލީލުތައްވެސް އެބޭކަލުން ގެންނަވާފައިވެ އެވެ.
ދެވަނަ ޤައުލަކީ : ސިއްރިއްޔަ އަދި ޖަހުރިއްޔަ ނަމާދެއްގައިވެސް މައުމޫމުންނަށް ފާތިޙާ ސޫރަތް ކިޔެވުން ވާޖިބުވެގެން ނުވާކަމެވެ. މި ޤައުލަކީ الحنفية ގެ ޤައުލެވެ. އަދި ބައެއް އަޞްޙާބު ބޭކަލުންނަށްވެސް މި ޤައުލު ނިސްބަތް ކުރެވިގެންވެ އެވެ. އޭގެ ތެރޭގައި علي بن أبي طالب، زيد بن حارثة، جابر بن عبدالله، سعد بن أبي وقاص، عبدالله بن عباس، عبدالله بن مسعود، عبدالله بن عمر ހިމެނިވޑައިގަންނަވަ އެވެ.
އެބޭކަލުން މި ރައުޔުގެ މައްޗަށް ބުރަވެވަޑައިގަންނަވާ ބައެއް ދަލީލުތަކުގެ ތެރޭގައި ނަބިއްޔާ ޙަދީޘްފުޅު ކަމުގައިވާ (من كان له إمام، فقراءة الإمام له قراءة) ”އެމީހެއްގެ މައްޗަށް އިމާމެއް ލެވިފައިވާ މީހާއަށް، އޭނާގެ އިމާމްގެ ޤިރާއަތް މައުމޫމާއަށް ލިބިގެންވެ އެވެ.“ މި ރިވާޔަތް ابن ماجه، އަދި أحمد ރިވާ ކުރެއްވި އެވެ. މި ހަދީޘް އިމާމް الشيخ الألباني رحمه الله ޙަސަން ކުރައްވަ އެވެ.
މި ޙަދީޘްގެ މައްޗަށް ބިނާކޮށް އެންމެހައި ނަމާދުތަކެއްގައި ކިޔުމެއް ވާޖިބުވެގެން ނުވާކަމަށް ބުނެވޭ ބުނުމުގެ މައްޗަށް ޖަވާބުގައި ބުނެވެ އެވެ.
މި ޙަދީޘްއަކީ ޖަހުރިއްޔަ ނަމާދުގެ މައްޗަށް ޚާއްޞަ ވެގެންވާ ދަލީލެކެވެ. އެހެނަސް ސިއްރިއްޔަ ނަމާދުގައި ނުކިޔުމަށް ދަލީލެއް ނުކުރެވެ އެވެ. ސަބަބަކީ، ޖަހްރިއްޔަ ނަމާދުގައި މައުމީންނަށް އަމުރު ކުރެވިގެންވަނީ އިމާމްގެ ކިޔަވާ އަޑު އެހުމަށް ހަނު ތިބުމަށެވެ. އެހެނަސް ސިއްރިއްޔަ ނަމާދުގައި މައުމޫމީން ކިޔަވަންޖެހެ އެވެ.
ތިންވަނަ ޤައުލަކީ : އެންމެހައި ސިއްރިއްޔަ ނަމާދެއްގައި އަދި ސިއްރިއްޔަ ރަކުޢަތް ތަކެއްގައި މައުމޫމީންނަށް ފާތިޙާ ސޫރަތް ކިޔެވުން ވާޖިބުވެގެންވެ އެވެ.
އަދި ހަމައެފަދައިން މައުމޫމް މީހާ ހުރި ހިސާބާއި ދުރުކަމުން އިމާމްގެ ސޫރަތުލް ފާތިޙާ ކިޔަވާ އަޑު ނީވޭނަމަ، ކިޔެވުން ވާޖިބުވުމެވެ.
އަދި ޖަހްރުކޮށް ކިޔަވާ ރަކްޢަތްތަކުގައި މައުމޫމީން ފާތިޙާ ސޫރަތް ކިޔެވުން ވާޖިބުވެގެން ނުވާ ކަމެވެ. މި ޤައުލަކީ المالكية އަދި الحنابلة މަޛްހަބުގެ ގިނަ ޢިލްމުވެރިންގެ ޤައުލކަމުގައިވެ އެވެ. އަދި މި ޤައުލު ވިދާޅުވެފައިވާ އިމާމުންގެ ތެރޭގައި سعيد بن المُسيب ، ابن شهاب ، ابن المبارك ، إسحاق ، الزُّهْري الثوري، އަދި މި ޤައުލަކީ شيخ الإسلام ابن تيمية އިޚްތިޔާރު ކުރައްވާފައިވާ ޤައުލެވެ.
އަދި ވިދާޅުވެފައިވެ އެވެ. ”މި ޤައުލަކީ ޞަޙާބީން އަދި ތާބިޢީ ބޭކަލުންގެ އަރިހުން މުތަވާތިރުކޮށް ވާރިދުވެގެންވާ ޤައުލެވެ.“ އަދިވެސް މި ޤައުލު ވިދާޅުވެފައިވާ ބޭކަލުންގެ ތެރޭގައި މަޝްހޫރު ފިޤުހު ޢިލްމުވެރިޔާ ابن عثيمين ގެ ޝެއިޚް ކަމުގައިވާ الشيخ عبدالرحمن السعدي ހިމެނިވަޑައިގަންނަވަ އެވެ. މި ޒަމާނުގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރެއިން الشيخ صالح الفوزان މި ޤައުލު ވިދާޅުވެ އެވެ.
ސިއްރިއްޔަ ނަމާދު ތަކުގައި ކިޔަން ޖެހޭނެ ކަމުގައި އެބޭކަލުން ވިދާޅުވާ ދަލީލުތަކަކީ އިސްވެ އެހެނިހެން ޤައުލުތަކުގައި ބަޔާންވެގެންދިޔަ ޢާންމު ޙަދީޘްތަކެވެ. އަދި ޖަހްރިއްޔަ ނަމާދުގައި ވާޖިބުވެގެންވަނީ އިމާމްގެ ކިޔެވުމުގެ މައްޗަށް ހަނު ހުރުމާއި އަޑުއަހަން ހުރުން ކަމުގަ އެވެ. އެއީ ﷲ ވަޙީބަސްފުޅުގައި ބަޔާންވެގެންވާ ފަދައިންނެވެ.
(وَإِذَا قُرِئَ الْقُرْآنُ فَاسْتَمِعُوا لَهُ وَأَنْصِتُوا لَعَلَّكُمْ تُرْحَمُونَ) ”ތިޔަބައިމީހުންނަށް ޤުރުއާން ކިޔެވޭއަޑި އިވޭހިނދު އެއަށް ކަނުލައި އަދި ހިމޭނުން -ހަނު- ތިބުން ހުއްޓެވެ. އެއީ ތިޔަބައިމީހުންނަށް ރަޙްމަތް ލެއްވުމަށްތަކަ އެވެ.“
ފަހެ މި އާޔަތަކީ ނަމާދުގައި ކިޔެވުމގެ މައްޗަށް ބާވައިލެއްވުމު އާޔަތެއްކަމުގައި ސުންނަތުގެ ބޮޑެތި އިމާމުން ވިދާޅުވެފައިވެ އެވެ. އޭގެ ތެރޭގައި އިމާމް أحمد بن حنبل ވިދާޅުވެ އެވެ. ”މި އާޔަތް ބާވަލެއްވިފައިވަނީ ނަމާދުގައި ކިޔެވޭ އަޑު އިވޭހިނދު އަޑުއެހުން ކަމުގައި އިޖްމާޢު ވަޑައިގެންފައިވެ އެވެ.“
(އިމާމް أحمد بن حنبل ގެ ބަސްފުޅު ބަޔާން ކޮށްފައިވަނީ އޭގެ މާނައިގަ އެވެ.)
الشيخ صالح الفوزان حفظه الله ވިދާޅުވެފައިވެ އެވެ. (އަޑުހަރުކޮށް އިމާމް ޤުރުއާން ކިޔަވާ ނަމާދުގައި މައުމޫމުން ސޫރަތުލްފާޠިޙާ ކިޔުމާ މެދުގައި އޮތް ޞައްޙަ ބަސްފުޅަކީ ކޮބައިކަން ބަޔާންކޮށް ވިދާޅުވެފައިވެ އެވެ.) “ މިރައުޔަކީ إمام مالك އަދި شيخ الإسلام ابن تيمية އަދި ޢިލްމުވެރިންގެ ތެރެއިން ޖަމާޢަތެއް މިރައުޔަށް ބުރަވެވަޑައިގެންފައިވާ ރައުޔެކެވެ. [އެއީ މެންދުރު ނަމާދާ ޢަޞްރު ނަމާދުފަދަ ސިއްރުން ކިޔަވާ ނަމާދުތައް ފިޔަވައި ބާރަށް ކިޔަވާ ކޮންމެ ނަމާދެއްގައި ސޫރަތުލް ފާތިޙާ ކިޔެވުން ވާޖިބުވެގެންވަނީ އިމާމާއަށް އެކަންޏެވެ. އަދި އިމާމާގެ ކިޔެވުން މައުމޫމުންނަށް ފުދޭނެއެވެ. މައުމޫނުންނަށް ލާޒިމްވެގެންވަނީ ކަނުލައި އަޑުއެހުމެވެ.]
އަދިވެސް އެބޭކަލުން ވިދާޅުވެފައިވެއެވެ. [މިރައުޔަކީ ހުރިހާ ދަލީލުތަކެއް ޖަމްޢުކުރެވޭ ރައުޔެކެވެ. ޤުރުއާން ކިޔެވުމަށް އައިސްފައިވާ ހުރިހާ ދަލީލުތަކަކީ ސިއްރުން ކިޔެވޭ ނަމާދުތަކުގައި ޤުރުއާން ކިޔެވުމަށް އައިސްފައިހުރި ދަލީލުތަކެވެ. އެހެނިހެން ދަލީލުތައް އައިސްފައިވަނީ އަޑުހަރުކޮށް ކިޔެވޭ ނަމާދުތަކަށެވެ.] إنْ شَاءَ اللهُ މިޤަވްލަކީ މިމައްސަލާގައި އެންމެ ޢަދްލުވެރި ޤަޥްލު ކަމުގައި އަހުރެން (ޝައިޚް ޞާލިޙް ފަޥްޒާން) ދެކެމެވެ.“ سورة الفاتحة ص 7
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.