ނަމާދު ޤަޞްރު ކުރުމާއި ޖަމްޢުކުރުމަށް ވަކި މިންގަނޑެއް ނުވަތަ ވަކި ދުރުމިނެއްވޭތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ދަތުރުވެރިއެއްގެ ގޮތުގައިވެ ނަމާދު ޤަޞްރު ކުރުމާއި ޖަމްޢު ކުރުން ހުއްދަވަނީ ކިހާ ދުރުމިނަކަށް ދަތުރުކޮށްގެން ކަމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފް ބަސްފުޅުތައްވެ އެވެ.

ޢިލްމުވެރިން ދެކެވަޑައިގަންނަވައިފައިވަނީ އެ ދަތުރެއްގެ ދިގުމިން 4 ބުރުދު (ގާތްގަޑައަކަށް 80 ކިލޯމީޓަރު) އަށްވުރެ ދުރުވާ ކަމުގައިވާނަމަ، އެންމެހައި ބޭކަލުން އެ ދަތުރުގައި ޤަޞްރު ޖަމްޢުކުރުން ހުއްދަވެގެންވާކަމުގައި އެބޭކަލުން އިއްތިފާޤުވަޑައިގެންފައިވެ އެވެ.

އެހެނަސް 80 ކިލޯމީޓަރު ހަމަނުވާ ދަތުރެއްކަމުގައިވާނަމަ، އެ ދަތުރުގައި ޤަޞްރު ޖަމްޢު ކުރުން ހުއްދަވާނެތޯ ކަމާއި މެދުގައި ޢިލްމުވެރިން ޚިލާފްވަޑައިގެންފައިވެ އެވެ.

އޭގެ ތެރެއިން އެންމެ މަޝްހޫރު ޤައުލަކީ 2 ޤައުލެވެ.

ފުރަތަމައީ : ނަމާދު ޤަޞްރުކޮށް ޖަމްޢު ކުރެވޭނީ أربعةُ بُرُدٍ -ހަތަރު ބުރުދު – މި ޒަމާނުގެ ގޮތުން ބުނާނަމަ އެއީ 80 ވަރަކަށް ކިލޯ މީޓަރެވެ.- މި ދިގުމިނަށް ދަތުރު ކުރުމުންނެވެ. މާނައަކީ : މިފަދަ ދިގު ދަތުރަކަށް ނުވާނަމަ އެ ދަތުރުގައި ނަމާދު ޤަޞްރު ކުރުމާއި ޖަމްޢު ކުރުން އެމީހަކަށް ހުއްދަ ނުވާނެ ކަމުގައި މި ޤައުލުގެ އަހުލުވެރިން ދެކިވަޑައިގަންނަވަ އެވެ.
މި ޤައުލަކީ ޖުމްހޫރު ޢިލްމުވެރިންގެ ޤައުލެވެ. المالِكيَّة (حاشية الدسوقي) -1/359. الشافعيَّة (المجموع) للنووي – 4/323 އަދި الحَنابِلَة (الإنصاف) – للمرداوي 2/ 223. ގެ ޤައުލެވެ.
އަދި އުއްމަތުގެ ބައެއް ޞަޙާބީ ބޭކަލުންނާއި ތާބިޢީ ބޭކަލުން އަދި ޞަލަފުއް ޞާލިޙުން މި ޤައުލު ވިދާޅުވެފައިވެ އެވެ.
އޭގެ ތެރޭގައި ޞަޙާބީ ابنُ عُمرَ އާއި ޞަޙާބީ ابنُ عبَّاس، ތާބިޢީ ބޭކަލުންގެ ތެރޭގައި الحسنُ البَصريُّ ޢާއި والزُّهريُّ އާއި الليثُ بنُ سَعدٍ، އަދި إسحاقُ އާއި أبو ثورٍ މި ޤައުލު ވިދާޅުވެ އެވެ.
މި ޤައުލަކީ މި ޒަމާނުގައި ފާޅުވި އެއް އިމާމް ކަމުގައިވާ ابنُ بازٍ އިޚްތިޔާރު ކުރައްވާފައިވާ ޤައުލެވެ.

މި ޤައުލުގެ އަހުލުވެރިންގެ ބައެއް ބަސްފުޅުތަކުގެ ތެރޭގައި :
ابنِ عَبَّاسٍ رَضِيَ اللهُ عنهما ވިދާޅުވެފައިވެ އެވެ. ”އޭ މައްކާގެ އަހުލުވެރިންނޭވެ. ތިޔަބައިމީހުން 4 ބުރުދަށްވުރެ ކުރު ރާސްތާއެއްގައި ޤަޞްރު ނުކުރާށެވެ. -4 ބުރުދުގެ- ރާސްތާއަކީ މައްކާއިން ޠާއިފް އަދި ޢުސްފާނަށެވެ.“ الشافعي -الأم- (8/493) صححه عن ابن عباس- ابنُ تيميَّة -مجموع الفتاوى)- (24/127)

މާނައަކީ : އެ ރާސްތާ މައްކާ އާއި ޠާއިފް ދެމެދުގައިވުމެވެ. އަދި މައްކާއިން ޢުސްފާންއާ ދެމެދުގައިވެ އެވެ.

ތާބިއީ عَطاءٍ ވިދާޅުވެފައިވެ އެވެ. “ ابنُ عَبَّاسٍ ގެ އަރިހުގައި ސުވާލު ކުރެވުނެވެ. ޢަރަފާތް ހަމައިން އަހުރެންނަށް ޤަޞްރުކޮށް ނަމާދު ކުރެވޭނެ ހެއްޔެވެ؟ އެހިނދު ޖަވާބުގައި ވިދާޅުވި އެވެ. ނޫނެކެވެ. އެހެނަސް ޢުސްފާން އަދި ޖިއްދާއާ ޠާއިފް ހަމައިންނެވެ.“
އަދިވެސް ޞަޙާބީ ابنُ عَبَّاسٍ އާއި ابن عُمر އަރިހުން ވާރިދުވެގެންވެ އެވެ. ”ދެ ބޭކަލުން 4 ރަކުޢަތް ނަމާދު 2 ރަކުޢަތަށް ކުރެއްވުމާއި އަދި ރޯދަ ދޫ ކުރައްވަނީ 4 ބުރުދު އަދި އެއަށްވުރެ ދިގު ރާސްތާ އެއްގަ އެވެ.“

عَطاءِ بنِ أبي رَبَاحٍ ވިދާޅުވެފައިވެ އެވެ. ”ހަމަކަށަވަރުން އާއި ދެބޭކަލުން (ދަތުރުވެރިއެއްގެ ގޮތުގައިވެ) 2 ރަކުޢަތުން ނަމާދު ކުރައްވަނީ 4 ބުރުދު އާއި އެއަށްވުރެ ދިގު ރާސްތާއެއްގައި ދަތުރު ކުރައްވާނަމަ އެވެ.“ ابن المنذر -الأوسط- (2261)

الزركشي (شرحه على مختصر الخرقي) ގައި ވިދާޅުވެފައިވެ އެވެ. ”ހަމަކަށަވަރުން ޤަޞްރުކުރުންވަނީ ޝަރުޠުތަކާ އެކުގަ އެވެ. އެއް ޝަރުޠަކީ : އެ ދަތުރަކީ 16 ފަރްސަޚް އަށް ކުރެވޭ ދަތުރެއްގެ ގޮތުގައިވުމެވެ…. މި ބަސްފުޅަކީ އަހަރެމެންގެ އަޞްޙާބުންގެ ބަސްފުޅެވެ.“ އެއަށްފަހު ابنُ عَبَّاسٍ އާއި ابن عُمر ގެ ބަސްފުޅުތަކާއި ޢަމަލުފުޅު ޛިކުރު ކުރެއްވި އެވެ.

އިމާމް ابن قدامة -رحمه الله – ވިދާޅުވެފައިވެ އެވެ. “ أبي عبد الله ( އެބަހީ : الإمام أحمد) ގެ މަޛްހަބުކަމުގައިވަނީ 16 ފަރްސަޚްއަށް ވުރެ ކުރު ރާސްތާއެއްގައި ޤަޞްރު ކުރުން ހުއްދައެއް ނުވާނެ އެވެ. .. މި ބަސްފުޅަކީ ابن عباس އާއި ابن عمر އަދި މިއީ އިމާމް مالك އަދި الليث އަދި الشافعي އަދި إسحاق ގެ ބަސްފުޅެވެ.“ المغني 2/ 188

الإمام ابن باز -رحمه الله- ވިދާޅުވެފައިވެ އެވެ.
”ޢިލްމުގެ އަހުލުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ދަތުރަކީ ރެއަކާއި ދުވާލެއްގެ ރާސްތާއަށް ކުރެވޭ ދަތުރެއްގެ ގޮތުގައި ދަތުރުވުމެވެ. އެބަހީ : މަރްޙަލަތައިން ( 2 މަރުޙަލާ) ގެ ރާސްތާއެއް ކަޑައްތު ކުރުމެވެ.
މިއި ޖުމްހޫރު ޢިލްމުވެރިން ޤާއިމްވަޑައިގެންފައިވާ ގޮތެވެ. އެއީ ގާތްގަޑަކަށް 80 ކިލޯމީޓަރަށް ކުރެވޭ ދަތުރެއްގެ ގޮތުގައި މިންވަރު ކުރެވެ އެވެ.
އެއީ ކާރުގައި ދަތުރު ކުރި ކަމުގައިވީނަމަވެސް ނުވަތަ ފްލައިޓުގައި ނުވަތަ ބޯޓެއްގައި ދަތުރު ކުރުން ކަމުގައިވީނަމަވެސް މި ރާސްތާއަށް ދަތުރެއްކޮށްފި ހިނދު އެއީ (ޝަރުޢީ ގޮތުން ލުއިކަން ލިބިގެންވާ) ދަތުރެއްގެ ގޮތުގައި ކަނޑައެޅެވެ. މިއީ މުސްލިމުންގެ މެދުގައި ޢުރުފުގައި ދަތުރެއްގެ ގޮތުގައި ދެކެމުންދާ ގޮތެވެ.
ފަހެ، އިންސާނަކު އޭނާގެ ޖަމަލުގައި ނުވަތަ ފައި މަގުން ނުވަތަ ކާރުގައި ނުވަތަ ފްލައިޓުގައި ނުވަތަ ކަނޑު ދަތުރު ކުރާ އުޅަދެއްގައި މި ރާސްތާއަށް ދަތުރުކޮށްފިހިނދު އެހިނދު އޭނާއަކީ މުސާފިރެކެވެ. (ދަތުރުވެރިއެކެވެ.)
ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ ދަތުރުވެރިއެއްގެ ގޮތުގައި ކަނޑައެޅެނީ ޢާދަކާދައިގެ ގޮތުން މީސްތަކުންގެ ތެރޭގައި ދެކޭގޮތުގައި ދަތުރުވެރިއެއް ކަމުގައި ވުމެވެ. ވަކި ރާސްތާއަކަށް ކިލޯމީޓަރަކަށް ދަތުރު ކުރުމަކުން ނޫނެވެ. އަދިކިޔެއްތަ! އެއީ ދަތުރެއްގެ ގޮތުގައި ޢުރުފުގައި ދެކޭ ކަމުގައިވާނަމަ، ދަތުރެއްގެ ގޮތުގައި ކަނޑައެޅި ނަމާދު ޤަޞްރު ކުރެވޭނެ އެވެ. އެއީ ޢުރުފުގައި ދަތުރެއް ކަމުގައި ނުވާނަމަ އެހިނދު ދަތުރުވެރިއެއް ނޫނެވެ.
ފަހެ، ޞައްޙަ ބުނުމަކީ، ޢިލްމުގެ އަހުލުވެރިން ކަނޑައަޅައި އިޤްރާރުވަޑައިގެންފައިވާ ގޮތް ކަމުގައިވާ ދަތުރުވެރިއެއްގެ ގޮތުގައި ވުމަށް ވަކި މިންގަނޑެއް ކަނޑައެޅިފައި ވުމެވެ. ޢިލްމުގެ އަހުލުވެރިން ޤާއިމްވަޑައިގެންފައިވަނީ މިގޮތުގަ އެވެ. ފަހެ، މިގޮތުގެ މަތީގައި ޤާއިމްވުން ހުއްޓެވެ.
މި ގޮތަކީ މިއީ ޞަޙާބީންގެ އަރިހުން ބަޔާންވެގެންވާ ގޮތެވެ. އެބޭކަލުންނަކީ ﷲ ގެ ދީން އެހެން އެންމެހައި މީސްތަކުންނަށްވުރެ ފުރިހަމައަށް ދެނެވަޑައިގަންނަވާ ބޭކަލުންނެވެ. އަދި އެބޭކަލުންނަނީ މާތް ނަބިއްޔާގެ ސުންނަތް އެންމެހައި މީސްތަކުންނަށްވުރެ ފުރިހަމައަށް ދެނެވަޑައިގަންނަވާ ބޭކަލުން ގޮތުގައިވެ އެވެ.“ فتاوى نور على الدرب -13/42-43

ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ފަތުވާގައިވެ އެވެ.
”ނަމާދު ޤަޞްރުކޮށް ކުރުމަށް ހުއްދަވެގެންވާ ރާސްތާއަކީ ގާތްގަޑަކަށް 80 ކިލޯމީޓަރު ނުވަތަ އެއަށްވުރެ ދިގު ރާސްތާއަށް ކުރެވޭ ދަތުރެވެ. ފަހެ، އެހިނދު ޓެކްސީ ދުއްވާ ޑްރައިވަރަށް އަދި އެނޫންވެސް ފަރާތްތަކަށް ނަމާދު ޤަޞްރުކޮށް ކުރުން ހުއްދަވެގެންވެ އެވެ.“ اللجنة الدائمة (8/90)

މި ޤައުލަށް ބާރުދެވޭ ސަބަބުތަކުގެ ތެރޭގައި :
އެއް ޞަޙާބީންނަށް ވުރެ ގިނަ ބޭކަލުން މިފަދައިން ބަސްފުޅު ވިދާޅުވެފައި ވުމުން އެއީ އެބޭކަލުންގެ ތެރޭގައި އެބޭކަލުން ދެކެވަޑައިގަންނަވާ އަދި ދެނެވަޑައިގެންނަވާ ބަސްފުޅެއްކަމާއި ޢަމަލު ފުޅެއްކަން ބަޔާންވެ އެވެ.

މިއީ އަޞްޙާބު ބޭކަލުންގެ ފަރާތްޕުޅުން ބަސްފުޅު ވާރިދުވެގެންވާ ގޮތް ކަމުގައި ވުމެވެ. އަދި ދަތުރުވެރިއެއްގެ ގޮތުގައި ވުމަށް 4 ބުރުދުއަށް ދަތުރު ކުރުން ކަމުގައި ވިދާޅުވެފައިވާ ބަސްފުޅުތަކާއި ޚިލާފަށް ނުވަތަ އެބަސްފުޅުތަކާއި ދެކޮޅުވާ އެހެނިިހެން ބަސްފުޅުތަކެއް އެބޭކަލުންގެ ކިބައިން ވާރިދުވެފައި ނެތުމުންނެވެ. ފަހެ، ޞަޙާބީ ބޭކަލުންގެ ބަސްފުޅުގެ މައްޗަށް ޚިލާފް ބަސްފުޅެއް ނެތްހިނދު އެއީ ޙުއްޖަތެކެވެ.

ދެވަނަ ޤައުލަކީ :
ކޮންމެ ދަތުރެއްގައިވެސް ޤަޞްރު ކުރުން ހުއްދަވެގެން ވުމެވެ. އެބަހީ، އެއީ ދަތުރެއް ކަމުގައި ބުނެވޭ ކަމުގައިވާނަމަ އެފަދަ ކޮންމެ ދަތުރެއްގައިވެސް ޤަޞްރު ކުރުން ހުއްދަވެގެން ވުމެވެ. ދަތުރެއްގެ ގޮތުގައި ކަނޑައެޅުމެއް އޭގައި ވަކި ހައްދެއް ނެތުމެވެ. މި ޤައުލަކީ ޟާހިރީންގެ ބަސްފުޅެވެ. (بداية المجتهد) -1/168. ޢިލްމުވެރިންގެ ތެރެއިން މި ޤައުލު ابنُ تَيميَّةَ (مجموع الفتاوى) -24/15. ، ابنُ القَيِّمِ (زاد المعاد) -1/463. ، ابنُ عُثيمين (الشرح الممتع) -4/352، 353. އަދި الألبانيُّ (سلسلة الأحاديث الصحيحة) -1/311. .އިޚްތިޔާރު ކުރެއްވި އެވެ.

އިމާމް ابن العثيمين -رحمه الله- ވިދާޅުވެފައިވެ އެވެ. ”ރަސޫލާ صلى الله عليه وسلم ގެ އަރިހުން ދަތުރުވެރިއެއްގެ ގޮތުގައި ވުމަށް ވަކި ރާސްތާއެއް ވާރިދުވެގެން ނުވުމުން، އެފަދައިން ޤައިދު ކުރުމަށް ބަހުގެ ގޮތުން ބުނުމުގައި ޙަޤީޤަތެއް ނުވެ އެވެ. އެހިނދު ބަޔާންވަނީ އެކަން ރުޖޫޢަވަނީ ޢާދަކާދައަށެވެ. صحيح مسلم ގައި ޞަޙާބީ أنسِ بن مالكٍ -رضي الله عنه- ގެ އަރިހުން ވާރިދުވެގެންވެ އެވެ. ”ނަބިއްޔާ صلى الله عليه وسلم ތިން މޭލަށް ނުވަތަ 3 ފަރްސަޚްއަށް ނުކުމެވަޑައިގަންނަވައިފިހިނދު ދެ ރަކުޢަތުން ނަމާދު ކުރައްވަ އެވެ.“ ފަހެ، ޞައްޙަ ބުނުމަކީ، ދަތުރުވެރިއެއްގެ ގޮތުގައި ކަނޑައެޅުމަށް ވަކި ޙައްދެއް ނެތުމެވެ. އެހެނަސް އެކަމުގައި ރުޖޫޢަވުން ވަނީ ޢުރުފަށެވެ.“ الشرح الممتع -4/352، 353

ބުނަމެވެ. މިފަދައިން ވާރިދުވެފައިވާ ރިވާޔަތްތަކާއި އަޘަރުތައް ޖުމްހޫރު ޢިލްމުވެރިން ބަޔާން ކުރައްވާފައިވެ އެވެ. އެގޮތުން ވިދާޅުވެ އެވެ. އެ ދަތުރު ކުރައްވާ ރާސްތާގެ ދިގުމިނަކީ 4 ފަރްސަޚް އެވެ. އެބަހީ 80 ކިލޯމީޓަރ ނުވަތަ އެއަށްވުރެ ދިގު ރާސްތާއަށް ކުރައްވާ ދަތުރެކެވެ. އެހިނދު އެފަދަ ދަތުރެއްގައި ނުކުންނަވާހިނދު މަދީނާގެ ރަށްބޭރަށް 3 މޭލަށް ނުކުންނެވުމަށްފަހު ދެ ރަކުޢަތުން ކުރައްވަ އެވެ.
ވުމުން، އެ ދަތުރަކީ 80 ކިލޯމީޓަރު ނުވަތަ އެއަށްވުރެ ދިގު ދަތުރެކެވެ. ފަހެ، އެފަދަ ދަތުރެއްގައި ނުކުންނަ މީހާ، ރަށް ބޭރަށް ނުކުމެފިހިނދު، އޭނާ ނަމާދު ކުރުކޮށް ކުރުމަށްފަށަ އެވެ. މިއީ ހުއްދަކަމެކެވެ.
އެއްވެސް ގޮތަކަށް 2 މޭލުގެ ނުވަތަ 3 މޭލުގެ ދަތުރެއްގައި ނުކުންނަވާ 2 ރަކުޢަތަށް ކުރެއްވުމެއް ނޫނެވެ.

މިފަދަ ރިވާޔަތްތަކުގެ ތެރޭގައި :
ސުންނަތުގެ އެފަދަ ދަލީލު ތަކުގެ ތެރޭގައި ابنِ عُمرَ رَضِيَ اللهُ عنهما ވިދާޅުވެފައިވެ އެވެ. ”ތިމަން ޞަޙާބީ ނަބިއްޔާ . ގެ އަރިހުގައި (ދަތުރު ކުރެއްވީމެވެ.) ފަހެ، ދަތުރެއް ކުރައްވަފައިހިނދު، ދެ ރަކުޢަތަށްވުރެ އިތުރަށް (އެބަހީ 4 ރަކުޢަތުގެ ނަމާދު 2 ރަކުއަތަށް) މެނުވީ ނުކުރައްވަ އެވެ.“ އަދި މިފަދައިން أبو بَكرٍ އަދި عُمرَ އަދި عُثمانَ ވެސް ޢަމަލުފުޅު ކުރައްވަ އެވެ.“ މި ރިވާޔަތް البخاري 1102 އަދި مسلم 689 ރިވާކުރެއްވި އެވެ.

މި ރިވާޔަތްތަކުގެ މައްޗަށް ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނީ، ދަތުރުގެ އަސްލަކީ 4 ފަރްސަޚް އަށް ނުވަތަ އެއަށްވުރެ ދިގު ރާސްތާއަށް ދަތުރު ކުރުމެވެ. ފަހެ، އެހިނދު ރަށް ބޭރަށް 2 މޭލަށް ނުވަތަ 3 މޭލަށް ނުކުތް ކަމުގައިވީނަމަވެސް ނަމާދު ޤަޞްރުކޮށް ކުރުމެވެ.
والله أعلم

ނިންމާލުމުގެ ކުރީގައި ބުނަމެވެ. ނަމާދު ޤަޞްރު ކުރުމާއި އަދި ދަތުރުގެ ސަބަބުން ރޯދަ ދޫކޮށްލުން ހުއްދަވެފައިވަނީ 4 ބުރުދު (ގާތްގަޑަކަށް 80 ކިލޯމީޓަރު) ރާސްތާއަށް ކުރެވޭ ދަތުރެއް ކަމުގައި ބަޔާންވެގެންވާ ބަސްފުޅާއި ޚިލާފަށް އަޞްޙާބު ބޭކަލުންގެ ތެރެއިން އެއްވެސް ބޭކަލެއްގެ ކިބައިން އެ ބަސްފުޅާއި ޚިލާފަށް އެހެން ބަސްފުޅެއް ވާރިދުވެގެން ނުވެ އެވެ.
އެއަށްފަހު އެތަނެއްގެ ޢުރުފުގައި އެއީ ދަތުރެއް ކަމުގައި ދެކޭނަމަ އެއީ ދަތުރެއް ކަމުގައި ކަނޑައެޅި ދަތުރުވެރިޔާއަށް ލިބިގެންވާ ލުއިފަސޭހަ ލިބިގެންދާނެ ކަމުގެ ރައުޔަކީ ޞަޙާބީ ބޭކަލުން އަދި ތާބިޢީ ބޭކަލުންގެ ޒަމާންތަކަށް ފަހުގައި ފާޅުވި ރައުޔެއް ކަމުގައި އެބޭކަލުން ދެކެވަޑައިގަންނަވަ އެވެ.
ފަހެ، މިއީވެސް 4 ބުރުދުގެ ރާސްތާއަށް ދަތުރު ކުރުމުން މެނުވީ ދަތުރުވެރިއެއްގެ ގޮތުގައި ކަނޑައެޅިގެން ނުދާނެކަން ބަޔާންވާ ރައުޔުގެ ބާރުގަދަ ކަމާއި އެއީ އެންމެ ޢަދުލުވެރި ބުނުންކަން ބަޔާންވެގެންވާ ވަރަށް ބޮޑު ޙުއްޖަތެކެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts