ނަމާދަށް ހުއްޓައި ކުރީސަފުގައި ހުރިމީހަކު ދިއުމުން އެތަނަން ބަދަލުވުމަކީ އޮތްކަމެއްތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ސުވާލުގައި ބުނެފައިވާ ގޮތަށް ޖަމާޢަތުގައި ނަމާދު ކުރަމުން ދަނިކޮށް ކައިރީގައި ހުރި މީހާ ވުޟޫ ގެއްލިގެންވިޔަސް ނުވަތަ އެފަދަ އެހެން ޙާލަތެއް ދިމާވެގެންވީނަމަވެސް ސަފު ދޫކޮށް ނުކުތީ އެވެ.
އެ ޙާލުގައި އެ ހުސްޖާގަ ބައްދާލުމާއި މެދުގައި ބުމެވެ.
ސަފުގައި ހެދޭ ހުސްޖާގަ ފުރާލުމަކީ އެކަމަށް އެއް ޙަދީޘަށްވުރެ ގިނަ ޙަދީޘް ވާރިދުވެގެންވާ ޢަމަލެކެވެ. އަދި އެއީ ނުހަނު ޘަވާބު ބޮޑު ޢަމަލެއްގެ ތެރެއިން ހިމެނިގެންވާ ޢަމަލެކެވެ.
އެފަދަ ޙަދީޘްތަކުގެ ތެރޭގައި ހިމެނެ އެވެ. عائشة -رضي الله عنها- ވިދާޅުވެފައިވެ އެވެ. رسول ﷲ -صلى الله عليه وسلم- ޙަދީޘް ކުރެއްވި އެވެ. (مـن ســدَّ فُرجــةً، رفعــه اللهُ بها درجةً، و بنى له بيتًا في الجنَّــةِ) ”ސަފުގައިވާ ހުސް ޖާފަ ފުރައިލައިފި މީހާ، ﷲ އޭނާ ދަރަޖައަކަށް އުފުއްލަވާނެތެވެ. އަދި އޭނާއަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާ ކޮށްދެއްވާނެ އެވެ.“ صحيح لغيره الألباني : صحيح الترغيب ٥٠٥
ابن عُمَر -رضي الله عنهما- ގެ އަރިހުން ރިވާކުރެވިގެންވެ އެވެ. ނަބިއްޔާ -صلى الله عليه وسلم- ޙަދީޘް ކުރެއްވި އެވެ. (مَنْ وَصَلَ صَفاً وَصَلَهُ اللهُ،وَمَنْ قَطَعَ صَفاً قَطَعَهُ الله) ”ސަފުގައިވާ ހުސްޖާގަ ފުރާލައި (ސަފު ގުޅުވައިފި) މީހާއަށް (ޖަޒާއެއްގެ ގޮތުން) ﷲ އެމީހަކާ ގުޅުން ޤާއިމްކުރައްވާނެތެވެ. އަދި ސަފެއް ބުރިކޮށްލައިފި މީހާއަށް (ޢުޤޫބާތެއްގެ ގޮތުގައި) ﷲ އެމީހަކާ މެދުގައި އޮންނަ ގުޅުން ކަނޑުއްވާލައްވަ އެވެ.“ رواه أبوداود ٦٦٦ وصححه الألباني
أَنَس -رضي الله عنه- ގެ އަރިހުން ރިވާކުރެވިގެންވެ އެވެ. ނަބިއްޔާ -صلى الله عليه وسلم- ޙަދީޘް ކުރެއްވި އެވެ. (أَتِمُّوْا الصَّف المُقَدِّم ثُمَّ الذِّيْ يَلِيْه..) ”ކުރިމަތީގައިވާ ސަފު ފުރިހަމަކުރުން ހުއްޓެވެ. އެއަށްފަހު އެ ސަފާއި ވިދިގެންވާ ސަފެވެ. …“ رواه أبوداود 671 وصححه الألباني
މި އެންމެހައި ޙަދީޘްތަކުން ބަޔާންވަނީ ސަފުގައި ހުސްޖާގަ ނުބެހެއްޓުމާއި އަދި ހުސްޖާގަތައް ފުރައިލުމުގެ މުހިންމު ކަމެވެ.
ޞަޙާބީ عُثْمان بن عَفَّان -رضي الله عنه- ވިދާޅުވެ އެވެ. ”ތިޔަބައިމީހުން (ނަމާދަށް) ސަފުތައް ސީދަލަށް ހަދާށެވެ. އަދި ކޮނޑާއި ކޮނޑު ޖައްސައި ގާތްގާތުގައި ތިބޭށެވެ. ފަހެ، ކަމަކަށަވަރުން ސަފުތައް ފުރިހަމައަށް ހެދުމަކީ ނަމާދު ފުރިހަމަވުމުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ.“
صحيح ابن أبي شَيبة 3552
މި މައްސަލައިގައި މި ޒަމާނުގައި ދުނިޔެދުށް އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޔަމަނުގެ މުޙައްދިޘް الإمام مُقبِل بن هَادِي – رحمه الله- ވިދާޅުވެފައިވެ އެވެ.
ސުވާލު : ސުވާލުގައި ވެއެވެ. މީހަކު ދެވަނަ ސަފުގައި ނަމާދަށް ހުއްޓައި ފުރަތަމަ ސަފުން ހުސްޖާގަ އެއް ފެނުމުން، ނަމާދުގައި ހުރެ، ކުރީސަފުގައި އޮތް ހުސްޖާގައަށް ދިއުމަކީ އޮތްކަމެއްތޯ އެވެ؟
ޖަވާބު : އެކަމުގައި އެއްވެސް މައްސަލައެއް ނެތެވެ. سنن أبي داود ގައި ރަސޫލާ صلى الله عليه وسلم ގެ އަރިހުން ވާރިދުވެގެންވާ ޙަދީޘްގައިވެ އެވެ. (من وصل صفًّا، و صله اللهُ، و من قطع صفًّا، قطعه اللهُ) ”ސަފުގައި އޮންނަ ހުސްޖާގަ ފުރާލައި ސަފު ގުޅުވައިފި މީހާއާ ﷲ ގުޅުން ޤާއިމްކުރައްވާނެތެވެ. (ކުއްތަންވެ ވޮޑިގަންނަވާނެތެވެ.) އަދި ސަފެއްގައި ހުސްޖާގަ އެއް ހަދައި (ސަފު ބުރިކޮށްފި) މީހާ އާ ﷲ ވަކިވެ ވޮޑިގަންނަވާނެ އެވެ.“ އާއެކެވެ.
ވުމުން، ކުރީ ސަފުގައި ނުވަތަ މައުމޫމު ހުރި ސަފުގައި ނަމަވެސް ހުސްޖާގައެއް އޮވެއްޖެނަމަ އެ ހުސްޖާގަ ފުރައި އެތަން ބައްދާލުން ހުއްޓެވެ.
އެހެނަސް ބުނަމެވެ. ސަފުގައިވާ ހުސްޖާގަ އުފެދެނީ އިމާމްއާ ދުރަށް ދެވޭ ގޮތަށް ކަމުގައިވާނަމަ އެމީހާ އެފަދައިން ޙަރަކާތް ކުރުމެއް ނުވެ އެވެ. މިޘާލަކަށް އިމާމްވަނީ ނަމާދަށް ހުރި މީހާގެ ވައަތްފަރާތުގަ އެވެ. ވައަތާ ވީފަރާތުގަ އެވެ. ނަމާދަށް ހުއްޓާ އޭނާގެ ކަނާތްފަރާތަށް ހުރި މީހާ ސަފު ދޫކޮށް ދިޔައީ އެވެ. ވުމުން މައުމޫމް ކަނައަތް ފަރާތުން ހެދުނު ޖާގަ ފުރާލުމަށް ކަނައަަތް ފަރާތަށް ޖެހިއްޖެނަމަ، އޭނާއަށް އެހިނދު އެ ޙަރަކާތް ކުރެވުނީ އިމާމްއާ ދުރަށް ދެވޭ ގޮތަށެވެ. ވުމުން މައުމޫން އެ ޖާގަ ފުރުމަށްޓަކައި ޙަރަކާތް ކުރުމެއް ނުވެ އެވެ.
އޭގެ ބަދަލުގައި އެ ޖާގަ ބައްދައި ފުރާނީ ޖެހިގެން ހުރި މީހާ އެވެ.
މައްސަލަ އޮޅުންފިލައިފި ކަމުގައި އުއްމީދު ކުރަމެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.