ޤަބުރުސްތާން ހުރިތަން ނޫން އެހެން ތަނަކަށް ބަދަލު ކުރުމުގެ ޙުކުމަކީކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ޤަބުރުސްތާން ހުރިތަން ނޫން އެހެން ތަނަކަށް ބަދަލު ކުރުމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.

ސުވާލަށް ޖަވާބު ދިނުމުގެ ކުރިން އެނގި ބަޔާންވާންޖެހޭ މުހިންމު ނުކުތާއެއް ބަޔާން ކުރަމެވެ.

އެއީ : އޭގެ މާނައަކީ މިހާރު ހުރި ޤަބުރުސްތާނުގައި ވަޅުލައިފައިވާ ފަރާތްތަކާއި ކައްވަޅުތައް ކޮނެ އެހެން ތަނަކަށް ގެންގޮސް މިހާރުގެ ސަހަރާ އެހެން ކަމަކަށް ބޭނުން ކުރުން ކަމުގައިވާނަމަ ދަންނަ އެވެ.

ވަޅުލެވިފައިވާ ޤަބުރުތައް ކޮނުމާއި އަދި ޤަބުރުތައް ނެގުމުގެ ޙުކުމެވެ.

ابن الحاج المالكي -رحمه الله – މި ކަމުގެ އިއްތިފާޤުވެފައިވާކަން ބަޔާންކޮށް ވިދާޅުވެފައިވެ އެވެ. ”މުސްލިމަކު ވަޅުލާފައިވާ ތަނަށް އެންމެހައި ޢިލްމުވެރިން އިއްތިފާޤުވެގެންވާގޮތުގައި : ގަބުރުގެ އެއްވެސް މިންވަރެއްވާ ހިނދަކު ( އެބިމަކީ) އޭނައަށް ޙާއްސަ ވެގެންވާ ވަގުފެއް ކަމުގަ އެވެ. އެކުއެކީގައި ޤަބުރު ވީރާނާވެ ނެތި ދިއުމަށްދާންދެން މިފަދައިން ޙުރުމަތްތެރިވެގެންވެ އެވެ. ފަހެ، އެކުއެކީގައި ފަނާވެ ނެތިވެއްޖެހިނދު އެތަނުގައި އެހެން މީހަކު ވަޅުލުން ހުއްދަވެގެންވެ އެވެ. ފަހެ، އެއްވެސް އެއްޗެއް ބާކީ ދެމިހުރެއްޖެހިނދު، އެއީ ކަށި ކަމުގައިވީނަމަވެސް، އެންމެހައި ތަކެއްޗެއްގެ މައްޗަށް ޙުރުމަތްތެރިކަން ދެމި އޮންނާނެ އެވެ. އަދި ޤަބުރު ކޮނުން ހުއްދައެއް ނުވާނެ އެވެ. އަދި އެތަނުގައިވާ މައްޔިތާ އެކުގައި އެހެން މީހަކު ވަޅުލުން ހުއްދައެއް ނުވާނެ އެވެ. އަދި އެންމެހައި ޢިލްމުވެރިން އިއްތިފާޤުވެގެންވާ ގޮތުގައި އެ ޤަބުރު ކޮނުމާއި ހުޅުވުންވެސް ހުއްދައެއް ނުވާނެ އެވެ.“

الإمام شيخ الإسلام ابن تيمية -رحمه الله- ވިދާޅުވެފައިވެ އެވެ. ”ސުންނަތުގައި ބަޔާންވެގެންވާ ފަދައިން، ފަހެ ހަމަކަށަވަރުން މުސްލިމް އަޅާގެ ޤަބުރަށް ޙުރުމަތްތެރިކަން ލިބިގެންވެ އެވެ. އެހެނީ، އެއީ މުސްލިމް މައްޔިތާގެ ގެ އެވެ. ޢިލްމުވެރިން އިއްތިފާޤުވެގެންވާ ގޮތުގައި އެއްވެސް ބާވަތެއްގެ ނަޖިހެއް އެތަނަށް ދޫކޮށްލައިގެން ނުވާނެ އެވެ. އަހަރެމެންގެ ގާތުގައި އަދި ޖުމްހޫރު ޢިލްމުވެރިން ދެކިވަޑައިގެންނަވާ ގޮތުގައި ޤަބުރުމައްޗައް އިހާނަތްތެރިވޭ ގޮތަށް އެރުން އަދި ފައިން އެރުން ހުއްދައެއް ނުވާނެ އެވެ. އަދި ޤަބުރު މަތީ އިށީނުން ހުއްދައެއް ނުވާނެ އެވެ. އަދި މައްޔިތުންނަށް އުނދަގުލާއި ގޯނާވާނެ އެއްވެސް ބަހެއް އަދި ޢަމަލެއް އެތަނުގައި ކޮށްގެން ނުވާނެ އެވެ. އަދި ޒިޔާރަތް ކުރާ މީހާއަށް އެތަނުގައިވާ ޞާޙިބާއަށް ސަލާމް ދެންނެވުމާއި ދުޢާކޮށްދިނުން މުސްތަޙައްބުވެގެންވެ އެވެ. އަދި މައްޔިތާގެ ހެޔޮ ޞާލިޙްކަން އިތުރުވާ މިންވަރަކުން އެ މައްޔިތާއަށް ލިބެންޖެހޭ ޙައްޤު އިތުރުވެ ކަށަވަރުވެގެންވެ އެވެ.“ إقتضاء الصراط المستقيم 2-665

ވުމުން ޚުލާޞާއަކީ، ވަޅުލެވިފައިވާ ފަރާތުގެ އެއްވެސް މިންވަރެއް ކައްވަޅުގައި ހުރެއްޖެހިނދު، ވެއްޔަށް ވުމަށް ދާންދެން އެ ވަޅުލެވިފައިވާ ފަރާތަށް ޙުރުމަތް ލިބިގެންވާ ކަމެވެ. ކޮނުމާއި، އެއްވެސް މިންވަރެއް ނެގުމަކީ ޙަރާމްވެގެންވާ ޢަމަލެއް ކަމެވެ.

ބޮޑުވެގެންވާ ޙަރާމް ޢަމަލެކެވެ.

ވުމުން، ކަށިތައް ނަގާނީ ކިހިނެތް ހެއްޔެވެ؟ ކަށިތައް ފަނާވެ، ވީރާނާވެ، ވެއްޔަށް ވުމުން އެހިނދު އެއަށް ކަށީގެ ޙުކުމެއް ނުވެ އެވެ.

ވުމުން، ޙުރުމަތްތެރިވެގެންވާ ޙާލުގައިވެ، ކޮނުމާއި، އެއްވެސް މިންވަރެއް ނެގުމާއި މި އެންމެހައި ކަމެއް ޙަރާމްވެގެން ވުމުން، އެކަން ހުއްދަކުރާނެ ފަދަ ޟަރޫރީ ޙާލެއްގައި މެނުވީ ކޮނުން ހުއްދަ ނުވާނެ އެވެ.

އެ އެންމެހައި މައްޔިތުންގެ ހަށިތަކުން އެއްވެސް މިންވަރެއް ނެތިވެ، އެކުއެކީގައި ފަނާވެ ހުސްވެ ވެއްޔަށް ވުމަށް ދާންދެން އެތަން ކޮނެ ހެދުން ހުއްދައެއް ނުވާނެ އެވެ.

ފަހެ، އަޞްލަކީ މައްޔިތުންނަށް ދިރިތީބީންނަށް ލިބިގެންވާ ފަދަ ޙުރުމަތް ދިނުމެވެ. ޙަދީޘްގައިވެ އެވެ. عائشة أم المؤمنين -رضي الله عنها- ރިވާކޮށްފައިވާ ރިވާޔަތުގައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (كَسْرُ عَظْمِ الميِّتِ ككَسْرِهِ حيًّا) “ މަރުވެފައިވާ މައްޔިތެއްގެ ކައްޓެއް ބިންދާލުން އެއްފަދަވެގެންވަނީ ދިރިހުއްޓާ އޭނަގެ ކައްޓެއް ބިންދާލުމާއެވެ .“

މި ޙަދީޘް أبو داود، ابن ماجه އަދި أحمد ރިވާކޮށްފައިވެ އެވެ. އިމާމް الألباني ޞައްޙަ ކުރައްވަ އެވެ.

ވުމުން، އިސްވެ ބަޔާންކުރެވުނު ފަދައިން ވަޅުލެވިފައިވާ ފަރާތްތަކަށް އެއްވެސް އަނިޔާއެއް، ގޯނާއެއް އަދި އުނދަގުލެއް ކުރުން ޙަރާމްވުމުން، އެތަނުގައިވާ ކަށި ނެގުންވެސް އަދި ކޮނުންވެސް ވަނީ މަނާ ކުރެވިފަ އެވެ. ހަށިގަނޑު އެކު އެކީގައި ވެއްޔަށް ވުމަށް ދާންދެން މި ޙުކުމް ދެމި އޮންނާނެ އެވެ.

މައްޔިތާ ވަޅުލެވިފައިވާ ބިންކޮޅަކީ އެ މައްޔިތާއަށް ވަޤުފުކޮށް ދެވިފައިވާ ބިން ކޮޅެކެވެ. ހަށިގަނޑުގެ އެއްވެސް މިންވަރެއް އޮތްހާ ހިނދެއްގައި މައްޔިތާއަށް ދިރިތިބީންނަށްވުރެ ބޮޑަށް ޙައްޤު ލިބިގެންވެ އެވެ.

ވުމުން، މިފަދައިން ހުރި ޤަބުރުސްތާނެއް އެ ގޮތުގައި ދޫކޮށްލުން ހުއްޓެވެ. އެތަން ނޫން ތަންތަން ދިރިތިބީން ބޭނުން ކުރުމަށްޓަކައި ހޯދުންވެ އެވެ.

އެހެނަސް ޝަރުޢީ ޤަވާޢިދުގައިވާ ފަދައިން ޟަރޫރީ ކަންކަމަކީ ޙަރާމް ކަންތައްވެސް އެ ޟަރޫރީ ޙާލަތްގެ މިންގަޑަށްވާ ވަރަށް ހުއްދަ ކުރާ ކަންކަމެވެ.

ފަހެ، އެ ޟަރޫރީ ކަން ނުވަތަ ނޫންތޯ ކަނޑައަޅާނީ އެކަމުގެ ޙުމުކާއި ފިޤުހާއި ޝަރުޢީ ޤަވާއިދު ތަކާއި އެ މިންގަނޑު ރިއާޔަތް ކުރެވޭ ޤާބިލް ފަރާތްތަކުންނެވެ.

އެހެން ނޫނީ ޙުކުމަކީ އިސްވެ ބަޔާންކުރި ފަދައިންނެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts